ބީއެމްއެލްގައި ހުރި ރައްޔިތުންގެ ފައިސާ ގެއްލޭ މައްސަލަ އެމްއެންޕީ އިން މަޖިލީހަށް

ފޮޓޯ: އެމްއެންޕީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި ރައްޔިތުންގެ ފައިސާ ގެއްލޭ މައްސަލަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެެެއްގައި ބުނީ ބީއެމްއެލްގައި ދިވެހި ރައްޔިތުން ހުޅުވާފައިވާ އެކައުންޓުތަކުން ގިނަ އަދަދެއްގެ ފައިސާ މަދުވަމުންދާ ކަމުގެ ޝަކުވާ އިވެމުންދާ ކަމަށެވެ. އަދި މިއީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ޝަކުވާތަކަށް ބީއެމްއެލް އާއި ގާނޫނު ތަންފީޒުކުރާ އިދާރާ އަދި ބޭންކިންގ ދާއިރާގެ ބެލެނިވެރިފަރާތް ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް އެެއްވެސް ޖަވާބެއް ދީފައި ނުވާތީ ވެސް ކަންބޮޑުވާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރަމަޟާން މަހަށް ބޯމަތިވެފައިވަނިކޮށް ރައްޔިތުންގެ އެކައުންޓުން ވީނުވީއެއް ނޭނގޭގޮތަށް ފައިސާ ގެއްލުމަކީ އެ ރައްޔިތުންނަށް ނުހަނުބޮޑު ހިތާމައެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެހެންވެ، ޝައްކުވާ އެ މުއާމަލާތް ހިނގާފައިވާ ގޮތް އަވަހަށް ބަލައި، ފައިސާ ލިބެންޖެހޭ ފަރާތްތަކަށް އަވަހަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެ ޕާޓީން ވަނީ ގޮވައިލާފައެވެ.
އެކައުންޓެއްގައި ޖަމާކޮށްފައި ހުންނަ ފައިސާގެ ޓްރާންސެކްޝަން މައުލޫމާތަކީ ބޭންކަށް އެނގޭނެ މައުލޫމާތު ކަމަށްވާތީ، އެ ޝަކުވާތަކުގެ އަސްލަށް ވާސިލުވުމަކީ މާއުނދަގޫ ކަމަކަށް ވާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އެމްއެންޕީން ބުނެއެވެ.

އެމްއެންޕީން ވަނީ ސަރުކާރުންވެސް މި މައްސަލައަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވައި، ގެއްލުން ލިބުނު ފަރާތްތަކަށް ހައްގު ބަދަލު ދިނުމަށް ވެސް ގޮވައިލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.