މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް އަނެއްކާ ވެސް އިތުރު ތާރީޚެއް!

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް އަނެއްކާ ވެސް އިތުރު ތާރީޚެއް ކަނޑައަޅާ އެކަން އިޢުލާންކޮށްފިއެވެ.

އެކަން އިޢުލާން ކުރެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމްއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސީދާ ބަސް ދަތުރުތައް ފެށުމަށް އެމްޓީސީސީން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުން އެތައް ޒަމާނަކު އިންތިޒާރު ކުރަމުން އައި މިނީ ބަހުގެ ޚިދުމަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

މާލެއަށް މިނީ ބަހުގެ ޚިދުމަތް ތައާރަފުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުފުޅެއްނަމަވެސް މި ސަރުކާރަށް ހަތަރު އަހަރުވާން ކައިރިވެފައި ވާއިރު، އެ ވައުދު ވަނީ ނުފުއްދިފައެވެ.

ރައީސް ސާލިހުގެ އެ ވައުދު ފުއްދެވުމަށް މިނީ ބަހުގެ ޚިދުމަތް ފަށަން ތަފާތު ތާރީޚުތައް މީގެ ކުރިން ވެސް ވަނީ ދީފައެވެ.

2020 ވަނަ އަހަރު މިނީބަހުގެ ޚިދުމަތް ފަށަން ނިންމައި، 2019 ވަނަ އަހަރު އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ އެކި ފަހަރު މަތިން މަޖިލީހަށް ހާޒިރުކޮށްފައިވާއިރު، މިނިސްޓަރ ނަހުލާ ވިދާޅުވެފައިވަނީ އެ ޚިދުމަތް ނުފެށި ލަސްވެފައިވަނީ އެކަމަށް ބޭނުންވާ ވަރަށް ފައިސާ ނެތުމުން ކަމަށެވެ. އަދި ހިލޭ އެހީގެ ދަށުން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މިހާރު މާލެ ސަރަހައްދުގައި 46 ބަސް ދުއްވަމުން އަންނަ އިރު މިނީ ބަސްތަކާއެކު އަދަދު 70 އާ ގާތް ކުރާނެއެވެ. މިނީ ބަހުގެ ހިދުމަތް ފަށާއިރު 15-20 މީހުންވެ ޖާގައިގެ 15 ވަރަކަށް ބަސް ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.