(24 މެއި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ދިޔުމާއެކު ރަޖްނީ މޫނުމަތިން ފިކުރު ބޮޑުވުމުގެ އަސަރުތައް ފެނިގެން ދިޔައެވެ. ރޭގައި އޭނާއަށް ލިބުނު ފައިސާގެ ތެރެއިން މިހާރު ބާކީ ހުރި ފައިސާކޮޅު އޭނާގެ ބްލައުޒްގެ ތެރެއިން ނެރެ ގުނަން ފެއްޓިއެވެ. އެ ވަގުތު އޭނާ އަމިއްލައަށް ބުނަމުން ގެންދިޔައެވެ.
"ދީޕަކް ސްކޫލް ފީ... ފޮތް ހޯދަން.. ދެއިރުގެ ކެއުން" ހިސާބުކޮށްލާފައި އޭނާއަށް ރޮވިއްޖެއެވެ. ނަމަވެސް ލޮލުން އޮހެރެންފެށި ކަރުނަތައް ހިފަހައްޓާލާފައި ހިތަށް ވެރިވެފައިވާ މޮޅިވެރިކަން ވެސް ފޮރުވާފައި އޭނާ އަވަސްވެގަތީ ދީޕަކްގެ ޔުނިފޯމްތައް ތައްޔާރުކުރާށެވެ.
ދޭއް
ޖަޔަންތު ވަރަށް އުފާވެރި މޫޑެއްގައި ރާގެއް އަޅުވާލާފައި އައިސް އޭނާގެ ކޮލެޖަށް ވަދެއްޖެއެވެ. އޭނާގެ އެކުވެރިންނާއި ރަޙްމަތްތެރީން އައިސް އޭނާ ވަށާލިއެވެ. އަދި އޭނާއަކީ އެމީހުންގެ ގްރޫޕް ލީޑަރޭ ހީކުރެވޭ ފަދަ ގޮތަކަށް އޭނާއަށް އެމީހުން މަރުހަބާ ކިޔެއެވެ. ނަމަވެސް އެވަގުތު ކުއްލިއަކަށް ޖަޔަންތުގެ ނަޒަރު ހުއްޓުނީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ކަމުގައިވާ އަޝޯކްގެ މައްޗަށްށެވެ. އޭރު އަޝޯކް އިނީ އެމީހުންނާ ކުޑަތަންކޮޅެއް ދުރުގައިވާ ފެހިކުލައިގެ ވިނަގަނޑެއްގައި ހުރި ގޮނޑިއެއްގައެވެ. އަޝޯކް ފެނުމާއެކު ޖަޔަންތު އެހެން ކުދީންތައް ދޫކޮށްލާފައި އަޝޯކް އާ ދިމާއަށް ހިނގައިގެންފިއެވެ.
ޖަޔަންތު އަޝޯކްގެ ކުރިމަތީގައި ހުއްޓުމުން ވަރަށް މަޢުނަވީ ގޮތަކަށް އޭނާގެ ބޮލުން ފެށިގެން ފަޔާހަމައަށް އަޝޯކް ބަލާލިއެވެ. އަދި އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އޭނާއަށް ވުރެ ކުރިން ވާހަކަ ދެއްކީ ޖަޔަންތުއެވެ.
"އަޝޯކް. ތިޔަހެން ނުދެކޭ މީހެއްހެން ތިޔަބަލަނީ ކޮން އެއްޗެއްތަ؟"
"އެއް ހަފްތާ ވަންދެން ރަޙްމަތްތެރިޔާގެ ޚަބަރެއް ވެސް ބަލާ ނުލާ އުޅެފައި، ކޮލެޖަށް ވެސް ނައިސް ހުރެފައި އަހަރެންނާ ދިމާއަށް ނުދެކޭ މީހެއްހެން ބަލަނިއްޔޭ ބުނަނީތަ؟" އަޝޯކް މަލާމާތުގެ ފާޑަކަށް ބުނެލިއެވެ.
"ކީކޭ ބުނާނީ؟" ރަޙްމަތްތެރިޔާ! ކަންތައް ގަނޑަކާ ދިމާވީ!"
"ކަލެއަށް ދިމާވާނީ ކޮން ކަންތައް ގަނޑެއް.. ޝަރާބާއި ޝަބާބް... ރާބުއިމާއި ޒުވާން އަންހެން ކުދިން..."
"ފެން ބޮވައިގެންފައިވާ މީހަކަށް ބޭނުންވާނީ ދެން އެހެން ކޮންއެއްޗެއް؟" އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ކަލެއަށް ވެސް އެނގޭނެ...ރަހަ ލައިފިނަމަ ދެން އަލައެއް ނުކެނޑޭނެ"
"އަމިއްލަ ފުރާނައިގެ ދުޝްމަނަކަށް ތިޔަވަނީ ކީއްކުރަންތަ؟ ޖަޔަންތު!....." އަޝޯކް ވަރަށް ދެރަވެލާފައި ބުންޏެވެ.
"އޭ..... ބަލަ ހަމަގައިމުވެސް ކޮންމެވެސް ދުވަހަކުން މަރުވާނެ. ވީއިރު ރޮމުން ރޮމުން މަރުވާންވީ ކީއްކުރަން؟" ދިރިއުޅުން މަޖަލާ އުފަލުގައި ވޭތުކޮށް ނުލާންވީ ކީއްވެ؟ ޅެންވެރިއަކުވެސް ބުނެފައިވަނީ
"އަހަރެމެންގެ ދިރިއުޅެންވަނީ އުފަލާ އަރާމުގަ އިނގޭ
ނޫން ނަމަ ދަތުރު ޙަޔާތުގެ ވީހީ ނިކަން ދިގޭ އިނގޭ"
"މިހެން .....ރަޙްމަތްތެރިޔާ ...އަހަރެން މި ނަގަނީ ވަރަށް ޝޯރޓް ކަޓެއް ނޫން.. ރަޙްމަތްތެރިޔާ. ތިޔަ- ދިރިއުޅުމަށް ފުރަގަސް ދިނުން ނުވަތަ ދިރިއުޅުމަށް ފިލައި ރައްކާވުން. ހިތްވަރުގަދަ މީހެއްނަމަ ފިރިހެނެއްހެން މަރާ ކުރިމަތިލާނީ ކެރިގެން.." އަޝޯކް ހިތްވަރުގަދަ ގޮތެއްގައި ބުނެލިއެވެ.
"ފިރިހެނެއް ހެންނޭ... ކަލާ އަދި ފިރިހެނެއް..." މިހެން ބުނެފައި ޖަޔަންތު ވަރަށް ބާރަށް ހީނގަތެވެ. އަދި އައިގޮތަށް އައިސް އަޝޯކްގެ ކޮނޑުގައި ޖަހާލާފައި އޭނާ ކައިރީގައި އިށީނދެއްޖެއެވެ. ...އަދި ބުންޏެވެ.
"ފުރަތަމަ މި އުފާވެރި ދުނިޔޭގެ އުފާތަކުން ތަންކޮޅެއް ހޯއްދަވާ. ދެން އޭގެ ފަހުން ފިރިހެނަކަށް ވެލައްވާ ... ކިހިނެއްތޯ؟ މިރޭ ދަމާތޯ؟...."
"ޝަޓަޕް...!" އަޝޯކް ރުޅިއައިސްފައި މޫނު ރަތްކޮށްލިއެވެ.
"އެންމެ ރަނގަޅު.. ހުއްޓާލައްވާ ރަޙްމަތްތެރިޔާ.... ހެނދުނު ހެނދުނާ މޫޑު ހަލާކު ކުރައްވަނީ ކީއްކުރަންވަންތޯ؟ ހިންގަވާ. ކޮލެޖްގެ ގަޑި ނިމުނީމާ އަދި ބަޙުސު ކުރެވިދާނެ.." މިހެންބުނެފައި ޖަޔަންތު ތެދުވަމުން އަޝޯކްގެ އަތުގައި ހިފައިލިއެވެ. އަދި ކޮލެޖް ތެރެއަށް ދާން މަސައްކަތް ކުރިއެވެ. ނަމަވެސް އަޝޯކް އޭނާގެ އަތްފޮޅުވާލާފައި ބުންޏެވެ.
"މަޑުކޮށްބަލަ"
ޖަޔަންތު ހިނގައިގަންނަން އުޅެފައި ހުއްޓިއްޖެއެވެ.
"ވިލެޖުން އަންކަލް އަތުވެއްޖެ!" އަޝޯކް ބުންޏެވެ.
"ބައްޕަތަ....؟"
"އާނ.. ކޮމޮން ރޫމްގައި ކަލޭގެ އިންތިޒާރުގައި އެބައިން."
މިވާހަކަ އިވުމާއެކު ޖަޔަންތުގެ މޫނުމަތީގައިވާ ހުރިހާ އުޖަލާކަމެއް ފުހެވިގެން ހިނގައްޖެއެވެ. އަދި ހިމޭންކަމާއެކު އިސްޖަހާލައިގެން ކޮމޮންރޫމާ ދިމާއަށް ހިނގައިގެންފިއެވެ.
ޖަޔަންތު ވަރަށް ބާރަށް ގޮސް ކޮމޮންރޫމްގެ ދޮރު ކުއްލިއަކަށް ކަހަލަގޮތަކަށް ހުޅުވާލިއެވެ. އަދި އެތެރެއަށް ވަނުމާއެކު ހުއްޓިއްޖެއެވެ. އޭނާގެ ޢުމުރު ދެބައިވެފައިވާ ބައްޕަ އެތާނގައިވާ ގޮނޑިއެއްގައި އިންދާ އޭނާއަށް ފެނުމުންނެވެ. އެވަގުތު ބައްޕަ ވަރަށް މަލާމާތް ރާގަކަށް ޖަޔަންތާ ދިމާއަށް ބުންޏެވެ.
"ކަލާއަށް ފުރުޞަތެއް ވެލެއްވީ ދޮގެއްތޯ؟"
ޖަޔަންތު ސިކުންތެއްހާއިރު އޭނާގެ ބައްޕައާ ދިމާއަށް ނުރުހޭގޮތް ދައްކާލާފައި ރައްދު ޖަވާބެއްގެ ގޮތުގައި ބުނެލިއެވެ.
"ތިޔަ ސުވާލަކީ އަޅުގަނޑު ބައްޕައާއި ކުރަންވީ ސުވާލެއް....މިތަނަށް ތިޔަ ދުރުވީ ކޮންކަމެއް ހަނދާން ނެތިގެންތޯ؟"
"މިތަނަށް މިއައީ އަހަރެންގެ ފިރިހެން ދަރިފުޅު ފޮޅުވަމުންދަނީ ކޮން މާތަކެއްތޯ ބަލަން.."
"އެކަމަށްޓަކައި ތިޔަހާ ދިގު ދަތުރެއް ކުރެއްވުމުގެ ބޭނުމަކީ ކޮބައިތޯ... ސިޓީއެއް ލިޔުއްވާ ލައްވަނިކޮށް ވެސް ޖަވާބުގައި އަޅުގަނޑު ހުރިހާ ވާހަކަތަކެއް ލިޔެލާފާނަންވިއްޔަ..!" ޖަޔަންތު ހަމަ އެހާ ފަރުވާކުޑަ ގޮތަށް ޖަވާބުދިނެވެ.
"ސިޓީއެއްގެ ޖަވާބު ލިޔެލާނެ ވަގުތުވެސް ކަލެއަށް ލިބޭނީ ކިހިނެއް؟ ރެޔާ ދުވާލު ކަލޭގެ މަސައްކަތަކީ ރާބުއިމާއި، އަންހެން ކުދީންނާއެކު އުޅުމާއި ވިޔާނުދާ ގޮތުގައި ވަގުތުތައް ހޭދަކުރުން..... ކޮލެޖްގެ ވާހަކައަކީ ހަމައެކަނި ދައްކާ ބަހަނާއެއް.." ބައްޕަ ރުޅިއައިސްފައި ބުންޏެވެ.
"އެކަމާ ދެން ބައްޕަ ފިކުރު ކުރައްވަނީ ކީއް ކުރައްވަންތޯ؟"
"ދިރިއުޅުމަކީ އަޅުގަނޑުގެ ދިރިއުޅުމެއް. އަޅުގަނޑު އެދޭ ގޮތަކަށް އަޅުގަނޑަށް އެ ދިރިއުން ޚަރަދުކުރެވިދާނެ ނޫންތޯ؟"
"ނަމަވެސް ކަލޭ ކަލޭގެ ދިރިއުޅުން ތިޔަ ޚަރަދުކުރާހެން، އަހަރެން މަސައްކަތުން ހޯދާ އެއްކޮށްފައި މިހާތަނަށް ސަލާމަތުންހުރި މުދާކޮޅު ޚަރަދުކޮށްލާކަށް އަހަރެން ބޭނުމެއްނުވޭ... އަދި އަހަރެން ބަރުބާދުވެގެން ދާކަށް ވެސް އަހަރެނެއް ނޭދެން..."
"ބައްޕާ..! ބައްޕަގެ އަމިއްލަ އެދުންތައް ފުރިހަމަކުރެއްވުމަށް ޓަކައި އަޅުގަނޑުގެ މަންމަ ދޫކޮށްލައްވާފައި އެހެން މީހަކާ ބައްޕަ ކައިވެނި ކުރެއްވި ދުވަހުން ފެށިގެން ބައްޕަ ބަރުބާދުވެލައްވައިފީމު..... އަޅުގަނޑުގެ މަންމަ ކުރާނެ ކަމެއް ނެތިގެން ނުހަނު ބިކަޙާލުގައި އުޅެމުން ދިޔައިރު ބައްޕަ އައު އަނބިކަނބަލުންނާއެކު އުފާކުރައްވަމުން މަޖާ ނަގަންގަވަމުން ގެންދެވީ... އަދި ބައްޕަގެ ދަރިފުޅު ބައްޕަގެ ލޯތްބަށް އެދިއެދި އޮތްއިރު ބައްޕަ އެ ދަރިފުޅަށް ދެއްވީ ނަފްރަތާއި ނުރުހުން.. މިއަދު އަޅުގަނޑު ބައްޕައަށް މިދެނީ ބައްޕަ އަޅުގަނޑަށް ދެއްވި އެއްޗެތި ބައްޕާ.... މިކަން ބައްޕައަށް އެނގިލައްވަންވާނެ!"
"އަހަރެން ކަލޭދެކެ ލޯބިނުވާނަމަ އަދި ކަލެއަށް ނަފްރަތު ކުރާނަމަ ކަލެއަށް މަތީތަޢުލީމް ހޯދާދޭން ކޮލެޖަށް ފޮނުވައިގެން މިހާ މަސައްކަތެއް ނުކުރީމުސް. އަދި ކޮންމެ މަހަކު މިހާ ގިނަ ރުފިޔާ ޚަރަދެއްވެސް ނުކުރީމުސް"
"އޯ! އަޅުގަނޑުގެ މައްޗަށް ތިޔަ ޚަރަދުކުރައްވާ ރުފިޔާތައް ލިބެމުންދަނީ އަޅުގަނޑުގެ މަންމަ ފަރާތު ކާފަ ދޫކުރައްވާފައިވާ މުދާ ތަކަކުން ނޫންތޯ..... އެއީ ބައްޕަގެ އެއްޗެއްކަމެއް އަޅުގަނޑެއް ނުދެނެހުރިން" މިހެން ބުނެފައި ޖަޔަންތު މަލާމަތްގޮތަކަށް ހީނލިއެވެ.
(ނުނިމޭ)
V.ibraiytheri reethi vaahathakeh