ރިޟުވާނު ގެއްލުމުގައި ކުޑަހެންވޭރު ގްރޫޕުގެ އަތެއް!؟

rilwaaan

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާން ގެއްލުވާލުމުގައި ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ބައެއްގެ އަތެއްވާކަމަށް ފުލުހުން ތުހުމަތުކޮށްފިއެވެ.

މިމައްސަލާގައި މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ރިޟުވާން ގެއްލުނު ދުވަހުގެ ރޭ ކުޑަހެންވޭރަށް ނިސްބަތްވާ ބަޔަކު އޭނާއަށް ފާރަލަމުންދިޔަ ކަމަށް އަދި އެމަންޒަރު ދައްކުވައިދޭ ސީސީޓީވީ ފްޓޭޖު މިއަދު ފުލުހުންވަނީ ޢާއްމުކުރައްވާފައެވެ.

ޝަތީހު ވިދާޅުވީ އޭނާ ގެއްލުނު ރޭކަމަށްވާ 2014 ވަނަ އަހަރުގެ އޮގަސްޓްމަހުގެ އަށްވަނަދުވަހުގެ ރޭ މާލޭގެ އެކި ސަރަޙައްދުތަކުން ބަޔަކު އޭނާއަށް ފަރަލާފައިވާކަމަށެވެ.

ރިލްވާން ގެއްލުނުތާ 603 ދުވަސް ފަހުން، ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ އޭނާ އެންމެފަހުން ފެނުނީ ހުޅުމަލެއަށް ދިޔަ ފެރީއަކުން ކަން ހާމަކުރައްވާފައެވެ.

އެރޭ ރިޟުވާނަށް ފަރަލާފައިވަނި، ސ.ހުޅުދޫ އަތިރި އާގޭ މުޙަންމަދު ސުވައިދު ނަމަކަށްކިޔާ މީހެކެވެ. އޭނާއަކީ ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ މީހެއްކަމަށް ފުލުހުން މިއަދު ހާމަކުރެއްވިއެވެ.

ރިޟުވަނު ގެއްލުނު މައްސަލާގައި ސުވައިދު ހައްޔަރުކުރިނަމަވެސް، ފަހުން ކޯޓުންވަނީ އޭނާ ދޫކޮށްލާފައިކަމަށާ، އޭނަ މިހާރު ރާއްޖެއިންބޭރަށް ގޮސްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން މިއަދު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ރިޟުވާނު ގެއްލުނުރޭ އޭނާ ހުޅުމާލޭގައި ދިރިއުޅޭ ފްލެޓުކައިރިން މީހަކު ގަދަކަމުން ކާރަކަށް އެރުވިކަމަށްބުނާ މައްސަލާގައި، ހިމެނޭ ކާރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެއިން ސާމްޕަލް ނަގައި ރާއްޖެއާއި ރާއްޖެއިންބޭރުގެ ދެ ލެބޯޓްރީއެއްގައި ޓެސްޓުކުރިކަމަށާ، ކާރުގެ ޑީކީން ފެނުނު 4 އިސްތައްޓަކުން، ނެގި ޑީއެންއޭ، ރިޟުވާނުގެ މަންމަގެ ޑީއެންއޭއާ ދިމާވެފައިވާކަމަށް މިއަދު ފުލުހުން ހާމަކުރެއްވިއެވެ. މިކާރަކީވެސް ކުޑަހެންވޭރަށް ނިސްބަތްވާ މީހެއްގެ ކާރުކަމަށް ފުލުހުން މަޢުލޫމާތުދެއްވާފައެވެ.

އަދި ރިޟުވާނުގެ ފޯނު އޭގެ އަމިއްލަ ޒާތުގައި ސުވިޗް އޮފްކުރިކަން މިހާތަނަށް އެނގެން ނެތްކަމަށާ، އެފޯނުގެ ރޭންޖު އެންމެފަހުން ލިބިފައިވަނީ ހުޅުމާލޭ ބާބަކިއު ސަރަޙައްދުންކަމަށްވެސް ފުލުހުން މިއަދު ހާމަކުރެއްވިއެވެ. އެ ސިގްނަލް ލިބުނީ ފުލްމޫން އައިލެންޑް ރިސޯޓުގެ ޓަވަރަށްކަމަށް ވެސް ފުލުހުން މިއަދު ހަމަކުރެއްވިއެވެ.

މީގެ އިތުރުން ރިޟުވާނު ރައްޖެއިންބޭރަށް ގޮސްފައިވާކަން ދެއްކުމަށް އޭނާގެ ނަމުގައި ސައްޙަނޫން ޕާސްޕޯޓެއް ހަދަން ބަޔަކު މަސައްކަތްކޮށްފައިވާކަމަށް ވެސް މިއަދު ފުލުހުން ހާމަކުރެއްވިއެވެ.

ރިޟުވާނުގެ މައްސަލާފައި ފުލުހުން ހައްޔަރުކުރި 5 މީހުންވެސް ކޯޓުން ދޫކޮށްލާފައިވާކަމަށް ފުލުހުން ހާމަކޮށްފައިވާއިރު، އޭގެރެއިން ސ.ހުޅުދޫ އަތިރި އާގޭ މުޙަންމަދު ސުވައިދު ރާއްޖެއިން ބޭރަށް ގޮސްފައިވާކަން މިއަދު ފުލުހުން ހަމަކުރެއްވި ނަމަވެސް ދެންތިބިމީހުން ވީ ކޮންތާކުކަމެއް ހާމައެއް ނުކުރެއްވިއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.