ނޭޕާލުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 38 މީހުން މަރުވެއްޖެ

ނޭޕާލުގައި ފަރުބަދައެއް މަތިން ބިންގަނޑު ކަނޑައިގެން ގޮސް ފައިބަނީ

ނޭޕާލުގައި ފެންބޮޑުވެ، ފަރުބަދަމަތީ ހިސާބުތަކުން ބިންގަނޑު ކަނޑައިގެން ފޭބުމުގެ ސަބަބުން 38 މީހުން މަރުވެ 50 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ. ހޯމް މިނިސްޓްރީން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި 7 ކުޑަކުދިންވެސް ހިމެނެއެވެ.

މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި 24 މީހަކު ވީގޮތެއް ނޭނގި ގެއްލިފައިވާއިރު، އެމީހުންގެ ތެރޭގައިވެސް 3 ކުޑަކުދިން ހިމެނެއެވެ.

ގައުމުގެ އެކ ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާފައި ވާއިރު، ގެދޮރު ގެއްލު ފަސްހާހާށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކުގައި ހުރި ވަގުތީ ހިޔާތަކަށް ގެންދެވިފައެވެ.

ހޯމް މިނިސްޓްރީން ހާމަކޮށްފައިވާ އަދަދުތަކުން އެނގޭ ގޮތުގައި ބިންގަނޑު ކަނޑައިގެން ފޭބުމުގެ ސަބަބުން 519 ގެއަކާއި، 90 ގެރި ކޮށި ވަނީ ވަޅުލެވިފައެވެ. އަދި 19 ބުރިޖެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ވެއެވެ.

ހިމާލަޔާ ފަރުބަދަ ސިލްސިލާގެ ތެރޭގައި އޮންނަ، ދުނިޔޭގެ އެންމެ އުސް ގައުމުތަކުގެ ތެރޭ ހިމެނޭ ނޭޕާލަކީ ކޯރުތަައް ގިނަ ގައުމެކެވެ. އަދި ބޯކޮށް ވާރޭ ވެހުމުން ފަރުބަދަމަތިން ފައިބައިގެން އަންނަ ސައިލުގެ ސަބަބުން ކޯރުތައް ފުރި ބަންޑުންވެގެން ފެންބޮޑުވުމަކީ އާއްމުކޮށް ވާކަމެކެވެ. އަދި މިފަދައިން ފެންބޮޑުވުމުން ފަސްގަނޑު މަޑު ހިސާބުތަކުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބޮޑެތި ގެއްލުން ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.