ނޭޕާލުގެ މަތިންދާބޯޓު ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން: އިބްތިދާއީ ރިޕޯޓު

އާދީއްތަ ދުވަހު ވެއްޓުނު މަތިންދާބޯޓުގެ ބައިތައް ފަރުބަދަމަތީ ސަރަހައްދަކަށް ފެތުރިފައި

ނޭޕާލުގެ މުސްޓާންގް ޑިސްޓްރިކްޓްގެ ފަރުބަދަތަކުގެ ތެރެއަށް އިއްޔެ ވެއްޓުނު ތާާރާ އެއާގެ މަތިންދާބޯޓު ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމުގައި އެ ހާދިސާގެ އިބްތިދާއި ރިޕޯޓުގައި ބުނެފިއެވެ.

ކެނެޑާގައި އުފައްދާފައިވާ ޓްވިން އޮޓާ 9 އެން-އޭއީޓީ މަރުކާގެ ޓާބޯ ޕްރޮޕް (ބުރަފަތިލީ) މަތިންދާބޯޓު ވެއްޓިފަައި ވަނީ އާދީއްތަ ދުވަހު ޕޮކާރާ ސިޓީން 22 މީހުންނާއެކު އުދުއްސާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެެ. އެއީ 19 ދަތުރުވެރިންނާއި، 3 ފަޅުވެރިންނެވެ. ނޭޕާލުގެ 3 ފަޅުވެރިންގެ އިތުރަށް އެ ބޯޓުން ދަތުރުކުރީ އިންޑިޔާގެ 4 މީހަކާއި، ޖަަރުމަނުގެ 2 މީހަކާއި، ނޭޕާލުގެ 13 މީހެެކެވެ.

މަތިންދާބޯޓުގެ ބައިތަކާއި، އެ ބޯޓުން ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތްކުރަމުން ދިޔަ މީހުންނަށް ބޯޓުގެ ބައިތައް ފެނިފައިވާއިރު، 20 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.

"21 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައި. ޓީމުތަކުން ދަނީ ނުފެންނަ މީހާ ހޯދުމުގެ މަސައްކަތްކުރަމުން." ޚަބަރުފަތުރާ ބައެއް ވަސީލަތްތަކަށް މައުލޫމާތުދެމުން ސިފައިންގެ ތަރުޖަމާނު ނާރަޔަން ސިލްވާލް ބުނެފައި ވެއެވެ. "އެއީ މަސައްކަތް ކުރިއަށް ގެންދަން ވަަރަށް އުނދަގޫ ސަރަހައްދެއް. މަތިންދާބޯޓުގެ ބައިތައް ވަނީ އަޑިގަނޑެއްގެ ތެރެއަށް ފެތުރިފައި." ފުލުސް އޮފިސަރަކު ވިދާޅުވިއެވެ.

ނޭޕާލު ސަރުކާރުން ވަނީ މަތިންދާބޯޓު ވެއްޓުމުގެ ހާދިސާ ތަހުގީގުކުރަން 5 މެންބަރުންގެ ކޮމިޝަނެއް އެކުލަވާލައިފައެވެ. ކޮމިޝަނުގެ ވެރިއަކަށް އައްޔަންކޮށްފައި ވަނީ ސީނިއާ އެއަރޮނޯޓިކަލް އިންޖިނިއަރު ރަތީޝް ޗަންދްރަ ލާލް ސުމަންއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ނޭޕާލް (ސީއޭއޭއެން) ގެ ޑިރެކްޓަރ ޖެނެރަލް ޕްރަދީޕް އަދިކާރީ ވިދާޅުވި ގޮތުގައި، މަތިންދާބޯޓު ކަނާތް ފަރާތަށް އެނބުރުގެ ބަދަލުގައި، އެ ބޯޓު ވަނީ ވާތް ފަރާތަށް އެނބުރިގެން ގޮސްފައެވެ. މިހެން ދިމާވީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ފްލައިޓްރާޑަރ24.ކޮމްގެ ޑާޓާއިން ދައްކާ ގޮތުގައި އުފެއްދި ފަހުން 43 އަހަރުވެފައިވާ މަތިންދާބޯޓު ޕޮކާރާއިން އުދުއްސާލާފައި ވަނީ އާދީއްތަ ދުވަހުގެ ހެނދުނު 9:55 (ރާއްޖޭ ގަޑިން ހެނދުނު 9:10) ގައެވެ. އަދި އެ ބޯޓުގެ އެންމެ ފަހު ސިގްނަލް ލިބިފައި ވަނީ 10:07 ގައެވެ. އޭރު ބޯޓު އުދުހެމުން ދިޔައީ 12825 ފޫޓު މަތިންނެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަަދަ މައުންޓް އެވަރެސްޓްގެ އިތުރަށް، ދުނިޔޭގެ އެންމެ އުސް ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ 14 ފަރުބަދައެެއް ހުންނަ ނޭޕާލަކީ ނިސްބަތުން ވައިގެ ހާދިސާތައް ގިނަ ގައުމެކެވެ.

2016 ވަނަ އަހަރު ހަމަ މި ސަރަހައްދުން ދަތުރުކުރި ތާރާ އެއާގެ މަތިންދާބޯޓެއް ވެއްޓި 23 މީހުން މަރުވެފައި ވެއެވެ. އަދި 2012 ވަނަ އަހަރު ޕޮކާރާއިން ޖޮމްސޮމްއަށް ދަތުރުކުރި މަތިންދާބޯޓެއް ޖޮމްސޮމް ކައިރިއަށް ވެއްޓި 15 މީހުން މަރުވެފައި ވެއެވެ.

ތާރާ އެއާއަކީ ނޭޕާލައި އެންމެ ފަހުން އުފެއްދި އެތެރޭގެ އެންމެ ގިނަ މަންޒިލްތަކަށް އުދުހޭ އެއާލައިނެެެވެ. ނޭޕާލުގެ އަމިއްލަ އެއާލައިނެއް ކަމަށްވާ ޔެޓީ އެއާލަންސުން ހިންގާ ތާރާ އެއާގައި މުޅިންވެސް ބޭނުންކުރަނީ 20 މީހުންގެ ޖާގައިގެ ކުދި މަތިންދާބޯޓުފަހަރެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.