(13 ޖުލައި 2022 ގެ ބަޔާ ގުޅޭ)
އެންމެފަހުން އަޅުގަނޑަށް ވީގޮތެއް ހަނދާނެއް ނެތެވެ. ހޭވެރިކަންވީ ދަމާފައިހުރި ދޮރުފޮތީގެ ތެރެއިން އިރުގެ އަލިކަން އަޅުގަނޑުގެ މޫނަށް އެޅެންފެށުމުންނެވެ. އަދި އެހިސާބުން ހެނދުނުވީކަން އެނގުނެވެ.
ކަރީމް ގެޔަށް އައީ ހެނދުނު ވަރަށް ލަސްވީފަހުންނެވެ. ކަރީމުގޭތެރެޔަށް ވަދެގެން އައިއިރު ، އަޅުގަނޑުހުރީ ކަރީމުގެ ބޭބެ އަސަދަށް ގުޅުމަށްޓަކައި ފޯނުނަގައިގެންނެވެ. ކަރީމު އެއައީ ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅުމަށްފަހުގައިކަން އޭނާގެ ރަތްވެފައިހުރި ދެލޮލުން ފާޅުވެ އެނގެން ހުއްޓެވެ.
"ލޯބިވާއެވެ!" އަޅުގަނޑުގެ ތުންފަތުގައި ބޮސްދޭން ގުދުވެލަމުން ކަރީމް ބުނެލިއެވެ.
އަޅުގަނޑަށް އެއްވެސް އުއްމީދެއްނެތް ގޮތަކަށް ހިނިތުންވެލެވުނެވެ. ކޮންމެ އަންހެނަކީވެސް އޭނާގެ ފިރިމީހާގެ ސިއްރުތައް އިޙުސާސްވާނެގޮތް ލިބިގެންވާނެ މީހެކެވެ. ކަރީމުގެ ގައިން އަޅުގަނޑަށް ، އެހެން އަންހެނެއްގެ ވަސް ޖެހުނެވެ. އަދި އެވާހަކަ ކަރީމްގާތު ބުނެވުނެވެ. އަޅުގަނޑު ހަމަޖައްސައިލުމަށްޓަކައި ކަރީމު ، ދޮގަކަށްފަހު ދޮގެއް ހަދަމުން ގެންދިޔައެވެ. އެހެންނަމަވެސް ، އަޅުގަނޑުގެ ގާތަށް އައި ރުޅީގައި ، ތިންސޫޓުކޭސް ކޮޓަރިޔަށް ވެއްދީމެވެ. އަދި އަޅުގަނޑުގެ ހެދުންތައް އަޅަންފެށީމެވެ. އަޅުގަނޑު ހެދުން އަޅަމުންދާ ވަރަކަށް ، ކަރީމު އެހެދުންތައް ނަގަމުން ގެންދިޔައެވެ. އަޅުގަނޑާ ކަރީމާ ދެމެދު ދެކދވުނުވާހަކަތައްވެގެންދިޔައީ ފޮށްޓަށް އަޅައި ޕެކްކުރަމުންގެންދިޔަ ހެދުންތަކަށް ވީހެންނެވެ. ތަފާތު ގޮތްގޮތަށް ދެކެވުނީ އެއްވާހަކަ އެކެވެ.
އަޅުގަނޑު ، ހުސްކޮށްހުރި ސޫޓްކޭސްތަކަށް ބަލައިލީމެވެ. އަދި ކަރީމް އަޅުގަނޑު ވަރިކުރަން އެދުނީމެވެ. ކަރީމް އޭނާގެ ފޯނުނެގިއެވެ. އަދި ނަންބަރެއްދީފައި ގުޅަން އެދުނެވެ. ކަރީމުބުނިގޮތުގައި އެއީ ، އޭނާގެ ރަޙުމަތްތެރިއެއްގެ ނަންބަރެވެ. އޭނާއެއައީ ، އޭނާޣެ ރަޙުމަތްތެރިޔާއާއެކީގައި ، އިތުރު އަންހެބަކާނުލައި ރޭގަނޑުގެ ވަގުތު ހޭދަކޮށްފައެވެ. އެކަން އޭނާގެ ރަޙުމަތްތެރިޔާ ޔަޤީންކޮށްދޭނެކަމުގައިވެސް ބުނަމުން ގެންދިޔައެވެ. އެވަރުގެ ރަޙުމަތްތެރިޔަކު ކަރީމުގެ ޙަޤީޤަތް ސިއްރުކޮށްދޭނެކަން އެނގުމާއެކުވެސް ، އަޞްލު ޙަޤީޤީ ތެދު އެއީ އަޅުގަނޑަށް ސާފުނުވާނެ އެއްޗެއްކަންވެސް އެނގެއެވެ.
"އަހަރެން ފެންކައްކަންވީ ކީއްކުރަން ހެއްޔެވެ؟ ހުންނަންޖެހޭނީ ހަމައެކަނި ފެނެވެ." އަޅުގަނޑު ކަރީމާ ސުއާލުކުރީމެވެ.
ވަގުތީގޮތުންވެސް އަމިއްލަ ދިފާޢަށް މިނިވަންކަން ލިބިފައި އޮންނަނީ ހަމައެކަނި ފިރިހެނުންނަށެވެ. ކަރީމުގެ ދިފާޢުގައި ވަކާލާތުކުރުމުގައި އޭނާގެ ހިތަށް ކުރާނެ އަސަރު އިޙުސާސްވިއެވެ. އަޅުގަނޑު ބޮއެގެން މަސްތުވެގެން އެކަން ދިފާޢުކުރަން އުޅެންޖެހުނުގޮތް ހަނދާންވެފައެވެ. އަދި އަޅުގަނޑުގެ އާދަ ނިމިނެދާކަން އެނގުމުން ކަރީމަށް ހިތްދަތިކަން ލިބޭނެކަން އެނގުމާއެކު ، ދިޔަގޮތަށްގޮސް ރާފުޅިތައްހުރިތަނަށް ވަދެ ، ފުޅިއެއްނަގައި ފުޅިގައި ތުންޖަހައި ބޯންފެށީމެވެ. ކަރީމަށް ލިބުނު ޝޮކަށް އަޅުގަނޑަށް ބަލައިލެވުނެވެ.
"އަނބިންނަށްވެސް ވަޢުދު އުވާ ލެވޭނެއެވެ. ފިރިމީހާއެވެ!" އަޅުގަނޑުގެ ހިތުގައި އޮތް އެއްޗެއް ބުނެ ވީއްލައިލީމެވެ. ފުޅިގައި ތުންޖަހައި އިތުރަށް ބޯލަމުން އަޅުގަނޑު ، ފިރިމީހާއަށް އިންޒާރެއްދިނީމެވެ.
"ކަރީމެވެ! ކަރީމު އެހެން އަންހެނެއްގާތަށް ދާކަމަށް ވަންޏާ އަހަރެންވެސް ރާބުއިން ދޫކޮށެއްނުލާނަމެވެ."
"ހެނދުނު 10 ޖަހާއިރު ކޮންފަދަ ބުއިމެއް ހެއްޔެވެ؟ ސުލްޠާނާއެވެ! ހާދަހާ ރަނގަޅު ގަޑިއެކެވެ." ގަޑިޔަށް ބަލައިލުމަށްފަހު ، އެސްފިޔަޖަހާލަމުން ކަރީމް ބުންޏެވެ. އަދި މަޑުމަޑުން ހިނގާލާފައި އަޅުގަނޑު ގާތަށް އައިސް ، އަޅުގަނޑުގެ އަތުގައިއޮތް ފުޅިއަތުލައި އޭނާވެސް ތުންޖަހާފައި ބޯލިއެވެ.
"އަހަރެން ލޯބިވާ އަންހެނަކު ރާބޯމީހަކަށް ވެއްޖެނަމަ ، އަހަރެންނަށްވެސް އެކަން ކުރަންޖެހޭނެއެވެ." ކަރީމު ތުނބުޅީގައި އަތްކާއްތަލުން ބުންޏެވެ. އަޅުގަނޑު ، ކަރީމާ ދިމާއަށް ބަލައިލީމެވެ. އަޅުގަނޑުވެސް އަދި ކަރީމަކީވެސް ރާބޯމީހުންނަށް ވާކަށް އަޅުގަނޑުވެސް ބޭނުމެއްނޫނެވެ. ކަރީމުގެ މޫނުމައްޗަށް ލާނެތް ހިންޏެއް އައިސްފައި ހުއްޓެވެ. ކަރީމަށް ދެސިފައެއް ލިބިފައި ވެއެވެ. އެއީ ލޯބިކަމާއި ފޫހިކަމެވެ. އޭނާގެ ކަޅުކަންގަދަ ބޮޑު ލޮލަށް ބަލައިލީމަ ، އެހުންނަ ހިތްދަމައިގަންނަގޮތް ފެނިފައި އަޅުގަނޑު މަޑުވާން މަޖުބޫރުވެއެވެ. ކަރީމުގެ ފުޅާ މޭމަތި އުފުލިފައި ތިރިވިއިރު ، އަދި މަޑުހިނިގަނޑެއް ޖަހައިލިހިނދު ، އަޅުގަނޑުގެ ރުޅިގަނޑުވެސް މައިތިރިކުރަން މަޖުބޫރު ވިއެވެ. އަޅުގަނޑުގެ އަތުގައި އޮތް ރާފުޅި ނަގާ ހަރުގަނޑަށް ލުމަށްފަހު ، ބާރަށް ހީގަނެވުނެވެ.
ކުއްލިޔަކަށް އަޅުގަނޑުމެން ދެމީހުންވެސް ދެމީހުންނަށް ބޭނުންވިއެވެ. އަދި އަޅުގަނޑުމެންގެ މިއަދުގެ ދެބަސްވުންވެސް ، ކައިވެނީގެ ކުރީގެ ދެބަސްވުންތަކާ އެއްގޮތަށް މަތިހުޅުވިފައިވާ ފުޅިޔަކަށް ލެވި ނިމިއްޖެއެވެ. އެއީ ގޮތެއްނުފެނި ފުނިޖެހިފައިވާ ދެބަސްވުންތައް އެއްކުރެވޭ ފުޅިޔެކެވެ.
އަނެއްދުވަހުގެ ހެނދުނު ، އަޅުގަނޑާ މުހިންމު ވާހަކައެއް ދައްކާލަން ބޭނުންކަމުގައި ކަރީމު ބުންޏެވެ. ބަދިގެޔަށް ކޮފީއަށް އޯޑަރުކުރުމަށްފަހު ، ދެމީހުން އިށީނދެލީމެވެ. ކަރީމު އޭނާގެ ހިތުގައި އޮތް އެއްޗެއް ކިޔައިދެމުންގެންދިޔައިރު ، އަޅުގަނޑު ކޮފީތަށްޓަށް އިންސާފުކުރަމުން ގެންދިޔައިމެވެ.
"އަމާނީއާ ބެހޭގޮތުން އެހިނގި ޙާދިސާއާ ގުޅިގެން ، ސުޢޫދީ ޢަރަބިއްޔާގެ މުސްތަޤްބަލާމެދު ދެވަނަ ވިސްނުމަކަށް ދާން އަހަރެންނަށް މަޖުބޫރު ވެއްޖެއެވެ. އަހަރެމެންގެ އިންވެސްޓްމަންޓްތައް ސުޢޫދީން ބޭރުގައި ބޭރު ޤައުމުތަކުގައި ބޮޑަށް ފުޅާކުރަން ޖެހޭކަމަށް ފެނެއެވެ." ކަރީމު ބުންޏެވެ.
"އެއީ ކީއްވެ ހެއްޔެވެ؟" އެއްޗެކޭ ބުނުމުގެ ކުރިން ، އަޅުގަނޑު ކަރީމާ ދިމާއަށް ބަލައިލީމެވެ.
"އަހަރެމެންގެ ދަރިންގެ މުސްތަޤްބަލަށްޓަކައެވެ. ސުލްޠާނާ އެކަމާ އެއްބަހެއްނުވަން ހެއްޔެވެ؟” ކަރީމު މަޑުކޮށްލިއެވެ.
" އަހަރެންނަކަށް ނޭނގެއެވެ. ވިޔަފާރިއާމެދު ވިސްނަން ތަންކޮޅެއް އަވަހެއްނޫންހެއްޔެވެ ؟ އަހަރެމެންނަށް ބޭރުޤައުމުތަކުގައި ޤާއިމްކުރެވިފައިވާ ވިޔަފާރިތައް މަދީ ހެއްޔެވެ ؟ ބުނާނެ އެއްޗެް ނޭނގި އިނގިލިތައް ނިތްކުރީގައި ކާއްތާލަމުން އަޅުގަނޑު ބުނީމެވެ.
ކަރީމާއި އަޅުގަނޑުގެ މިލްކުގައި ޔޫރަޕާއި އެމެރިކާ އަދި އޭޝިއާގައި ހޮޓާތަކާއި ވިޔަފާރިތައް އެބަހުއްޓެވެ. މިހާރުވެސް އެވިޔަފާރިތައް މިއުޅެނީ ރަނގަޅަށް ނުބެލެހެއްޓިގެންނެވެ. ދާދިފަހުން ނެގުނު އޮޑިޓަކުން ދައްކާގޮތުގައި ، ދުނިޔޭގެ އެތަންމިތާނގައި ހުރި އަޅުގަނޑުމެންގެ ނަޤުދު ފައިސާއާއި މިލްކިއްޔާތުގެ ޖުމްލަ އަގު 900 މިލިއަން ޑޮލަރަށް އަރައެވެ.
"އަޑުއަހާށެވެ ސުލްޠާނާއެވެ! ޙަޤީޤަތާ ކުރިމަތިލާންވީ ވަގުތު އަތުވެއްޖެއެވެ. އެންމެ ދެރަވެގެން އަހަރެމެންގެ އަމިއްލަ ދަރިފުޅު އަދި ރަސްގެފާނުގެ ދެބެންގެ ދެދަރި ކޮއްކޮ އެހުރީ މިރަސްކަމާ ދެކޮޅު ޚިޔާލުތަކުގައެވެ. އެކަން އެހެން އޮތްއިރު ، ސުޢޫދީގެ އެހެން ރައްޔިތުން އަހަރެމެންގެ ޢާއިލީ ރަސްކަމާމެދު ދެކޭނީ ކޮންގޮތަކަށް ހެއްޔެވެ؟ ސުލްޠާނާއެވެ! އެއްދުވަހަކުން އަހަރެމެންނަށް މިޤައުމު ގެއްލޭނެއެވެ. ފަހަރެއްގައި އެއީ އަހަރެމެން ދިރިތިއްބާ ނޫންކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ، އަހަރެމެންގެ ދަރިން އެދުވަސް ދެކޭނެއެވެ." ކަރީމު އަޅުގަނޑާދިމާއަށް ގުދުވެލާފައި ބުންޏެވެ.
"އެއްވެސް ކަމެއް އަބަދަކު ދެމިއެއްނޯންނާނެއެވެ. އަހަރެމެންގެ ޢާއިލާއިން އެންމެފަހުން މިރަސްކަން ބީވެގެންދާނެއެވެ. އަފްޣާނިސްތާނާއި އީރާނަށް ވެގެންދިޔަގޮތް ، ސުޢޫދީއަށް ވެދާނެތީ އަހަރެން ކަންބޮޑުވެއެވެ. އިސްލާމީ ހަރުކަށި ޖަމާޢަތްތައް ، ކަނޑުން ނަގާ ރާޅެއްފަދައިން ދުނިޔޭގެ މުސްލިމް ޤައުމުތަކަށް އަރަމުން އެތަންތަން ހަލާކުކުރަމުން އެބަގެންދެއެވެ." ކަރީމު އޭނާގެ ވިސްނުމާއި ފިކުރު އެކިކޮޅުކޮޅަށް ހިންގައިލަމުން ބުންޏެވެ.
އަފްޣާނިސްތާނެކޭ އެއްގޮތަށް ސުޢޫދީ ޢަރަބިއްޔާ ވެގެންދާތަން ތަޞާއްވުރުކުރެވުމުން އަޅުގަނޑު ބިރުން ފިތްކަނޑައިގެން ނުދިޔައީ ކިރިޔާއެވެ. ސާރާގެ ޚާދިމާ ޢަފާފުގެ ވާހަކަތައް ހަނދާންވެފައި ، އަޅުގަނޑު އިތުރަށް ހިތްބިރުގަތެވެ. ދީނީގޮތުން ޙައްދުފަހނަޅާފައިވާ ބަޔަކު ސުޢޫދީވެރިކަމަށް އައިސްދާނެ ބާވައެވެ ؟ އަދި ސުޢޫދީ އަންހެނުންގެ ދިރިއުޅުން މިހާރަށްވުރެ އަނިޔާވެރި ޙާލަތަކަށް ހިނގައިދާނެ ބާވައެވެ؟
މިވަގުތަށް އަޅުގަނޑުމެންނަށް ސުޢޫދީ ރަސްކަން ކޮންޓްރޯލް ކުރެވޭ ހަމައެކަނި ސަބަބަކީ ، އެމެރިކާއަށް ސުޢޫދީގެ ތެޔޮ ބޭނުންވެފައި އޮތުމެވެ. އެމެރިކާގެ އެބޭނުން ތެޔޮލިބެން އޮތް އެހެން ވަޞީލަތަކުން ފުއްދޭއިރު އަހަރެމެންގެ މަތިން އެމެރިކާ ހަނދާން ނައްތައިލާނެއެވެ. މިހާރުވެސް ، ހުޅަނގުގެ ސައިންޓިސްޓުން އަވަދިނެތި އެއުޅެނީ ، ތެލުގެ ބަދަލުގައި ބޭނުންކުރާނެ އެހެން އެއްޗެއް ހޯދުމުގައެވެ. އެފަދަ އެއްޗެއް އެމެރިކާއަށް ހޯދޭ ދުވަހަކީ ، އަހަރެމެންގެ ރަސްކަމާ އަދި ޢާއިލާ އެމެރިކާގެ އަތްމައްޗަށް ފުރޮޅިގެންދާނެ ދުވަހެވެ.
"އެމެރިކާގެ ސިޔާސީ މީހުންނަކީ އަމިއްލަ އެދުންބޮޑު ބަޔެކެވެ. އަހަރެމެންގެ ބޭނުން ނެތޭ ހިނދު އެމީހުން އަހަރެމެން ނަގައި ހޫރާލާނެއެވެ. ޝާހް ރިޒާ ޕަހެލަވީގެ ވެރިކަން ދުއްވައިލި ފަދައިންނެވެ. ސުލްޠާނާއެވެ! އަހަރެން ބަލާގޮތުގައި މީގެފަހުން ވިއްސަކަށް އަހަރުވާއިރު ، އަހަރެމެން ތިބޭނީ އަމިއްލަޔަށް އަރުވައިލެވިގެން ބޭރު ޤައުމެއްގައެވެ. ކަރީމު ހިތްދަތިކަމާއެކު އަޅުގަނޑާދިމާއަށް ބަލައިލިއެވެ.
"އަހަރެމެން ވެރިކަމުގައި ނެތަސް ، އަހަރެމެންގެ އަމިއްލަ ޤައުމުގައި ހިތްދަތިގޮތަކަށް ނަމަވެސް ނޫޅެވޭނީ ހެއްޔެވެ؟ ކަރީމުގެ މޫނަށް ބަލައިލަމުން އަޅުގަނޑު ބުނީމެވެ.
"ނޫނެކެވެ. އަހަރެމެންގެ ނަން ވެއްޔާމޮޑެވި ކިލަނބުވެގެންދާނެއެވެ. މި ޤައުމު ހިންގާނީ ދީނީގޮތުން ޙައްދުފަހަނަޅާފައިވާ މީހުންނެވެ. އަހަރެމެންގެ އެކަކަށްވެސް ރައްޔިތުން އިޙްތިރާމެއް ނުކުރާނެއެވެ. އޭގެބަދަލުގައި އެމީހުން ރުޅިއަރާ ބަޔަކަށް އަހަރެމެން ބަދަލުވެގެންދާނެއެވެ." ކަރީމުގެ އަޑުގައިވަނީ މާޔޫސްކަމެވެ.
ކަރީމު އެބުނާ އެއްޗެއް އަޅުގަނޑަށް ވިސްނެއެވެ. ޢަރަބި ހަރުބަހެއްގައި އައިސްފައި ވެއެވެ. "ޢަރަބީންވަނީ ތިބާގެ ފައިތިލައިގައެވެ. ނުވަތަ ކަރުބުޑުގައެވެ." ހަމަ ކުއްލިޔަކަށް އަޅުގަނޑުމެންގެ ނަޞީބު އެކޮޅުކޮޅުން ޖެހިދާނެކަން އަޅުގަނޑަށްވެސް އިޙްސާސް ވެއެވެ. އަޅުގަނޑުމެން ޢާލް ސަޢުދު ޢާއިލާ ސުޢޫދީގެ ރަސްކަމުގައި ދެމިތިބޭނެއެވެ. އެހެންނޫނީ އަޅުގަނޑުމެންނެއް ދުނިޔެއަކު ނުތިބޭނެއެވެ. އެދޭތެރޭގެ މެދުން އަޅުގަނޑުމެންނަކަށް ޙައްލެއް ނުފެންނާނެއެވެ.
"ސުލްޠާނާއެވެ! ވަކިމީހެއްގެ ބޮލުގައި ޒިންމާއަޅުވާނެކަމެއް ނެތެވެ. ހުރިހާ ގޯހެއްވެސް ހެދީ ހަމަ އަހަރެމެން އަމިއްލަޔަށެވެ. ދީނީ ލީޑަރުން މައިތިރިކުރުމަށްޓަކައި އަހަރެމެންނަށް ކުރެވުނީ ކޮން ކަމެއްހެއްޔެވެ؟ އެއްވެސްކަމެއް ނުކުރެވެއެވެ. އަހަރެމެންގެ ކާބަފައިން އެމީހުންގެ ދަރިންގެ ބަސް އަހާފައެއް ނުވެއެވެ. ބައެއްކަހަލަކަންކަމުން މާބޮޑު ގެއްލުމެއް ނުފޯރާނެއެވެ. އެކަމުން އަހަރެމެންގެ އިޖްތިމާޢީ ހަރުދަނާކަން އިތުރުވީހެވެ. އެކަމަކު ، އަހަރެމެންގެ ކާބަފައިން އެއިން އެއްވެސް އަޑެއް ނާހައެވެ. އެމީހުން އެހީ އެމީހުންގެ ބައްޕަމެންގެ އަޑެވެ." ކަރީމުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
އަޅުގަނޑުމެންގެ ކާފަ ޢަބްދުލްޢަޒީޒުގެ ޒަޢާމަތުގައި ބަދަވީންގޮވައިގެން ، ނުލާހިކު އޮމާންކޮށް ސުޢޫދީ ރަސްކަން ހިންގަވާފައިވާކަން ، އެންމެންނަށްވެސް އެނގޭނެއެވެ.
"ސުލްޠާނާއެވެ! މިހާރަކު ކުރެވޭނެ މާބޮޑުކަމެއްނެތެވެ. ކަރީމު އެއްއަތުން އަނެއްއަތުގައި ޖަހައި ފުންނޭވާއެއްލުމަށްފަހު ސޯފާގައި ހަމަޖެހިލިއެވެ. އަޅުގަނޑުގެ ލޮލުން ކަރުނަ ފާއްދާލިއެވެ.
" ނުރޯށެވެ! ސުލްޠާނާއެވެ!" ކަރީމު އޭނާގެ ޖުއްބާތެރެއިން ރުމާލެއް ނަގާ އަޅުގަނޑަށް ދިއްކޮށްލަމުން ބުންޏެވެ. ކަރީމުދިން ރުމާގެތެރެޔަށް އަޅުގަނޑުގެ ނޭފަތްލައި ފޮރުވީމެވެ. ކަރީމު އެދެއްކީ ހުސް ރަނގަޅު ވާހަކައެވެ. އަޅުގަނޑުމެންގެ ޙައިޞިއްޔަތު އަންގައިދޭ މި ދިރިއުޅުން ކޮންމެވެސް އެއްދުވަހަކުން ނިމޭނެއެވެ. އެކަމުގެ ސަބަބަކީ ، އަޅުގަނޑުމެންގެ ތެރޭގައި ތިބި މުސްކުޅި އިސްވެރިން ، އެމީހުންގެ ގޮތްދޫނުކުރުމެވެ. މިއީ ދުނިޔެ އެއްގޮތަކަށް ނުއޮންނާނެކަން އެބައިމީހުން ޤަބޫލު ނުކުރުމުގެ ނަތީޖާއެވެ. ޙާލަތު ބަދަލުވާއިރު ކަންކަންވެސް ބަދަލުވާންޖެހޭނެކަން ޤަބޫލު ނުކުރުމުގެ ނަތީޖާއެވެ. އާލް ސަޢުދުގެ ޢާއިލާއަށް ، ޚިޔާނާތާއި ފަސާދަ ނުހުއްޓުވެންވީ ކީއްވެހެއްޔެވެ. ސުޢޫދީ ރައްޔިތުންނަށް ޙައްޤު މިންވަރު އެމީހުންނަށްދީގެން ވެރިކަން ނުހިންގެންވީ އެއްވެސް ސަބަބެއް ނެތެވެ. އާލް ސަޢުދު ޢާއިލާގެ ކޮންމެ މެންބަރަކީވެސް ، ދުނިޔޭގައި ނެތްފަދަ މުއްސަނދި އަދި ބާރުގަދަ މީހެކެވެ. އެންމެ ލޯލާރިއެއް އިތުރަށް ނުހޯދިޔަސް ، ދަރިންގެ ދަރިން ދުނިޔޭގެ އަރާމާއި އުފަލުގައި ދިރިއުޅެވޭނެ ވަރަށް އަޅުގަނޑުމެންގެ ޢާއިލާއަށް މުއްސަނދިކަން އޮތީ ލިބިފައެވެ.
"ސުލްޠާނާއެވެ! ނުރޯށެވެ. މިއީ ރޯންވީ ވަޤުތެއްނޫނެވެ. ޢަމަލުކުރަންވީ ވަޤުތެވެ." ކަރީމު އަޅުގަނޑު ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ކަރީމުގެ އެ މަސައްކަތުން އަޅުގަނޑަށް ހަމަޖެހުން ލިބިގެނންދިޔައެވެ.
(ނުނިމޭ)
Vvvreethi