ދާދި ފަހުން ޕާކިސްތާނުގެ ވެރިކަމާ ހަވާލުވެވަޑެންނެވި ކުރީގެ ކްރިކެޓް ތަރި އިމްރާން ޚާނަކީ އަބަދުވެސް ދަރަނި ކުޑަކުުރުމުގެ ވާހަކަ ދައްކެވި ބޭފުޅެކެވެ. އޭނާ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުވެސް އޭނާ ވިދާޅުވެފައި ވަނީ ބޭރުން ނަގާ ބޮޑެެތި ލޯންތަކުގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި އޭނާގެ ސަރުކާރުން މަސައްކަތްކުރާނީ ޚަރަދު ކުޑަކޮށް، ކޮރަޕްޝަން ހުއްޓުވައިގެން ސަލާމަތްކުރެވޭ ލާރީން ގައުމު ތަރައްގީ ކުރެވޭތޯއެވެ.
އަރަބި ކަނޑުގެ އައްސޭރީގައި އޮތް ކަރާޗީން ފެށިގެން ހިންދޫކުޝް ފަރުބަދަތަކާ ހަމައަށް އަޅާ 8.2 ބިލިއަން އެމެރިކާ ޑޮލަރުގެ ރޭލްވޭއަކީ ޗައިނާ ސަރުކާރުން ހިންގާ ބިޔަ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި) ނުވަތަ ސިލްކް ރޯޑް މަޝްރޫއުގެ މުހިއްމު އެއްބައެވެ. ކަރަޗީއާއި ޕިޝާވަރު ގުޅާލަން އިނގިރޭސިންގެ ޒަމާނުގައި އަޅާފައިވާ ރޭލްވޭ ބާވެ ހަލާކުވަމުން ދާއިިރު ޗައިނާއިން ހިންގާ މަޝްރޫއަކީ ޕާކިސްތާނަށް މުހިއްމު މަޝްރޫއެކެވެ. އެ މަޝްރޫއު ހުއްޓާލެެވެން ނެތް ނަަމަވެސް އާ ސަރުކާރުން މިހާރު ދަނީ ޕާކިސްތާނު ސަރުކާރުން އަދާކުރަން ޖެހޭ ބައި ކުޑަކުރެވޭ ފަދަ އެއްބަސްވުމެއް އެކުލަވާލެވޭތޯ މަސައްކަތްކުރަމުންނެވެ.
"އަހަރުމެން ބަދަމުން މިދަނީ ޕާކިސްތާނުން ހުރިހާ ޒިންމާއެއް އުފުލަން ނުޖެހޭ ފަދަ ގަޮތަކަށް ބަދަލުކުވޭތޯ މަސައްކަތްކުރަމުން." ޕާކިސްތާނުގެ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚުސްރޫ ބަޚްތިޔާރު ވިދާޅުވިއެވެ.
ޗައިނާގެ އިންވެސްޓްމަންޓްތަކަށް ދޭ ތަރުހީބު ކުޑަވުމަކީ ބޮޑެތި ލޯންތަކާ ދުރަށް ދިއުމުގެ އިތުރަށް ޗައިނާގެ ދަރަނީގެ ދަންތުރައިގައި އިތުރަށް ނުޖެހުމާ ދިމާއަށް ޕާކިސްތާނުގެ އާ ސަރުކާރުގެ ވިސްނުން ހުރުމުގެ ނަތީޖާއެވެ. މެލޭޝިޔާއާއި ސްރީލަންކާގައި އަލަށް ވެރިކަމަށް އައި ސަރުކާރުތަކުންވެސް ދަނީ މި ވިސްނުމުގައި މަސައްކަތްކުރަމުންނެވެ.
ޕާކިސްތާނު ސަރުކާރުން މިހާރު ބޭނުންވަނީ ބީއާރްއައިގައި ހިމެނޭ ހުރިހާ މަޝްރޫއެއްގެ ތަފްސީލުތަކާ މެދު އަލުން އެއްބަސްވުން އެކުލަވާލާށެވެ. މިހާރުގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިހާރު ހުރި އެއްބަސްވުންތައް ވަނީ މާ އަގުބޮޑުކޮށް، ޗައިނާއަށް ފައިދާ ބޮޑުވާ ގޮތަށް އެކުލަވާލާފައެވެ. އެހެންނަމަވެސް، މިހާރު ފެށިފައިވާ މަޝްރޫއެެއްގެ އެއްބަސްވުން ބަދަލުކުރަން ޗައިނާއިން ބޭނުން ނުވެއެވެ. ޗައިނާ ސަރުކާރުން ބުނީ އަދި ނުފެށި ހުރި މަޝްރޫއުތަކުގެ އެއްބަސްވުން އަލުން އެކުލަވާލުމާ މެދު ވާހަކަދެއްކިދާނެ ކަމުގައެވެ.
އިމްރާން ޚާންގެ ސަރުކާރުން ބުނީ ޗައިނާގެ އިންވެސްޓްމަންޓަށް މަރުހަބާކިޔާ ކަމުގައެވެ. ނަމަވެސް ބީއާރްއައިގެ ބައެއްގެ ގޮތުގައި ޗައިނާއިން ހިންގަން ނިންމާފައިވާ 60 ބިލިއަން ޑޮަލަރުގެ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ) މަޝްރޫއުގެ ތަފްސީލުތަކަށް ބަދަލުގެންނާށެވެ. ހަމަ އެކަނި ވަތުއޮނިގަނޑު ތަރައްގީ ކުރުމަށް އެފައިސާ ޚަރަދުކުރުމުގެ ބަދަލުގައި އިމްރާން ޚާންގެ ވައުދުތަކުގައި ހިމެނޭ އިޖްތިމާއީ މަޝްރޫއުތަކަށް އެފައިސާގެ ބައެެއް ޚަރަދުކުރުމަށެވެ.
އިސްލާމްއާބާދުން މިހާރު މަސައްކަތްކުރަނީ ރޭލްވޭ ތަރައްގީކުރުމުގެ މަޝްރޫއަށް ޗައިނާއިން ނަގާ ލޯނު ކުޑަކޮށް ސައޫދީ އަރަބިއްޔާއާއި ބައެއް އެހެން ގައުމުތަކުން އެ މަޝްރޫއުގައިން އިންވެސްޓްކުރޭތޯ މަސައްކަތްކުރަމުންނެވެ.