ކޮވިޑުގެ ހާލަތު އަނެއްކާ ވެސް އަންނަނީ ގޯސްވަމުން – ސަމާލުވޭ

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އަނެއްކާ ވެސް ގޯސްވަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ހާމަކޮށްފިއެވެ.

އެޗްޕީއޭގެ އެންމެފަހުގެ މައުލޫމާތަށް ބަލާއިރު، މިދިޔަ ހަފްތާގައި ރާއްޖެއިން 1202 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރުގެ ނިޔަލަށް ރާއްޖެއިން 1202 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މީގެ ކުރީ ހަފްތާ އާ އަޅާބަލާއިރު، ވަރަށް ބޮޑު އިތުރުވުމެކެވެ. މީގެ ކުރީ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 405 މީހުންނެވެ.

މާލެ ސަރަޙައްދުގެ ތަފާސް ހިސާބަށް ބަލާއިރު، މިދިޔަ ހަފުތާގައި 528 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވީ 452 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އެހެނިހެން ސަރަޙައްދުތަކުން 222 މީހުން ޕޮޒިޓިވްވެފައިވާއިރު، މިދިޔަ ހަފްތާގައި 51 މީހަކުވަނީ އެޑްމިޓްކޮށްފައެވެ.

ގިނަ މަސްތަކަށް ފަހު ވޭތުވެދިޔަ ދެ ހަފްތާ ތެރޭ ރާއްޖޭގައި ކޮވިޑް ބަލީގައި އިތުރު ބަޔަކު ނިޔާވެ، ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 305އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން 181586 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.