އަމީރާ ސުލްޠާނާގެ ނާރެސް - 6

(6 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

ޢަލީގެ މީޓިންގރޫމަކީ ވަރަށްބޮޑު ތަނަވަސް ތަނެކެވެ. އަޅުގަނޑުމެންގޮސް މަޑުކޮށްލީ، މީޓިންގރޫމާޖެހިގެންހުރި ކޮޓަރީގައެވެ. އަޅުގަނޑުގެންގުޅޭ ބޮޑު އަތްދަބަސް، ހާވައި އޭގައިހުރި އެއްޗިއްސާ ކުޅެން ފެށީމެވެ. އާދައިގައި ނޫންގޮތަކަށް ކުރަންޖެހޭކަމަކަށް ހުއްދަހޯދަން އުޅެގެން ގިނަފަހަރަށް މައްސަލަތައް ބަދަލުވަނީ ނޫނެކޭ ބުނުމަށް ޖާގަދެވިގެންނެވެ. އެއީ ޢާންމުކޮށް، އަޅުގަނޑަށްދިމާވާ ގޮތެވެ. ގިނަފަހަރަށް އެކަމަކަށް ހުއްދައެއް ނުލިބޭނެއެވެ. އެހެންވީމާ، މިހާރު އަޅުގަނޑުހަދާގޮތަކީ، މާބޮޑަށް ކަންކަމާ ނުވިސްނައި، ޢަމަލުކޮށް ފިޔަވަޅު އަޅަނީއެވެ. އޭރަށް އެހެންމީހުން އެއަށް ރައްދުދޭނެއެވެ. އޭރު އެކަމެއް އޮންނާނީ، އޮންނަންޖެހޭ އެންމެ ރަނގަޅުގޮތަކަށް ވެ ނިމިފައެވެ. އެހެންހެދީމަ، އެފަދަ ކަންކަމާގުޅިގެން އުފެދޭ ހަމަނުޖެހުންތައް ގިނަފަހަރަށް އެހައި ހޫނެއް ނުވެއެވެ.

ތައްމާމު ތަޅަމުން އައި އަނގަވެސް ހުއްޓައިލިއެވެ. އެކަމަކު އިނީ ވަރަށްބިރުންނެވެ. އަނެއްކޮޓަރީގައި ދައްކާ ވާހަކަ ރަނގަޅަށް އަޑުނީވެދާނެތީއެވެ. އެކަމަކު، އަޅުގަނޑުއަތުގައި އޮތް އިލެކްޓްރޯނިކް ޑިވައިސެއް ދަބަހުން ނަގައި، އެއެތި އޮންކޮށް، އޭގެއަޑުއަހާބައި ކަންފަތުގައި ހަރުކޮށްލުމުން، ތައްމާމްގެ މޫނުމައްޗަށް އުފައުވެރިކަން ލިބިގެންދިޔައެވެ. ކަންފަތަށް ވައްދާލަން އޮންނަނީ ވަރަށްކުޑަ ކުޑަ އެއްޗެކެވެ. އެއެތި އަޅުގަނޑުޖެހީ ކަނާތު ކަންފަތުގައެވެ. އަޅުގަނޑު މިކަމެއްކުރިއިރު، ތައްމާމު އިނީ ވަރަށް ހިނިއައިސް އަޅުގަނޑާދިމާއަށް ބަލަހައްޓައިގެންނެވެ.

"ރަނގަޅު އަންހެނުންނާ އިދިކޮޅަށް، ފިރިހެންވެރިން ކުރާނެކަންކަން އެނގޭނީ ކާކަށް ހެއްޔެވެ؟" ކުޑަކޮށް އެއްލޯ މަރައިލަމުން ތައްމާމަށް ދޯ އެއް އެއްލައިފައި އަޅުގަނޑު ބުނީމެވެ.

އަޅުގަނޑު އެ ޑިވައިސް ގަތީ ނިއުޔޯރކުގެ ފިހަރަޔަކުން، މީގެ ދުވަސްކޮޅެއްކުރިންނެވެ. އެފިހާރައިގާ، ސިއްރުން އަޑުއެހޭ އެތައްވައްތަރެއްގެ ޑިވައިސް ވިއްކަން ހުއްޓެވެ. އެފިހާރައިގެ އިޝްތިހާރު އަޅުގަނޑަށް ފެނުނީ ހޮޓަލުގެ ގެސްޓް އިންފޮމޭޝަން ޕެކެޖްގެ ތެރޭގައި އޮއްވައެވެ. އުޅެންޖެހޭގޮތުން ސިއްރުވާހަކަ އަޑުއަހަން ޖެހޭތީ، ރަނގަޅު އެއްޗެކޭ ހިތަށް އަރައި އޭގެ އެއްޗެއް ގަނެވުނީއެވެ. އޭގެ ފައިދާ ވަރަށް ބޮޑެވެ. ޖާސޫސްކޮށްގެން ސިއްރުން އަޑުއަހަން ބޭނުންވާ ވަރަށްގިނަވާހަކަ އަޑުއަހައި ލެވެއެވެ. އަމްދުން، އަޅުގަނޑުގެ ޙަޔާތުގެ އެދުވަސްވަރު، އަޅުގަނޑުގެ ހަގުދަރިފުޅު، އަމާނީގެ ޙަރަކާތްތައް ބަލައި ބެލެހެއްޓުމަކީ، ކޮންމެހެން ކުރަންޖެހިފައިއޮތް ކަމެކެވެ. ދީނީކަންކަމުގައި އަމާނީގެ ހަރުކަށި ފިކުރު ހުންނަގޮތުން، އެމަންޖެޔަށް ގެއްލުމެއްލިބިދާނެފަދަ ކަމެއް، އޭނާއަށް އަމިއްލަޔަށް ކުރެވިދާނެކަމަށްޓަކައެވެ. ދީނީކަންކަމުގައި އަމާނީއަށް ބޭނުންވާ ފަތުވާގެ ތަފްޞީލް ދީދީގޮސް،  އަޅުގަނޑު ހުންނަނީ އަނެއްއަތަށް އަޅައިފައެވެ. އަދި އެދުވަސްވަރުއްސުރެ ފެށިގެން، އެ ޑިވައިސް ބޭނުންކުރުން، އަޅުގަނޑު ހުއްޓައިލީމެވެ. ތައްމާމުގެ ގެޔަށް އައުމުގެކުރިން، އެ ޑިވައިސްހޯދައި، އަޅުގަނޑުމެންގެ ޙަޔާތުގައި ޚުދުމުޚުތާރު ގޮތްގޮތްނިންމާ ބާރުގަދަ ފިރިހެންވެރިން، ދައްކާ ވާހަކަ އަޑުއެހުމަށް ތައްޔާރުވީމެވެ.  ކަންފަތަށް އެ ގަގެޓް ލައްވައިލައި ހެޔޮވަރުކޮށްލުމަށް އަތްކާއްތައިލީމެވެ. ވޭތުވެދިޔަދުވަސްތަކުގައި ގަގެޓްގެ ބޭނުންކުރެވިފައިވާގޮތަށް ބަލާއިރު، އޭތި މަސައްކަތް ނުކުރިނަމަވެސް، ޖެހިގެންހުންނަ ކޮޓަރީގައި ދައްކާ ވާހަކައިގެ އަޑު، އަޅުގަނޑުމެންތިބި ކޮޓަރިޔަށް ސާފުކޮށް އިވޭނެއެވެ.

އުއްމީދުން ފުރިގެންވާ ހިނިތުންވުމެއް އަޅުގަނޑު، ތައްމާމަށް ހަދިޔާކުރީމެވެ. އެހެންނަމަވެސް، ހަމައެއާއެކު، ތައްމާމަށް ލިބިފައިވާ ހާސްކަމާއި ގެންފައިވާ ބިރުގެ ތަދު، އަޅުގަނޑަށް އިޙްސާސްވިއެވެ. އަޅުގަނޑުގެ ފަހަރި އެއިނީ، ގަބުވެފައެވެ. އަނގަމަތި އެއިނީ ދެއަތްތިލައިން ނިވައިކޮށްގެންނެވެ. އަޅުގަނޑު، ހަމަ ގަސްތުގަ ގަގެޓްގެ އަޑު އެންމެ ބާރުކުރެވެންހުރި ވަރަށް ބާރުކޮށްލީމެވެ. ޖެހިގެންހުރި ކޮޓަރީގައި، ކަރީމާއި އަސަދާ އަދި އަޙްމަދަށް، ޢަލީ މަރުޙަބާކީ ވަރަށް ޖަޒުބާތާ އެކީ އުފަލުންނެވެ.

ތައްމާމު، އަޅުގަނޑު ސަމާލްކަމަށްގެނައުމަށްޓަކައި ހިތްހަމަޖެހުމުގެ އިޝާރާތެއްކޮށްލިއެވެ. ހިތްހަމަޖައްސައިލުމުގެ ނޭވާއެއްލުމަށްފަހު، އަނގަމަތީ އަތްއަޅައިލެވުނެވެ. ޝުކުރުކުރުން ޙައްޤެވެ. އެއީ، އެމީހުން އެމީހުންނަށް، އެކަކުއަނެކަކަށް މަރުޙަބާކިޔުމުގައި މާބޮޑު ހިތްހަމަނުޖެހުންތަކެއް ފައުޅުނުވެ ދިޔައީތީއެވެ. އެމީހުންގެ ވާހަކަތަކުގެ އަޑުއަހަމުންދިޔައިރު، އަޅުގަނޑަށް އަމިއްލަޔަށްވެސް ހިނި އައުދެވުނެވެ. އެގޮތަށް، މީހުންދައްކާ ސިއްރު ވާހަކަތަކުގެ އަޑުއެހުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެކެވެ.

4 މީހުންގެ އަޑެއްބަޑެއްނީވޭތާ އެތައްއިރެއް ވެއްޖެއެވެ. އެމީހުންބޭނުންވާގޮތަކަށް އެމީހަކަށް ކަމުދާގޮތަށް ސައިހަދަނީކަމަށް ވެދާނެއެވެ. އެމީހުން ވާހަކަދައްކަންފެށިއިރު، ވާހަކައިގެ މިޞްރާބު އޮތީ ބަދަލުވެފައެވެ. ބޭނުމެއްނެތް ވާހަކަތަކުންނެވެ. ކޮންމެ މީހަކުވެސް، އަނެކާގެ ޞިއްޙަތު ސަލާމަތުންހުރިކަމާއި ޙާލު ރަނގަޅުކަން ކަށަވަރުކުރިއެވެ. ވިޔަފާރީގެ ބައެއްވާހަކަތައްވެސް އޭގެތެރޭގައި ދިޔައެވެ. ރަސްގެފާނުގެ ޞިއްޙީ ޙާލުކޮޅުގެމައްޗަށްވެސް އެތައް އިރެއްވަންދެން އެމީހުން ވާހަކަ ދެއްކިއެވެ. ކޮންގ ފަހުދު އެއީ އަޅުގަނޑުގެ ބޮޑުބޭބެ އެވެ. އަދި އަޅުގަނޑުގެ ޢާއިލާއިން އެންމެގާތް ބަލަދުވެރިޔާވެސް މެއެވެ. އެރަސްގެފާނުގެ ވެރިކަން ސުޢޫދީގައި ނެތްދުވަހެއް އަތުވެއްޖެނަމަ، ރަސްކަން ހަލާކުވެ ޤައުމުގެ ޙާލަތު ވަރަށްގޯސްވާނެކަމުގައި ގިނަބަޔަކު  ޤަބޫލުކުރެއެވެ.

އަޅުގަނޑުގެ ކެތްމަދުވެފައި ވަނިކޮށް، އަޙްމަދު ވާހަކަ ފަށައި އެ 4 މީހުންގެ ވިސްނުން އެއްމިޞްރާބަކަށް ބަދަލުކޮށްލިއެވެ.

"ޢަލީއެވެ! މުނީރާ މީހަކާ އިންނަން އުޅޭވާހަކަ އަހައއިފީމެވެ." އަޙްމަދު އިސްނަގައި ވާހަކަ ދެއްކިއެވެ. އިރުކޮޅަކަށް، މުޅިތަން ހަމަހިމޭންވެލިއެވެ. ކުއްލިޔަކަށް ޢަލީ ރަނގަބީލު ޖަހައިލިއެވެ. އެއަޑަށް ޚާދިމަކު ޙާޟިރުވުމުން، އެމީހުންގެ ސަޔާއެކު ކާން ޕާން ގެންނަން އެދުނެވެ. އަޅުގަނޑަށް ހީވާގޮތުގައި، އަޅުގަނޑުގެ ބޭބެ ޢަލީގެ މަޤްޞަދަކީ، އެކުރެވުނު ހީނުކުރާ ސުއާލަށް ޖަވާބުދޭން ވަގުތު ހޯދުމެވެ. ބޭބެއަކީ، ހިސާބަށްވުރެ ގިނައިން ކާ މީހެކެވެ. ކާލެއްގިނަކަމުން، މީހާ ހުންނަނީ ހަތަރެސްކަން އެއްވަރު ވެފައެވެ.

ސިއްރުން އަޑުއަހާ ޑިވައިސް ބަރާބަރަށް މަސައްކަތްކުރަމުން ގެންދެއެވެ. މާމުއި ހާކައިފައިވާ ޕާންބުރިއެއް އަނގަޔަށްލައި ބޭބެ ޢަލީ، ހަފާލިއަޑުވެސް ވަރަށް ސާފުކޮށް އިވުނެވެ. އެހެން މީހުން އަނގައިން ބަހެއްނުބުނެ މަޑުން ތިބީއެވެ. އެންމެފަހުން، އަސްލު ވާހަކަޔަށް އެންމެންގެ ސަމާލުކަން ދަމައިގަތެވެ. ޢަލީ، ކޭއެއްޗެތި ކޮންމެވެސް ވަރަކަށް ހަޖަމްވުމުން ކަންނޭނގެއެވެ. އަޙްމަދުގެ ސުއާލަށް ޖަވާބުދޭން، ޢަލީ ތައްޔާރު ވެއްޖެއެވެ.

"އާނއެކެވެ! ތިބުނީ ރަނގަޅަށެވެ. އަޙްމަދެވެ. މުނީރާ މިހާރު އެހުރީ ފިރިފުރާވަރަށް އަޅައިފައެވެ. މުނީރާ އާ ގުޅޭ ރަނގަޅު މީހަކު އަހަރެންނަށް ފެނިއްޖެއެވެ." ޢަލީގެ ޖަވާބު ސާފުވެފައި ސާދާއެވެ. ކައިވެނީގެ ތާރީޚުވެސް އޮތީ ކަނޑައެޅިފައެވެ. އެކަމަކު، ޢަލީގެ ވާހައިގާ އެވާހަކައެއް ނުބުނެއެވެ. ޔަޤީންކަމާއެކު، ކުއްލިޔަކަށް އެވާހަކަ ބުނަން ޢަލީ ޖެހިލުންވީކަމަށް ވެދާނެއެވެ.

ކަރީމް ކަރުކެހިލައި ކަރުތެރެ ސާފުކޮށްލުމަށްފަހު، ލަސްލަހުން ވާހަކަ ދެއްކިއެވެ.

"ޢަލީއެވެ! އަހަރެމެންނަކީ، ޅިޔަނުންގެ ގޮތުގައި ނުބަލައި، ޢަލީގެ އަމިއްލަ ޢާއިލާގެ ކޮއްކޮއިންކަމުގައި ބަލާށެވެ. އަހަރެމެން މިއައީ، ޢަލީއަށް އެހީތެރިވެ ދިނުމަށެވެ. ބޭނުންވާ ކޮންމެ ކަމެއްގައެވެ. ޢަލީގެ ކޮންމެ ނިންމުމަކަށް އަހަރެމެން ތާއީދު ކުރާނަމެވެ."

"އެއީ ތެދެކެވެ!" އަސަދުވެސް ކަރީމްގެ ބަހަށް ބުރަވާގޮތަށް، ކުރުކޮށް ބުނެލިއެވެ. ޢަލީ ކަރުތެރެ ބެދިފައިހުރިގޮތަކަށް ކަރުކެހެމުން ކަހަލަގޮތަކަށް ބުނެލިއެވެ.

"ޢަލީއެވެ! އިންސާނާގެ ޙަޔާތަކީ މައްސަލަތަކުން ފުރިގެންވާ އަދި ބޭނުންހުރިހައިކަމެއް ފުދިގެން އުޅެވޭނެފަދަ ގޮތަކަށް އިންތިޒާމްކުރެވިފައިވާ އެއްޗެއްނޫނެވެ. މުނީރާ، ކައިވެންޏާމެދު ވިސްނާގޮތާއި މުނީރާއާ ކައިވެނިކުރާ މީހާގެ މުސްކުޅި ޢުމުރުގެ މައްޗަށް ނަޒަރު ހިންގައިލިނަމަ، ކޮންފަދަހޭ ހިތައް އަރައެވެ."

އަޙްމަދަކީ، ގިނައަނގަތަކެއް ނުތަޅައި ސީދާ ޕޮއިންޓަށް ވާހަކަ ބިނާކުރާ ކުއްޖެކެވެ.

"ހާދީގެ އަމިއްލަ ދަރިންނަށްވުރެ، މުނީރާ ޅައެއްނޫން ހެއްޔެވެ؟"

އަޙްމަދުގެ މިސުއާލުން މުޅިތަން ހަމަހިމޭން ވެގެންދިޔައެވެ. ތަނުގެ ހަމަހިމޭންކަން ކަނޑުވައިލީ އަސަދުގެ އަޑެވެ.

"މުނީރާ މީހަކާ އިންނަންޖެހޭ ކަމަށްވަންޏާ، މުނީރާގެ ޢުމުރާގުޅޭއެހެން މީހަކު  ހޯދައިފިނަމަ، މުނީރާ ގަޔާވެދާނެ ދޯއެވެ!"

ޢަލީއަކީ އޭނާ ނިންމާ އަމިއްލަ ނިންމުންތަކަށް ބަދަލުގެންނަން، މިކަހަލަ ގޮތަކަށް ފާޑުކިޔައި ހެދުމަށް އެއްގޮތަކަށްވެސް ރުހޭނެ މީހެއްނޫނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.