ޗައިނާގެ ބިޔަ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެދަށުން ޕާކިސްތާނުގައި ހަދަމުންދާ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ) ގެ ދެވަނަ ފިޔަވަހިި ކުރިއަށް ގެންދިއުމާ ގުޅޭ ފްރޭމްވާކް އެގްރީމަންޓް އޮން އިންޑަސްޓްރިއަލް ކޯޕަރޭޝަންގައި ދެގައުމުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބެއިޖިންގ ވިންޓަރ އޮލިމްޕިކްސް 2022 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ޗައިނާއަށް ވަޑައިގެން އުޅުއްވަނިކޮށެެވެ.
މި އެއްބަސްވުމުގައި ޕާކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަދި ބޯޑް އޮފް އިންވެސްޓްމަންޓްގެ ޗެއާމަން މުޙައްމަދު އަޒްފަރް އަޙްސަންއެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަން (އެންއާރްޑީސީ) ގެ ޗެއާމަ ހީ ލީފެންގްއެވެ. ލީފެންގް ވަނީ މިއަދުގެ ވަގުތެއްގައި ބޮޑުވަޒީރު އިމްރާން ޚާންއާ ވާޗުއަލްކޮށް ބައްދަލުކުރައްވާފައެެވެ.
ސިނާއީ ގޮތުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މިއަދު ސޮއިކުރި އެއްބަސްވުުން އަމާޒުކޮށްފައި ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަކުގައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން ސީދާ ފޮރިން އިވެސްމަންޓްގެ ގޮތުގައި އިންވެސްޓުކުރުން އިތުރުކުރުމަށް އެ ޒޯންތައް ޕްރޮމޯޓް ކުރުމަށެވެ.
ސީޕީއީސީގެ ދެވަނަ ފިޔަވަހީގައި އެސްއީޒެޑް ތަރައްގީކޮށް އެސަރަހައްެދުތައް ސިނާއީ ސަރަހައްދުތަކަށް ހެދުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން، މިއަދު ސޮއިކުރި އެއްބަސްވުމަކީ މިކަމަށް މަގުފަހިކުރުމަށް މުހިއްމު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ އިތުރަށް ސީޕީއީސީގެ ހަކަތައާއި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކުގެ ބޭނުން ވީ އެންެމެ އަވަހަށް ހިފުމާ ބެހޭ އެެއްބަސްވުންތަކެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފަހު ބޮޑުވަޒީރު އިމްރާން ޚާން ވަނީ ޗައިނާ ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެެއް ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. މިކުންފުނިތަކުގެ ތެރޭގައި ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ، ޒެޖިއާންްގް ސީޕޯޓް ގުރޫޕް، ޗައިނާ ރޯޑް އެންޑް ބްރިޖް ކޯޕަރޭޝަން އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިންގް ކޯޕަރޭޝަން ފަދަ ކުންފުނިތައް ހިމެނެއެވެ.
ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ހިންގާ އެންމެ ބިޔަ މަޝްރޫއު ސީޕީއީސީ އަކީ 62 ބިިިލިއަން ޑޮަލަރުގެ މަޝްރޫއެކެވެ. 2015 ވަނަ އަަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމުމާ ކައިރިވެފައިވާ އިރު އެ ފިޔަވަހީގައި ހިމެނެނީ ގްވަދާރުގައި ބައިނަލް އަގުވާމީ ބަނދަރެއް ހެދުމާއި އެ ބަނދަރާއި ޗައިނާ ގުޅުވައިދޭ މަގާއި ރޭލްވޭ ހެދުމާއި، ކޮރިޑޯގައި ހިމެނޭ ސަރަަހައްދަށް ހަަކަތަ ފޯރުކޮށްދިނުމުގެ މަޝްރޫއުތަކެވެ. އެގޮތުން 6 އިންޖީނުގެއެއްގެ މަސައްކަތް ނިމިފައި ވާއިރު، މި އިންޖީނުތަކުން ޕާކިސްތާނުގެ ހަކަތައިގެ ނޭޝަނަލް ގްރިޑަށް 6 ހާސް މެގަވޯޓްގެ ކަަރަންޓު ވަނީ އިތުރުކުރެވިފައެވެ.