އިސްލާމިކް ސްޓޭޓްގެ އަފްޣާން ގޮފީގެ ލީޑަރު ހައްޔަރުކޮށްފި

އިސްލާމިކް ސްޓޭޓް ގެ އަފްޣާން ގޮފި، އިސްލާމިކް ސްޓޭޓް އޮފް ޚުރާސާން ޕްރޮވިންސް، ގެ ލީޑަރު ޢަބްދުﷲ އޮރަކްޒާއީ 'އަސްލަމް ފާރޫޤީ' އަފްޣާން ސަލާމަތީ ބާރުގެ ބެެލުމުގެ ދަށުގައި

އިސްލާމިކް ސްޓޭޓް (އައިސިސް) ގެ އަފްޣާނިސްތާނު ގޮފީގެ ލީޑަރާއި އިތުރު 19 ހަނގުރާމަވެރިއަކު ހައްޔަރުކޮށްފި ކަމަށް އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ބުނެފިއެވެ.

އިސްލާމިކް ސްޓޭޓް އޮފް ޚުރާސާން ޕްރޮވިންސް (އައިއެސްކޭޕީ) ގެ ވެރިޔާ، 'އަސްލަމް ފާރޫޤީ' ގެ ނަމުން މަޝްހޫރުވެފައިވާ ޕާކިސްތާނުގެ ރައްޔިތެއް ކަމުގައިވާ ޢަބްދުﷲ އޮރަކްޒާއީ ހައްޔަރުކުރި ވީޑިޔޯއާއެކު އަފްޣާނިސްތާނުގެ ނޭޝަނަލް ޑިރެކްޓްރެޓް އޮފް ސެކިއުރިޓީ (އެންޑީއެސް) އިން އާއްމުކުރި ބަޔާނުގައި އޭނާ ހައްޔަރު ކުރި ވަގުތަކާއި ތަނެއް ހާމަކޮށްފައި ނުވެއެވެ.

އައިއެސްކޭޕީގެ ލީޑަރު ހައްޔަރުކޮށްފައި މިވަނީ ފާއިތުވި ހަފުތާގެ ބުދަދުވަހު ކާބުލްގައި ހުންނަ ސިކުން އަޅުކަންކުރާ ތަނަކަށް ދިން ހަމަލާގައި 25 މީހަކު މަރާލުމުގެ ޒިންމާ އެ ޖަމާއަތުން އުފުލާފައި ވަނިކޮށެވެ. އެމެރިކާ ސިފައިންނާއި، ޠާލިބާން ޖަމާއަތުން އައިއެސްކޭޕީއަށް ދޭ ހަމަލާތަކުގެ ސަބަބުން އެ ޖަމާއަތް ފަހަކަށް އައިސް އޮތީ ބަލިކަށިވެފައެވެ.

2015 ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސުގައި ވަކި ވެރިކަމެއް ގާއިމުކުރަން ހަނގުރާމަކުރަމުން ދިޔަ އައިއެސްކޭޕީ އެ ޕްރޮވިންސުގައި މުޅިން ބަލިކުރެވިފައިވާކަން އަފްޣާނިސްތާނު ސަރުކާރުން އިއުލާންކުރީ ފާއިތުވި އަހަރުގެ ނޮވެންބަރު މަހުގައެވެ.

އޮރަކްޒާއީ އައިއެސްކޭޕީގެ ލީޑަރުކަމާ ހަވާލުވީ، އެ މަގާމުގައި ހުރި އަބޫޢުމަރު ޚުރާސާނީ 2019 ވަނަ އަހަރުގެ އެޕްރީލް މަހު މަގާމުން ދުރުކުރުމަށް ފަހުއެވެ. ޖުލައި 2018 ގައި އދ. އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވާގޮތުން ޚުރާސާނީ މަގާމުން ދުރުކުރީ ނަންގަރްހާރު ޕްރޮވިންސުގައި އެ ޖަމާއަތަށް ލިބެމުން ދިޔަ ނާކާމިޔާބީތަކުގެ ސަބަބުންނެވެ.

އޮރަކްޒާއީ ނުވަތަ ފާރޫޤީ ހައްޔަރުވުމަކީ އައިއެސްކޭޕީއަށް ލިބުނު ބޮޑު ގެއްލުމަކަށް ވާނެއެވެ. އެހެންނަމަވެސް އެ ޖަމާއަތުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގައި އަދިވެސް ހަރަކާތްތެރިވަމުންދާތީ އެ ޖަމާއަތުގެ ނުރައްކާ އަފްޣާނިސްތާނަށް އޮންނާނެއެވެ. ލަފާކުރެވޭ ގޮތުން އައިއެސްކޭޕީ އާއެކު 2000 އާއި 2500 އާ ދެމެދުގެ އަދަދަކަށް ހަނގުރާމަވެރިން ހަރަކާތެރިވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.