ސަރުކާރުން ކުރިޔަށްދާނީ ޚަރަދުތައްކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން: ރައީސް ސާލިހު

އިޤްތިޞާދީ ގޮތުން ދަތިތަކެއް ހުރުމާއެކު ސަރުކާރުން ކުރިޔަށްދާނީ ޚަރަދުތައްކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔޫ.އެސް.ސީ)ގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވަކިން ޚާއްޞަ ގޮތެއްގައި ދަރަނި ދެއްކުމުގައި މިއަހަރާއި އަންނަ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުވެސް އެއްވެސް ދަތިކަމެއްނެތި، ކަނޑައެޅިފައިވާ ގޮތަށް އެކަންކަން ކުރިޔަށްގެންދެވޭނެކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިޤްތިޞާދީ ގޮތުން ދަތިތަކެއް ހުރުމާއެކު ސަރުކާރުން ކުރިޔަށްދާނީ ޚަރަދުތައްކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން، އިޤްތިޞާދަށް އަންނަ ކުރިއެރުމާ ވެސް އެކުގައި ކަމަށެވެ.

އިޤްތިޞާދީގޮތުން ސަރުކާރުން އަޅަމުންގެންދަނީ ކާމިޔާބު ޙާސިލުކުރެވޭނެ ފިޔަވަޅުތަކެއްކަން ފާހަގަ ކުރައްވާ ރައީސް ސާލިހު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ރަޝިޔާއިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުރަމުން އަންނަކަމަށެވެ.

އެގޮތުން މިއަހަރު ފެށުނުއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދިޔަ ޤައުމުން ފަތުރުވެރިން އައުން، ހަނގުރާމައާ ގުޅިގެން ހުއްޓުމަކަށް އައުމާއި، ތެލުގެ އަގު އެތައްތަނެއް މައްޗަށް ދިއުމާއި ތަކެތީގެ އަގުތައް އުފުލި، ކުރިން ސަރުކާރުން އަންދާޒާ ކުރިވަރަށްވުރެ ބޮޑު ހޭދައެއް ތެޔޮގަތުމަށާއި ސަބްސިޑީއާ އަދި ރާއްޖެއަށް ތަކެތި އިމްޕޯޓްކުރުމަށް ހޭދަކުރަންޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުމުގައި، މި ޙާލަތާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ކުރިން ރިސޯޓްތަކުގެ ބިމުކުލި ކުޑަކުރުމަށް ސަރުކާރުން ނިންމާފައި އޮތް އޮތުން މި ވަގުތަށް މަޑުޖައްސާލައި މި ދުވަސްވަރު ރިސޯޓްތަކުގެ ބިމު ކުލި ކުޑަނުކުރާ ގޮތަށް ނިންމެވުމާއި އަދިވެސް ޚަރަދުތައް ކުޑަކުރުމާއި އަދި މިވަގުތަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމެވުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.