ކޮންޓެކްޓް ޓްރޭސިންގައި ސާމްޕަލް ނަގައިފައިވާ ޢުމުރުން 83 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮންޓެކްޓްޓްރޭސިންގައި ފާހަގަކުރެވި ސާމްޕަލްނަގައިފައިވާ ޢުމުރުން 83 އަހަރުގެ މީހަކު މިއަދު ނިޔާވެފައިވާ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ މިއަދު މަރުވި 83 އަހަރުގެ މީހަކީ ދިގު މުއްދަތައް ބޭސްކުރަމުން ދިޔަ މީހެއްކަމަށެވެ. ނަމަވެސް މި މީހާގެ ސާޕްމަލްގެ ނަތީޖާ އަދި ނުލިބޭކަމަށް މަބްރޫކް ވިދާޅުވިއެވެ.

ގދ. ތިނަދޫގައި ނޭވާލުމަށް އުދަނގޫވެ މަރުވި ދޮށީ ޢުމުރުގެ ދެމީހުން ވެސް ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަންގައިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. ފުރަތަމަ މީހާ މަރުވީ އިއްޔެއެވެ. ދެވަނަ މީހާ މަރުވީ މިއަދުއެވެ. މިއަދު މަރުވީ  ޢުމުރުން 78 އަހަރުގެ މީހެކެވެ. ތިނަދޫގައި މިއަދު މަރުވި މީހާވެސް މަރުވެފައިވަނީ ވެންޓިލޭޓަރުގައި ބާއްވައިފައި ވަނިކޮށެވެ. މިދެމީހުންވެސް ކަށުކަމާކެމީގެ ކަންތައް ގެންދަވައިފައިވަނީ ހިނެއުމުގެ ބަދަލުގައި ތަޔައްމަމު ކޮށްގެންކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ޖަނާޒާ ކަންތައް ކުރިއަށް ގެންގޮސްފައި ޖަމާޢަތްތެރިން ޕީޕީއީ ބޭނުންކޮށްގެންކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. މި ތިން ކޭސްގެ ވެސް ނަތީޖާ އަދި ނުލިބޭކަމަށް ވިދާޅުވިއެވެ. އަދި މި ތިންކޭހާބެހޭ އިތުރު މަޢުލުމާތު މާދަމާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާނެކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.