އެމްޑަބްލިޔުއެސްސީން އެކި ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ ދިރާސާތައް ކުރުމަށް ވިލާ ކޮލެޖާއެކު އެއްބަސްވެއްޖެ

އެމްޑަބްލިޔުއެސްސީން އެކި ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ ދިރާސާތައް ކުރުމަށް ވިލާ ކޮލެޖާއެކު އެއްބަސްވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރު ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ހަސަން ޝާހެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޑަބްލިޔުއެސްސީން އެކި ދިރާސާތައް ކުރަންޖެހިފައިވާ ދާއިރާތައް ވިލާ ކޮލެޖާ ހިއްސާކުރާނެ ކުރުމަށް ނިންމާފައިވާއިރު، އެ ދާއިރާތަކުން ދިރާސާތައްކުރުމަށް ޝައުގެވެރިވާ ދަރިވަރުންނަށް އަމަލީ ގޮތުން އެ ދިރާސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

އެ ކުންފުނިން ބުނީ މި ދިރާސާތައް ކުރިއަށްދާނީ އެ ކުންފުނީގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން ކަމަށާއި އެ ދިރާސާތައް ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ދިރާސާކުރާ ދަރިވަރުންނަށް އެލަވެންސް ވެސް އެ ކުންފުނިން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަ ހަސަން ޝާހު ވިދާޅުވީ ދަރިވަރުންކުރާ ދިރާސާތަކުން އެންމެ ރަނގަޅު ދިރާސާތައް ފާހަގަކޮށް އެމްޑަބްލިޔުއެސްސީގެ މެމްބަރޝިޕް އޮންނަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ހިންގާ ކޮންފަރެންސްތަކުގައި އެ ދިރާސާތައް ހުށަހެޅުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބޭނެ ކަމަށެވެ. އަދި އެފަދަ ކޮންފަރެންސްތަކުގައި ބައިވެރިވުމުގެ ހުރިހާ ޚަރަދެއް ވެސް ބަލަހައްޓާނީ އެ ކުންފުނިން ކަމަށް ޝާހު ވިދާޅުވިއެވެ.

"މި ކުންފުނީގެ އުއްމީދަކީ މި އެއްބަސްވުމުގެ ސަބަބުން އެކި ދާއިރާތަކުން އިލްމީ ދިރާސާތަކާއި ކަމަށް ގާބިލު ޒުވާނުން އުފައްދައި ސިނާއީ ދާއިރާތަކުން މުޖުތަމައަށް ފައިދާކުރަނިވި ޒުވާނުންތަކެއް ތަމްރީނުވެގެން ދިއުން." ޝާހު ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަންވަރު ވިދާޅުވީ އެ ކޮލެޖަކީ ރާއްޖޭގެ ތައުލީމީ މުއައްސަސާތަކުގެ ތެރެއިން ރިސަރޗު ކުރުމުގެ ދާއިރާއިން އެންމެ ކުރީގައި އުޅޭ މުއައްސަސާ ކަމަށެވެ.

އެގޮތުން އެކަމަށް ޚާއްސަ ޑިޕާޓްމަންޓެއް އެ ކޮލެޖުގައި ހުންނަކަން ފާހަގަކުރައްވާ ވިލާ ކޮލެޖުގެ އަމިއްލަ ރިސަރޗް ކޮންފަރެންސެއް އޮންނަ ކަމަށް ވިދާޅުވިއެވެ.

" ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮލެޖުގައި ދިރާސާކުރުމުގެ ތަޖުރިބާކާރުން އެބަ ތިއްބެވި. އަޅުގަނޑުމެންގެ އަމާޒަކީ ބައިނަލްއަގުވާމީ ރިސަރޗް ކޮންފަރެންސްތަކަށް ދެވޭ ފެންވަރަށް ކޮލެޖުގެ ދަރިވަރުން ތަމްރީނުކުރުން." ޑރ. އަންވަރު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.