ކޯލް ގާރލް - 3

(21 މެއި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަލަ ހަށިގަނޑެއްގެ ވެރިއެއްކަމުގައިވާ މާރިޔާ އޭނާގެ ޖިފުޓިތެރެ ސާފުކުރުމުގެ މަސައްކަތުގައި އުޅެމުންދެއެވެ. އޭނާގެ ކަރުގައި އަޅާފައިވާ ޞަލީބުގެ ސަބަބުން އޭނާއަކީ ޢީސާއީ ދީނުގެ މީހެއްކަން އެނގެއެވެ. އޭނާގެ ޖިފުޓި ހަދާފައިވަނީ ލަކުޑީން ބިތްތައްލާފައި ފުރާޅުގައި ފަންލާފައެވެ.  ޖިފުޓި ކުރިމަތީގައި ތަންތަންކޮޅުން ވެއްޓިފައިހުރި ފާރުބުރިއެއް ހުއްޓެވެ. އެތާނގެ ކުރިމަތިން އޮތް މަގުގެ އަނެއް ފަރާތުގައި "ކްރިޝްލޮޖް"ގެ އިމާރާތެއް ހުއްޓެވެ. އެތާނގެ ނަންބޯޑު ޖިފުޓީގެ ކުރިމައްޗަށް ސާފުކޮށް ފެންނަން ހުއްޓެވެ.

ޖިފުޓި ސާފުކުރަން ހުރެފައި ރެކްޝާއެއްގެ އަޑު އިވުމުން މާރިޔާ މަގުމައްޗާ ދިމާއަށް ބަލާލިއެވެ. މޯތީގެ ރެކްޝާ އަންނަތަން ފެނުމުން އޭނާގެ މޫނުމައްޗަށް ފިނިފެންމާކުލަ އަރައިގެންދިޔައެވެ. މޯތީގެ ރެކްޝާ އައިސް ހުއްޓާލީ އެ ޖިފުޓީގެ ދޮރުމައްޗަށެވެ. ހުއްޓާލުމާއެކު ރަޖްނީ އެއިން ފައިބައިގެން ޖިފުޓިއާ ދިމާއަށް ހިނގައިގެންފިއެވެ. މާރިޔާ އުފާވެލާފައި އޭނާއާ ދިމާއަށް އެނބުރިލުމާއެކު ބުންޏެވެ.

"ކަމޯން ސްވީޓީ... އިއްޔެ ރޭހެން ރޭވެސް ރަނގަޅު ކަސްޓަމަރަކު ލިބޭގޮތް ނުވީތަ!؟"

 "ނޫން އާންޓީ..." ރަޖްނީ ހީނލާފައި ބުންޏެވެ.

"ގުޑް. އަވަހަށްދޭ ފެންވަރާލާ..ފެން ބަންދުވެދާނެ."

 ދީޕަކް ތެދުވެއްޖެތަ؟ ރަޖްނީ އެތެރެއަށް ދަމުން އަހާލިއެވެ.

"ނޫނޭ.. ކަލޭގެ ކޮއްކޮ ވީމާ ކަލޭ ގޮވުން ރަނގަޅުވާނެތީ އަހަރެން ނުގޮވަން.. ފަހަރެއްގައި އަހަރެންގެ އަޑު އިވުނީމާ އޭނާގެ ނިދި މާ ގަދަވެސް ވެދާނެ..."

މާރިޔާ ވާހަކަކޮޅު ނިންމާލީ ވަރަށް އުފާވެރި ހިނިތުންވުމަކާއެކުގައެވެ. ނަމަވެސް އޭނާގެ ވާހަކަކޮޅު ނިމުމުގެ ކުރިން ރަޖްނީ އެތެރެއަށް ގޮސް ނިމިއްޖެއެވެ. މާރިޔާ ޖިފުޓި ދޮރު މައްޗަށް ޖެހިލާފައި މަގުމައްޗަށް ބަލާލިއެވެ. އޭރު މޯތީ އޭނާގެ ރެކްޝާ ސާފުކުރަން އެތާނގައި ހުއްޓެވެ. މަރިޔާ ކުޑައިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ޖިފުޓިން ނިކުމެގެން މޯތީގެ ކައިރިއަށް ހިނގައްޖެއެވެ. އަދި ސިއްރު ސިއްރުން އަހާލިއެވެ.

"މިއަދު ރަޖްނީ އަތުން ކަމިޝަނަށް އަތުލީ ކިހާވަރެއްތަ؟"

"ފަނަރަ ރުފިޔާ!" މޯތީވެސް މަޑުމަޑުން ބުންޏެވެ.

"ފަނަރަ ރުފިޔާއޭ!؟" މާރިޔާ ދިގުނޭވާއެއްލާފައި ޔަގީން ނުކުރެވޭކަހަލަ ގޮތަކަށް ބުންޏެވެ.

"ކަލޭ ތިޔަހަދަނީ ދޮގު. ރަނގަޅަށް ބުނޭ.. ކަލޭ އަތުލީ ކިހާ ފައިސާއެއް. އަދި ބޯން ޚަރަދުކުރީ ކިހާވަރެއް؟"

"ކަލެއަކީ އަހަރެންގެ ގްރޭންޑް މަދަރތަ؟" ... ނުވަތަ އިންކަމް ޓެކްސް ނަގާ މީހާތަ... އާނ! ކޮންމެ ދުވަހަކު އަހަރެންނަށް ލާރި ލިބޭ ވަރަކާ ޚަރަދުވާ ވަރެއް ކަލެއަށް ބުނެދޭން ޖެހޭތަ!" މޯތީ ރުޅިއަންނަގޮތް ދައްކާލާފައި ބުންޏެވެ. މޯތީއަށް އެހެންވީތަން ފެނުމުން އަވަސް އަވަހަށް މާރިޔާ ވެސް  ވާހަކައިގެ ރާގު ބަދަލުކޮށްލިއެވެ.

"ޗީ..ޗީ.. ކަލޭ ކަމަކާ ނުލާ ރުޅިއައީތަ؟" އެހެން ބުނެފައި ދެކޮޅު ހޯދާ ބަލާލާފައި އިހަށްވުރެ ވެސް މޯތީއާ ކައިރިއަށް ޖެހިލައިފިއެވެ. އަދި ސިއްރުސިއްރުން ބުންޏެވެ. "މިއަދުގެ ފުރަތަމަ ވިޔަފާރީގެ މުދާ އަތުވެއްޖެ. ހަމަ މުޅީން ކަލޭ ކަހަލަ ސްޓްރޯންގް... ޓޮނިކްވެސް ބޭނުން ނުވާނެ..؟"

"މިހާ ހެނދުނު ހެނދުނާ އަހަރެންގެ ބޮލުގައި އަޅުވާލަން ތިޔަ އުޅެނީ ކީއްވެތަ... މިރޭ އަހަރެން އަންނާނަމޭ..."

"ރޭވާއިރަށް ޚަލާޞްވެދާނެ- އެހެންވެއްޖެއްޔާ ދެން ވާނީ ކިހިނެއް؟"

"އަހަރެންނަށް ފުޅިއެއް ބަހައްޓާދޭނީ...؟"

"ނޫނޭ.. ނޫނޭ.. އަހަރެން މިހާރު ދަރަންޏަށް ދިނުން ހުއްޓާލައިފިން.... މީހުން ބޮއިގެން ފައިސާ ދައްކާކަށް ހަނދާނެއްނުހުރޭ...."

"އޭ... ބަލަ އަހަރެން މިބުނީ ދަރަންޏަށް ބަހައްޓާ ވާހަކަ. ބޯ ވާހަކައެއް ނޫން... އާނ..މިއޮތީ އެޑްވާންސް" މިހެން ބުނެފައި މޯތީގެ ޖީބުން ފަސްރުފިޔާ ނަގާފައި މަރިޔާއަތަށް ދީފައި ބުންޏެވެ. "ދެން ފުޅިއެއް ބަހައްޓާދީފާނަންތަ؟"

"އާނ.. އާނ... ދެން ބަހައްޓާ ނުދޭންވީ ކީއްވެތަ؟" މާރިޔާ އުފާވެލާފައި ބުންޏެވެ. އަދި އެ ފަސްރުފިޔާ ނޫޓް އޭނާގެ ބްލައިޒްގެ ތެރެއަށް ލިއެވެ.

އެއަށްފަހު ދިޔައީ ރަޖްނީ ކައިރިއަށެވެ. ރަޖްނީގެ ކޮޓަރި ކައިރިއަށް އޭނާ އައިއިރު ވެސް ރަޖްނީ ހުރީ އޭނާގެ ކޮއްކޮ ދީޕަކަށް ގޮވާށެވެ. މާރިޔާ ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. ރަޖްނީ އޭނާގެ ހަތް  އަހަރުވީ ކޮއްކޮއަށް ގޮވަނީއެވެ.

"ދީޕަކް.. ދީޕަކް..."

ދީޕަކްގެ ނިދިގަދަކަމުން ހޭލެވޭގޮތް ނުވީމާ ރަޖްނީ އަތުން އޭނާ ގައިގައި ހިފާތަޅުވާލާފައި ބުންޏެވެ.

"ތެދުވޭ ދީޕަކް... މިހާރު ދެން ތެދުވޭ!"

ދީޕަކް ލޯ ހުޅުވާލާފައި ތެދުވެ ދެއަތުން ލޮލުގަޔާއި ބޮލުގައިއަތް ހާކާލާފައި ނިދިއަޑަކުން ބުންޏެވެ.  "ކީއްވީ... ދައްތާ!"

"މިހާރު އިރުއަރައިގެން ކިހާއިރެއް ވެއްޖެތަ.. މިއަދު ސްކޫލަށް ނުދާންކަމަށްތަ؟"

"ނުދާންވީ ކީއްވެތަ؟" މިހެން ބުނަމުން ދީޕަކް އެނދުން ފައިބައިފިއެވެ. އަދި ކޮޅަށް ހުރެ މޯޅިއަކަށް ދެމެން ފެށުމުން ރަޖްނީ ބުންޏެވެ.

"ދެން އަވަހަށް ދޭ.. މޫނު ދޮވެ ހަދައިގެން އަންނަން އަހަރެން ހުންނާނީ ފެން ގެންގޮސްދީފައި..."

ދީޕަކް މޫނު ދޮންނަން ދިޔުމާއެކު މަރިޔާ މަޑުމަޑުން ކޮޓަރި ތެރެއަށް ވަދެ ރަޖްނީ ކައިރިއަށް އަތުވެއްޖެއެވެ. އަދި ބުންޏެވެ.

"މާތްކަލާނގެ ހުރިހާ ކަމެއް ކޮށްދެއްވާނެ އެކަމަކު ފަޤީރު ނުކުރައްވާށި... އަހަރެން މިއަދު މިއުޅެނީ ކަމެއްގައި ތާށިވެގެން...."

"ކީއްވީ އާންޓީ؟" ރަޖްނީ ސިހޭގޮތްވެފައި އަހާލިއެވެ.

"އެއުޅޭ ޢައްބާސީ ލާލާގެ ކަންތައް... މުދާ ހޯދަންވެގެން އޭނާ އަތުން ދަރަންޏަށް ފަންސާސް ރުފިޔާ އަތުލާފައި އޮންނާނެ.  މިހާރު ހަމަ ކޮންމެ ދުވަހަކު ފަތިހު އެއްކޮޅުން ހާ ގޮވާއިރު އަނެއްކޮޅުން އޭނާއައިސް އަހަންނާ ދިމާކުރާނެ. ފައިސާ ދޭށޭ ކިޔާނެ. އޭނާގެ ފައިސާ އަދާނުކޮށް ގިނަ ދުވަސް ވާން ވެއްޖެއްޔާ އަހަރެންގެ ފުރާނަވެސް ހިނގައިދާނެ."

"އެންމެންގެ ފުރާނަ ވެސް ވާނީ ހަމަ ތިޔަގޮތަށް މަޅިގަނޑުގެ ތެރޭގައި އާންޓީ! އަހަރެންގެ މިމަހު ކުލި އަދިއޮތީ އާންޓީ އަތަށް ނުދެވިދޯ." ރަޖްނީއަށް މާރިޔާގެ މަޤްޞަދު އެނގިގެން ބުނެލިއެވެ.އަދި ފަންސާސް ރުފިޔާ ނަގާފައި މާރިޔާ އަތަށް ދިއްކޮށްލިއެވެ.މާރިޔާ އޭގައި ހިފާފައި އުފާވެގެން ލޯބިވެތި ގޮތެއް ދައްކާލާފައި ބުންޏެވެ.

"އަހަންނަށް ވާ ދެން ކުރެވޭނީ ވެސް ކޮންކަމެއް....އިންކަމެއް ލިބޭނޭ އެހެން އެއްވެސް ގޮތެއް އޮންނަ ނަމަ ކޮއިފުޅު އަތުން ކުއްޔެއް ވެސް ނާތުލާނަން. އަހަންނަށް ކޮއިފުޅު ތިޔައީ އަހަރެންގެ އުފަން ދަރިޔެކޭ އެއްގޮތް.... އަހަރެން މި ހުރިހާ ކަމެއް މިކުރަނީ މަޖްބޫރުވެގެން...އަހަރެންނަށް ހަފްތާއަކު ލިބޭވަރަށް ވުރެ ބޮޑަށް ޚަރަދުވެގެން ދޭ. އަހަރެންވާ މި ލައިފުން މުޅީން ފެޑަޕް ވެއްޖެ....

"ލައިފުން އެކަކުވެސް ފެޑަޕްއެއްނުވޭ...އާންޓީ!" ރަޖްނީ ހީނލާފައި ބުންޏެވެ. "ކޮއިފުޅާ ކޮއިފުޅަށް އަހަންނަށް ދިމާވެފައިވާ އެއްވެސް ކަމެއް ދިމާއެއް ނުވާނެ...." މާރިޔާ ފިނި ނޭވާއެއް ލާފައި ބުންޏެވެ.

"އާނ....ކޮންމެ މީހަކަށް ވެސް އެނގޭނީ އެމީހަކަށް ކުރިމަތިވެފައިވާ ދަތިތައް.....އެންމެ ރަނގަޅު....ދެން އެ ވާހަކަ ހުއްޓާލާ..އާންޓީ! އަހަރެންނަށް ކަމެއް ކޮށްދޭނަންތަ؟" "ބުނޭ ކޮންކަމެއް- އަވަހަށް ބުނޭ" މާރިޔާ އަވަސް އަވަހަށް ބުންޏެވެ.

"ދެ ތަށި ސައި ގަނެދީފާނަންތަ؟" އެހެން ބުނެފައި އަނެއްކާ ވެސް ދިހަ ރުފިޔާގެ ނޫޓެއް މާރިޔާއާ ދިމާއަށް ދިއްކޮށް ލައިފިއެވެ.

"އާނ....އަހަރެން ވެސް ސައިބޯ ގަޑި ޖެހިއްޖެ" މާރިޔާ ތުންފަތް މަތީގައި ދޫހާކަމުން ބުންޏެވެ.

"އެންމެ ރަނގަޅު ތިންތަށި ސަޔަށް ހަދާލާ."

"އަދި ކޭކު ކޮޅަކާ ބިސްކޯދު ކޮޅެއް ނުގެންނާނަންތަ"

"އާންޓީ ގެންނަހިތްވާ އެއްޗެއް ގެނޭ."

"އަހަރެން މާގިނަ އެއްޗެއް ބޭނުމެއް ނޫން. ކޮއިފުޅު ލޯބިން ދީފިއްޔާ އަހަރެން ވެސް ކައިފާނަން...." މާރިޔާ ޚުޝާމަދު ކުރާގޮތަކަށް ބުނެލިއެވެ. އަދި އޭނާގެ އަތުގައި އޮތް ދިހަ ރުފިޔާގެ ނޫޓަށް ބަލަންހުރެފައި ބުންޏެވެ. "މިއަދު ގޭގައި ކައްކާނެ ތެޔޮ ފޮދެއް ވެސް ނެތް....މީން ދެ ރުފިޔާ ބޭނުން ކުރިޔަސް އެންމެ ރަނގަޅުތަ؟

"އެންމެ ރަނގަޅު." ރަޖްނީ، މާރިޔާ ވައްކަޅިން ބަލަހައްޓައިގެން ހުރިގޮތް ވިސްނާލާފައި ޖަވާބުދިނެވެ. މާރިޔާ އޭނާއަށް މި ލިބުނު ކާމިޔާބީގެ މައްޗަށް ހިތާހިތުން އުފާކޮށްފައި ސައިއަޅާނޭ އެއްޗެއް ހިފައިގެން ބޭރަށް ނުކުމެއްޖެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.