(3 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އޭނާގެ ޢިއްޒަތް ސަލާމަތްކުރީ ކޮންއިރަކުތަ؟" ކަލާއަށް އޭނާގެ ދިރިއުޅުމުގެ މާޒީގެ ލަކުނުތައް އެނގިލައްވާފައި..ނެތީ ކަންނޭނގެ!"
"މާޒީގެ ލަކުނުތައްތޯ. ނުވަތަ މާޒީގެ ޒަޚަމްތައްތޯ! މާފުކުރައްވާ. އިނިސްޕެކްޓަރު ސާހަބަ...ކަލާއަށް ތިޔަ ފެނިލައްވަނީ ތަޞްވީރުގެ ހަމަ އެންމެ ފަރާތެއް. އެފަރާތް ވަނީ ވަރަށް އަނދިރިކޮށް... ފަހަރެއްގައި ތަޞްވީރުގެ އަނެއްފަރާތް މާއަލިކޮށް ވެސް އޮވެދާނެ..."
"އާނ... ތިޔަބުނީ ރަނގަޅަށް..މީހަކު މަރާލުމަށްފަހު ދެން އެ މޫނު ދޭވީއެއްގެ މޫނަށްވުރެ ވެސް އަލިވާނެ..."
"އިނިސްޕެކްޓަރު ސާހަބު.. މިވިޔަފާރިގައި މަޖްބޫރުވެގެން އުޅެންޖެހިފައިވާ ވަރަށް ގިނަ އަންހެނުންނަކީ ނުލާހިކު މާތް އަދި ޢިއްޒަތްތެރި އަންހެނުން... އެމީހުންގެ ގޭގެ ދޮރުމަތިން ނެގޭ ފަސްކޮޅުގައި ދޭވީންގެ ބުދު ބެހެއްޓުން ވެސް އެކަށީގެންވާހާ ބޮޑަށް އެމީހުންނަކީ މާތް ބައެއް.."
"ކޮންމެ ގޮތެއްގައި ވިޔަސް ރަޖްނީ ޟަމާނަތުގެ މައްޗަށް ދޫކޮށްލެވޭކަށް ނެތް" އެންމެފަހުން އިނިސްޕެކްޓަރް ވަރަށް ފައިޞިލާ ކުރަނިވި ގޮތަކަށް ބުންޏެވެ.
"ޖަޔަންތު އެއްޗެއް ބުނަން ހީކޮށްލިއެވެ. ނަމަވެސް ހަމަ އެވަގުތު ބްރީފްކޭސްއެއް ހިފައިގެން ވަކީލަކު އެތަނަށް އަތުވެއްޖެއެވެ. އަދި އިނިސްޕެކްޓަރާއި ޖަޔަންތުއާ ދެމީހުން ކުރަމުން އައި ބަޙްޘު ނިމިފައިވާތަން ފެނިފައި ބުންޏެވެ.
"ކޮންމެވެސް މީހެއްގެ ޟަމާނަތުގެ މައްޗަށް ރަޖްނީ ދޫކޮށްލެވިދާނެ. އިނިސްޕެކްޓަރު ސާޙަބް"
"ކަލާއަކީ؟" އިނިސްޕެކްޓަރު ޙައިރާންވެފައިވާ ގޮތެއްގައި ބުނުމާއެކު ޖަޔަންތުއާ ދިމާއަށް ސުވާލުކުރާގޮތެއް ދައްކަމުން ބަލާލިއެވެ.
"އަޅުގަނޑުގެ ވަކީލު"
ޖަޔަންތު އެހެން ބުނުމާއެކު އިނިސްޕެކްޓަރު އަދި ވަކިން ބޮޑަށް ޙައިރާންވިއެވެ. އެތަންވަޅު ވަކީލު ބްރީފްކޭހުގެ ތެރެއިން، ލިޔުންތަކެއް ނަގާފައި އިނިސްޕެކްޓަރުގެ މޭޒުމަތީގައި ބަހައްޓައިފިއެވެ. އިނިސްޕެކްޓަރު އަވަސް އަވަހަށް އެ ލިޔުންތަކަށް ނަޒަރު ހިންގާލުމަށްފަހު، ކަންބޮޑުވެފައިވާ ގޮތެއްގައި ވަކީލާ ދިމާއަށް ބަލާލިއެވެ. އެވަގުތު ވަކީލު ބުންޏެވެ.
"އަޅުގަނޑު މިއައީ ކޯޓުން. ރަޖްނީގެ ޟަމާނަތު ކޯޓުން ޤަބޫލުކޮށްފި..ކަލާ ތިޔަ ލިޔުންތައް ބައްލަވާލައްވަ ބައްލަވަ!
"އެންމެ ރަނގަޅު..މިތާނގައި ސޮއިކޮށްލާ..." އެހެން ބުނެފައި އިނިސްޕެކްޓަރު މޭޒުމަތީގައި އޮތް ފޮތް ދިއްކޮށްލިއެވެ. އަދި އެތާނގައި ހުރި ކޮންސްޓެބެލްއަކަށް ރަޖްނީ ދޫކޮށްލަން އަންގައިފިއެވެ.
ޖަޔަންތާއި ވަކީލް އެފޮތުގައި ސޮއި ކުރުމަށްފަހު އިނިސްޕެކްޓަރަށް ޝުކުރު އަދާކޮށްފައި ތެދުވެއްޖެއެވެ.
ކުޑައިރުކޮޅެއްގެތެރޭގައި ކޮންސްޓެބްލް ރަޖްނީ ގޮވައިގެން އެތަނަށް އަތުވެއްޖެއެވެ. ރަޖްނީއަށް އޭނާގެ ފަރާތުން ޖާމިނުވާން އައިސްހުރިމީހާ ފެނުމާއެކު ޙައިރާންވިއެވެ. ޖަޔަންތު ފެނުމާއެކު ރަޖްނީގެ ލޮލުން ކަރުނަތައް އޮހޮރެން ފަށައިފިއެވެ. އަދި ތުރުތުރު އަޅައަޅާ އޮތް އަޑަކުން ބުންޏެވެ.
"ޖަޔަންތު ބާބޫ...ކަލާތޯ؟"
"އާނ... އަހަރެން...ހިނގާ މިހާރު އަވަހަށް މިތަނުން ދާން" އެހެންބުނެފައި ވަކީލްއާއި ރަޖްނީ ގޮވައިގެން ޖަޔަންތު ފުލުސް ސްޓޭޝަނުން ބޭރަށް ދާން ހިނގައިގެންފިއެވެ. އިނިސްޕެކްޓަރު އަނެއްކާވެސް މޭޒުމަތީގައި ހުރި ލިޔުންތައް ބަލަން ފަށައިފިއެވެ.
ފުލުސް ސްޓޭޝަނުން ނުކުމެފައި ވަކީލު ޖަޔަންތު ދިމާއަށް ބުންޏެވެ. " އޯކޭ ޖަޔަންތު ބާބޫ...މިހާރު އަހަރެން ދެން އަޅުގަނޑު ދާނީ..ދޭއް ޖަހާއިރު ކޯޓުގައި މި މައްސަލަ އެބައޮތް؟" އެހެން ބުނެފައި، ޖަޔަންތު އެންމެ ރަނގަޅޭ ބުނުމުން ވަކީލު އޭނާގެ ކާރަށް އަރައިގެން ހިނގައްޖެއެވެ.
"ކަލާ އަޅުގަނޑު ފުލުހުންގެ އަތްދަށުން ސަލާމަތް ކުރެއްވީ ކީއްކުރައްވަންތޯ؟"
"ކީއްކުރާނީ؟....ޖަޔަންތު މިހެން ބުނުމާއެކު ރަޖްނީގެ ބޮލުން ފެށިގެން ފަޔާ ހަމަޔަށް ބަލާލިއެވެ. އަދި އޭނާ ލައިގެންހުރި ދާވެފައިވާ ސާޅީއާއި، ހަލާކުވެފައިވާ ފައިވާނާ ދިމާއަށް އިޝާރަތްކޮށްލާފައި ބުންޏެވެ.
"ކަލޭ ތިޔަހުރީ ކޮންފަދަ ޙާލެއްގައިތަ؟"
"އަޅުގަނޑު މިހާރު އަޅުގަނޑުގެ ވިޔަފާރި ހުއްޓާލީ!"
"ތިޔަކަން އަހަރެން ދެނެހުރިން." ޖަޔަންތު އެހެން ބުނެފައި އޭނާގެ ޖީބުން ރުފިޔާކޮޅެއް ނަގާފައި ރަޖްނީއާ ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ. "މީގައި ހިފާ... އަދި ރަނގަޅު ސާޅީއަކާ ފައިވާނެއް ގަނޭ!"
"އެކަމަކު..އަޅުގަނޑު....އަޅުގަނޑު" ރަޖްނީ އެ ރުފިޔާތަކުގައި ހިފަން ނޫޅެ ދެއަތް ފުރަގަހަށްލިއެވެ. ޖަޔަންތަށް އޭނާގެ މަޤްސަދު އެނގިގެން އަވަސް އަވަހަށް ބުންޏެވެ.
"މާ ހާސްނުވޭ... އަހަރެން މީގެ ބަދަލުގައި އެއްވެސް ކަމެއްބޭނުމެއް ނޫން...ރައްޓެއްސަކު ދޭ އެއްޗެކޭ ހީކޮށްލާ، މީގައި ހިފާ..." އެހެން ބުނެފައި ޖަޔަންތު ގަދަކަމުން ކަހަލަ ގޮތަކަށް ރަޖްނީގެ އަތުގެތެރެއަށް އެ ރުފިޔާކޮޅު ލައިފިއެވެ. ރަޖްނީއަށްވެސް ދެން އިންކާރުކުރާކަށް ނުކެރުނެވެ.
"ޖަޔަންތު ބާބޫ.... " ރަޖްނީއަށް ހަމައެކަނި ބުނެވުނީ މިހެންނެވެ.
ރަޖްނީއަށް ވެފައިވާގޮތް ޖަޔަންތަށް ރަނގަޅަށް އިޙްސާސްކުރެވިގެން ޖަޛްބާތުން ފުރިފައިވާ ގޮތެއްގައި ބުންޏެވެ.
"ކަލޭ މިހާރު ވަނީ އަހަރެން ދުޢާއަށް ޓަކައި އަތް އުފުލާލިއަސް އަތް ނު ފޯރާވަރަށް މައްޗަށް ވގޮސްފައިކަން އަހަރެންނަށް ރަނގަޅަށް އެނގޭ" އެހެން ބުނުމާއެކު އޭނާގެ އެތެރެހަށީގެ ތެރެއިން ވެރިވެގެންދިޔަ ތަދެއް ފޮރުވޭތޯ އޭނާ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އޭނާއަށް ހިފެހެއްޓޭ ވަރަށްވުރެ އެތަދު މާގަދައެވެ. ނުހިފެހެއްޓިގެންގޮސް އޭނާއަށް ކެއްސައި ގަނެވިއްޖެއެވެ. އަދި ރަޖްނީ އޭނާއަށް ޝުކުރުވެސް އަދާނުކޮށް އުޅެނިކޮށް، އަދި ބައިބައި އޭ ވެސް ބުނެނުލާ ދުވެފައި ކަހަލަގޮތަކަށް ގޮސް ކުރިމަތީގައި އޮތް ޓެކްސީއަކަށް ޖަޔަންތު އަރައިފިއެވެ. އަދި އޭގެ ފަހަތު ޝީޓުގައި އިށީނުމާއެކު ޓެކްސީ ދުއްވާލައިފިއެވެ. ރަޖްނީއަށް މިވީގޮތެއް ނޭނގިފައި، ޙައިރާންކަމާއެކު ޓެކްސީ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނާގެ ދެލޮލުން އޭރުވެސް ކަރުނަތައް ފައިބަމުންދެއެވެ.
ޖަޔަންތު ޓެކްސީ ދުއްވަން އިން ޑްރައިވަރު ކައިރީގައި، ތަންކޮޅެއް ބާރަށް ދުއްވާލަން ބުނެލިއެވެ. އެއާއެކު ޓެކްސީ ދުވެލި ބާރުކޮށްލިއެވެ. ނަމަވެސް ކާރުގެ ދުވެލި ބާރުކަމުން ދިޔަދިޔަހެން ޖަޔަންތު މެޔަށް ވަމުންދާ ތަދާއި އޭނާގެ ކެއްސުން ދިޔައީ އިތުރަވަމުން ގިނަވަމުންނެވެ. އޭނާއަށް އިޙްސާސްވަމުންދަނީ އޭނާގެ ހަށިގަނޑުގެ ތެރެއަށް ޒަލްޒަލާއެއް އަންނަނީހެންނެވެ. އޭނާގެ ނަޒަރުގައި ތަޞައްވަރު ވަމުންދަނީ އޭނާގެ މާޒީއެވެ. އޭނާއަށް އެމާޒީއާމެދު ހީކުރެވުނީ ވިހަގަދަ ހަރުފައެއް ކަމުގައެވެ. އަދި އެހަރުފަ މިހާރު އޭނާގެ ހަށިގަނޑު ވަށާލައިގެން އޮވެ ބާރުކުރަމުން ވިހަލަމުން ދަނީހެން އޭނާއަށް ހީވިއެވެ.
އަޖައިބުވާ ފަދަ ރިހުމެއް އޭނާގެ ހަށިގަނޑުގެ ތެރެއިން އިޙްސާސް ކުރެވެމުން ދިޔުމާއެކު ހޮޑުލެވޭގޮތް ވާން ފެށުމުން ޓެކްސީ ހުއްޓާލުމަށް، ޖަޔަންތު ވަރަށް ބާރަށް ޑްރައިވަރުގާތު ބުނެފިއެވެ. ޓެކްސީ ހުއްޓާލުމާއެކު ވަރަށް ބާރަށް ކެއްސައިގަނެފައި، ކާރުގެ ދޮރު ހުޅުވާލާފައި ޖަޔަންތު ހޮޑުލާން ފެއްޓިއެވެ. އެހޮޑާއެކު އޭނާގެ ހަށިގަނޑުގެތެރޭގައިވާ ވިހަތައްވެސް ބޭރަށް އައިކަހަލައެވެ. ވަރަށް ގިނަ ގަނޑު ލޭތައްވެސް، އެހޮޑާއެކު އައިސްފައި ހުއްޓެވެ. އެ ލޭތައް ފެނިފައި ޖަޔަންތުގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސްވެގެން ދިޔައެވެ. އަދި އޭނާ ހޭނެތޭގޮތްވާން ފެއްޓުމުން އަވަސް އަވަހަށް ޓެކްސީގެ ފަހަތު ސީޓްގައި އޮށޯވެލިއެވެ.
(ނުނިމޭ)
Vvv.reethi