ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟުވާނުގެ މައްސަލައިގާ އިތުރު މީހަކު ހައްޔަރުކޮށްފި

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިޟުވާނުގެ މައްސަލައިގާ އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މިއީ އެ މައްސަލައިގާ މިއަދު ހައްޔަރުކުރި ދެވަނަ މީހާއެވެ.

އެ މައްސަލައިގާ މިއަދު ހެނދުނު ހައްޔަރުކޮށްފައިވަނީ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އެވެ.

ކޯޓު އަމުރެއްގެ ދަށުން އިސޫ ހައްޔަރުކޮށްފައިވަނީ ކާނިވާ ސަރަހައްދުގައި ކެފޭއެއްގައި އިންދައެވެ. އޭގެ ފަހުން މިއަދު ހައްޔަރު ކޮށްފައި ވަނީ އަހުމަދު އިސްމާއިލް (އަހަނދު) އެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮންތަނަކުންކަން އަދިނޭނގެއެވެ.

އިސޫ އަކީ ސީރިޔާގެ ހަނގުރާމައަށް ދާން އުޅެނިކޮށް ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ވެސް ހައްޔަރު ކުރި މީހަކަށްވާއިރު، އަހަނދު އަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. އަދި ހަމައެހެންމެ ސީރިއާ އާއި ޕާކިސްތާނަށް މީހުން ފޮނުވާ ކަމަށް ވެސް ފުލުހުން ވަނީ އޭނާއަށް ތުހުމަތު ކޮށްފައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލާފައި ވަނީ އޮގަސްޓް، 8 2014 ގައެވެ.

ރިޟްވާން ގެއްލުނުތާ ފަސް އަހަރުފަހުން، އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.