ރައްކާތެރި ގޮތުގައި އިވެންޓްތައް ބޭއްވުމަށް ކަނޑައެޅިފައިވާ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭ އިން އެދިއްޖެ

ރައްކާތެރި ގޮތުގައި އިވެންޓްތައް ބޭއްވުމަށް ކަނޑައެޅިފައިވާ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

އެޗްޕީއޭ އިން މިގޮތަށް އެދުނީ ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އަންގާ ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ނޫސް ބަޔާނުގައި، މިދުވަސްވަރު ދުނިޔޭގެ އެކި ގައުމުތަކާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަކަން ފާހަގަކޮށް ބުނެފައިވަނީ ރާއްޖޭގައި ކޮވިޑް ގެ ކޭސްތައް ޖޫން މަހުގެ ދެވަނަ ހަފްތާއާ އަޅާ ބަލާއިރު، ޖޫން މަހުގެ ތިނަވަނަ ހަފްތާގައި 185 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެ، މިމަހު ތެރޭގައި މިބަލިޖެހިގެން ތިން މީހަކު ނިޔާވެފައިވާކަމަށް ވެސް ބުނެފައިވެއެވެ.

އެޗްޕީއޭ އިން ވަނީ މިދުވަސްވަރަކީ ޗުއްޓީއާ ދިމާކޮށް ވަރަށް ގިނަ ފަރާތްތަކުން އެތެރޭގެ އަދި ރާއްޖެއިން ބޭރު ދަތުރުތަކާއި އެއްވުންތަކާއި ހަފްލާތައް ބޭއްވުމަށް ރާވަމުންދާ ދުވަސްވަރަކަށް ވާތީ، ކޮވިޑާއި އަރިދަފުސް ރޯގާ އަދި މިދުވަސްވަރު ފެތުރޭ އެހެނިހެން ބަލިތަކުގެ ހާލަތު ގޯސްވިޔަ ނުދިނުމަށް ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން ގިނަ މީހުން އެއްވާ ތަންތަނާއި ބަންދު ތަންތަނުގައި މާސްކު އެޅުން، ޚާއްސަކޮށް ހައި ރިސްކު މީހުންނާއި ކުދިން އަދި މަސައްކަތުގެ ގޮތުން ގިނަ ފަރާތްތަކާއި ބައްދަލުވާ ފަރާތްތަކުން އާއްމު ތަންތަނުގައި މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިގޮތުން އޮފީސް، ސްކޫލް، ކޮލެޖް، ފިހާރަތައް، އެއަރޕޯޓް، ފެރީ ޓަރމިނަލްތައް، ދަތުރުފަތުރުކުރާ ވަސީލަތްތައް (ފެރީތަކާއި، ބަސް، ޓެކްސީ، މަތިންދާބޯޓު، ސީޕްލޭން) މިސްކިތް އަދި ބޭންކު ފަދަ ތަންތަނުގައި މާސްކު އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުން ވަނީ އެދިފައެވެ.

މީގެ އިތުރުން ކޮންމެހެން ބާއްވަން ޖެހޭ ހަފްލާތައް ފިޔަވައި އެހެން ހަފްލާތައް ލަސް ކުރުމަށާއި ކޮންމެހެން ބާއްވަން ޖެހޭ ހަފްލާތައް ވެސް ވީހާ މަދު މީހުން އެއްވާ ގޮތަށް ނުވަތަ އޮންލައިކޮށް ބޭއްވޭނެ އިންތިޒާމު ހަމަޖައްސަން ވަނީ އެދިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.