ހިޔާ މަޝްރޫޢުގައި ހިމެނޭ ސްޓެލްކޯ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފި

ހިޔާ މަޝްރޫޢުގައި ހިމެނޭ ސްޓެލްކޯ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ސްޓެލްކޯ އިން ބުނީ ސްޓެލްކޯގެ ޚަރަދުގައި އެކުންފުނީގެ ފްލެޓްކަށް ކަރަންޓް ދިނުމަށް ނިންމާފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބޭއްވި ބައްދަލުވުމުގައި ކަމަށެވެ. އަދި އެ ނިންމުމާއި އެއްގޮތަށް ކަރަންޓު ދިނުމަށްޓަކައި ބަހައްޓަންޖެހޭ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ހީކުރިވަރަށްވުރެ ލަސްވެފައިވީނަމަވެސް ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެޓްތަކަށް ސެޕްޓެންބަރު މަހު ކަރަންޓްގެ ޚިދުމަތް ދެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް އެޅުމުގެ މަޝްރޫއު ކުރިއަށް ދަނީ ބްރައުންސް – ސީއެމްއީސީ ކުންފުންޏާއި ހަވާލުކޮށްގެން ސްޓެލްކޯގެ އެއްބާރުލުމާއެކުގައެވެ.

އެ މަޝްރޫއުގައި ސްޓެލްކޯގެ މަސްއޫލިއްޔަތަކީ އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް އެ މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް، ޓެކްނިކަލް ކޮންސަލްޓެންސީ ދިނުމެވެ. އަދި އެ މަޝްރޫއުގެ ދަށުން މި ވަގުތު ކުރިއަށް ދަނީ ޑިޒައިންތައް ބަލާ ފާސްކުރުމާއި މައި ސަބްސްޓޭޝަންގެ އަމަލީ މަސައްކަތް ކަމަށް އެޗްޑީސީން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.