އެމްއެންޕީގެ އިންތިޚާބު މިއަހަރުގެ އޯގަސްޓު މަހު ބާއްވަނީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިންތިޚާބު މިއަހަރުގެ އޯގަސްޓު މަހު ބާއްވަން ނިންމައިފިއެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯކްސް ޕަރސަން އަސްރާ އަހްމަދު ވިދާޅުވީ ކައުންސިލު އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އޯގަސްޓު ހަވަނަ ދުވަހު ކަމަށެވެ. އަދި މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އިންތިޚާބުގައި 185 މަޤާމަށް ވާދަކުރުމަށް ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި އެޕާޓީގެ ރައީސްކަމުގެ މަގާމާއި ހަ ނާއިބު ރައީސުން ހިމެނެއެވެ. އަދި އަންހެނުންގެ ގޮފީގެ ރައީސް އާއި ނާއިބު ރައީސް އާއި ޒުވާނުންގެ ގޮފީގެ ރައީސް އާއި ނާއިބު ރައީސް ކަމުގެ މަގާމު ވެސް ހިމެނެއެވެ.

މީގެ އިތުރުން ދާއިރާތަކުގެ ރައީސުންނާއި ނާއިބު ރައީސުން މަޤާމަށް ވެސް ކުރިމަތިލުމަށް އިއްޔެއިން ފެށިގެން ވަނީ ހުޅުވާލާފައެވެ.

އަސްރާ ވިދާޅުވީ އިންތިޚާބުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ޕާޓީގެ އޮފީސް ގ. ޕޫލްޑްރީމުން ވެސް ފޯމު ބަލައިގަންނާނެ ކަމަށެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށެވެ.

އަސްރާ ވިދާޅުވީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހުގެ 27 ގެ ނިޔަލަށް ކަމަށާއި އެ ތާރީޚާއި ހަމައަށް އަލަށް އެ ޕާޓީއަށް ވަންނަ ފަރާތްތަކަށް ވެސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ނަން އިއުލާންކުރުމަށްފަހު ޖުލައި މަހުގެ ހަތަކުން ފެށިގެން ހުރިހާ ފަރާތްތަކަށް ކެމްޕެއިން ކުރުމަށް، މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް އަސްރާ ވިދާޅުވިއެވެ.

އެ ޕާޓީގެ އިލެކްޝަން ކޮމިޓީގެ މެންބަރު އިސްމާއީލް އިމްރާން ރުޝްދީ ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓެއްގެ ގޮތުގައި ބަލާނީ ޕާޓީގެ ދަފްތަރު ކަމަށާއި ވަގުތީ ކައުންސިލް ހޮވީ އިލެކްޓްރޯނިކް ވޯޓުން ނަމަވެސް، މި އިންތިޚާބު ބާއްވާނީ ވޯޓު ފޮށި ބަހައްޓައިގެން ވޯޓު ކަރުދާސް ބޭނުންކޮށްގެން ކަމަށެވެ.

މަގާމުތަކަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި އެޕާޓީގެ މެންބަރަކަށް ވުމާއި އުމުރުން 18 އަހަރު ފުރިފައިވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި ޕާޓީގެ ސުލޫކީ އެއްވެސް މައްސަލައެއް ސާބިތުވެފައިނުވުން ވެސް ހިމެނެއެވެ.

އެޕާޓީގައި މިހާރު އޮތީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންތިޚާބު ކުރި ވަގުތީ ކައުންސިލެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.