އަމީރާ ސުލްޠާނާގެ ނާރެސް - 43

(8 ޖޫން 2022 ގެ ބަޔާ ގުޅޭ)

"ނޫނެކެވެ! ސުލްޠާނާއެވެ! އަހަރެމެންގެ މިޤައުމުގައި ކަންހިނގަނީކީ ތިހެއްނެއްނޫނެވެ. އެކެރިކާއަކީ މާބޮޑު ޤައުމެކެވެ. އާއެނކެވެ. މާރގްރެޓްވަނީ ، އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓާ ގުޅާފައެވެ. އެހެންނަމަވެސް ، އެހެން ޤައުމެއްގެ ދާޚިލީކަމަކާ ޖެހުނީމަ ، އަހަރެމެންގެ ޤައުމަށް ކުރެވޭނެ މާބޮޑުކަމެއް ނޯވެއެވެ." އޭން އެބުނިއެއްޗެއް މުޅިޔަކުން އަޅުގަނޑަކަށް ކަމަކު ނުދިޔައެވެ.

"އަހަރެންނަކަށް ނޭނގުނެވެ. އެމެރިކާގެ ރައްޔިތުންކުރެ ، ތުއްތު ކުއްޖަކު އޭނާގެ މަންމަގެ އަތުން ޖަހައިގަނެގެން ގެންދިޔައީއެވެ. މިކަހަލަ ޙާލަތެއްގައި ، އެމެރިކާ ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭންވީ ކީއްވެ ހެއްޔެވެ؟ ސުޢޫދީ ޢަރަބިއްޔާގައި ތިބޭ އެމެރިކާގެ ސިފައިންގެ ވާޖިބަށް ވިސްނާއިރު ، އެ ޢަބްދުލްބާސިޠުގެ ގެޔަށް ސިފައިންގޮސް ، އެކުއްޖާ ނަގައިގަނެގެން ގެނެސް އެކުއްޖާގެ މަންމައާ ޙަވާލުކުރާތަން ، އަހަރެންނަށް އެބަ ފެނެއެވެ. ގެއްލިފައިވާ ތުއްތު ކުއްޖަކު ހޯދައިގެން ގެނެސް ، އެކުއްޖާއާ ޙަވާލު ނުކުރެވޭނަމަ ، ސަރުކާރެއް ޤާއިމްކޮށްފައި އޮތުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟"

"ނޫނެކެވެ! ނޫނެކެވެ! އެކުއްޖާ ހުރީ ސުޢޫދީ ޢަރަބިއްޔާގައި ކަމަށްވަންޏާ ، އެކުއްޖާގެ މައްޗަށް ހިނގާނީ ސުޢޫދީ ޢަރަބިއްޔާގެ ޤާނޫނެވެ. އެކުއްޖާ އަނބުރާ އެމެރިކާއަށް ފޮނުވައިދިނުމަކީ ، ހަމައެކަނި ސުޢޫދީ ޢަރަބިއްޔާއިން އުފުއްލަންޖެހޭނެ ޒިންމާއެކެވެ. އެކަމަކު ސުޢޫދީ ސަރުކާރަކުން އެކަމެއް ނުކުރާނެއެވެ. އެކަން ޔަޤީނެވެ." ފޫހިރާގެއްގައި އޭން ބުންޏެވެ.

އެނިކަމެތި މަންމަ ، މާރގްރެޓަށް އޭނާގެ ދަރިފުޅު ނުހޯދޭނެކަމުގެ ބިރު އަޅުގަނޑުގެ ހިތުގައިވެސް އެބަ އޮތެވެ.

"ތިބުނާ ޢަބްދުލްބާސިޠާ ބެހޭގޮތުން އޭންއަށް އެނގެނީ ކޮން އެއްޗެއް ހެއްޔެވެ؟ އޭނާ ވަޒީފާއަދާކުރަނީ ކޮންތާކު ހެއްޔެވެ؟ ދިރިއުޅެނީ ކޮންތާކު ހެއްޔެވެ؟" އަޅުގަނޑު ، އޭން އާ ސުއާލުކުރީމެވެ.

"ރަނގަޅެވެ! އަދި ދުވަހަކުވެސް މާރގްރެޓް ސުޢޫދީ ޢަރަބިއްޔާއަކަށް ނުދެއެވެ. އަދި އެ ބާސިޠު ދިރިއުޅެނީ ކޮންތާކުކަން އެއްގޮތަކަށްވެސް ، މާރގްރެޓަކަށް ނޭނގެއެވެ. އޭނާއަކީ އާރކަންސާސް ޔުނިވަރސިޓީގެ ޑިގްރީއެއް އޮންނަ މީހެކެވެ. އެހެންކަމުން އެއީ ކޮމްޕިއުޓަރ ޕްރޮގްރާމިންގގެ ރޮނގުން ކިޔަވައިދެވިދާނެ މީހެކެވެ. އެކަމަކު ، ޢަބްދުލްބާސިޠު ސުޢޫދީއަށް އެދިޔައީ ދާދިމިދާކަށް ދުވަހުއެވެ. އެހެންވީމާ އޭނާއަށް ވަޒީފާއެއް ލިބުނުކަންވެސް ، ނުވަތަ ނުލިބޭކަމެއްވެސް މާރގްރެޓަކަށް ނޭނގެއެވެ."

"ހޫންން." އޭނާއަށް އެހީތެރިވެދެވޭނީ ކޮންގޮތަކަށް ، ކިހިނެއްކަމާމެދު އަޅުގަނޑު ވިސްނައިލީމެވެ. ފޮޏުނަންބަރެއް އޮތްނަމައެވެ. ނޫނީ ދިރިއުޅޭ ގޭޣެ އެޑްރެހެއް އޮތްނަމައެވެ. އެއިން އެއްވެސް އެއްޗެއް ނޭނގެއެވެ. ތަހުޒީބީ ދުނިޔޭގައި މީހުންނާ އިންނައިރު ، އަމްދުން ބޭރުމީހެއްކަމަށްވަންޏާ އެމީހެއްގެ ފުރިހަމަ ވަނަވަރު އަނބިމީހާއަށް އެނގެން ޖެހޭނެއެވެ. އަޅުގަނޑުމެންގެ ޤައުމުގައިވާ ވަރުވެސް މިކަހަލަ ކަންކަމުގައި އެމީހުންގެ ނުވެއެވެ. މަގުމައްޗަށް ނުކުތީމަ އޮންނަނީ އަގުޅިނެތް ކަންނޭލަކަށް ވެފައެވެ. އެއީ ފަހެ ، ކޮންކަހަލަ މިނިވަންކަމެއްބާއޭ ބައެއްފަހަރަށް އަޅުގަނޑުގެ ހިތަށް އަރައެވެ.

"އޭން އެވެ! އަހަރެންނަށް ތިކުއްޖާ ސަލާމަތްކޮށެއް ނުދެވޭނެއެވެ. އެކަން އޭން އަށް ރަނގަޅަށް އެނގޭނެއެވެ. އެކަމަކު ، މާރގްރެޓްގެ އަތުން ، އެކުއްޖާއާ އޭނާގެ ބައްޕަގެ ފޮޓޯއެއް ލިބިއްޖިއްޔާ އަހަރެންނަށް ކޮންމެވެސް ކަމެއް ކޮށްދެވިދާނެ ކަންނޭނގެއެވެ. އެކަމަކު މާރގްރެޓަށް މާބޮޑު އުއްމީދެއް ދީގެންނުވާނެއެވެ. އިނގޭއެވެ!" އޭންއަށް އަޅުގަނޑު ސާފުކޮށްދިނީމެވެ.

"ބާސިޠުގެ އެ އަނިޔާވެރި ޢަމަލާގުޅިގެން ، މުޅި އިސްލާމީ އުއްމަތާ އަދި ސުޢޫދީގެ ނަންވެސް ޚަރާބުވެއްޖެއެވެ." އިތުރަށް އަޅުގަނޑަށް ބުނެވުނެވެ.

"މާރގްރެޓް ބުނިގޮތުގައި ބާސިޠަކީ ، ދީނަށްއުޅޭ ، ރަނގަޅު މުސްލިމެކެވެ." އޭން ސާފުކޮށްދިނެވެ.

"އަހަރެންގެ ބަސް ޤަބޫލުކުރާށެވެ! ރަނގަޅު މުސްލިމަކު ، މަންމައެއްގެ އަތުން ތުއްތު ކުއްޖަކު ޖަހައިގަނެގެންނެއް ނުގެންދާނެއެވެ." ރުޅިވެރިކަމާއެކު އަޅުގަނޑަށް ބުނެވުނެވެ. އަޅުގަނޑުމެންގެ ވާހަކަ މެދުކަނޑާލުމުގެ ކުރިން ، އޭންއަށް ލިބުނު މަޢުލޫމާތެއް ވިއްޔާ ހޯދައިގެން ،  ޕްލާޒާ ހޮޓަލުގައި ބައްދަލުކުރުމަށް އަޅުގަނޑާއި އޭން އެއްބަސްވީމެވެ.

އަޅުގަނޑަށް ފުން މާނޭވާއެއް ލެވުނެވެ. މަންމައާދުރުގައި އެހާތުއްތުއިރު ސުޢޫދީގައި ހުންނަންވީމަ ، އެކުއްޖާ ފަކީރަށް ކުރިމަތިވާނެ ކަންކަން އަޅުގަނޑަށް ތަޞައްވުރުކޮށްލެވުނެވެ. އަޅުގަނޑުގެ ކަންބޮޑުވުން ރުޅިވެރިކަމަށް ބަދަލުވެގެން ދިޔައެވެ. އަދި ހުރިހާ ފިރިހެނުންދެކެ ފޫހިވެ ރުޅިއައިސް ރަތްވެއްޖެކަން އިޙްސާސް ވެއްޖައުމަށްދާނދެން އެރުޅިގަނޑު ކެކި އުތުރުނެވެ.

އިރުއޮއްސުމުގެ ކުރިން ކަރީމްވެސް ހޮޓަލަށް އައެވެ. އަދި އަޅުގަނޑުގެ ބާޒާރުކުރުން ކިހިނެއްތޯ ދިޔައީ އަހާ އެކި ސުއާލުކުރިއެވެ. އަޅުގަނޑު އެއިން އެއްވެސް ސުއާލަކަށް ޖަވާބެއް ނުދެމެވެ. އެކަމަކު ، ކަރީމުގެ ސުއާލުތައް ތަކުރާރުކުރަމުންގޮސް ދޫނުކުރީމަ ، އަޅުގަނޑުގެ ރުޅިގަނޑު ފަޅައިގެންގޮސް ހަޅޭއްލަވައިގަނެވުނެވެ.

"ކަރީމް އެވެ! ކަލޭމެން މިދުނިޔޭގައި އުޅޭ ހުރިހާ ފިރިހެނުން ތަޅައި މަރަންވީއެވެ."  ކަރީމްގެ ސަކަމިޒާޖު ކުއްލިއަކަށް ބަދަލުވެގެންގޮސް ، އަނގަހުޅުވި ޙައިރާން ވެފާ އަޅުގަނޑާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އަޅުގަނޑަށް ކުއްލިޔަކަށް ހަމަބުއްދި ލިބުނެވެ. އަދި އެހެދުނީ ގޯހެއްކަން އެނގި ، އަޅުގަނޑަށްވެފަހުރިގޮތް ކަރީމަށް ކިޔައިދޭން އެބަޖެހޭކަމުގައި ނިންމީމެވެ.

"އަހަރެން މިއަދު އޭން އާ ގުޅާލީމެވެ." އަޅުގަނޑުގެ ޖުމްލަ ނުނިމި އުޅެނިކޮށް "އެހެން ހެއްޔޭ" ކަރީމް އެހިއެވެ. އޭގެމާނައަކީ ، އެކަމާ އޭނާ އެހާ ހިތްހަމަ ނުޖެހޭކަން ފާޅުކުރުމެވެ. އޭންއަކީ ކަރީމް ހިތްހަމަޖެހޭ އަންހެނެއްނަމަވެސް ، ބަންދުނުކޮށް ހުންނަ ދޮރޯއްޓަކުން ރީއްޗަށް އައިސް ވަނުމަށްވުރެ ، ގޭޓުމަތިން ފުންމާލުން އިޚްތިޔާރުކުރާ ވަރުގެ މުރަނަ އަންހެނެކެވެ. އެކަން ކަރީމަށްވެސް ރަނގަޅަށް އެނގޭނެއެވެ. އެކަމަކު ، އަޅުގަނޑަށް އޭނާއަކީ ހަމަ އެއްވަނައެވެ. އޭނާގެ އެހުންނަގޮތެއް ހުންނަނީ އެހެންމީހުންނަށް އެހީވާން ބޭނުންވެފައި އޮންނަލެއް ބޮޑުކަމުންނެވެ. އެކަން އަޅުގަނޑު ބަލައިގަންނަމެވެ. އަދި އެއީ އޭނާއަށް ޙައްޤު ޝަރަފެކެވެ.

އެއަށްފަހު ، އޭންއާ އަޅުގަނޑާ ދެމެދު ދެކެވުނު ވާހަކަތަކުގެ ތަފްޞީލު ، ކަރީމަށް ކިޔައިދިނީމެވެ. އެވާހަކަތަކާ ގުޅިގެން ކަރީމުގެ ފަރާތުން ފެނުނީ އަޅުގަނޑު އުއްމީދުކުރިފަދަ އީޖާބީ އުއްމީދެކެވެ. ކަރީމަކީ ، ޢަރަބި އެހެންމީހުންނާ ޚިލާފަށް އަންހެނުންގެ މައްސަލަތަކުގައި ހަމްދަރުދީވާ މީހެކެވެ. އެހެންނަމަވެސް ، ޙައްލެއްނެތް މައްސަލައެއްގެ ތެރެޔަށް ވަދެ ، އޭނާގެ ވަގުތުތައް ބޭކާރުކުރުމަކީ ކަރީމް އެއްގޮތަކަށްވެސް ބޭނުންނުވާ ކަމެކެވެ. ބުއްދިވެރިންގެ ގޮތަކީ އެއީކަމަށްވެސް ވެދާނެއެވެ.

"ބާރުއޮންނަ މީހުން.... މީހުންގެ އެހީ އަހަރެމެންނަށް ބޭނުންވާ ސަބަބަކީ އެއީއެވެ." ކަރީމް އޭނާގެ ބޯ ދެއަތަށް ހޫރާލަމުން ބުންޏެވެ.

"ސުލްޠާނާ! ތިކަމުގެ ތެރެޔަށް ސުލްޠާނާ ވަންނާކަށް އަހަރެން ބޭނުމެއްނެތެވެ. އެކަމަށް އަހަރެން އިޢުތިރާޒް ކުރަމެވެ. ތިޔައީ ބަޔަކުމީހުންގެ އަމިއްލަ މައްސަލައެކެވެ. އެންމެ ރަނގަޅުވާނީ ، ޢާއިލާއިން ތިކަމާ އުޅެން ދޫކޮށްލުމެވެ. ތިކަމުގައި ނަތީޖާއެއް ނެރެން ކުރެވިދާނެ މާބޮޑުކަމެއް ނުވެސް އޮންނާނެއެވެ."

އަޅުގަނޑު ، ކަރީމްގެ ގައިގަ ޖަހަން ބޭނުންވިލެއްބޮޑުކަމުން އިތުރަށް ވިސްނާކަށް ހިނދުކޮޅެއް ނުދެވުނެވެ. ފައިހޫރާ ލެވުނެވެ. އެހެންނަމަވެސް ، ކަރީމުގެ ގައިގަ ލައްވައެއް ނުލިއެވެ. ކަރީމް ގާތަށް ހިނިއައިސް ހުރެ ، ހެމުންހެމުން އަޅުގަނޑު ހިފެހެއްޓިއެވެ. އަދި އޭނާގެ ހަށިގަނޑާ ގާތްކޮށްލިއެވެ. އަޅުގަނޑަށް ބާރަށް ރޮއިގަނެވުނެވެ. އަޅުގަނޑުމެންގެ ފިރިހެނުންގެ އެހީތެރިކަމާއި އެއްބާރުލުމާނުލައި އަންހެނުންނަށް ޚާއްޞަ ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙާލަތާއި ދުނިޔަވީ ކަންކަން ބަދަލުކުރާނީ ކިހިނެއްތޯއެވެ؟ ސިޔާސީ ހުރިހާ ބާރެއް އޮންނަނީ ފިރިހެނުންގެ މުށުތެރޭގައެވެ.

އެދުވަހުގެ ހަވީރުގެ ހިތްގައިމު ވަގުތުކޮޅު އަޅުގަނޑުމެން ދެމަފިރިންނަށް ޚާއްޞަކުރުމަށް ކަރީމް ބޭނުންވެފައިހުރިލެއް ބޮޑުކަމުން ، ހިފެހެއްޓުމެއްނެތި އަޅުގަނޑުގެ މޫނުގެ އެކިތަންތަނުގައި ދޮންދޭން ފެށިއެވެ. ކޮންމެވެސް ވަރަކަށް ވާހަކަވެސް ދައްކަމުންނެވެ.

"އަހަރެން ސުލްޠާނާއާ މެދު އެންމެ ކަންބޮޑުވާ ކަމަކީ ތިއީއެވެ." ކަރީމް އަޅުގަނޑުގެ ފުރަގަހަށް ޖެހިލިއެވެ.

"ކަލާގެ މިކުޑަ ކުޑަ ކޮނޑުން އުފުލަން ތިއުޅެނީ ، އެކޮނޑުން ނުހިފޭވަރުގެ ބުރައެވެ." އަޅުގަނޑު ހަމަ އަނގައިންވެސް ނުބުނަމެވެ. ކަރީމް ، އަޅުގަނޑުގެ މޫނަށް ބަލައިލިއެވެ. އަދި އަޅުގަނޑުގެ އިޙްސާސްތައް ދެނެގަތެވެ.

"ސުލްޠާނާ! އަހަރެން ކަލާއަށް ވަރަށް ޚާއްޞަ ހަދިޔާއެއް ދޭން އެބައޮތެވެ. އެހަދިޔާ ދޭނީ ފަހުންނޭ ހިތަށްއަރާ މިހުންނަނީ މަޑުކޮށްގެންނެވެ. އެކަމަކު . ހީވަނީ އެހަދިޔާ ދޭންޖެހޭ ވަގުތު އައިއްސި ހެންނެވެ." ކަރީމް ، އަޅުގަނޑުގެ ތުންފަތުގައި ބޮސްދޭން އައުމުން މޫނު ދުރުކޮށްލީމެވެ. އަނެއްކާ އަގުބޮޑު އިތުރު ހަދިޔާއެއް އަޅުގަނޑު ބޭނުމެއްނޫނެވެ.

"އެއީ ތި ހިތަށްއެރިކަހަލަ ހަދިޔާއެއް ނޫނެވެ. އަހަރެން ކަލާއަށް ޅެމެއް ހަދައިފީމެވެ." އަޅުގަނޑު އަޖައިބުވެފައި ގުދުވެލީމެވެ.

އަޅުގަނޑުމެން ޢަރަބީންނަކީ ކަންފަތުގެ އަހުލުވެރިންނެވެ. ފޮތުގެ އަހުލުވެރިންނެއް ނޫނީމުއެވެ. އަދި އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ޝާޢިރީ ޚިޔާލުތަކާއި އިޙްސާސްތައް ޅެމުގެ ސިފައިގާ އަތުރައި ބާރަށް އިއްވުމަކީ ، އަޅުގަޑުމެން ، ޢަރަބީންގެ ކަމެކެވެ. ކަރީމަކީ ، ސުޢޫދީގައި މޮޅުކަމަށް ފާހަގަކޮށްއުޅޭ މަދު ޅެންވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަޅުގަނޑުގެ ފިރިމީހާ ކަރީމަކީ ވަރަށް ވިސްނުން ތޫނު ، ސިކުނޑި ތަނަވަސް މީހެކެވެ. އޭނާއަށް އެނަޞީބު ލިބުނީ އޭނާގެ ޤާނޫނީ ވަކީލުކަމުގެ ތަމްރީނުގެ ތެރެއިންނެވެ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ފަޚުރުވެރި ވަމެވެ.

"އިށީންނާށެވެ!" ކަރީމް ވަރަށް އޯގާތެރިކަމާއެކު މަޑުމަޑުން އަޅުގަނޑު ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ. ކަރީމް އަޅުގަނޑުގެ ކުރިމަތީ ކުޑަކަކޫ ޖަހައިގެން އިނދެ ގުދުވެލާފައި އަޅުގަނޑުގެ އަތުގައި ހިފައިލިއެވެ. އަދި އޭނާގެ ދެލޯ އަޅުގަނޑުގެ ދެލޮލާ އަމާޒުކުރިއެވެ. އޭނާގެ ވަރުގަދަ ، ބަރު އަދި ސާފު އަޑު ލޯބިވެރިން ބަސްބުނެއުޅޭ ލޯބި އަދި ލައްޒަތުންފުރިގެންވާ ލަހުޖާއަކަށް ބަދަލުވިއެވެ.

އެންމެ ފުރަތަމަ ކަލާ ދާށެވެ.

އަހުރެންނަށްވުރެ ކުރިން ، ދޮރުންނުކުމެގެން ދާށެވެ.

ކާރުތެރެޔަށް ކަލާ ވަންނަންދެން އެއްފަރާތުގައި އަހުރެން މަޑުކޮށްލާނަމެވެ.

ފަހަތުގައި ހުރެ ރައްކާތެރިކަން ދޭނަމެވެ. ފިހާރަޔަށް ވަންނާށެވެ. ފަހަތުން ޖެހިގެން ހުންނާނަމެވެ.

އަހުރެންގެ ކުރިމަތީހުރި މޭޒުގައި އިށީންނާށެވެ.

އަހުރެން ހަނުހިމޭނުން އިންނާނަމެވެ. ރަހަމީރު މޫސްގައި ދެނީ ކޮން ރަހައެއްތޯ ބަލައިލާށެވެ.

އަހުރެން ކަލާއަށްވުރެ ކުރިން ދާނީ އެންމެ ފަހަރަކުއެވެ.

އެއީ  އަހުރެންގެ އެންމެ ފަހު ވަގުތެވެ.

މަރު އަތުވެއްޖެ ހިދު އެންމެފަހުން ދާނީ ކަލާއެވެ.

ސަބަބަކީ ކަލާއާ ނުލާ އަހުރެންނަށް ދުނިޔެއަކު ނޫޅެވޭނެއެވެ.

ކަރީމް ، އަޅުގަނޑުގެ އަތުގައި ދޮނެއްދީ ފިރުމާލިއެވެ. އަޅުގަނޑުގެ ހިތުގައި އުފެދިގަތް ލޯތްބާއި ޢިޝްޤުގެ ޝުޢޫރުތަކަށް ކެތެއް ނުކުރެވުނެވެ. އަޅުގަނޑަކަށް ވާހަކައެއްވެސް ނުދެއްކުނެވެ. ދެލޮލުން ފާޅުވާމުންދިޔައީ ، ކަރީމަށް ޚާއްޞަވެފައި އޮތް ލޯބީގެ އަލި ސާފު ވިދުމެވެ.

"ކަރީމް އެވެ! ތިޔައީ މިވީހާތަނަށް ކަރީމްގެ ދުލުން ބޭރުވި އެންމެ އުފާވެރި ބަސްތަކެވެ. މިހާތަނަށް ކަލާ އަހަރެންނަށް ދިން އެންމެ އަގުބޮޑު އަދި އެންމެ ބޭނުންވި ހަދިޔާއެވެ. އަގުބޮޑު ޖަވާހިރުގެ ޓުކުރިއެއް ގެނެސް އަހަރެންގެ ފައިތިލަމަތީ ބެހެއްޓިޔަސް ، ތިޔަދިން ހަދިޔާއަށްވުރެ އުނިވާނެއެވެ." އަޅުގަނޑުވެސް ކަރީމުގެ ލޮލަށް ބަލަހައްޓައިގެންހުރެ ބުނީމެވެ.

"އެހެން ހެއްޔެވެ؟ ތިޔަބުނެވުނީ ކީކޭކަން އެނގޭހެއްޔެވެ؟ ވިސްނައްޗެވެ! ސުލްޠާނާއެވެ. އެހެންވިއްޔާ ، ޖަވާހިރުގެ ބާސްކެޓް އަހަރެން ބަހާލާނީ ސަލާންޖަހާ މީހުންނަށެވެ." ކަރީމުގެ ބަހަށް އަޅުގަނޑު ހީލީމެވެ.

"އެންމެ ރަނގަޅެވެ. ރަނގަޅަށް ހިތްހަމަޖެހޭވަރަށް މިދަތުރު ބާޒާރު ކޮށްލެވުނު ހެއްޔެވެ؟ އަޅުގަނޑުގެ މޫނުގައި މަޑުމަޑުންޖަހާލަމުން ކަރީމް ބުންޏެވެ." ކަރީމްގެ މިސުއާލުން އަޅުގަނޑު ލަދުގަންނަވައިލިއެވެ. އަޅުގަނޑު ބޭނުންވާ ހަމަ ހުރިހާކަމެއް ، ހުރިހާ އުފަލެއް އަދި ހުރިހާ އެއްޗެއް ހޯދައިދެވޭވަރުގެ އޯގާތެރި ހެޔޮލަފާ ފިރިއަކު ލިބުނުކަމީ ވަރަށް ބޮޑު ނަޞީބެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.