އަމީރާ ސުލްޠާނާގެ ނާރެސް - 12

(12 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

ސުލްޠާނާ މާގިނައިރު ހިނގާކަށް ނުޖެހުނެވެ. ވަދެވުނީ، ވަރަށްބޮޑު ކޮޓަރިއަކަށެވެ. އެއީ އޭނާގެ ގޭގައި އޭނާގެ އަމިއްލަ ކޮޓަރިއާ އެއްފަދަ ކުލަޔާ އަދި ޑިޒައިނުގެ އިތުރަށް ޒީނަތްތެރިކުރާ ތަކެތިން ރީތިކުރެވިފައިވާ ކޮޓަރިއެކެވެ. އެކޮޓަރީގައި މުޅިންވެސް ތިބީ، ސުލްޠާނާގެ ތިމާގެ، ޝާހީޢާއިލާތަކުގެ ކުދިންނެވެ. ދެބެންގެ ދެދަރިއާއި ދުރުތާތިމާގެ ކުދިންނެވެ. އޭގެތެރޭގައި " ކްލިނިކަށް" ދާކުދިންމަދެއްނޫނެވެ. ކޮޓަރިތެރެޔަށް ފެތުރިފައިވާ މިއުޒިކުގެ އަޑު މަޑުމައިތިރިނަމަވެސް، އަޅުގަނޑަށް އެއަޑު އިވެނީ، ވަރަށް ބިރުވެރި ނާމާން އަޑެއްގެގޮތުގައެވެ. އެއީ އަޞްލުވެސް އަޅުގަނޑަށް މިއިވޭ އަޑުބާވައޭވެސް ހިތަށް އެރިއެވެ. ކޮޓަރީގެ ބެރިތަކުގައި އެގޮތްމިގޮތަށް ހަރުކޮށްފައިވާ އަލިތަކުން ލޮލަށް އުނދަގޫވެގެން ލޯމަރައިލަންޖެހޭތަން އާދެއެވެ. ޢަލީގެ ހުށަހެޅުމަކަށް، މިޞްރުން ގެނެވުނުބަޔަކު ވަނީ އެހޯލުގެ އަލި އެގޮތްމިގޮތަށް ބަދަލުކޮށް، މަޑުވެސް ކޮށްފައެވެ.

މިޞްރުން ގެނެވުނު ލައިޓް އަށް ޚާއްޞަމީހުންގެ މަސައްކަތުން ހޯލުތެރެވަނީ، ވަރަށްބޮޑަށް ބަދަލުވެފައެވެ. ބެރިތަކާއި ތަނބުތައްވަނީ، ރަންކަރުދާސް އޮޅައި އަލިއެޅުމުން، އިތުރަށް ދިއްލިގެންދާގޮތް ހަދައިފައެވެ. ސީލިންއަށް އެޅިފައިހުންނަ އަލިތަކުން އެހައި ފުރިހަމަ ރީތިކަމެއް ވަކިނުދައްކައެވެ. އުއްބައްތިއާއި ސްޕޮޓްލައިޓްތަކުން ތަނަށް އަލިކަންލިބިފައިވަނީ ބޭނުންވާވަރަށްވުރެ އިތުރަށެވެ. މާ ޓުކުރިތައް އެތުރިފައިހުރީކީ ވަކި ތަރުތީބަކުންނޫނެވެ. މަލާ އައްޔާ އެއްވެސް ވަރަކަށް ގުޅުވިފައެއް ނެތެވެ. ރީނދޫކުލައިގެ ކަންވާރުގައި ރަތް ފިނިފެންމާ ބެހެއްޓިފައި ހުއްޓެވެ. މުނީރާއާއި ހާދީ މެހެމާނުންނަށް ފެންނާނެދިމާލުގައި އަލިހުރީ މަޑުފެހިކުލަޔާ އަދި ރަތް އައްޔެވެ. އަގުބޮޑު، އެހެނަސް އެއްވެސް ތަރުތީބެއްނެތް މި ޒީނަތްތެރިކަމުން ހަމަގައިމުވެސް އަޅުގަނޑަކަށް އެއްވެސް އުފަލެއްނުލިބެއެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި، މިއޮއްބޮޑު ޚަރަދުކޮށްގެން ތައްޔާރުކުރެވި، އިންތިޒާމްކުރެވިގެން މިފެންނަ ބޮޑުހޯލު، އަޅުގަނޑުމެން އެކަކަށްވެސް ކަމަކު ނުދާނެއެވެ.

އަޅުގަނޑުގެ އުނަގަނޑުމަތީ މީހެއްގެ އަތް މަޑުމަޑުން ކާއްތައިލެވުނެވެ. އެއީ ސާރާއެވެ.

"ސާރާ!" އަޅުގަނޑު ހިނިތުންވެލީމެވެ."އަހަރެންނަށް ސާރާ ފެނުނުކަމަށްޓަކައި ﷲ އަށް ޙަމްދު ކުރަމެވެ." ހިތާމަވެރި ނަޒަރަކުން ބަލައިލުމަށްފަހު ސާރާ ބުންޏެވެ.

"މިރޭ، އަހަރެންގެ ބޭބެގެ ކޮއްކޮއަކަށްވީތީ ލަދުވެތިވަމެވެ."

"އެތައްސަބަބަކާހުރެ، އަހަރެންވެސް ބޭބެގެ ކޮއްކޮއަކަށްވީތީ ލަދުގަންނަމެވެ." ސާރާ އެބުނި އެއްޗަކަށް އަޅުގަނޑުވެސް އެއްބަސްވީމެވެ.

"އަހަރެންނަށް މުނީރާއަށް އަޅައިލެވުނުނަމަ ކޮންފަދަ ހެއްޔެވެ؟" ސާރާ އެބުނި އެއްޗަކަށް އަޅުގަނޑުވެސް އެއްބަސްވީމެވެ. އަޅުގަނޑުމެން ދެމީހުންގެ ވިސްނުން މިކަމުގައި އެއްގޮތެވެ. ދެމީހުން ދެމީހުންނަށް ފިރުމާލައި އެކަކު އަނެކަކަށް ހިތްހަމަޖައްސައިދެވޭތޯ ބެލީމެވެ.

ހާދީއަށް ވެގެންވިއްޔާ، ސުޢޫދީ ރަސްކަމަށް ނިސްބަތްވާ ސަހަރާތަކުގެ ހިމުންވެލިތައް އެއްކޮށްގެންވެސް، މުނީރާގެ ކައިވެނީގެ ރަސްމިއްޔާތު ފުރިހަމަކުރާނެއެވެ. އެފަދަ ޖައްބާރު، އަނިޔާވެރިޔެއްގެ ކިބައިން، އަންހެންދަރިޔަކު ސަލާމަތްކޮށް މިންޖުކުރުމަކީ މުސްތަޙީލު ކަމެކެވެ. އަތާ އަތް ގުޅާލައިގެން، ސާރާ އާއި އަޅުގަނޑާ ދެމީހުން ހޯލުތެރެއިން ހިނގަމުން ދިޔައިމެވެ. އަޅުގަނޑުމެންގެ ދައްތަ އިންނާއި ކޮއްކޮމެންނަށް ސަލާމް ކުރަމުންނެވެ.

ކައިވެނީގެ ރަސްމިއްޔާތަށް، މުނީރާ ނުކުމެ، ފެންނަންޖެހޭ ވަގުތު ކުޑަތަންވުމާއެކު، އަޅުގަނޑުމެންގެ މަންމަ ފަޟީލާގެ 10 އަންހެންކުދިން އެއްވެ، ވަށައިގެން އެތުރިލިއެވެ. އެކަމަކު، މިހުރިހައި އެންމެން އެއްވެ ތިބިއިރުވެސް، އެއްވެސް ވަރެއްގެ މަޖާކަމެއް ނެތެވެ. ހިތްހަމަޖެހިލައިގެން ތިބެ އެކަކު އަނެކަކަށް ބަލައިވެސް ނުލެވެއެވެ. މިޖަމާޢަތް ޤާއިމްކުރެވި، މިއެއްވުމުގެ އަސްލާހަމަޔަށް ދެވުމުން، ކޮންމެ މީހެއްގެވެސް މޫނުމައްޗަށް ވެރިވަނީ ހިތާމަޔާއި ހިތްދަތިކަމެވެ. މަންމަ ނިޔާވުމާގުޅިގެން، ޢާއިލާގެ އެންމެ ދޮށީ ދައްތަ ނޫރާއަކީ، ޢާއިލާގެ އެންމެ އިސްމީހާކަމަށް އެންމެންވެސް އައީ ބަލަމުންނެވެ. ނޫރާއަކީ، ވަރަށް ސާދާ މިޒާޖެއްގެ އަދި ދެންތިބި ހުރިހައި އަންހެންކުދިންނަށް، ރަނގަޅުމަގަށް މަގުދައްކަމުން އައި މަންމައެކެވެ. ހަރުދަނާކަމާއި ސާބިތުކަމާއެކު ހުރިހައި ކުދިންގެ ކަނތައްތައް ބަލަމުން އައެވެ. އެހެނަސް، މިރޭ މިފެންނަނީ އެހުރިހައިކަމެއް ނެތިގޮސް، އެމަންމަގެ އިރުޝާދާއި ބެލުމުގެ ތެރެއިން ހުރިހައިކުދިންނަށްވެސް ދަސްވިކަންކަމުގެ ނަތީޖާއެއް ނެތްކަމެވެ. ބާރުގަދަ ފިރިހެނެއްގެ ވަކިދަށުވެ ހަދާނެގޮތް ބޮޑުވެފައިތިބި މަންޒަރެވެ. ޚުދު ނޫރާވެސް ވަނީ ހިތްދަތިކަމުގެ އިޙްސާސްތަކުން ނުތަނަވަސްވެފައެވެ. ނޫރާއަކީ، ހާދީގެ ރަޙުމެއްނެތް ވަޙުޝީ އަނިޔާވެރި ޢަމަލުތައް އަޅުގަނޑުމެންގެ ލޮލަށް ކަޝްފުވި، މިޞްރު ދަތުރުގެވެސް ބައިވެރިޔެކެވެ. އެހެންކަމުން، ހާދީއަކީ ކިހާވަރެއްގެ ކާކުކަން ކިތަންމެ ރަނގަޅަކަށްވެސް ނޫރާއަށްވެސް އެނގޭނެއެވެ. މި ޙަފުލާއަށް އެއްވެތިބި އެންމެންނަށްވުރެ ބޮޑަށް، ހާދީގެ ގޮތެއްފޮތެއްނެތް ދިރިއުޅުމުގައި އަޚުލާޤީ މިންގަނޑު ހުރީ ކިހާވަރެއްގައިކަން ނޫރާއަށް އެނގޭނެއެވެ. އެއީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، މުނީރާގެ ޙަޔާތަށް އަނދިރިކަން ގެނުވާނެ އިންސާނާކަންވެސް ނޫރާއަށް އެނގޭނެއެވެ.

"މިއީ ހިތާމައިން ފުރިގެންވާ ރެޔެކެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ!" ކައިވެނީގެ ރަސްމިއްޔާތު ބާއްވާ މޭޒާދިމާއަށް ބަލައިލަމުން ނޫރާއަށް ބުނެލެވުނެވެ.

"އެކުޑަކުޑަ ކުއްޖާ ފިރިހެނުންދެކެ ބިރުނުގަންނާނެ ނަމައެވެ!" ސާރާ ބުނެލިއެވެ.

"މުނީރާ، ފިރިހެނުންދެކެ ބިރުނުގަތަސް އަދި ބިރުގަތަސް، އަދި ފިރިހެނުންދެކެ ގަޔާވިޔަސް، މިއީ އެފަކީރަށް ވަރަށް ހާސްކަން ގެނެސްދޭނެ ރެޔެކެވެ." ތަހާނީވެސް ދެރަވެލާފައި ބުންޏެވެ.

އަޅުގަނޑު ތަހާނީއާދިމާއަށް ބަލައިލީމެވެ. އެވަގުތު އަޅުގަނޑަށް ރީމާ ފެނުނެވެ. ރީމާއަކީ މަންމަގެ 5 ވަނަ އަންހެންދަރިއެވެ. އެވަގުތުވެސް ރީމާ ގެންދިޔައީ އޭނާގެ އުނަގަނޑުމަތީ އަޅައިފާއޮތް ޞިއްޙީ ފަރުވާދޭ އާލާތެއް ރަނގަޅުކުރަމުންނެވެ. އެއީ އޭނާ ކައިވެނިކުރި ސަލީމް އެވެ ކިޔުނުމީހެއްގެ ވަޙުޝީ އަނުޔާއިން، ޖިސްމާނީގޮތުން ރީމާއަށް ލިބިފައިވާ ގެއްލުމަށް ދެވޭ ފަރުވާއަކަށް އޭނާގެ އުނަގަނޑުގައި ހަރުކުރެވިފައިވާ ޑިވައިސް އެކެވެ. އެޑިވައިސް ރަނގަޅަށް މަސައްކަތްކުރޭތޯ، ދޭތެރެ ދޭތެރެއިން ބަލައިލުމަކީ ރީމާއަށް އާދަވެފައިހުރި ކަމެކެވެ. އޭނާގެ ހަށިގަނޑުގެ ގުނަވަންތަކަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުން މުޅިން ރަނގަޅުވުމަކީ ނާދިރު ކަމެކެވެ. އެޑިވައިސްގެ އެހީގައި ކޮންމެވެސް ވަރަކަށް ހަށިގަނޑު އެއްވަރެއްގައި ހިފަހައްޓައި ދެއެވެ.

އަޅުގަނޑުގެ ގާތަށް ރުޅިއައެވެ. ރީމާއަށް ކުރިމަތިވެފައި އެވަނީވެސް ހަމަ ހާދީފަދަ އަނިޔާވެރި ފިރިހެނެއްގެ ފަރާތުން ކުރިމަތިވި  ޖިސްމާނީ އަނިޔާތަކެއްގެ ގެއްލުމެވެ. ރުޅިއައިސްހުރެ އަޅުގަނޑަށް އަހައިލެވުނެވެ.

"ރީމާއެވެ! ކިހިނެއް ހެއްޔެވެ؟ އަހަރެމެން މިހުރިހައިކަމެއް ޤަބޫލުކޮށްލައިގެން ހަމަތިބެންވީ ހެއްޔެވެ؟"

"ޝުޝް" އަޅުގަނޑުގެ ދައްތައިންނާއި ކޮއްކޮއިން އަޅުގަނޑު ހުއްޓުވިއެވެ. އެތާތިބި އެހެން ކުދިންނަށް އެކަހަލަ ވާހަކައިގެ އަޑު ނުއިއްވުމަށްޓަކައެވެ. އަދި ދެދަތްޕިލަ ޖައްސައިގެންހުރެ އަނެއްކާވެސް ބުނެލެވުނެވެ.

"އެއީ އަހަރެންނަށް ފެންނަ އެއްޗެކެވެ. އަހަރެމެން، މި ފޫހި އިޙްތިފާލުގައި ބައިވެރިވުމަށްވުރެ، ރަސްގެފާނުގެ ގަނޑުވަރަށް ހިލައުކުންވެސް މާ ރަނގަޅުވާނެއެވެ."

"ސުލްޠާނާ!  މާކަންތައްގަނޑު ބޮޑުނުކުރާށެވެ." ނޫރާ، އަޅުގަނޑަށް ހަނދާންކޮށްދިނެވެ. އަޅުގަނޑުވެސް، އަޅުގަނޑަށް މިކުރެވޭ ކަމަކާ އަދި ކިޔޭ އެއްޗަކާމެދު ޙައިރާންވިއެވެ. އަދި މަޑުމަޑުން ބުނެވުނެވެ.

"ލޯބިވާ ދައްތާއެވެ! އަހަރެންނަށް ކަންތައްގަނޑު މި ބޮޑުކުރެވެނީ ދައްތައާ ހެދިއެވެ."

ނޫރާ އެއްވެސް ޖަވާބެއް ނުދެއެވެ. އޭގެބަދަލުގައި އިންޒާރެއްދޭގޮތަށް އަޅުގަނޑާދިމާއަށް ބަލައިލީއެވެ. އެކަމަކުވެސް އަޅުގަނޑަކަށް އަދިވެސް މަޑެއްކޮށެއް ނުހުރެވުނެވެ.

"ސުޢޫދީ ޢަރަބިއްޔާގެ އަންހެނުން، އެމީހަކަށް އުފުލޭނެ އެންމެ ގިނައެއްކޮށް  ހިލައެއްކޮށްގެން ގެނެސް، މިފިރިހެނުންނާދިމާއަށް އުކަންވީއެވެ." އަޅުގަނޑުގެ 8 ދައްތައިންނާއި ކޮއްކޮއިން، ނޫރާ އާއި ރީމާ އަދި ތަހާނީ އާއި ބާހަރު، ދުނިޔާއާއި ނާޔަމް، އަދި ސަހާ އާއި ސުހާ އަޅުގަނޑާ ބައިވެރިވެ އާނއެކޭ ބުންޏެވެ. އަނގައިން ނުބުނެހުރީ ހަމައެކަނި ސާރާ އެވެ. ސާރާ އެއްވެސް އެއްޗެކޭ ނުބުނެ، އަނގަހިމޭނުން ލައިގެން މަޑުން ހުއްޓެވެ. އެހުރިހައިކުދިންވެސް ބިރުވެރި އިޙްސާސަކާއެކު އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބެވެ. މިދިމާވެގެންއުޅޭ ކަންތަކުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އަޅުގަނޑަށްކަން ސާރާ ދެނެގަތެވެ. އަދި ކުރިޔަށް ޖެހިލައި އަޅުގަނޑުގެ އަތުގައި ހިފައިލިއެވެ. އަދި އެހުރިހައި ކުދިންވެގެން އަޅުގަނޑު މަސަލަސްކޮށް މައިތިރިކުރިއެވެ. އޭރު، ފަރުދާގެ އަނެއްފަރާތުގައި މުނީރާގެ ކައިވެނީގެ ފަހުވަގުތުގެ ކަންކަން ކުރިޔަށް އެބަދެއެވެ.

ކުއްލިޔަކަށް އެތަނަށް އެނުކުތީ ހަށިގަނޑުގެ ނިވާކަންކުޑަ ހެދުންލައިގެންތިބި، މިސްރުގެ އަންހެންކުދިންތަކެކެވެ. އެއީ އެރަސްމިއްޔާތުގައި ނަށަން މިސްރުންގެނެސްތިބި ރީތި އަންހެންކުދިން ތަކެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.