(5 ޖޫން 2022 ގެ ބަޔާ ގުޅޭ)
އަޅުގަނޑު ޤަބޫލުކުރާގޮތުގައި، އަޅުގަނޑަކީ އެހާ އުފާވެރި މިޒާޖެއްގެ މީހެއްނޫނެވެ. އަދި، އެހެންމީހުންނަށް ދެއްކުމަށްޓަކައި ކަންކަންކުރާމީހެއްވެސް ނޫނެވެ. އަޅުގަނޑުގެ ދެބެންގެ ދެދަރިކުދިންނާ ތަފާތުކޮށް އަޅުގަނޑަކީ އަނގުންތައް އެހާ ދިގުމީހަކަށްވުމުގެ ނަޞީބު ލިބިފައެއް ނުވެއެވެ. އެހެނަސް، އަޅުގަނޑުގެ ފައިކުރު ނަމަވެސް ބުރުސޫރަ ލިބިގެންވެއެވެ. ފުންނާބު އުސް ނޫކުލައިގެ ފައިވާނަށް އެރީމަ، އިސްކޮޅު ދެމިލާނެ ފުރުޞަތު ލިބިފައިއޮންނާތީ އެއީ އަޅުގަނޑާގުޅޭ ކަމެއްކަމަށް، އަޅުގަނޑު މިހުންނަނީ ނިންމައިގެންނެވެ. އަޅުގަނޑުގެ ދިގު އިސްތަށިގަނޑު، ސާރާއާއި މާއިސާއާ ވާހަކަ ދައްކަން ހުރިއިރު ހުޅިޖަހާލީމެވެ. އަޅުގަނޑުގެ މޫނު ހާމަކޮށް ދައްކާލުމުގެ ފުރުޞަތު ލިބުނީތީ ވަރަށް އުފާކުރީމެވެ. އަދި ލައިގެންހުރި އަގުބޮޑުހެދުން ދައްކާލައި، ނިއުޔޯރކްފަދަ ބޮޑު ސިޓީއެއްގެ މަގުމަތީ މިނިވަންކަމާއެކު ހިނގާލަން ލިބުނީތީ ވަރަށް އުފާވެއެވެ. އެވެސް، ހަށިފާރަވެރި ފިރިހެނެއްގެ އެހީއާ ނުލައެވެ.
އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި، ހުޅަނގުގެ އަންހެނުންނަކީ އެމީހުންހީކުރައްވާވަރަށްވުރެ ނަޞީބު ގަދަ ބަޔެކެވެ. މިޚިޔާލަކީ އަފާފަށް އަމާޒުކުރެވުނު ވިސްނުމެކެވެ. މިމިނިވަންކަން ލިބިގެންވާ ދުވަހާ، އަފާފު ވަކިންބޮޑަށް ގަޔާވާނެއެވެ. އަޅުގަނޑަށްވުރެވެސް ބޮޑަށެވެ. މާއިސާއާ ދިމާއަށް ބަލާލައި އަޅުގަނޑު ހީލީމެވެ. އޭނާއަކީ، އޭނާއަކީ އެހެންމީހުންނަށް އޭނާ ފެންނަގޮތަށް އެހާބޮޑަށް އަޅާލާ މީހެއްނޫނެވެ. އެހެންނަމަވެސް މިއަދު އޭނާލައިގެންހުރި ކަޅުކުލައިގެ ހެދުމުން އޭނާގެ ނަލަކަން ބޮޑަށް ފާޅުވެގެން ދެއެވެ. ސާރާ ލައިގެންހުރި ކަރުބޮޑު އަދި އަތްދިގު ހެދުމުން، އަޅުގަނޑާ އަދި މައިސަރާއަށްވުރެވެސް ޅަކަމަށް ދައްކައެވެ. މަގުމަތިން ހިނގާފައިދާއިރު، އަޅުގަނޑާދިމާއަށް މީހުން ބެލީމާ އަޅުގަނޑުގެ އަންހެންވަންތަކަން އިޙްސާސް ކުރެވެއެވެ. މީހުންބަލާތަން ފެނުމުން ކުރެވެނީ އެހެންކަހަލަ އިޙްސާސެކެވެ. އަޅުގަނޑު ބަލައިލިއިރު، ގިނަފިރިހެނުން ބަލަނީ ސާރާއާ ދިމާއަށެވެ. އެކަމަކު އަޅުގަނޑުމެންނާ ދިމާއަށްވެސް އެހާގިނަމީހުން ބަލައެވެ.
އެފިހާރަޔަށް ވަދެވުނީމަ ޢާންމުކޮށް އަޅުގަނޑު ކަންކުރާގޮތަށް، އަޅގަނޑުގެ ލޮލުގައި އަޅައިގަތް ހުރިހާއެއްޗެއް ގަތީމެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ކައިވެނި ޕާޓީއަށާއި ބޭރަށްދާން ބޭނުންކުރާ އަގުބޮޑު، ފަންސާހަކަށް ހެދުން ގަނެލީމެވެ. ހެދުމަކީ ސަޢުދު ޢާއިލާގެ މެދުގައި ހެދުމުގެ ވާދަޔަކީ ވަރަށް ވަރުގަދަ ހަނގުރާމައެކެވެ. އެހެންކަމުން، އަޅުގަނޑު އިޚްތިޔާރުކުރީ، އެންމެ އައު ފެޝަންތަކުގެ އަދި އަގުބޮޑު އޮރިޖިނަލް މޮޑެލްތަކުގެ ހެދުމެވެ. ހެދުންތައް ހެޔޮވަރުކުރަން އަޅުގަނޑުގެ ވަގުތު ބޭކާރެއް ނުކުރަމެވެ. އަޅުގަނޑަށް އާދަވެފައިހުރީ، އަޅުގަނޑު އަޅައިގަންނަ ހުރިހާ އެއްޗެއް ގަތުމެވެ. ހެޔޮވަރުތޯއެއް ނުބެލެއެވެ. ރަށަށް ގޮސް ހެޔޮވަރުތޯ ބެލުމަށްފަހު، ހެޔޮވަރުނުވާ އަދި ކިރިޔާވެސް ހިތްހަމަނުޖެހޭ ހެދުމެއް އޮތިއްޔާ އެހެންމީހުންނަށް ދެނީއެވެ. އަޅުގަނޑަކީ އެހާ އަމިއްލަ އެދުންބޮޑު މީހެއްނޫނީމެވެ. ހުރިހާ ކުދިންނަށާއި ކަރީމަށްވެސް އަޅުގަނޑު ވަރަށްގިނަހަދިޔާ ގަތީމެވެ.
ސިލްކު ބްލައުޒްގެ ޑަޒަނެއް އެއްސްޓައިލަކުން އެކިކުލައިން ނަގަން އަޅުގަނޑު ބޭނުންވިއެވެ. އަދި އަޅުގަނޑަށް އެއްޗެތި ދައްކަންހުރި ކުއްޖާގާތު އެވާހަކަ ބުނުމުން، އަޅުގަނޑުމީ، ސުޢޫދީ ޝާހީޢާއިލާގެ މީހެއްކަން އެކުއްޖާ ދެނެގަތެވެ. އަދި ފިހާރައިގެ މެނޭޖަރަށް އޭނާ ގޮވާލިއެވެ. އޭގެފަހުން، މެނޭޖަރުވެސް އައިސް، ބަރގްޑޯރފް ގުޑްމަންގެ އެންމެ ޒަމާނީ ހެދުންތައް އަޅުގަނޑުގެ ކުރިމައްޗަށް ހުށަހެޅުނެވެ. އެއަށްފަހު، އަޅުގަނޑުގަތް ތަކެތި އަޅާފަހުރި ކޮތަޅުތައް ހިފަން، އެފިހާރައިގެ ދިހަވަރަކަށް މުއައްޒަފުން އައެވެ. ބަރގްޑޯރފް ގުޑްމަންއަށް އައިސް އަޅުގަނޑުމެން ކުރި ބާޒާރަކީ އެދުވަހު ހިނގި އެންމެ މުހިންމު ޙަރަކާތްކަން އެއެންމެންގެ މޫނުމަތިން ފާޅުވެ އެނގިގެންދިޔައެވެ. ސާރާއާއި މައިސަރާ ގަތްތަކެއްޗަށް ބެލިއިރު ފަސްކޮތަޅަށްވުރެ ގިނައެއްނުވާނެއެވެ. އަޅުގަނޑު ގަތްތަކެތި އެޅުނީ ތިރީހަކަށް ކޮތަޅަށެވެ. ކަރީމު އަޅުގަނޑަށްދިން ކާރޑަށް އިތުރު ފައިސާ އަޅަންޖެހޭނެކަމަށް އަޅުގަނޑު ހީކުރީމެވެ. އެކަމަކު، އަޅުގަނޑު ގަތްތަކެއްޗަށް އެރީ 388 ހާސް ޑޮލަރުކަން އެނގުމުން ވަރަށް ހިތްހަމަޖެހުނެވެ.
ކަރީމު، އަޅުގަނޑަށްދިން ހަދިޔާގެ ވާހަކަ ސާރާގާތު ބުނުމުން، އޭނާ ޙައިރާނެއް ނުވެއެވެ. އެހެނީ، ސުޢޫދީ ޝާހީ ޢާއިލާގެ މެންބަރުންނަކީ މުއްސަނދިބަޔެކެވެ. އަދި އަޅުގަނޑުމެން މިކަހަލަގޮތަކަށް ބާޒާރުކޮށްލަން އަތުވެއްޖިއްޔާ ގަންނަހިތްވާ ހުރިހާ އެއްޗެއް ގަންނާނެއެވެ. އަޅުގަނޑުމެންގެ ފިރިންކުރާ ވިޔަފާރީގެ އަގުބޮޑު މުޢާމާލާތުތަކަށް ބަލާއިރު، އަޅުގަނޑުމެން ބާޒާރުކުރަން ޚަރަދުކުރާ ފައިސާއަކީ އެއްވެސް އެއްޗެއްނޫނެވެ.
މާއިސާ އުފަންވީ ފަލަސްތީނުގެ އިސްލާމީ ޢާއިލާއަކަށެވެ. އެހެންކަމުން އަޅުގަނޑުގެ ބާޒާރުކުރުމުގެ ސްޓައިލަކީ، އޭނާއެހާ ގަޔާވާ ކަމެއްނޫނެވެ. މާއިސާ ޢާންމުގޮތެއްގައި ބުނެއުޅޭ ބަހެއް އޮވެއެވެ. "މުދާއެއްކޮށް ދުނިޔެ ހޯދުމަކީ، އަމިއްލަޔަށް ތިމާހޯދާ ތަކުލީފެކެވެ." އަޅުގަނޑާދިމާއަށް ބަލާލައިފާ، މާއިސާ ހިތަށް އުނދަގޫވެފައިހުރި ގޮތަކަށް ބޯހޫރާލިއެވެ.
"އަހަރެން އިތުރު 100 އަހަރު ދުނިޔޭގައި ހުއްޓަސް، މިޢާއިލާއިން ގަންނަ ޖަވާހިރުތަކާ އެއްވަރަށް އެއެއް ނުގަނެވޭނެއެވެ. ސުލްޠާނާއެވެ! ކަލޭވެސް، އަގުބޮޑު ޖަވާހިރާ ހެދުންތައް ގަންނަން ތިހުރީ ހަމަ ރަނގަޅަށް ދެވިހިފާފައެވެ." މާއިސާ ބުނެލިއެވެ.
މާއިސާ އެހެން ބުންޏަސް އަޅުގަނޑުގެ ހިތުގައި އޭނާގެ މައްޗަކަށް ހިތްބަރެއް ނުކުރަމެވެ. އޭނާގެ މުޅި ޙަޔާތް، އަމިއްލަ ކަންކަމުން ދުރުހެލިވެ އެހެންމީހުންނަށްޓަކާ ހުސްކޮށްގެންހުރި މީހަކު އެހެން ބުނާއެއްޗަކަށް ދެރަވާނެކަމެއް ނެތެއްނޫންތޯއެވެ ؟ މާއިސާގެ ފިރިމީހާގެ މުދަލުން ފަޤީރުންނަށް ޞަދަޤާތްކުރުން އެއީ އޭނާ އެންމެބޭނުންވާގޮތްކަން އަޅުގަނޑަށް އެނގެއެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނިކަމެތި 80 ޢާއިލާއަކަށް، މާއިސާއާއި ނާއިފް އެހީވެ ޚަރަދުކުރިކަން އަޅުގަނޑަށް އެނގެއެވެ. ހަމައެކަނި ގެދޮރު އަޅައިދީ، ކާންދީ އަންނައުނުދިނިކީ ނޫނެވެ. އެ 80 ޢާއިލާގެ ކުދިންގެ ކިޔެވުމުގެ ޚަރަދުތައްވެސް ހަމަޖައްސައިދިނެވެ. މާއިސާ އެބުނި އެއްޗަކުން އަޅުގަނޑު ރުޅިނާންނަކަން އަނގާލުމަށްޓަކާ މާއިސާ ގައިގާ ބައްދާލީމެވެ. އަޅުގަނޑުގެ ދިރިއުޅުމުގެ ވަށްޓަފާޅި ރަނގަޅުކަން އަންގާކަށް ކޮންމެހެން ނުޖެހެއެވެ. ކިތަންމެ ގިނައިން އަގުބޮޑު ހެދުމާ ގަހަނާ ގަތަސް، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކާ ބަލާފަ، ކަރީމާއި އަޅުގަނޑުވެސް، ނިކަމެތި އެތައް ބަޔަކަށް ވީވަރަކުން އަޅާލައި އެހީތެރިވަމުން ގެންދަމެވެ. އެއީ އެންމެންނަށް އެނގެންޖެހޭ ކަމެއްކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. އެއަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށް ކުރެވޭނީ ކޮން ކަމެއްތޯއެވެ.
ޑިޕާރޓްމަންޓް ސްޓޯރގައި ބާޒާރުކުރަންއުޅެ ވަރުބަލިވެފައިހުރިވަރުން، ހޮޓަލަށް އައިސް އަޅުގަނޑު ޖައްސާލީމެވެ. ރޭގަނޑުގެ ކެއުމުގެ ގަޑިޖެހެންވާއިރަށް ކުޑަކޮށް އަރާމު ކޮށްލުމަށެވެ. ކަރީމްވެސް ހަވީރުވެގެންދިޔައިރުވެސް އެނބުރި ނާދެއެވެ. އަޅުގަނޑުގެ ދައްތައާއި އަނެއް ދެއަންހެނުންވެސް ވަރުބަލިފިލުވާލަން ތިބޭނީ ކޮޓަރީގައިކަން އެނގެއެވެ. ފޫހިވާގޮތްވެސް އިޙްސާސްވިއެވެ. އަޅުގަނޑުގެ ނޯޓުފޮތް ނެގީމެވެ. އަދި އެމެރިކާގައި ތިބި ކުރީއްސުރެ ދެކެފަރިތަ ރައްޓެހި ރަޙުމަތްތެރިންނާ ގުޅަލަން ހިތަށް އެރިއެވެ. އަޅުގަނޑުގެ ރައްޓެހި އޭން އެވެކިޔާ ކުއްޖަކަށް ގުޅާލީމެވެ. އޭނާހުރީ އަޅުގަނޑު ގުޅަލީމަ އުފަލުންގޮސް ފޮޅިފައެވެ.
"މާތްކަލާކޯއެވެ! ތިގުޅީ ސުލްޠާނާ ހެއްޔެވެ؟ ރިޔާޛުން އަހަރެންހުރީ ސުލްޠާނާއަށް ގުޅާލަން ކެތްމަދުވެފައެވެ. އެކަމަކު، އަހަރެމެންގެ ފޯނުގެ އަޑު، ކޮންމެވެސް މީހަކު އަހާފާނެކަމުގެ ބިރަށް ފޯނުކުރަން ނުކެރުނީއެވެ." އަޅުގަނޑު ހީލީމެވެ. އަޅުގަނޑުގެ ޤައުމުގެ ހުރިހާ ފޯންކޯލްތަކެއް ރިކޯރޑް ކުރެވޭކަން އޭން އަށް އެނގޭނެއެވެ.
"ސުލްޠާނާއެވެ! ވަރަށް ދެރަކަމެއް ވެ ނިމިއްޖެއެވެ. އަދި 5 އަހަރުވެސް ނުފުރޭ ކުޑަ އަންހެންކުއްޖަކު ވަގަށްނަގައިގެން ކަލޭމެންގެ ޤައުމަށް ގެންގޮއްސިއެވެ. އެކުއްޖާގެ މަންމައަތުން އަތުލައިގެން ތިޤައުމަށް ވަގަށް ގެންދިޔައީ އެކުއްޖާގެ ސުޢޫދީ ބައްޕައެވެ. އެކުއްޖާގެ މަންމަގެ ހާލުވަރަށް ދެރައެވެ. އަހަރެން ގުޅާލަން ބޭނުންވީ، އެކުއްޖާ ހޯދުމުގައި ސުލްޠާނާގެ އެހީތެރިކަމެއް ލިބިދާނެތޯ ބަލާށެވެ." އޭން، ވަރަށް އަސަރާއެކު ބުންޏެވެ.
އޭންގެ ވާހަކަ އިވިފައި އަޅުގަނޑުގެ ހިތަށް ވަރަށް އުނދަގޫވިއެވެ. މިކަހަލަ ވާހަކަ އަޑުއަހާ ކޮޅުންލާކަށް ނެތެވެ. އެކަހަލަ ކަންކަމާ އަދި ވާހަކަތަކާ ދުރަށް އަޅުގަނޑުދާނީ ކިހިނެއްތޯއެވެ ؟ މިދައްކަނީ އަޅުގަނޑުގެ އަމިއްލަ ޤައުމުގެ ފިރިހެނުންގެ އަނިޔާވެރިކަމުގެ ވާހަކަތަކެވެ. މިކަހަލަ ވާހަކަތައް، އަޅުގަނޑުގެ ޙަޔާތައް އިރުއަރާ އޮއްސިދާ ކޮންމެ ދުވަހަކު އެބަ އިވެއެވެ. ކޮންމެވެސް އަންހެނަކަށް އަނިޔާލިބޭ ވާހަކަ ނުވަތަ ވަގަށް ނަގައިގެން ވިއްކާލެވޭ ވާހަކަ އަޑުނީވޭ ދުވަހެއް ނުދާނެއެވެ. އެކަމަކު، ސުޢޫދީގެ އެހެން އަންހެނުންނެކޭ އެއްގޮތަށް، އެއީ ހަމައެކަނި އަންހެނުންނަށް ކުރެވޭ އަނިޔާއެއްކަމަކަށް އަދި ހަމައެކަނި ޚާއްޞަކޮށް ސުޢޫދީގައި ހިނގާކަމެއްކަމަކަށް އަޅުގަނޑެއް ޤަބޫލެއް ނުކުރަމެވެ. އެއީ މުޅިދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ހިނގަމުން އަންނަ ކަމެކެވެ.
ހިތާމަހުރި ކަމެކެވެ. އެފަދަ ހާލަތްތައް ދިމާވެފައިތިބި އަންހެނުންނަށް އަޅުގަނޑަށް އަޅާލެވިފައިހުރީ ވަރަށް މަދުންނެވެ. އަދި މިވަގުތު އަޅުގަނޑު މިހުރީ އެކަހަލަ ކަންބޮޑުވާ ވާހަކަތަކަށް އިޖާބަދެވޭނެ ގޮތަކަށް ނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ، އެފަދަ ވާހަކަތަކާއި ކަންތައްތަކުން ހިތަށް ލިބިފައިވާ ހާސްކަން، އެމެރިކާގެ މިދަތުރުގައި ފިލުވާލައި ހިތްހަމަޖައްސައިލުމެވެ. މިދަތުރުގައި އަޅުގަނޑުގެ ފިރިމީހާ، އެމެރިކާއަށް އަޅުގަނޑު ގެނައި އެންމެބޮޑު އެއްބޭނުމަކީވެސް އެއީއެވެ. އެހެންނަމަވެސް، އޭރުވެސް އެދެމައިންނަށް ހަމްދަރދީވެ އަޅުގަނޑުގެ ހިތަށް އުނދަގޫވާން ފަށައިފިއެވެ. އޭން އެމަޑުކުރަނީ އަޅުގަނޑުގެ ޖަވާބަކަށްކަން އެނގެއެވެ. އަޅުގަނޑު، ފުންނޭވާއެއްލީމެވެ.
"އޭން އެވެ! އެކަހަލަ ކަމެއްގައި އަހަރެމެންގެ ޤައުމުގައި މީހަކަށް އެހީތެރިވެދިނުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ."
"ސުލްޠާނާއެވެ! އަހަރެންނަށް ތިކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކުވެސް އަހަރެން އުއްމީދުކުރަނީ، ސުލްޠާނާ މިކަމުގައި ކޮންމެވެސް ކަމެއް ކޮށްދޭނެ ކަމަށެވެ."
"އެ ފިރިހެން މީހާއަކީ އަހަރެމެންގެ ޢާއިލާ، އަލްސަޢުދު ޢައިލާގެ ޝާހީ މެންބަރެއް ހެއްޔެވެ؟" އަޅުގަނޑު ސުއާލުކުރީމެވެ.
"ނޫނެކެވެ. އެއީ ޝާހީޢާއިލާގެ މީހެއްނޫނެވެ. ހަމަ އާދައިގެ މީހެކެވެ."
"އެންމެ ރަނގަޅެވެ. ތިކަންވީގޮތް ކިޔައިދީބަލާށެވެ." ކުރިމަތީހުރި މޭޒުގެ އެއްފަރާތުގައިހުރި ގަޑިޔަށް އަޅުގަނޑު ބަލައިލީމެވެ. މިވާގޮތުން ރޭގަނޑުގެ ކެއުންވެސް ފަސްކުރަން ޖެހިދާނެއެވެ.
"ސުލްޠާނާއަށް ކަމެއް ކޮށްދެވުނަސް އަދި ނުދެވުނަސް، އެކުއްޖާގެ މަންމަ ގާތުގައި އެންމެ ކުޑަމިނުން، ސުލްޠާނާގާތު އެވާހަކަ ދައްކައިފީމޭ ބުނެލެވުމަކީވެސް، އެމަންމަގެ ހިތަށް ލިބޭނެ ތަސައްލީއެއްދޯއެވެ؟"
"އޭންއަށް އެނގިހުރި މިނަވަރެއްކިޔައިދީ ބަލާށެވެ!" ސިނގިރޭޓެއް ރޯކޮށްލައި އެތެރެޔަށް ދަމާލުމަށްފަހު، ދިގުނޭވާއަކާއެކު ދުންތައް ދުއްވާލަމުން އަޅުގަނޑު ބުނީމެވެ. މިވާހަކައިގާ ކުޑައިރުކޮޅެއް ހޭދަވާނެކަން އަޅުގަނޑަށް އެނގެއެވެ.
"އެއަންހެންކުއްޖާގެ މަންމަޔަށް ކިޔަނީ މާރގްރެޓް މެކްކްލޭން އެވެ. އޭނާއަކީ އާރކަނސާސް ސްޓޭޓް ޔުނިވަރސިޓީގެ އިންސްޓްރަކްޓަރެކެވެ. އެކުއްޖާގެ ބައްޕަ، ސުޢޫދީގެ ކިޔަވާކުއްޖެއްކަމުގައިވާ، އަބްދުލް ބާސިތު އަމްޢުމަރީ ކިޔާ، ކިޔަވާކުއްޖަކާ މާރގްރެޓް އާ ދިމާވަނީ އެތަނުންނެވެ."
އަލްޢުމަރީ؟ އެނަމުން ފާހަގަކުރެވޭ ވަކި ޢާއިލާއެއް އަޅުގަނޑަށް ފާހަގަ ކުރެވިފައެއް ނެތެވެ. އެކަމަކު، އަޅުގަނޑުގެ މަޢުލޫމާތު ހުންނާނީ ސުޢޫދީ ޝާހީ ޢާއިލާގެ އެތެރޭގައެވެ. ޢާއިލާއިން ބޭރުން އަޅުގަނޑަށް އެނގޭނީ މަދު ބަޔަކާ ބެހޭ މަޢުލޫމާތެކެވެ.
"އެނިކަމެތި އަންހެނާ!" އަޅުގަނޑުގެ ހިތް އެއަންހެންމީހާއަށްޓަކައި ހަމްދަރދީން ފުރުނެވެ. މަޔަކަށް އޭނާގެ ތުއްތު ދަރިފުޅަކު ގެއްލުމަކީ ހާދަހާވާ ވޭންދެނިވި ކަމަކަށް ވާނެއެވެ.
"ސުލްޠާނާއެވެ! ހައިދީ، އެތުއްތުކުއްޖާއަކީ މާރގްރެޓްގެ އެންމެ ހަގުދަރިފުޅެވެ. އެހެންމީހަކާ އިނދެގެން އޭނާއަށް އިތުރު ދެކުއްޖަކު ލިބިފައި ވެއެވެ. ހައިދީ ގެއްލުމަކީ މުޅިޢާއިލާއަށް ލިބިފައިވާ ހިތާމައެކެވެ. އެފަދަ ހިތްދަތިކަމެއް ބަޔަކު ތަޙައްމަލުކުރަމުންދާތަން އަހަރެން ދުވަހަކުވެސް ދެކެފައެއް ނުވަމެވެ."
އެއަންހެންމީހާއާ އޭނާގެ ޢާއިލާގެ ހިތާމަވެރި ޙަލަތުން އަޅުގަނޑުގެ ހިތަށްވެސް ފުންއަސަރުތަކެއް ކުރިއެވެ.
"ސުލްޠާނާއަށް ކޮށްލަދެވޭނެ އެއްވެސްކަމެއް އޮންނާނެ ހެއްޔެވެ؟ މާރގްރެޓްމެން އެތިބީ އެމީހުންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތިފައެވެ." އޭންގެ އަޑުގައިވެސް ވަނީ ވޭނީ އަސަރެވެ.
އަޅުގަނޑުވެސް އެކިކޮޅުކޮޅަށް ވިސްނުން ހިންގައިލީމެވެ. އަޅުގަނޑަށް ކޮށްދެވޭނީ ކޮންކަމެއްބާވައެވެ؟ އަޅުގަނޑު އޭނާއަށް އެހީތެރިވެދޭނީ ކޮންގޮތަކަށް ބާވައެވެ. ތެދުތެދަށް ދަންނަވާނަމަ، އަޅުގަނޑަށް ކޮށްދެވޭނެ އެއްވެސްކަމެއް ނެތެވެ.
"އެމެރިކާ ސަރުކާރުން ކަމެއްކޮށްދެވިދާނެބާވައެވެ؟ ތި އަންހެންމީހާ، އޭނާގެ ވާހަކަ އެމެރިކާގެ ރައީސާ ހަމަޔަށް ގެންދަންވީ ނޫންހެއްޔެވެ؟" އެންމެފަހުން އަޅުގަނޑު ބުނީމެވެ.
"އެމެރިކާގެ އެއްވެސް ރައްޔިތަކު އެކަހަލަ ވާހަކައެއް ސީދާ ރައީސާ ހަމަޔަށް ގެންދިއުމުގެ ހުއްދައެއް ނޯވެއެވެ." އޭން ހީލިއެވެ. އަދި އަޅުގަނޑަށް، އެހެންދޯއޭ ބުނެވުނެވެ.
"ސުޢޫދީ ޢަރަބިއްޔާގައި އާދައިގެ މީހާއަށްވެސް ރަސްގެފާނުގެ އަރިހަށް މައްސަލަ ހުށަހެޅެއެވެ. ޢާންމު ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކޫސަނި ކަންތައްތަކެއް ރަސްގެފާނު އަރިހަކަށް ނުގެންދާނެއެވެ. އެކަމަކު ބޮޑެތި ކަންކަން ހުށަހެޅޭނެއެވެ. އެކިއެކި ޤަބީލާތަކަށް ރަސްގެފާނު ޒިޔާރަތްވެސް ކުރައްވާނެއެވެ. އަދި އެބައިމީހުންގެ ވާހަކަތައް ވަރަށް ފަސޭހައިން ރަސްގެފާނަށް ދެންނެވޭނެއެވެ. ރަސްގެފާނު އެވާހަކަތައް އަޑުއައްސަވާނެވެސް މެއެވެ. ރަސްކަލަކަށްވުރެ، ރައީސަކު އަރިހަށް ދާން އުނދަގޫވާންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟" އަޅުގަނޑު، ވަރަށް ވިސްނުންތެރިކަމާއެކު މިކިޔޭ އެއްޗަކަށް ފަރުވާތެރިވެހުރެ ބުނީމެވެ.
(ނުނިމޭ)