ދޮން އައްޔަ އާއި ރޯމަން އެމްޓީޑީ އަށް ސޮއި ކޮށްފި

ދިވެހި ފިލްމީ ދާއިރާގައި ކުޅަދާނަ އެކްޓަރ އަލީ އާޒިމް (ދޮން އައްޔަ) އާއި މުހައްމަދު ވިޝާލް (ރޯމަން) މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް އަށް ސޮއިކޮށްފިއެވެ.

އެމްޓީޑީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ ދެ ފަންނާނުން ސޮއިކޮށް އެ ޕާޓީގެ ވިމެންސް ވިންގްގެ ލީޑަރު ހައްޖަ އިސްމާއިލަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އިލެކްޝަނުން ދީފައިވާ މުއްދަތުގައި 3000 މެންބަރުން ހަމަކުރުމަށް އެ ޕާޓީން މަސައްކަތް ކުރަމުން އަންނައިރު، މޯލްޑިވްސް ނެޝަނަލް ކްރިކެޓް ޓީމް ޕްލޭޔަރ އަދި ކެބިން ކްރޫ މުހައްމަދު ރިޝްވާން އާއި އޭވިއޭޝަން ޕައިލެޓް، ކެޕްޓަން މުހައްމަދު ފާރިޒް ފާކިރު ވެސް ވަނީ އެ ޕާޓީއަށް ވަނީ ސޮއިކޮށްފައެވެ.

އެއާއެކު ރިޝްވާން އާއި ފާރިޒް އާއި ކެބިން ކްރޫންނާއި ޕައިލެޓުން ހިމެނޭހެން އެމްޓީޑީން ވަނީ އެ ޕާޓީގެ އޭވިއޭޝަން ވިންގް ވެސް ތައާރަފްކޮށްފައެވެ.

މީގެ އިތުރުން ކުރީގެ ގާޒީ މުހައްމަދު ހަލީމް އާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ކުރީގެ ނެށުންތެރިޔާ/ފިލްމީ ތަރި ސްޓެޕްސް އައްޔަ ވެސް ވަނީ އެމްޓީޑީއަށް ސޮއިކޮށްފައެވެ. އަދި ރައީސް ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާންގެ މަޤާމު އަދާކުރެއްވި އިބްރާހިމް މުއާޒު އަލީ ވެސް ވަނީ އެމްޓީޑީއަށް ސޮއި ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.