އަމީރާ ސުލްޠާނާގެ ނާރެސް - 59

(10 އޯގަސްޓް 2022 ގެ ބަޔާ ގުޅޭ)

ޝައިޚު ފަހުދުގެ އެންމެ މަޤްބޫލު އަނބި ، ފާތެންގެ މޫނުމަތިން ފައުޅުވެގެންދިޔަ ފޫހިކަމުގެ އަސަރު އޭނާގެ މޫނުމަތިން ސާފުކޮށް ފެނުނެވެ. އަދި ރުންކުރުވެފައި އަޑުގަދަކޮށްލައި ، މީތި އެތަނަށް ލައި އޭތިމިތަނަށްލައި ހެދުމަށް ޝައިޚުގެ އެހެން އަނބިންނަށް އަމުރުކުރިއެވެ. އެތިން އަންހެނުން ކަހާތަން ހިރުވާވެސް ނުލައެވެ. އެމީހުން ފާތެންގެ އަމުރަށް އަޅާނުލީމާ އައިރުޅި އަދިވަކިން ގަދައެވެ.

އެމާޙައުލުގައި ދެންކަންތައް ވެގެންދިޔައީ އަޅުގަނޑު ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ޝައިޚުގެ އަދަބެއް ސަދަބެއްނެތް އަނބިންގެ މެދުގައި ހޫނު ޒުވާބެއް އުފެދި ، ތިން އަނބިންނާއި ފާތެން ގަޔަށް އަތްލާ ހިސާބަށް ހިނގައްޖެއެވެ. މިފެނުނު މަންޒަރުން އަޅުގަނޑަށް އަމިއްލަޔަށް ތަޞައްވުރުކުރެވުނީ ، ސަހަރާގެ ދިރިއުޅުން ޒަމާނީ އަވަށްތަކަށް ބަދަލުނުވެ ކާބަފައިން އުޅުނުގޮތަށް އަޅުގަނޑުމެން އުޅެންޖެހުނު ނަމަ މިއަދު އއަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙާލަތު އޮންނާނެ ގޮތެވެ. ބަދަވީންގެ ނަޒަރުގައި އަދި އެބައިމީހުންގެ ސަޤާފަތުގައި އަންހެނުންގެ ދައުރު ބިނާވެގެންވާނީ އޭނާގެ ރީތިކަމާއި ލޫޅާފަތިކަމާ ، ޒުވާންކަމާއަދި ދަރިން ވިހެއުމެވެ. ޔަޤީނުންވެސް އަޅުގަނޑުފަދަ ، ޢުމުރުން ދުވަސްވެ އެއް އުރަމަތި ގެއްލި ، ކުދިން ވިހެއުމަށް ނުކުޅެދިފައިވާ އަންހެނަކު އޭނާގެ ފިރިމީހާ ބަލައެއް ނުގަންނާނެއެވެ. ކަށަވަރުވާ އެއްކަމަކީ ، އަޅުގަނޑުފަދަ އަންހެނަކުވާނީ ފާތެންފަދަ އަންހެނަކަށް ޚިދުމަތްކުރަން ހުންނަ އަނތްބަކަށެވެ.

ެތައްދުވަހެއްވުމަށްފަހު ، ފުރަތަމަ ފަހަރަށް ސުޢޫދީ އަންހެނުންގެ ދިރިއުޅުން ފާގަތިކުރުމަށްޓަކައި ކޮންމެވެސް މިންވަރެއްގެ ކާމިޔާބީއެއް ހޯދާފައިވާކަމަށް ޤަބޫލުކުރަން އަޅުގަނޑަށް މަޖުބޫރުވިއެވެ. އަދިހަމަ އެއާއެކު ، އަޅުގަނޑުގެ އަމިއްލަ ތަޞައްވުރާއި ޙާލަތަށް އަޅުގަނޑު ޝުކުރުވެރި ވަމެވެ.

ސާރާ އަށް ލިބުނު ސިހުމުގައި އޭނާއަށް ނޭވާލާނެ ވަގުތެއް ނުލިބިއްޖިއްޔާ އަލުން އޭނާގެ މޫނުބުރުގާ އަޅާނެކަމުގައި ބުންޏެވެ. އެއިރުވެސް ، ބަދަވީ އަންހެނުންތައް ސާރާގެ ވަށައިގެން އިށީނދެތިބެ ، ﷲ ގެ ކުޅަދުންވަންތަކަމުން އެމީހުންގެ ކުރިމަތީ ފެންނަން އެއިން ރީތި އަންހެނާއަށް ބަލަހައްޓައިގެން ތިއްބެވެ. ފާތެންއަށް އެކަމަކަށް ކެތެއް ނުކުރެވުނެވެ. ނުރުހުމާއެކު ސާރާއާ ދިމާއަށް ބަލައިލާ އޭނާއަށް ބަދު ދުޢާ ކުރިއެވެ.

"ކަލެޔަށް ކަށިވިދުރި ޖައްސަވާށިއެވެ! ކަލޭގެ މޫނުގެ ސިފަ ﷲ ބަދަލުކުރައްވާށިއެވެ! ފާތެން ނުރުހުމާއެކު ބުންޏެވެ. ފާތެންގެ މި އަދަބާ ޚިލާފު ބަސްތަކުން އަޅުގަނޑުމެން އެންމެންގެ އަނގައިން ބަސްހުއްޓި އަނގަ ހުޅުވުނެވެ. ތަނަށްލިބުނު ހަމަހިމޭންކަމާއެކު ސާރާ އެތަނުން ނުކުތުމަށްޓަކައި ކޮޅަށް ތެދުވިއެވެ. ސާރާގެ މިފިޔަވަޅު އެއީ އޭނާއަށްޖެހި ގޮންޖެހުމެއްކަމުގައި ފާތެން ބެލިއެވެ. ފާތެންގެ ބޮޑުދެލޯ ބޮޑުވިއެވެ. ދެބުމަ ގޮށްޖެހުނެވެ. މޫނު ރަތްވެގެންދިޔައެވެ. އެބަދަވީ ނުލަފާ އަންހެނާ އަނިޔާކުރުމުގެ މަޤްޞަދުގައި އަޅުގަނޑުގެ ދައްތައާ ދިމާއަށް ދިޔައެވެ. ސާރާ ބިރުންގޮސް ނޭވާލާން އުނދަގޫވިއެވެ. ސާރާގެ ފުރަތަމަ ކައިވެނިން އޭނާއަށް ލިބިފައިވާ ޖިސްމާނީ އަނިޔާތަކުގެ ސަބަބުން ، އަޅުގަނޑުމެންގެ ޢާއިލާގެ ކޮންމެ މީހަކުވެސް ، ސާރާއަށް ލިބޭ ކޮންމެ އަނިޔާއަކާ ކެރިގެން ކުރިމަތިލައި އޭނާ ދިފާޢުކޮށްދިނުމަށް ތިބީ ނިޔަތް ގަނެގެންނެވެ.

ނޫރާ ، އޭނާގެ ދައްތަ ސަލާމަތްކުރުމަށްޓަކައި ފުންމައިގެން ފާތެންގެ ކުރިމައްޗަށް އަރަން މަސައްކަތް ކުރިއެވެ. އެހެނަސް ، އޭނާގެ ކޮއްކޮ ، އަޅުގަނޑަށްވުރެ ހަލުތްވެއް ނުވިއެވެ. އެންމެ ފުރަތަމަ ފާތެންއާ ކުރިމަތިލީ އަޅުގަނޑެވެ. އަޅުގަނޑުގެ ރަތްވެފައިވާ މޫނު ފާތެންގެ ކުރިމައްޗަށް ހުށަހެޅީމެވެ. އަދި ދަތްކުނޑިވިކައިގެންފައި ގައިގާ ހުރިބާރެއް އެއްކޮށް ، މުށްކެވިފައިވާ  އަޅުގަނޑުގެ ދެއަތަށް ގެނައީމެވެ. އެމޮޔަ ބަދަވީ އަންހެނާ ކުއްލިޔަކަށް އަޅުގަނޑުގެ ނޯއްމަތީ ތަފާލެއް އެޅިއެވެ.

އެވަގުތު ، ބައްޕަ އަޅުގަނޑުގާތު ބުނެފައިއޮތް ވާހަކައެއް ހަނދާންވިއެވެ. " އަހަރެން ބަދަވީން ބިރުގަންނުވަން ކަމެއް ނުކުރާނަމެވެ. ބަދަވީ ޖެހޭނީ އަހަރެންދެކެ ބިރުގަންނާށެވެ. " ހަމަ އެގޮތަށް ، މި މޮޔަ އަންހެނާ ބާރުންނޫނީ މަތައެއް ނުވާނެއެވެ. ދެވަނަ ފަހަރަށް އަޅުގަނޑުގެ މޫނުމަތީ ޖެހުމަށް ފާތެން އަތްހޫރައިލި ވަގުތު ، އެއެތިފަހަރުން ރެކުމަށްޓަކައި އަޅުގަނޑު ގުދުވެލީމެވެ. އަޅުގަނޑުމެން ކުޑައިރު ، ބޭބެ ޢަލީއާ ދެބެން ތަޅާ ފޮޅާއިރު ، އޭނާގެ ބާރުގަދަ އެތިފަހަރުތަކުން ސަލާމަތްވުމަށް ޙަރަކާތްކޮށް ، ރައްކައުތެރިވުމުގެ އުކުޅުތައް އަޅުގަނޑަށް ހުރީ ލިބިފައެވެ. އެ ބިޔަ ބަދަވީ އަންހެނާއަށްވުރެ އެތައްތަނެއް އަޅުގަނޑު ކުޑައެވެ. އެތިފަހަރެއް އެޅުމަށްޓަކައި ވިސްނައިގެން ޙަރަކާތެއް ކޮށްލައިގެން ނޫނީ އޭނާގެ ގަޔަކު އަޅުގަނޑަކަށް ނުޖެހޭނެއެވެ. އަޅުގަނޑު ، ކުއްލި ގޮތަކަށް ގުޅަމަތި ހިފާގޮތަށް ، ފުންމައިގެން އަރައި ފާތެންގެ ކަރުގައި ހިފައި އިދިފުށަށް ބިންމައްޗަށް ވައްޓައިލުމަށް ހިފައިގަތީމެވެ. އަޅުގަނޑުގެ ހެދުން ދިގުކަމުން ހެދުމުގައި އަޅައިގެންފައި އަޅުގަނޑު ކުރަން އުޅުނުކަމެއް ނުވިއެވެ. އަޅުގަނޑުވެސް ވެއްޓުނީ ، އެބިޔަ އަންހެނާގެ ގައިމައްޗަށެވެ.

ބަދަވީންގެ އެހެން އަންހެނުން ތިބީ ފާތެން ދެކެ ފޫހިވެފައެވެ. ފާތެންއަށް އެހީވުމަށްޓަކައި އެމީހުން ކަމެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ލޮލުން ޢިޝާރާތްކޮށް އަޅުގަނޑަށް ހިތްވަރު ދީ ފާތެންއަށް މަލާމާތުގެ ހިނިތުންވުމަކުން ބަލަހައްޓައިގެން ތިއްބެވެ.

"ޕްރިންސަސް އެވެ! އެއަންހެނާ ލޯމަތި ދުއްވާލާށެވެ!" އެތަނުން އަންހެނަކު އަޅުގަނޑަށް ހިތްވަރު ދިނެވެ.

"އޭނާގެ ކަރު އަނބުރައިލާށެވެ!" ދެންހުރި އަންހެނާވެސް އަޅުގަނޑުމެންނާ ބައިވެރި ވިއެވެ.

އަޅުގަނޑުގެ ދައްތައިން ، އަޅުގަނޑަށް އަނިޔާއެއް ލިބިދާނެތީ ކަންބޮޑުވެގެން ހަޅޭއްލަވަން ފެށިއެވެ. ފޭލިގެ އެއްކޮށް އެލަރޓަށް އައެވެ. ބިންމަތިން ފަސްމުށެއް ނަގަން ފުރުޞަތު ލިބުނު ހިނދު ، ފާތެން މުށްކަވާ ފަސްމުށެއް ނަގާ އަޅުގަނޑުގެ މޫނު މައްޗަށް ޖެހިއެވެ. ލޮލަށް ލިބުނު އަނދިރިކަމުގައި އަޅުގަނޑުގެ ނެތްހިތްވަރުލާފައި ، ފާތެންގެ އިސްތަށިގަނޑުގައި ހިފައި އުފުލައިލީމެވެ. އެވަގުތު ، ﷲ ގެ މަދަދަށް އެދި އެއަންހެނާ ގޮވައިގަތެވެ.

ފާތެންގެ މޫނު ދެފަހަރަށް ، އަތުގައިހުރި ބާރެއްލާފައި ބިންމަތީ ޖެހީމެވެ. އަދި މާނޭވާއެއްލަމުން ކޮޅަށް ތެދުވެ ހިން ދެމިލީމެވެ.

"ކަލޭ ، ކަލޭގެ މެހެމާނުންނަށް މަރުޙަބާ ކިޔާގޮތަކީ ތިއީ ހެއްޔެވެ؟"  ފާތެން ލަދުގަންނުވައިލުމަށްޓަކައި އަޅުގަނޑުގެ ސްކާރޓް އަނބުރާލަމުން އަޅުގަނޑުގެ ، އަޑުގެ ނެތްތަނަށް ބުނީމެވެ.

ހަރުދަނާ ބަދަވީން އެބައިމީހުންގެ މެހެމާނުންނަށް އޯގާތެރިކަމާއެކު މަރުޙަބާ ކިޔާކަން އަޅުގަނޑަށް އެނގެއެވެ. އެކަމަކު މި ނުލަފާ ބަދަވީ އަންހެނާގެ އެއްވެސް އަދަބެއް ސަދަބެއް ނެތެވެ. ޝައިޚު ފަހުދު ، މިކަލޭގެ މައިތިރި ކުރަނީ ކިހިނެއްބާވައެވެ. އަޅުގަނޑު ބުނަމުންގެންދިޔަ ކޮންމެ ބަހަކުން ފާތެންގެ މޫނުގެ ކުލަ ބަދަލުވަމުން ދިޔައެވެ. އަދި މޫނު އެއްކޮށް ރަތްވެގެންދިޔައެވެ. އަދި އެއަންހެނާގެ ކަޅު ، ބޮޑުދެލޮލުން ބިރުގަތުމުގެ އަސަރު ފާޅުވާން ފެށިއެވެ. އަދި އަޅުގަނޑަށް އިތުރު އަނިޔާއެއް ދިނުމަށް އިސްނުނަގައި ހިމޭންވެލިއެވެ. އަޅުގަނޑާ ކުރިމަތިލުމަށް އޭނާ ޖެހިލުންވިއެވެ.

ފާތެން ބަލިވިތަން ފެނިފައި ބަދަވީ އަންހެނުންތައް އޭނާއާ ދިމާއަށް ހީ މަލާމާތް ކުރަން ފެށިއެވެ. ނޫރާއާއި ތަހާނީ އައިސް އަޅުގަނޑުގެ މޫނުމަތިންނާއި އިސްތަށިގަނޑުން ވެލިފޮޅަން ފެށިއެވެ.

"ސުލްޠާނާއެވެ! މިއަންހެނާ ކޮއްކޮއަށް އަނިޔާކުރި ހެއްޔެވެ؟" ތަހާނީ ރޮމުން ރޮމުން އަހާލިއެވެ.

އަޅުގަނޑު ، ބާރަށް ހީގަތީމެވެ. ފާތެން ލަދުގަންނުވައިލުމަށްޓަކައެވެ. އަޅުގަނޑުގެ އަޑަށް ބާރުލާފައި ' މި އަންހެނާއަށް މަށަށް އަނިޔާއެއް ދެވޭނީ ކިހިނެއްހޭ " ބުނީމެވެ. " މި ބަދަވީ އަނެހުން މީހުންނާ ޙަމަލާދެނީ ކުޑަކުދިން ކުޅޭ ގޮތަށެވެ. އަޅުގަނޑުމެންގެ މޫނުބުރުގާ އަވަސް އަވަހަށް އަޅައިގެން ފޭލިގެއިން ނުކުތުމަށް ދިމާކުރީމެވެ. އަޅުގަނޑުމެން ތިންމީހުންވެސް ، ސާރާ އާއި ޙައިފާގެ ފަހަތުން ހިނގައިގަތީމެވެ.

އެއިރު ، ހުރިހާ ފިރިހެންވެރިންނަށް ގޮތް ނޭނގޭ ހަޅޭކުގެ އަޑުއިވި ވެގެންއުޅޭގޮތެއް ބެލުމަށްޓަކައި ފަހުދުގެ ފޭލިގެއިން ނުކުމެއްޖެއެވެ. އަޅުގަނޑުމެން އެންމެން ބައްދަލުވީ ވަގުތު ކަންދިމާވިގޮތް ކިޔައިދޭންފެށިތަނާ ފުރަގަހުން ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އަނެއްކާ ކޮންކަމެއް ލައިގަތީ ހެއްޔެވެ ؟ ހިތުގައި އުދެފުނު ސުއާލާއެކު ފަހަތަށް އެނބުރިލީމެވެ. ފައިއަޅާލީމަ ބިމުން އަރާ ހިރަފުހުން މުޅިތަން ހިރަފުސްކުރަމުން ، ދުވަމުން އައި ފާތެން ފެނުނެވެ. ކައިރިޔަށް އައިސް ދެއަތްފުރާ ހިރަފުސް ނަގާ އަޅުގަނޑާ ދިމާއަށް އުކައިގަތެވެ.

"ަލޭގެ މައްޗަށް ﷲ ހުރިހާ ކޯފާއެއް ލައްވާށިއެވެ!" ބަދަވީ އަންހެނާ އަޅުގަނޑާ ދިމާއަށް ހަޅޭއްލަވައިގަތެވެ. ލިބުނު ސިހުމާއެކު ފިރިހެންވެރިންގެ ބަސް ހުއްޓުނެވެ. އަޅުގަނޑުގެ ލޭހޫނުވެގެން ދިޔައެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި އަނގައިން ނުބުނެ އަޅުގަނޑުގެ ބުރުގާއިން ހިރަފުސްތައް ފޮޅަން ފެށީމެވެ. ލަދެއް ޙަޔާތެއްނެތް ފާތެން ، އޭނާގެ އަނިޔާވެރިކަން އިސްކުރަން ދޫކޮށްލީމެވެ. ނަޞީބަކުން ، ތަންކޮޅެއް ދުވަސްވީ އަންހެނަކު ކުރިޔަށްޖެހިލައި ، ފަހުދުގެ ޅަ އަނބިމީހާ އޭނާގެ މެހެމާނުންނާމެދު ކަންތައްކުރިގޮތް ކިޔައިދިނެވެ.

"ސުލްޠާނާއެވެ! އަނިޔާއެއް ލިބުނު ހެއްޔެވެ؟" ކަރީމް އަޅުގަނޑުގެ ގާތަށް ޖެހިލައި އަހާލިއެވެ. ފަހުދުގެ ރުޅިވެރިކަމާ ފާތެންއަށް ކުރިމަތިލާން ޖެހުނެވެ. އަދި ފާތެން ފަހައި ދުއްވައިގަތެވެ.

"އޭ ނުބައިއަންހެނާއެވެ! ކަލޭ އަހަރެންގެ ފޭލިގެތަކުގެ ޙުރުމަތް ކަނޑައިފީމުއެވެ." ފަހުދު ބުނަމުން ގެންދިޔައެވެ. ފާތެން އަށް ފަހުދުގެ ފަރާތުން އަނިޔާ ލިބޭނެކަން ކަށަވަރެވެ. އެކަމަކު އެއީ އޭނާއަށް ޙައްޤު އަނިޔާއެކެވެ.

އަޅުގަނޑުމެން އެނުރައްކާތެރި ތަނުން ނެރެދޭން ނޫރާ ، ފިރިހެންވެރިންގާތު ބުނަމުން ގެންދިޔައެވެ. އަދި އެމީހުންވެސް އަވަސް އަވަހަށް އެކަމަށް ތައްޔާރުވިއެވެ.

ފޭލިގޭގައި ކަންހިނގިގޮތުގެ ތަފްޞީލް ކިޔައިދިނުމުން ، އަޅުގަނޑު ވެގެންދިޔައީ ބަޠަލާއަކަށެވެ. ކަރީމްވެސް ޤަބޫލުކުރި ގޮތުގައި އަޅުގަނޑު ޢަމަލުކުރީ އެންމެ ރަނގަޅަށެވެ. ސާރާއަކީ އަޅުގަނޑުމެން އެންމެން އިޙްތިރާމްކުރާ އެންމެންވެސް ލޯބިވާ ދައްތައެވެ. ޢާއިލާގެ އެންމެންވެސް ސާރާދެކެ ނުހަނު ލޯބިވާނެއެވެ. ސާރާ ސަލާމަތްކުރުމަށްޓަކައި އަޅުގަނޑު ފިޔަވަޅުއެޅީ ވަރަށް ހިތްވަރާއެކުގައިކަން އެންމެންވެސް ޤަބޫލު ކުރިއެވެ. އަސަދު ، އޭނާގެ ލޯބިވާ އަނބިމީހާއަށް އަނިޔާއެއް ނުލިބުނުކަމާމެދު ޝުކުރު ކުރިއެވެ. އަދި އަޅުގަނޑަށް ޝުކުރުވެރިވުމަށްޓަކައި ، ރިޔާޛުން އެންމެ އަގުބޮޑުކޮށް ލިބޭނެ އަގުބޮޑު ޖަވާހިރެއްގަނެ އަޅުގަނޑަށް ހަދިޔާ ކުރާނެކަމަށް ބުންޏެވެ.

ޚުދު ޢަލީވެސް އަޅުގަނޑުގެ ހިތްވަރަށް ސާބަސް ދިނެވެ. އަދި އަޅުގަނޑުގެ ދިފާޢީ އުކުޅުތަކަކީ ، ކުޑައިރު އޭނާ ދަސްކޮށްދީފައިވާ ކަމެއްކަމުގައި ބުނެ އެކަމަށް ފަޚުރުވެރިވިއެވެ. އެއީ ތެދެކެވެ. ފަހަށް އައިދުވަސްތަކުގައި ފާތެން އާ އަޅުގަނޑު ކުރި ހަނގުރާމަޔަކީ ، ފަޚުރުވެރިކަމާއެކު ފޭލިގޭގައި ދެކެވެމުން އައި އެންމެ ހިނގާ ހޫނު ވާހަކައެވެ.

ރަސްމީގޮތުން މަޢާފަށް އެދުމަށްޓަކައި ، ޝައިޚު ފަހުދު އަޅުގަނޑުމެންނަށް ބަޓަނިއްޔާ ޖަމަލުގެ އަންހެން ދިހަ ޖަމަލު ފޮނުވިއެވެ. ފާތެންގެ އެޢަމަލަކީ ، ފަޚުރުވެރި ޝައިޚު ފަހުދުގެ ފޭލިގެތަކަށް ލަދުވެތިކަމާއި މަލާމާތް ލިބިގެންދިޔަ ޢަމަލެކެވެ. ބަޓަނިއްޔާ ޖަމަލަކީ ، އޮމާންގެ މުޑުވަކެކެވެ. އެއީ ވަރަށް އަގުބޮޑު ބާވަތެކެވެ. އެދިހަ ޖަމަލުގެ އަގު ވަރަށް ބޮޑުވާނެއެވެ.

އެޖަމަލުތައް ބަލައިގަތުމަށް ، ކަރީމް އެންމެ ފުރަތަމަވެސް ދެކޮޅު ހެދިއެވެ. އެހެންނަމަވެސް ، ޝައިޚުގެ އެހަދިޔާ ބަލައިނުގެންފިއްޔާ ޝައިޚު ހިތްހަމަނުޖެހިދާނެތީ އެންމެފަހުން އެހަދިޔާ ޤަބޫލުކޮށްފިއެވެ. އަދި ، އަޅުގަނޑުމެންގެ ޤާފިލާގެ ބައިވެރިންގެ ގޮތުގައި އެ ޖަމަލުތައް ބައިވެރިކުރެވުނެވެ. އެ ޙާދިސާއަށްފަހު ، އަޅުގަނޑުމެންގެ ދަތުރުގެ ބާކީއޮތް ދުވަސްތައް މަޖަލާއި އުފަލުގައި ހޭދަކުރަމުން ގެންދިޔައީމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.