އަމީރާ ސުލްޠާނާގެ ނާރެސް - 33

(4 މެއި 2022 ގެ ބަޔާ ގުޅޭ)

"އަޅުގަނޑަށްވެސް ހަމަދިމާވީ އެހެންނެވެ." އޮރިޔާންކަންބޮޑު ހެދުމުން ހަށިގަނޑުގެ ވަނާތައް ނިވައިކޮށްލަމުން އިތުރު ކުއްޖަކު ބުންޏެވެ. "އަޅުގަނޑު ދިރިއުޅުނީ ބެންގކޮކްގެ އުތުރު އަވަށެއްގައެވެ. އެތަނުން އަޅުގަނޑު ގެންދެވުނީ ބެންގކޮކަށެވެ." އެކުއްޖާ އިތުރަށް ތަފްޞީލު ކޮށްދިނެވެ. "އަޅުގަނޑުގެ އަގެއްގެ ގޮތުގައި ވަރަށްގިނަ އެމެރިކާ ޑޮލަރު އަޅުގަނޑުގެ ބޭބެއަށް ލިބުނެވެ." އެކުއްޖާއަކީ އަނގަގަދަ ކުއްޖެއްކަމަށްވާތީ, އަނގަ ހުއްޓާނުލައި ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"ޤަބޫލުކުރެވޭގޮތުގައި އަޅުގަނޑު ރެކްރޫޓް ކުރެވުނީ, ހައުސްމެއިޑެއްގެ ވަޒީފާއަށެވެ. އެކަމަކު އެއީ, ހުސްދޮގާއި އޮޅުވައިލުމާ އަދި މަކަރުނޫން އެހެން އެއްޗެއްނޫނެވެ." އެހެން ކުއްޖަކު ބުންޏެވެ.

"އަޅުގަނޑު ރެކްރޫޓް ކުރެވުނީ ފެކްޓަރީއެއްގައި ފަހާމީހަކަށެވެ. އަޅުގަނޑު, ދުވާލު އެއްކޮށް އުޅެންޖެހުނީ ފަހާށެވެ. ރޭގަނޑު ހަތަރުދަމު އުޅެންޖެހެނީ ކޮންމެވެސް ފިރިހެނަކަށް ޚިދުމަތްކުރާށެވެ. އަޅުގަނޑުގެ މިހާރުގެ ސާހިބާ ފަޟްލަށް އަޅުގަނޑު ވިއްކައިލުމުގެ ކުރިން, ތިންމީހަކަށް އަޅުގަނޑު ވިއްކައި ލެވުނެވެ.”

އަޅުގަނޑުގެ ހިތުގައި އެނބުރެމުން ސެނބުރެމުންދިޔަ އެތައް ވިސްނުމެއް އެއްތަންކޮށް އެއްގޮތް ކޮށްލުމަށް ހިތަށް އަރާ, މަހާއާ ދިމާއަށް ބަލައިލީމެވެ. މިކުދިންނަށް އެހީވެދެވޭނެ އެއްވެސް ގޮތެއް ނެތްކަން އަޅުގަނޑުގެ ލޮލުން މަހާއަށް އަންގައިދިނީމެވެ. މިކުދިންގެ މައިންބަފައިންނާއި ބަލަދުވެރިން, މިކުދިން މީސްމީހުންނަށް ވިއްކާފައި އޮތްއިރު, އެކަމުން މިކުދިން ސަލާމަތްކޮށްދިނުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއްތޯއެވެ؟”

"އަހަރެން ވިސްނާލަން ވަގުތުކޮޅެއް ދޭށެވެ! ހެދޭނެގޮތަކާމެދު ވިސްނާލަން އަހަރެން ބޭނުމެވެ." އެހިސާބުން, ރީތި ރީތި ޒުވާން އަންހެންކުއްޖަކު, ދެލޯފުރެމުން ފައިބަމުންއެދިޔަ ކަރުނަތަކުގެ ތެރެއިން އަޅުގަނޑާދިމާއަށް ބަލައިލަމުން އައިސް, އަޅުގަނޑުގެ އަތުގައި ހިފައިލިއެވެ.

"ސާހިބު ކަމަނާއެވެ! އަޅުގަނޑުމެން މިތަނަށް ދޫކޮށް ނުލައްވާށެވެ. އަޅުގަނޑުގެ ވާހަކަ އަޑުއައްސަވައިފިނަމަ, އެންމެ ހިނދުކޮޅަކަށްވެސް, ކަމަނާ, އަޅުގަނޑުމެން މިތަނަކަށް ދޫކޮށެއް ނުލައްވާނެއެވެ. އެކުއްޖާގެ ލޮލުން އެފާޅުވި ހިތާމަވެރި އަސަރުތަކުން އަޅުގަނޑުގެ ހިތް ހަލާކުވިއެވެ. ވަގުތު އެއްގޮތަކަށްވެސް ނެތްކަން އަޅުގަނޑަށް އެނގެއެވެ. އެކަމަކުވެސް އެކުދިންގެ ވާހަކަވެސް އަޑުއަހަން އެބަޖެހެއެވެ.” އަޅުގަނޑު ހަމަހިމޭންވެލުމުން, ހިތްވަރުލިބިގެން އެކުއްޖާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"އަޅުގަނޑަކީ, ލާއޯސްގެ ކުއްޖަކީމެވެ. އަޅުގަނޑުގެ ޢާއިލާ ވަރަށް ބޮޑުވާނެއެވެ. އަޅުގަނޑުމެންނަށް ކާނެއެއްޗެއް ނުލިބި ބަނޑުހައިހޫނުކަންމަތީ ވަރަށް ގިނައިން އުޅެން ޖެހެއެވެ. އެފަދަ ޙަލަތެއްދިމާވެފައި އޮތް އިރަކު, ބޭންގކޮކުން އައި ދެމީހަކު އަޅުގަނޑުގެ ޢާއިލާއަށް ލާރިދީފައި އަޅުގަނޑު ގަތީއެވެ. އަޅުގަނޑުގެ ޢާއިލާއަށް އެހެންގޮތެއް ނެތީއެވެ. އަޅުގަނޑާއެކު, އަޅުގަނޑުމެންގެ އަވަށުން އިތުރު 3 ކުއްޖަކު އެމީހުން ގަތެވެ. އަޅުގަނޑުމެން ދެން ގެންދެވުނީ ބެންގކޮކަށެވެ. ބެންގކޮކުގައި އަޅުގަނޑުމެން ތިބީ ބޮޑު ވެއަރހައުސް އެއްގައެވެ. އަޅުގަނޑުމެންނަށް އަމުރު ކުރެވުނީ, ބޮޑުކޮޓަރިއެއްގައި ފުރެންދެން ފިރިހެނުންތިއްބާ އެމީހުންގެ ކުރިމަތީ އޮރިޔާން ވުމަށެވެ. އެއަށްފަހު އެ ކޮޓަރިޔަށް އެއްވެ ތިބި މީހުންގެ މެދުގައި އަޅުގަނޑުމެން ނީލަން ކިޔުނެވެ. އަޅުގަނޑާއެކު ދިޔަކުދިންގެ ތެރެއިން 2 ކުދިން ގަތީ ބެންގކޮކްގައި ނާސިގެޔެއް ހިންގާ މީހެކެވެ. އަޅުގަނޑު ގަތީ, ޢަރަބީންގެ ފަރާތުން ގޮސްހުރި މީހެކެވެ. އަޅުގަނޑު މިތަނަށް ގެނެވުނު ގޮތަކީ އެއީއެވެ. އެއަންހެންކުއްޖާގެ އަޑު ތުރުތުރު އަޅައިގަތެވެ.

"އަޅުގަނޑު މިތަނަށް ދޫކޮށްނުލައްވާށެވެ!" އެކުއްޖާ އާދޭސް ކޮށް ރޮއިގަތެވެ.

އެކުއްޖާގެ މިވާހަކަތަކުން, އަޅުގަނޑު ހުއްޓުމަކަށް އައިސް ގަނޑުވިއެވެ. އެންމެ ބޮޑުއަގެއް ކިޔާމީހަކަށް, އަންހެނުން ނީލަމުގައި ވިއްކައިލެވެނީއެވެ. މާތް ކަލާކޯ އެވެ ! ހާދަބޮޑު އިހާނެތި އަނިޔާއެކެވެ.

"މިކުދިން, ކަމަނާއާއެކު, މިއަދު ގެންދަވަންވީ ނޫންތޯއެވެ؟ އެކުދިން ނިސްބަތްވާ ޤައުމެއްގެ އެމްބަސީއަށް ގެންގޮސް ދެއްވާށެވެ  އެތަނުން އެކުދިންނަށް ޙިމާޔަތް ލިބޭނެ ނޫންތޯއެވެ؟" އުމަރު ބުނެލިއެވެ.

ޢުމަރު އެބުނީ ރަނގަޅު ވާހަކައެކެވެ. ކުއްލިޔަކަށް އަޅުގަނޑޫގެ ހަނދާނަށް އައީ, ލަންޑަން ޓެލެވިޒަންގެ ރިޕޯރޓެއްގެ ޙާދިސާއެވެ. އެއީ, މިކަހަލަ ގޮތަކަށް, ކުވޭތުގައި ފިލިޕީންސްގެ އަންހެންކުދިންތަކެއް ތާށިވެފައިތިބި ހާދިސާއެކެވެ. ކުވޭތު ސަރުކާރުން އެކަން ދޮގުކުރިނަމަވެސް, އެހުރިހާކުދިން, ބަންދުގައި އެތައް ދުވަހަކު ތިބެންޖެހުނު ނަމަވެސް, އެކުދިންނަށް މިނިވަންކަން ލިބި, އެކުދިންގެ ޤައުމަށް ދެވުނެވެ.

ޢުމަރާ ދިމާއަށް ބަލައިލާ, އަޅުގަނޑު ހީލީމެވެ. އޭނާ މަކަރެއް ނުހަދާނެކަމަށް އަޅުގަނޑު އުއްމީދު ކުރީމެވެ. އެކަމަކު, އެއީ އޭނާގެ ފަރާތުން އަޅުގަނޑު އުއްމީދުކޮށްފައިނެތް އެހީތެރިކަމެކެވެ.

"މިއަދު އަޅުގަނޑުމެން މިތަނުން ގެންގޮސް ދެއްވާށެވެ!" މުޅި ހޯލުތެރެ މިއަޑުން ގުގުމާލިއެވެ. ޢަރަބި ބަށްޓަމަށްހުރި އަންހެން ކުއްޖަކު އަޅުގަނޑާ ގާތަށް ޖެހިލިއެވެ. އަދި ވޭނުން ފުރިގެންވާ އަޑަކުން ބުންޏެވެ.

"ހެޔޮނުވާނެއެވެ. އަޅުގަނޑުމެން މިތަނުން ނެރެދެއްވާށެވެ! އަޅުގަނޑުމެންގެ ވެރިމީހާއަކީ ވަރަށް އަނިޔާވެރި މީހެކެވެ. އޭނާއާ އޭނާގެ 4 ކުދިން ކޮންމެ ދުވަހަކުވެސް, އަޅުގަނޑުމެންގެ ގާތަށް މިތަނަށް އާދެއެވެ. އަދި ދޭތެރެ ދޭތެރެއިން ވަރަށްގޯސް އެހެން މީހުންވެސް އޭނާ ގެނެއެވެ. އަޅުގަނޑުމެން މިތާ މިއުޅޭ އަނިޔާވެރި ޙާލަތު ކަމަނާއަށް ޚިޔާލަށްވެސް ނުގެންނެވޭނެއެވެ."

އަޅުގަނޑު, ފުން ނޭވާއެއް ލީމެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމަކޮށްފައި މިކުދިން ސަލާމަތްކޮށްދޭން މަސައްކަތްކުރަންވީ ބާވައެވެ. އަޅުގަނޑަށް މަހާއާ ދިމާއަށް ބަލައިލެވުނެވެ. އާނއެކެވެ. އެކަން ކުރަން އެބަޖެހެއެވެ. މަހާގެ މޫނުމަތިން އަޅުގަނޑަށް ޖަވާބު ލިބުނެވެ. އެކަމަކު, މިކަމަށް ވަރަށް ފަރުވާތެރިކަމާއެކު ޕްލޭނެއް ހަދަން ޖެހެއެވެ. ވަށައިގެންތިބި ހުރިހާ ކުދިންނަށް ވަކިވަކިން, އަޅުގަނޑު ބަލައިލީމެވެ. އެކުދިންގެ ގައިގާ އެއްވެސް ނިވާކަމެއް ނެތެވެ. އެތިބިގޮތަށް ތިއްބާ އެކުދިން ސުޢޫދީގެ މަގުމައްޗަކަށް ނުނެރެވޭނެއެވެ. މަގުމަތިން މިކުދިންނާ ދިމާކޮށް, އެކުދިންގެ ދުވަސް ދުއްވާލާނެއެވެ.

"ހަށިގަނޑު ނިވައިކޮށްލުމަށްޓަކައި ބޭނުންކުރާނެ, އެއްވެސް އިތުރު ފޭރާމެއް ކަލޭމެންގެ އަތުގައި އެބަހުރި ހެއްޔެވެ؟" އަޅުގަނޑު ސުއާލުކުރީމެވެ. އެއްކުއްޖަކު އަނެއްކުއްޖަކާ ދިމާއަށް ބަލައިލިއެވެ. އަދި ހުރިހާކުދިން އެއްއަޑަކުން "ނޫނެކޭ" ބުންޏެވެ.

"އެނދުގެ ބެޑްޝީޓް ބޭނުން ކުރާށެވެ! ވަރަށް ގިނަ އެނދު އެބަހުރި ނޫން ހެއްޔެވެ؟" އަޅުގަނޑާ ދިމާއަށް ކަޅިއެއް އެއްލަމުން ޢުމަރު ބުންޏެވެ. ކޮޓަރިއާ ޖެހިގެން ހުރި ތަންތަން އަޅުގަނޑު ބަލައިލީމެވެ. ވަރަށްގިނަ ކިއުބިކަލްތައް ފެންނަން ހުއްޓެވެ. އެއިން ކޮންމެ ކިއުބިކަލް އެއްގައި އެނދެއް ހުއްޓެވެ. ހުރިހާ ކުދިން ބެޑްޝީޓް ހޯދަން ދުއްވައިގަތެވެ. އިސާހިތަކު ބެޑްޝީޓް އޮޅައިގެން އެކުދިން އަޅުގަނޑު ގާތަށް އަތުވެއްޖެއެވެ. އަޅުގަނޑާ އެންމެ ގާތަށްތިބި ކުދިންނަށް އަޅުގަނޑުގެ ނަޒަރު ގޮސްހުއްޓުނެވެ. އޭގެ ތެރޭގައި 8 ނުވަތަ 9 އަހަރުވެސް ނުވާ ކުޑަދެކުއްޖަކުވެސް ތިއްބެވެ.

އެކުދިން ގެނެސް އަޅުގަނޑުގެ ގަޔާލާ އެއްކޮށްލީމެވެ. އެވަގުތު, އަޅުގަނޑުގެ ލޮލުން ފޭބި ކަރުނަތައް އެކުދިންގެ ބޮލަށް އޮހެމުން ދިޔައެވެ. މައިންގެ ތުއްތުކުދިން, އަޅުންގެ ގޮތުގައި ވިއްކަނީއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ!

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.