ކާބުލްގައި ސިކުންގެ ފައްޅިއަށް ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން އުފުލައިފި

ކާބުލްގައި ހުންނަ ސިކުންގެ ފައްޅިއަކަށް ހޮނިހިރު ދުވަހު ދިން ހަަމަލާއެއްގައި 2 މީހުން މަރުވެ، 7 މީހުން ޒަޚަމްވެފައި ވާއިރު، އިސްލާމިކް ސްޓޭޓް (އައިސިސް) ޖަމާއަތުން އެ ހަމަލާގެ ޒިންމާ އުފުލައިފިއެވެ.

އިސްލާމިކް ސްޓޭޓުގެ އަފްޣާން ގޮތްޕާ ގުޅުންހުރި އިންސްޓަގްރާމް ޗެނެލެއްގައި ބުނެފައިވާ ގޮތުގައި، ފައްޅިއަށް ދިން ހަމަލާއަކީ ކީރިތި ރަސޫލު އަށް ފުރައްސާރަކުރުމުގެ ރައްދެއްގެ ގޮތުން ދީފައިވާ ހަމަލާއެއް ކަމުގައެވެ. އިސްލާމިކް ސްޓޭޓް އިން ޚުރާސާން އިން މިހެން ބުނެފައި މިވަނީ އިންޑިޔާގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާނު ނުޕޫރް ޝަރްމާ ރަސޫލާ އަށް ބަދުބަސް ރައްދުކޮށް ދެއްކި ވާހަކައާއި ގުޅިގެން އިސްލާމީ ގައުމުތަކުން އެކަން ކުށްވެރިކުރަމުންދާ ދަނޑިވަޅެއްގައެެވެ.

އަފްޣާނިސްތާނުގެ އަމިއްލަ ޓީވީ ޗެނަލެއް ކަމުގައިވާ ޠުލޫޢު ނިއުސް (ތޯލޯ ނިއުސް) އިން ދެއްކި މަންޒަރުތަކުން ސިކުންގެ ފައްޅީގެ މަތިން ބޯދުން އަރާތަަން ފެނެއެވެ. ޠާލިބާން ސަރުކާރުގެ އިންޓީރިއާ މިިނިސްޓްރީގެ ތަރުޖަމާނު ހާމަކުރި ގޮތުގައި ހަމަލާދިން މީހުން މަސައްކަތްކޮށްފައި ވަނީ މަސްތުވާތަކެތިން ބަރާކޮށްފައިވާ ކާރެއް ފައްޅީގައި ޖައްސައި ގޮއްވާލުމަށެވެ. އެހެންނަަމަވެސް، ފައްޅިއާ ހަަމައަށް ނުފޯރަނީސް ކާރު ގޮވީއެވެ. މި ހަަމަލާގައި ލިބުނު ގެއްުލުން ކުޑަވީ އެހެންވެގެންނެެވެ.

އެހެންނަމަވެސް، އިސްލާމިކް ސްޓޭޓް ޖަމާއަތުން ބުނެފައިވާ ގޮތުގައި، ހަމަލާދީފައި ވަނީ ފައްޅީގެ ގާޑަކަށް ހުރި މީހާ މަރާލުމަށް އެ ޖަމާއަތު ހަނގުރާމަވެރިއަކު މެޝިން ބަޑިއާއި، އަތުބޮން ހިފައިގެން ފައްޅިތެރެއަށް ވަދެއެވެ. އަދި އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ބަޔަކު ވަނީ ފައްްޅީގެ ބޭރުގައި ތިން ގަޑިއެއްހާ އިރު ޠާލިބާން ހަނގުރާމަވެރިންނާ ކުރިމަތިލައި ހަމަލާ ބަދަލުކޮށްފައެވެ. އަދި މިކުރިމަތިލުމުގައި ހަތަރު ބޮމާއި، ކާރު ބޮމެއް ގޮއްވާލާފައި ވެއެވެ.

ފައްޅީގެ ފަރާތުން ވާހަކަދެއްކި ގޮރްމާން ސިންގް ބުނިގޮތުގައި ހަމަލާދިން ވަގުތު ފައްޅި ތެރޭގައި ތިރީހަކަށް މީހުން ތިއްބެެވެ.

ކާބުލްގެ ކޮމާޑަަރަކު ހާމަކުރި ގޮތުގައި ހަމަލާގައި މަރުވެފައި ވަނީ ފައްޅީގައި އަޅުކަންކުރަން ހުރި މީހަކާއި، ޠާލިބާން ހަނގުރާމަވެރިއެވެ.

އަފްޣާނިިސްތާނުގައި ސިކުންނަކީ ވަރަށް ބައިމަދު ބައެކެވެ. ޠާލިބާން ވެރިކަމަަށް އައުމުގެ ކުރިން އެ ގައުމުގައި ދިރިއުޅެމުން ދިޔައީ ސިކުންގެ 300 ވަރަކަށް އާއިލާކަަމަށް ވެއެވެ. އަދި ޠާލިބާންގެ ވެރިކަން ފެށުމާއެކު ބައެެއް އާއިލާތައް ވަނީ އަފްޣާނިސްތާން ދޫކޮށް ގޮސްފައެވެ.

ކާބުލްގައި ހުންނަ ސިކުންގެ އެހެން ފައްޅިއަަކަށް އިސްލާމިކް ސްޓޭޭޓް ޖަމާއަތުން 2020 ވަނަ އަަހަރު ދިން ހަމަލާއެއްގައި 25 މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.