ޑެންގީ ހުން ޖެހުން އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި

ޑެންގީ ހުން ޖެހުން އިތުރުވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ ގެ ތަފާސް ހިސާބަށް ބަލާއިރު، މާޗް މަހު ޑެންގީ ޖެހިގެން 26 މީހުން ރިޕޯޓުކޮށްފައިވާއިރު، މިދިޔަ އޭޕްރީލް މަހު 92 މީހަކަށް ވަނީ ޑެންގީ ޖެހިފައެވެ.

މީގެ އިތުރުން އަރިދަފުސް ރޯގާއާއި ބޭރަށް ހިނގުމާއި ހޮޑުލުން އޭޕްރީލް މަހު މިދިޔަ މާރޗް މަހަށްވުރެ މަދުވެފައިވާކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ އަރިދަފުސް ރޯގާގެ 14399 ކޭސް މާރޗް މަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

12978 ކޭސް މިދިޔަ މަހު ރިޕޯޓުކޮށްފައިވާއިރު، ބޭރަށް ހިނގުމާއި ހޮޑުލުމުގެ 2063 ކޭސް މާރޗް މަހު ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

މިބަލިތައް ފެތުރުން މަދުވިނަމަވެސް ރައްކާތެރިވުމަށްޓަކާ ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަކީ މުހިއްމުކަމެއް ކަމަށާއި ބަލީގެ ޢަލާމަތްތައް ފެންނަނަމަ ގޭގައި މަޑުކޮށް މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަށް އެޗްޕީއޭ އިން އިރުޝާދު ދެއެވެ.

މިދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުން އަންނާތީ އެޗްޕީއޭ އިން ވަނީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ބަލި ކޮންޓްރޯލްކުރުމަށް ސަމާލުވާންޖެހޭ ކަމަށެވެ.

އެގޮތުން މަދިރި އާލާވާފަދަ ތަންތަން ސާފުކޮށް، ވާރޭވެހި ފެން ހަރުލާގޮތަށް ހުންނަ ތަންތަން ނައްތާލުމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އެދިފައެވެ. އަދި ޢާއްމުކޮށް މަދިރި ގިނަވާ ގަޑިތައް ކަމުގައިވާ ހެނދުނާއި ހަވީރު މަދިރިން ރައްކާތެރިވެވޭނެފަދަ އަންނައުނު ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ބޭނުންކުރުމަކީ މުހިންމުކަމެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން ޑެންގީ ޖެހިފައިވާ ފަރާތެއްނަމަ ވީހާވެސް ގިނައިން ދިޔާތަކެއްޗާއި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އަރާމުކުރުމަށާއި ގައިގާ ރިއްސާނަމަ ޕެރަސެޓަމޯލް ބޭނުންކުރުމަށްފަހު ތިން ދުވަސް ފަހުން ހުން ރަނގަޅުނުވާނަމަ ޑޮކްޓަރަކަށް ދެއްކުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.