އަމީރާ ސުލްޠާނާގެ ނާރެސް - 45

(15 ޖޫން 2022 ގެ ބަޔާ ގުޅޭ)

މަރުވި ދެއަންހެނުންގެ ފިރިމީހާ ދިފާޢީ ވަކީލާދިމާއަށް ބަލައިލިއެވެ. އަދި ހީލާފައި ބުންޏެވެ.

"އެދެމީހުން (އޭނާގެ، މަރުވި ޙަލާލު ދެއަނބިން) ގެ ކިބައިން ސަލާމަތްވިކަން އެއީ އަޅުގަނޑަށް ލިބުނު ނަސީބެކެވެ. ކަންދިމާކުރިގޮތުން، މިހާރު އަޅުގަނޑަށް ޒުވާން އެއަނބިން ހޯދުމުގެ ފުރުޞަތާއި ނަސީބު މިލިބުނީއެވެ."

ސުޢޫދީ ޤާނޫނު ބުނާގޮތުން، ފަނޑިޔާރަށް އެހެންގޮތަކަށް ނިންމުމުގެ އިޚްތިޔާރެއް ލިބިގެންނެއް ނުވެއެވެ. އެންމެފަހުން އެނަޞީބުގަދަ ބިދޭސީ ޑްރައިވަރު މިނިވަންވެގެން ވީއްލުނީއެވެ. އަދި އެވަރުން ފުއްދާލީއެއް ނޫނެވެ. އެ ބިދޭސީ ޑްރައިވަރަށް އޭނާ ޝުކުރުވެސް އަދާކުރިއެވެ. އެދެއަންހެނުންގެ ކިބައިން ސަލާމަތްކޮށްދިނީތީއެވެ. އެދެމީހުންގެ ކިބައިން ސަލާމަތް ނުވެގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެއޭވެސް އޭނާ ބުންޏެވެ. ސަލާމަތް ނުވެގެން އުޅެންޖެހުނީ، ވަރިކޮށްފިއްޔާ އެދެމީހުންނަށް ދޭންޖެހޭ ފައިސާގެ ޢަދަދު ބޮޑުކަމުންނެވެ.

އެހެން ޤައުމުތަކުގެ އަންހެނުންގެ ނަސީބު ރަނގަޅުކަމާމެދު، އަޅުގަނޑަށް ވިސްނައިލެވުނެވެ. ސުޢޫދީ ޢަރަބިއްޔާގެ އަންހެނުންނާ އަޅާބަލާއިރު، ބޭރު ޤައުމުތަކުގެ އަންހެނުންނަކީ، ޖަމާޢަތުގައި އަގުހުރި، ޤަދަރުވެރި އަދި ނަސީބުގަދަ ބަޔެކެވެ. އެހިސާބުން، އަޅުގަނޑުގެ ސަމާލުކަން، އިނގިރޭސި ދެނަރުހުންގެ މައްޗަށް ހުއްޓުނެވެ. އެދެއަންހެނުން ވަނީ މީހަކު މެރިކަމަށް ސާބިތުވެފައެވެ. އެދެއަންހެނުންގެ ބޯބުރިކޮށް ޤަތުލުކުރުމުގެ ވާހަކަ އެންމެން ދައްކަނީއެވެ. އެންމެންވެސް އެކަމަށް ސަމާލުކަންދީ ވާނުވާ ބަލަން ބޭނުން ވެއެވެ. މީގެކުރިންވެސް ސުޢޫދީ ޢަރަބިއްޔާގައިވަނީ އެތައް އަންހެނުންނެއްގެ ބޯބުރިކޮށް ޤަތލުކޮށްފައެވެ. އެހެންނަމަވެސް، ހުޅަނގުގެ އެއްވެސް އަންހެނަކު މިހާތަނަށް ޤަތުލުކޮށްފައެއް ނުވެއެވެ.

ސުޢޫދީ ޢަރަބިއްޔާއާއި އިނގިރޭސިވިލާތާ ދެމެދު ވަރަށްބޮޑު ނުތަނަވަސްކަމެއްވަނީ އުފެދިފައެވެ. ސުޢޫދީ ޖައްލާދުގެ ކަނޑިން، އެޤައުމުގެ ދެއަންހެނުންގެ ބޯބުރިކޮށް ޤަތުލުކުރުމަށް ކުރެވިފައިވާ ޙުކުމާމެދު އިނގިރޭސިވިލާތުން ކަންބޮޑުވެއެވެ. އަދި ހަމައެއާއެކު، ސުޢޫދީގެ ޝަރުޢީ ނިޒާމަށް ފާޑުކިޔާ އެނިޒާމް ކުށްވެރިކުރަމުންގެންދާތީ، ސުޢޫދީން އިނގިރޭސިވިލާތާމެދު ރުޅިވެރިކަން ފާޅުކުރެއެވެ. ނޫސްކިޔަމުންގޮސް ހުދާ ބުނި އެއްޗަކުން، އަޅުގަނޑުގެ ވިސްނުން އެހެން ފަރާތަކަށް އަނބުރާލިއެވެ.

"އަހަރެމެންގެ ސުޢޫދީ ޝަރުޢީ ނިޒާމުގެދަށުން، މަރަށް މަރުހިފުމާމެދު، މި އިނގިރޭސީންނަކަށް އެއްޗެކޭ ބުނެވޭކަށް ނޯންނާނެއެވެ. ސަޢީދު އަލް ސައްޔާފަކީ، ތަޖުރިބާކާރު ޖައްލާދެކެވެ. އެއްފަހަރަކު ސައްޔާފު، މީހެއްގެ ބޯބުރިކޮށްލިތަން އަހަރެންގެ ފިރިމީހާއަށް ވަނީ ފެނިފައެވެ. އޭނާގެ ތަޖުރިބާއާމެދު، އަހަރެންގެ ފިރިމީހާ ވަރަށް ތާރީފު ކުރިއެވެ. އެހާ ތަޖުރިބާކާރު ޖައްލާދެއްގެ އަތުން އެމީހުންގެ ބޯބުރިކޮށްލެވޭތީ، އިނގިރޭސި ދެނަރުހުން ޝުކުރުވެރިވާން ޖެހޭނެއެވެ." ހުދާ އޭނާގެ ދުލުން ޗޮކެއް ކަނޑާލިއެވެ.

"މަޑުކޮށްލަ ބަލާށެވެ! މިނިޓެއްހާއިރަށް އެދެއަންހެނުންގެ ބޯހަށިގަނޑުގައި ހުންނާނެއެވެ. ދެވަނަ މިނިޓްގައި ނުހުންނާނެއެވެ. އެމީހުންނަށް ލިބޭ އަނިޔާ އެހާ ބޮޑެއްނުވާނެއެވެ." ހުދާ އޭނާގެ ޝުޢޫރު އިތުރަށް ފާޅުކޮށްލިއެވެ. ސާރާ، ބިރުވއރިކަމާއެކު ހުދާއަށް ބަލައިލިއެވެ.

އަޅުގަނޑަށް ބުނާނެ ހަމައެކައްޗެއްވެސް ނޭނގި ހުއްޓުންއަރާފައި އިނދެވުނެވެ. އަޅުގަނޑަށްވެސް، ސަޢީދު އަލް ސައްޔާފާބެހޭގޮތުން ކޮންމެވެސް ވަރަކަށް މަޢުލޫމާތު ލިބިފައި ވެއެވެ. ސުޢޫދީ ޓެލެވިޜަނުން އޭނާއާކުރި އިންޓަރވިއުއެއް ތަންކޮޅެއްކުރިން އަޅުގަނޑު ދުށީމެވެ. އޭނާގެމަތިން ދުވަހަކުވެސް އަޅުގަނޑު ހަނދާނެއް ނުނެތޭނެއެވެ. ސަޢީދުގެ މަޖާ މިޒާޖާ އޭނާ އަދާކުރާ އަނިޔާވެރި ވަޒީފާއަކާ ނުގުޅެއެވެ. އޭނާ، އެއިންޓަރވިއުގައި ދެއްކި ބިރުވެރި ވާހަކަތައް އަޅުގަނޑުގެ ހަނދާނަކުން ނުފިލާނެއެވެ.

ސަޢީދު އަލް ސައްޔާފަކީ، މިނިސްޓްރީ އޮފް އިންޓީރިއަރގައި މަސައްކަތްކުރާ އެމިނިސްޓްރީގެ މުއައްޒަފެކެވެ. އޭނާގެ ވަޒީފާއަކީ ޖައްލާދެއްގެ ވަޒީފާއެވެ. ބޯބުރިކޮށް މީހުން ޤަތުލުކުރުމުގެ ވަޒީފާއެވެ. އޭނާގެ ތޫނު ކަނޑިން އެތައްބަޔަކުވަނީ މަރުވެފައެވެ. ނުވަތަ މަރުގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި، އޭނާގެ ކަނޑިންވަނީ، އެތައްބަޔަކު މަރާފައެވެ. ސަޢީދު މިހާރު ކުރަމުން ގެންދަނީ، މީހުންގެ ބޯބުރިކުރުމުގެ މަސައްކަތް އޭނާގެ ފިރިހެންކުދިންކުރެ އެއްކުއްޖަކަށް ދަސްކޮށްދިނުމުގެ މަސައްކަތެވެ. ސުޢޫދީ ވަލީ ޢަހުދު، އަޙްމަދު ބިން ޢަބްދުލްޢަޒީޒު އާލް ސަޢުދު ދެއްވި ޚާއްޞަ ކަނޑިކޮޅެއް، ސަޢީދުގެ އަތުގައި އޮވެއެވެ.

ސަޢީދަކީ ބޯބުރިކުރުންފިޔަވައި ވައްކަންކުރުންފަދަ، އެއަށްވުރެ ކުދި އެހެން އަދަބުވެސް ތަންފީޒުކުރާ މީހެކެވެ. ވައްކަންކުރީމާ އަތްބުރިކުރާއިރު، އެހާބޮޑު ކަނޑިޔަކުން، އަތުގެ ހުޅާސީދާކޮށް ބުރިކޮށްލުމަކީ، އާދައިގެކަމެއްނޫންކަމުގައި، ސަޢީދުދިން އިންޓަރވިއުގައި ކިޔައިދީފައި ވެއެވެ. އަދި ބޯބުރިކުރުމާއި އަތްބުރިކުރުމަކީ، އޭނާ ވަރަށް ޝަޢުޤުވެރިކަމާއެކު ކުރަމުންގެންދާ ކަމެއްކަމުގައި ބުނެފައި ވެއެވެ. ސުޢޫދީގެ ކުރިއަރަމުން އަންނަ އިޤްތިޞާދުގައި ކުށްކުރާމީހުން މަދުވަމުން އަންނަ ވާހަކަވެސް، ޖޯކެއްގެގޮތުގައި އޭނާ ފާހަގަ ކުރިއެވެ. އެއީ އަދަބުދޭން ޖެހޭ ކުށްވެރިން މަދުވީމަ އޭނާއަށް މަސައްކަތް ނޯންނަކަން ފާހަގަކުރުމަށްޓަކައެވެ.

އެއަށްފަހު، އޭނާ އެންމެ ޝަޢުޤުވެރިކަމާއެކު ހިތުންފިލައިގެންނުދާނެ ކަރުބުރިކުރުންތަކުގެ ވާހަކަވެސް ކިޔައިދީފައި ވެއެވެ. އިންޓަރވިއު ދިނުމާހަކަޔަށް އޭނާވަނީ 600 މީހުންގެ ބޯބުރިކޮށްފައެވެ. 60 މީހުންގެ އަތްކަނޑާފައެވެ. އަދިވެސް އިތުރު ވާހަކަ އޭނާ ކިޔައިދިނެވެ. އެންމެ ބިރުވެރި ވާހަކައަކަށް އޭނާ ކިޔައިދިނީ، އެއްދުވަހާ ދެމީހެއްގެ ބޯބުރިކޮށްލި ވާހަކައެވެ. އެވާހަކަ އަޅުގަނޑުގެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ. އެއީ މިހާރުހަދާގޮތަށް، ބޯބުރިކޮށްލާ މީހާގެ މޫނުނިވާކޮށްފަ ބޯބުރިކުރުމުގެ ކުރިންނެވެ. އޭނާކިޔައިދިންގޮތުގައި، އެކަކުގެ ބޯބުރިކޮށްލާތަން އަނެއް ކުށްވެރިޔާއަށް އޭރު ފެންނާނެއެވެ. ބޯބުރިކޮށްލި މީހާގެ ބޯބުރި ވެއްޓުނީ ދެން ބޯބުރިކުރަން އޮތްމީހާގެ ފައިމައްޗަށެވެ. އެވަގުތު އޭނާ ބަލައިލިއިރު ސަޢީދު މަސައްކަތްކުރަމުން ގެންދަނީ ޚުދު އޭނާގެ ބޯބުރިކޮށްލުމަށެވެ. އެވަގުތު އޭނާ ހޭހުސްވެގެން ވެއްޓުނެވެ. ޑޮކްޓަރު އައިސް ބަލާފަބުނިކަމަށްވަނީ އޭނާގެ ހިތްހުއްޓުނީކަމުގައެވެ. އޭނާހޭއެރީ ބޯބުރިކޮށްލިމީހާ ނަގައިގަނެގެން ގެންދަނިކޮށެވެ. އެވަގުތު އަނެއްކާވެސް ސަޢީދަށް ގޮވައިގެން ގެނެސް، ހޭނެތިގެން ވެއްޓުނުމީހާގެ ބޯވެސް ބުރިކޮށްލިއެވެ. ސަޢީދު ވާހަކަކިޔައިދިން އިރު، އޭނާ އެންމެ ހިތްހަމަޖެހުނު، ބޯބުރިކުރުމުގެ ހާދިސާތަކާބެހޭ ވާހަކަތައް ކިޔައިދިން އިރު އޭނާ އެކަމާ ގަޔާވެފައިއިން ގޮތް، އަޅުގަނޑުގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.

"އިނގިރޭސި ދެއަންހެނުން އޮތީ ކުށްވެރިވެފައެވެ. އެމީހުންނަށް ﷲ ކަނޑައަޅުއްވާފައިވާ ޙުކުމް ތަންފީޒު ކުރެވެން ވާނެއެވެ." ހުދާގެ އަޑު އަނެއްކާވެސް އިވުނެވެ.

"ހުދާއެވެ! ހުދާތިބުނި އެއްޗެއް ތިބުނީ މާނަކޮށްފައެއްނޫން ދޯއެވެ؟" ސާރާ ވަރަށް މަޑުން  ބުނެލިއެވެ.

"އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ސުޢޫދީ ރައްޔިތަކު، އިނގިރޭސިވިލާތުގައި ނުވަތަ އެމެރިކާގައި ކުށެއްކޮށްފިނަމަ، އެކަމަށް ޖަވާބުދާރީވާން ޖެހޭނެއެވެ. އިސްލާމީ ޝަރީޢަތަކީ ނެތްއެއްޗެއް ހެއްޔެވެ؟" ހުދާގެ އިނގިލި ހޫރާލަމުން، ދެބަސްވުމުގެ ރާގެއްގައި ބުނެލިއެވެ.

"މިރިޕޯރޓް ހުދާ ނުކިޔަން ހެއްޔެވެ؟ ފަހަރެއްގައި އެދެއަންހެންކުދިން ކުށެއް ނުކުރާ ބަޔަކަށްވެސް ވެދާނެނޫން ހެއްޔެވެ؟ އެމީހުން ބުނާގޮތުގައި އެދެއަންހެނުންނަށް ސުޢޫދީ ފުލުހުން ވަރަށް އަނިޔާ ކުރިއެވެ. އެއީ ހަމަވެދާނެ ކަމެކެވެ." މާއިސާ އަތުގައި އޮތް ނޫހެއް ދިއްކޮށްލަމުން ބުނެލިއެވެ.

"މާއިސާއެވެ! މާބޮޑަށް އެމީހުން ދިފާޢުކުރަން ނުހަދާށެވެ! އާނއެކެވެ! އެމީހުން އެކަން ކުރިއެވެ. އެކަން އެވަނީ ސުޢޫދީ ކޯޓުން ސާބިތުކޮށްފައެވެ. ފުލުހުން އަނިޔާކުރީއޭ ބުނުންނޫން އެހެން ވާހަކައެއް ބުނެވޭކަށް، ބޭރުމީހުންނަކަށް ނޯންނާނެއެވެ. އެއީ ހުޅަނގުގެ މީހުން ކުށްކޮށްފައި ސަލާމަތްވާން އޮންނަ ބަހަނާއެކެވެ." ހުދާ، ފޫހި ރާގެއްގައި ބުންޏެވެ.

"މިވާހަކަތަކުން އަހަރެން ބަނޑުހައި ވެއްޖެއެވެ. ސުލްޠާނާ އަހަރެމެންނަށް، ނިއުޔޯރކުން ލިބުނުފަދަ ކެއުމެއް ތައްޔާރުކޮށްދޭނެކަމަށް އަހަރެން އުއްމީދު ކުރަމެވެ." ހުދާ ސީޓުން ތެދުވެ އޭނާގެ ހެދުން ރަނގަޅުކޮށްލަމުން ބުނެލިއެވެ. ހުދާގެ ވާހަކަތަކުން އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުޢޫރުތައް ބޭރުވިއެވެ.

"މާކުންބޭ ބަނޑުހައިވެގެން ކާންބޭނުންވާގޮތަށް ލޭބޯންވެސް އެއޮތީ ބޭނުންވެފައެވެ." ހުދާއަށް އަޑުއިވޭވަރަށް ބާރަށް، އަޅުގަނޑު ބުނީމެވެ. ހުދާ އެވަގުތު ތެދުވެ ބޯޓުގެ ބިތެއްގައި ލައްގަތެވެ. މެޔަށް ތަދެއްއަރާފައިވާ ގޮތަކަށެވެ. އެއީ ހުދާ އަމިއްލަޔަށް ހަދައިގެން ކުރިކަމެއްކަން އަޅުގަނޑަށް އެނގެއެވެ. ސާރާއާއި މައިސަރާ ހުދާއާދިމާއަށް ދުއްވައިގަތެވެ. ހުދާ ބާރަށް ހަޅޭއްލަވަމުން ގެންދިޔައެވެ. އޭނާއަށް ހާޓްއެޓޭކެއް ޖެހުނީއޭ ގޮވަމުން ގެންދިޔައެވެ. އަދި އޭނާގެ ޖަނާޒާގެ ކަންތައް ހަމަޖެއްސުމަށް އޭނާގެ ފިރިމީހާގާތު ބުނެދޭށޭވެސް ހުދާ ގޮވަމުން ގެންދިޔައެވެ. އަޅުގަނޑުމެންގެ ޚާދިމާއިން ތިބީ ކަންބޮޑުވެގެންގޮސް ހަދާނެގޮތް ބޮޑުވެފައެވެ.

"މާބޮޑަށް ކަންބޮޑުނުވާށެވެ! ހުދާއަށް އެހެން އެވީ އަހަރެން ބުނި އެއްޗަކާ ގުޅިގެންނެއް ނޫނެވެ. ހުދާގެ ހިތްބަލިކަމުންނެވެ." އަޅުގަނޑު އެކުދިންގާތު ބުނީމެވެ. ހުރިހާ ޚާދިމާއިންވެސް ހޭންފެށިއެވެ. ހެޔޮވަރަކަށް ފަލަކަން ހުންނަ ހުދާއަކީ، އަލްސަޢުދު ޢާއިލާގައި އެންމެގިނައިން ވާހަކަ ދެކެވޭ އަންހެނާއެވެ. އެންމެ ކުޑައިރުއްސުރެ ހުދާއަކީ ޢާންމުކޮށް ހިތުގެބަލި ޖެހޭމީހެކެވެ. ހުދާ ވަޅުލުމުގެ ކުރިން، އޭނާބޭނުންވާ އެންމެ މީރުކާނާ އޭނާއަށް ލިބޭނެއެވެ.

އަޅުގަނޑުގެ ގާތަށް ހިނިއައިސްފައިހުރެމެ، އަޅުގަނޑުމެންގެ ރޭގަނޑުގެ ކެއުން ތައްޔާރުކޮށްދިނުމަށް، އަޅުގަނޑުމެންގެ ލަންޑަނުގެ ޚާދިމާގާތު ބުނީމެވެ. އަޅުގަނޑު ބުނުމުގެ ކުރިން، އޭނާވަނީއަޅުގަނޑުމެންގެ ކާނާ ތައްޔާރުކޮށްދީފައެވެ. އަޅުގަނޑު ކާންހަދަން ބޭނުންވާ ހުރިހާއެއްޗެއް އޭނާހުރީ ތައްޔާރުކޮށްފައެވެ. އެކަމާ އަޅުގަނޑު ޙައިރާންވީމެވެ.

"ސާހިބުކަމަނާ ވަޑައިގަތުމުން އަޅުގަނޑު މިހުރީ ވަރަށް އުފާވެފައެވެ. މިއޮއްހުރިހާ ދުވަހު އަޅުގަނޑު މިހުންނަނީ ވަރަށް ފޫހިވެފައެވެ." ޖަޑާ ބުނެލިއެވެ. ޖަޑާގެ ޙަޔާތާމެދު، އަޅުގަނޑަކަށް މާގިނައެއްޗެއް ނޭނގެއެވެ. އެކަމަކު އެކަން އެނގެންވެސް ބޭނުމެވެ. އަޅުގަނޑު އެކަނި، މިދިޔައަހަރު ލަންޑަނަށް ދިޔައިމެވެ. އަޅުގަނޑު ރަށުގައި ނެތިސް އެދުވަސްކޮޅު، ގޭތެރޭގައި އޮތީ ކަންތައްގަނޑެއް ހިނގާފައެވެ. އަޅުގަނޑުމެންގެ ޚާދިމާއަކު، އަޅުގަނޑުމެންގެ ޑްރައިވަރަކާއެކު ގުޅުންތަކެއް ހިންގީއެވެ. އެދެމީހުންނަކީވެސް މީހުންނާ އިނދެގެން އުޅޭ ދެމީހުންނެވެ. ދެން، ކަރީމު ހެދިގޮތަކީ، އެދެމީހުން ވަޒީފާއިން ވަކިކޮށްފައި ރަށަށް ފޮނުވާލީއެވެ. ލަންޑަނުން ޖަޑާ ވަޒީފާއަށް ގެނައީ އެފަހަރުއެވެ. ޖަޑާއަކީ މިޞްރުގެ ވަރަށް ފަޤީރު ޢާއިލާއެއްގެ އަންހެން ކުއްޖެކެވެ. ކަރީމް ކިޔައިދިން ގޮތުގައި އޭނާއަށް ވަޒީފާއެއް ދިނުންއެދި ކަރީމްގާތު ވަރަށް އާދޭސް ކުރިއެވެ. ޖަޑާގެ ކޮއްކޮގެ ކިޔެވުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މަސައްކަތެއް ހޯދަމުންދަނިކޮށް ކަރީމާ ޖަޑާއާ ދިމާވީއެވެ. އޭނާހުރީ ކޮންމެ މަސައްކަތެއްކުރުމަށްވެސް ތައްޔާރަށެވެ. ޖަޑާގެ ޙާލަތުފެނިފައި ހަމްދަރުދީ އުފެދި، ޖަޑާއަށް ވަގުތުން ވަޒީފާދޭން ކަރީމް ނިންމީއެވެ.

ޖަޑާގެ މައިންބަފައިން އިނގިރޭސިވިލާތަށް ޙިޖުރަކުރުމަށްފަހު، އޭނާގެ ބައްޕައަށް ވަޒީފާއެއް ނުލިބި އެތައްދުވަހަކު އުޅުނުފަހުން، މަންޗެސްޓަރގެ ފެކްޓަރީއަކުން އާދައިގެ ވަޒީފާއެއް ލިބުނުކަން އަޅުގަނޑަށް އޮތީ އެނގިފައެވެ. ޖަޑާއަދި މީހަކާވެސް ނީނދެއެވެ. އަހަރަކު އެއްފަހަރަށްވުރެ ގިނައިން، އަޅުގަނޑާ އަދި ކަރީމް، ލަންޑަނަށްގޮސް އަޅުގަނޑުމެންގެ އަމިއްލަ ގޭގައި ތިބެމެވެ. އެދުވަސްތަކަކީ، ޖަޑާ އަށް އޭނާގެ ޢާއިލާއާއެކު ވަގުތު ހޭދަކުރުމަށް ފުރުޞަތުލިބޭ ދުވަސްކޮޅަކަށް ވާނެއެވެ. ޖަޑާގެ މޫނަށް އަޅުގަނޑު ބަލައިލީމެވެ. އޭނާގެ ޢުމުރު، އަޅުގަނޑުގެ ދޮށީ ދަރިފުޅު އަމާނީއަކަށްވުރެ ދޮށްޓެއްނުވާނެއެވެ. ޢުމުރާ ބަލާފައި ޖަޑާއަކީ ވަރަށް ރަނގަޅަށް އުޅޭ ކުއްޖެކެވެ. އެއާޚިލާފަށް، އަމާނީ އަދިވެސް އުޅެނީ ކުޑަކުއްޖެއް ހެންނެވެ.

މުދަލާއި މުއްސަނދިކަމާ އަދި ޝާހީ ޢާއިލާގެ ގުޅުންތަކުން، ކުދިންނަށް އުޅެންވީގޮތް އޮޅޭނެއެވެ. އަޅުގަނޑަށްވެސް އެކަން މިއޮތީ އެގޮތަށް ދިމާވެފައެވެ. ކުރިން އެނގިފައިވާ އެނގުންތަކަށްބަލާއިރު، ޖަޑާއަކީ ސްކޫލްގައި ވަރަށް ތޫނުފިލި ކުއްޖެކެވެ. އަދި އޭނާ ބޭނުންވީ ޑޮކްޓަރަކަށް ވާށެވެ. އޭނާގެ އުއްމީދަކީ، ކިޔަވައިގެން ޑޮކްޓަރަކަށްވެގެން، މިޞްރަށް ގޮސް ފަޤީރު އަވަށްތަކުގައި، މާބަނޑުމީހުންނަށް އެހީތެރިވެ، ވިހެއުމުގެތެރޭގައި މަރުވާ ކުދިން މަދުކުރުމެވެ. އަދި އަންހެންކުދިން ޚިތާންކުރުމާ ދެކޮޅަށް މަސައްކަތް ކުރުމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.