ނޭޕާލުގެ އިމާރާތެއްގައި ރޯވެ 500 މިލިއަން ރުޕީސްގެ ގެއްލުން ވެއްޖެ

ނޭޕާލުގައި އިންޓަނެޓާއި ކޭބަލް ޓީވީގެ ޚިދުމަތްދޭ އަމިއްލަ ކުންފުންޏެއް ކަމުގައިވާ ސުބިސޫ ކެބަލްނެޓްގެ އިމާރާތެއްގައި ރޯވެ 500 މިލިއަން ނޭޕާލީޒް ރުޕީސް (67.6 މިލިއަން ދިވެހި ރުފިޔާ) ގެ ގެއްލުން ވެއްޖެއެވެ.

މެޓްރޮޕޮލިޓަން ޕޮލިސް އޮފީހުގެ ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޝިޔާމް ގަޔަވާލީ ވިދާޅުވި ގޮތުގައި ވެރިރަށް ކަޓްމަންޑޫގެ ބާލޫވާޓަރު އަވަށުގައި ހުންނަ އޮފީސް އިމާރާތުގައި އިއްޔެ މެންދުރު 12:45 ހާއިރު (ރާއްޖޭ ގަޑިން މެންދުރު 12:00) އަލިފާން ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ޕެޓްރޯލް ފީފާއެއްގައި ރޯވެގެންނެވެ.

އިމާރާތުގައި ރޯވި ވަގުތު 200 އަށްވުރެ ގިނަ މީހުން އިމާރާތުގައި މަސައްކަތްކުރަމުން ދިޔަ ނަމަވެސް، އެ އެންމެން ވަނީ ރައްކާތެރިކަމާއެކު އިމާރާތުން ނެރެވިފައެވެ.

"އެންމެން ވަނީ އިމާރާތުން ނެރެވިފައި. އެހެންކަމުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވޭ." އެސްއެސްޕީ ގަޔަވާލީ ވިދާޅުވިއެވެ.

ޚަބަރު ލިބޭ ގޮތުގައި އިމާރާތުގައި ރޯވިއިރު، އެތަނުގައި، ތަނުގެ ބޭނުމަށް 2000 ލިޓަރުގެ ޕެޓްރޯލް ރައްކާކޮށްފައި ހުއްޓެވެ. އަލިފާންގަޑު ފެތުރި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނީ ޕެޓްރޯލުގައި ރޯވުމުގެ ސަބަބުންނެވެ. ސުބިސޫ ކުންފުނީގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ތަނުގައި ދުއްވާ އުޅަނދުތަކަށް އެޅުމަށާ، ކަރަންޓު ދޭން ބޭނުންކުރާ ޖެނެރޭޓަރަށް އެޅުމަށް އެތަނުގައި ޕެޓްރޯލާއި ޑީސަލް ރައްކާކޮށްފައި ހުރެއެވެ.

އަލިފާން ރޯވި އިމާރާތަކީ ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ ކަޑްގާ ޕްރަސާދް ޝަރްމާ އޯލީގެ ރަސްމީ ގެކޮޅާ އެއް ކިލޯމީޓަރު ދުރުގައި ހުރި އިމާރާތެކެވެ.

ނޭޕާލު ފުލުހުންނާއި، ސިފައިންގެ މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ދޮޅުގަޑިއިރުގެ މަސައްކަތުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.