މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތްދޭ ވަގުތު އިތުރުކޮށްފިއެވެ.

މިގޮތަށް ނިންމީ މިދުވަސްވަރު ޕާސްޕޯޓު ހައްދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށް އެ އިދާރާއިން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ރޭގަނޑު 9:30 އާ ހަމައަށް އިމިގްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި މިއަދުން ފެށިގެން މެންދުރު ފަހު 3:00 އާ ހަމައަށް ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ދަތުރުކުރުމުގެ ލުއިތައް އިތުރުކުރުމާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު ވެސް އަންދާޒާކުރި ވަރަށްވުރެ އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން ޕާސްޕޯޓް ހެއްދުމަށް 200 އެއްހާ އެޕްލިކޭޝަން ދުވާލަކު މީގެކުރިން ހުށަހެޅި ނަމަވެސް މިހާރު އެވްރެޖްކޮށް 800 އެޕްލިކޭޝަން ހުށަހަޅާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ފިތުރު އީދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އިތުރުވުމުން ވެސް އިމިގްރޭޝަނުން ވަނީ ޚިދުމަތްދޭ ވަގުތު އިތުރުކޮށްފައެވެ. ސްކޫލް ބޮޑު ބަންދާއި އީދު ބަންދު އަދި އާ އަހަރާ ދިމާކޮށް ދިވެހިން އާންމުކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.