މިއަދަކީ ވަރަށް ބޮޑު ދުވަހެކެވެ. އަހަރެންގެ މައިދައިތައާއި، ބަފާބެ ފެންނަ ދުވަހެވެ. މިއަދު އަހަންނަށް ވުރެ ބޮޑަށް ހާސްވެފައި ހުރީ އިސްޙާޤެވެ.
އިސްޙާޤު ހާސްވިޔަކަސް ހައިރާންވާކަށް ނުޖެހެއެވެ. އަހަރެމެން ދެ މީހުންގެ ޢުމުރުގެ ތަފާތު ބޮޑުކަމުން ނުކުމެދާނެ މައްސަލައަކާ ދޭތެރޭ އޭނާ ވިސްނާނެތާއެވެ. އަހަރެންގެ އުމުރަކީ 38 އަހަރެވެ. އިސްޙާޤުގެ ޢުމުރަކީ އެންމެ 20 އަހަރެވެ. އެކަމަކު ލޯބިވީމާ އުމުރަށް ބެލޭނީ ކިހިނެއް ހެއްޔެވެ؟
އަންހެނުން އެ މީހުންނަށް ވުރެ ހަގު ފިރިހެނުންނާ އިނުމަކީ ގިނަ ކަމަކަށް ނުވިޔަސް ނުހިނގާ ކަމެއް ނޫނެވެ. އަހަރެމެން ދެ މީހުންގެ ގުޅުމާ މެދު ވެސް ބާވަތް ބާވަތުގެ ވާހަކަ ދެކެވުނެވެ. އެއްވެސް އުނދަގުލަކާ ނުލައި ދަރިއަކު ލިބުނީއޭ ކިޔައިގެން ރައްޓެހިން ދިމާކޮށް އުޅުނެވެ. އެހެން ނަމަވެސް މިހާރު އެ ވާހަކަތައް ހުއްޓިއްޖެއެވެ.
އިސްޙާޤަކީ ވަރަށް ރަނގަޅު އަޚުލާޤެއްގެ ވެރިއެކެވެ. ދުނިޔޭގެ ކުލަރީތި ހުވަފެންތަކާއި، އަވާމެންދުރުގެ ޙަޤީޤަތް އެނގޭ ވަރަށްވުރެ އޭނާ މާ ޅައެވެ. މުސްކުޅިވެ، ނާރުތަކުގެ ބާރު ދެރަވާ ވާހަކައާއި، ގައިގެ ހަން ދޫވެ، ރޫޖެހޭ ވާހަކަތައް އިސްޙާޤަށް ވަނީ ހެއްވާ ވާހަކަތަކަކަށެވެ.
އުމުރާއި ތަޖުރިބާގެ ތަފާތު ފިޔަވައި އަހަރެމެން ދެ މީހުންގެ މިޒާޖު މުޅިން އެއްގޮތެވެ. އެހައި ޅަ، ރީތި ޒުވާނަކު ލިބުނީތީ އަހަރަން ވަރަށް ބޮޑަށް އުފާކުރަމެވެ. އަމިއްލަ ނަސީބުގެ ގަދަކަން މައްޗަށް ހައިރާންވެއެވެ. ބައެއް ފަހަރަށް ގަބޫލުކުރަން ވެސް ދަތިވެއެވެ. މިއީ ހުވަފެނެއް ނޫންބާވައޭ ހިތަށް އަރައި، ޖެހިލުން ވެސް ވެއެވެ.
އަހަރެންގެ ނަސީބުގެ ތަރި މެދުއުޑުގައި ވިދާ ބަބުޅަން ފެށީ، އެ ރައިޙާނާއޭ ކިޔާ ނުލަފާ އަންހެންމީހާ އަހަންނަށް ދިން ކެހި ހިތުން ފޮހެވުނު ތަނާއެވެ.
ވަކި މީހަކު ތިމަންގެ ދިރިއުޅުން ހަލާކުކޮށްލައިފިއޭ ބުނުމަކީ ހަމަޖެހޭ ކަމެއް ނޫންކަން އަހަންނަށް އެނގެއެވެ. ތިމާގެ ނަސީބު ދެރަކަމުން ދިމާވާ ކަންތައްތަކުގެ ޒިންމާ އެހެން މީހުންގެ ބޮލުގައި އެޅުވުމަކީ ރަނގަޅު ކަމެއް ނޫންކަންވެސް އެނގެއެވެ. އެކަމަކު މިއީ އަހަރެން ކަންތައް ކުރި ގޮތެވެ. ރައިޙާނާއާ ދިމާއަށް އިނގިލި ދިއްކޮށް، އޭނާގެ ނުބައިކަމުގެ ޝަކުވާ ކުރީއެވެ.
އަހަންނާއި ރައިޙާނާއާ ދެ މީހުންނަކީ އެއް ދުވަސްވަރެއްގައި ވަރަށް ގާތް ދެ ރަޙުމަތްތެރިންނީމުއެވެ. ޢުމުރުން ހަތަރު އަހަރުން ފެށިގެން އުޅުނީ އެކީގައެވެ. ކުޅުނީ އެކީގައެވެ. އުޅުނީ އެއް އިސްކޫލެއްގައެވެ. އެކަކު އަނެކަކަށް ސިއްރު ކިޔައިދެމެވެ.
ފިރިހެން ކުއްޖަކާ "އެ ގޮތަށް" ފުރަތަމަ ވާހަކަ ދެއްކީވެސް އެކީގައެވެ. އޭގެ ފަހުން އެކަކު އަނެކަކަށް ވާހަކަ ކިޔައިދީ ހީނ މަޖާކޮށް ހެދި ހަނދާން މިހާރުވެސް އެބަހުއްޓެވެ.
އަހަރެން މީހަކާ އިންނަން ގަސްތުކުރާ ވާހަކަވެސް އެންމެ ފުރަތަމަ ބުނީ ރައިޙާނާ ގާތުގައެވެ. އަދި މާޖިދު އެހެން ކުއްޖަކާ ރައްޓެހިވެގެން އަހަންނަށް މަކަރު ހަދަން ފެށީމާވެސް އަހަރެން ފުރަތަމަ ބުނީ ރައިޙާނާ ގާތުގައެވެ.
"ރައިޙާނާ! ހުރިހާ ކަމެއް މުޅިން ސަކަރާތް ވެއްޖެ!" އަހަރެން އެ ރޭ ރައިޙާނާގެ އުނގުގައި ބޯއަޅައިގެން އޮވެ ރުއީމެވެ.
"މާޖިދު އެހެން ކުއްޖަކާ ރައްޓެހިވީތަ؟"
"އާނ!" އަހަރެން ޖަވާބު ދިނީމެވެ. މާޖިދު އެހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭކަން އަހަންނަށް ޔަޤީނެވެ. އެހެން ނަމަވެސް އެ ކުއްޖަކީ ރައިޙާނާއޭ ހަމަ އެއްގޮތަކަށް ވެސް ހިތަކަށް ނާރައެވެ. ރައިޙާނާ އަހަންނަށް އެހައި ބޮޑު ލަނޑެއް ދީފާނެއެކޭ ހިތަށް އަރާނީވެސް ކިހިނެއް ހެއްޔެވެ؟ އެކަމަކު ޙަޤީޤަތް ވާނީ ޙަޤީޤަތަށެވެ.
ވިދިގެން އައި ދުވަހު އެ ދެ މީހުން އެކީގައި އަހަރެމެން ގެއަށް އައިސް، ވަރަށް އޯގާތެރިކަމާއެކު ދެ މީހުން ހިތައިވެގެން އުޅޭ ވާހަކަ އަހަރެން ގާތު ބުނެފިއެވެ. ކިތަންމެ ފޮނި އިބާރާތްތަކެއް ބޭނުން ކުރިޔަސް ހިތާމަވެރި ވާހަކައެއްގައި އުފާވެރި ކަމުގެ ކުލައެއް ނުޖެއްސޭނެއެވެ.
މިއީ ހެއްވާ ވާހަކައަކަށް ނުވޭހެއްޔެވެ؟ އެންމެ ގާތް ރަޙުމަތްތެރިޔާއާއި، ލޯބިވެރިޔާއާ ދެ މީހުން ހިތައިވީއެވެ. އަހަރެންގެ އުންމީދުތަކާއި، މުސްތަޤުބަލުގެ ފޮނި ހުވަފެންތައް ވިއްސިވިހާލި ކޮށްލީއެވެ. ހިތްހެޔޮކަމާ އެކީގައެވެ. ހެޔޮ އެދުންތަކާ އެކުގައެވެ. އަޖާއިބެއް ފަހެ ނުވޭ ހެއްޔެވެ؟
ދެން ހެވެވެ. އެ ވާހަކަ ހުއްޓައިލަމާ ހިނގާށެވެ. އެ ދުވަހުގެ ފަހުން އަހަރެން އެ ދެ މީހުން ކުރެ މީހަކު ނުދެކެމެވެ. އެކަމަކު އެ މީހުންނާ މެދު ވިސްނައި ފިކުރުކޮށް ހަދަމެވެ. އެ ވޭންދެނިވި މަންޒަރު ހިތަށް ގެންނަމެވެ. އެކަމަކުން ސަލާމަތްވީ ވިއްސަކަށް އަހަރު ފަހުންނެވެ.
ޢާންމު ގޮތެއްގައި އަހަރެން ވަގުތު ހޭދަކުރަނީ އެކަންޏެވެ. މިކަހަލަ ވަގުތުތަކުގައި ބަދަލު ހިފުމުގެ ޚިޔާލު ވަރަށް ބޮޑަށް ހިތަށް ވަދެއެވެ. ބައެއް ރޭރޭ ނިދެނީ ވެސް މި ޚިޔާލުގައި އޮވެގެންނެވެ.
އެކަމަކު އިސްޙާޤާ ބައްދަލުވުމުގެ ދެ ހަފުތާއެއްހައި ދުވަސް ކުރިން މި ޚިޔާލު ފޮހެވިގެން ހިނގައްޖެއެވެ. މާޒީގެ ހިތި ހަނދާންތައް ފިލައިގެން ހިނގައްޖެއެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ލިބެން ފަށައިފިއެވެ. ހިތަށް ލިބުނު ގިނަގުނަ ވޭންތަކުން މިންޖު ވެއްޖެއެވެ.
އިސްޙާޤާއި އަހަންނާ ދެ މީހުން މަސައްކަތް ކުރަނީ އެއްތަނެއްގައެވެ. އޭނާއަކީ ހީވާގި، ކަމަށް ކަމޭހިތާ ފެންވަރު ރަނގަޅު ޒުވާނެކެވެ. ދެ މީހުން ވާހަކަދައްކަން ފެށިތާ އެންމެ ހަފުތާއެއް ވީތަނާ އޭނާ އަހަންނާ އިންނަން ގަސްތުކުރާ ވާހަކަ ބުނެފިއެވެ.
އިސްޙާޤަކީ އޭނާ ބޭނުން އެއްޗެއްގެ ވާހަކަ ބުނަން ޖެހިލުންވާ މީހެއް ނޫނެވެ. އަހަރެމެން ދެ މީހުންގެ އުމުރުގެ ތަފާތު ބެލުމަކީ އޭނާއަށް އެހައި މުހިންމު ކަމަކަށް ނުވިއެވެ. އެހެންނަމަވެސް އަހަރެން އެ ކަމާ ހާސްވިއެވެ.
"އަދި ވިއްސަކަށް އަހަރުން އިސްޙާޤު އަހަރެން ދެކެ ފޫހިވާން ފަށައިފާނެ." އަހަރެން ބުނީމެވެ.
"އާނ. ފަހަރެއްގައި ތިޔަހެން ވެސް ވެދާނެ." އޭނާ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. "އެހެން މީހަކާ އިނދެފިއްޔާ ދިހަ ވަރަކަށް އަހަރުން ފޫހިވެދާނެ. އަދި ފަސް އަހަރު ފަހުން ޝާއިރާ އަހަރެން ދެކެ ފޫހިވުމަކީ ވެސް އެކަށީގެންވާ ކަމެއް."
"އަހަރެން މުސްކުޅިވީމާ..." އަހަރެން ޖެހިލުންވެ ހުރެ ވާހަކަދެއްކީމެވެ.
"ބުނަންތަ؟" އޭނާ ކުޑަކުއްޖަކަށް ނަސޭހަތް ލައިދޭހެން ވާހަކަދެއްކިއެވެ. "މާދަމާ ވާނޭ ގޮތެއް އަހަރެމެން ދެ މީހުންކުރެ މީހަކަށް ނޭނގޭ. އަހަރެމެން ގޮތެއް ނިންމަން ޖެހެނީ މިހާރު ހިތުގައި އޮތް އެއްޗަކަށް ބަލައިގެން. އަހަރެމެންގެ އަތްފޯރާ ފަށުގައި އޮތީ މިއަދު. މާދަމައެއް ނެތް. އެހެންވީމާ އިތުރު ވާހަކަ ނުދައްކާ!" އޭނާ އަހަރެން މޭގައި ޖައްސައިލިއެވެ.
"މައިންބަފައިން ގާތު އިސްޙާޤު ބުނީ ކީކޭ؟" އަހަރެން އަހައިލީމެވެ.
"އަހަރެން ހުރިހާ ވާހަކައެއް ރަނގަޅަށް ކިޔައިދީފިން." އޭނާ ބުންޏެވެ.
"އެމީހުން ބުނީ ކީކޭ؟" އަހަރެން ބިރުން ހުރެ އަހައިލީމެވެ.
"އަހަރެންގެ އުފަލަކީ އެ މީހުންގެ ވެސް އުފާ." އިސްޙާޤު އެ ވާހަކައިގެ ތަފްސީލަކަށް ނުދިޔައެވެ.
އެ މީހުން އުފާނުވާކަން އަހަންނަށް އެނގެއެވެ. އެއްވެސް މީހަކު އެ މީހެއްގެ އުފަން ދަރިއަކު މުސްކުޅިޔަކާ ދެވާކަށް ރުހިގެންނެއް ނުތިބޭނެއެވެ. އެކަމަކު އަހަރެން އިސްޙާޤު ދަންނަމެވެ. ބޭނުން އެއްޗެއް ނުލިބޭހައި ހިނދަކު އޭނާ ދުލެއް ނުކުރާނެއެވެ.
"އަހަރެމެން ދެ މީހުންނަށް އެކީގައި އުޅެވޭނެތަ؟" އަހަރެން އަހައިލީމެވެ. މިއީ ޖަވާބެއް ހޯދަން ވަރަށް މުހިންމު ސުވާލެކެވެ.
"ތިޔަކަން ވަރަށް އަވަހަށް އެނގިދާނެ." އިސްޙާޤު މަޑުމަޑުން ބުނެލިއެވެ.
ވަރަށް އަވަހަކީ މިއަދެވެ. ހެނދުނު ތެދުވެގެން އަހަރެން އެންމެ ފުރަތަމަ ދިޔައީ ބޯކޮށާ ތަނަކަށެވެ. މީގެ ކުރިން އަހަރެން ފޮރުވަން ނުރުހުނު ނުރަތައް ކަޅު ކުރުވައިފީމެވެ.
ކުރިން ނުރުހުނު ކަމެއް މިއަދު ކުރެވުނީ ކީއްވެގެން ބާވައެވެ؟ ހުދުކުލައިގެ އިސްތަށިތައް ކަޅުވީމާ އަހަރެންގެ ހިތްވަރު އާލާ ވާނީ ހެއްޔެވެ؟ ނުވަތަ އަހަރެން މިހާރަށްވުރެ ޒުވާންކަމަށް ދައްކާނީ ހެއްޔެވެ؟ އަހަރެން ވިސްނައިލީމެވެ. މި ދެ ސުވާލުގެ ޖަވާބަކީ ވެސް އާނއެކޭ ކަމަށް ވެދާނެވެ.
އެ ދުވަހު އަހަރެން ވަރަށް ރަނގަޅަށް ތައްޔާރުވީމެވެ. ފަނަރަ ވަރަކަށް ފަހަރު ލޯގަނޑު ދޮށުގައި ހުރެގެން ފަރި ބެލުނެވެ. އަހަރެން ބަރާބަރު ގަޑިއަށް ރެސްޓޯރެންނަށް ހިނގައްޖައީމެވެ. އިސްޙާޤުގެ މައިންބަފައިން އައީ ދިހަ ވަރަކަށް މިނިޓް ފަހުންނެވެ. އެ ދެ މީހުން ރެސްޓޯރެންޓަށް ވަދެގެން އައިތަން އަހަންނަށް ވަރަށް ރަނގަޅަށް ފެނުނެވެ.
އެއީ މާޖިދާއި ރައިޙާނާއެވެ!
ހިނިތުންވުން ފުހެވިއްޖެއެވެ. ޢުމުރުން 38 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ ތިން މީހުންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އިސްޙާޤު ހައިރާންވެއްޖެއެވެ. ރައިޙާނާ ކުއްލިއަކަށް އިށީނދެއްޖެއެވެ. މޭޒުމަތީގައި ހުރި ބިއްލޫރިތަށި ވެއްޓި ފުނޑުފުނޑު ވެއްޖެއެވެ. ހީވަނީ ފިލްމުތަކުން ފެންނަ ކަހަލަ، ރޯލު ލަސް މަންޒަރެއް ހެންނެވެ.
ހަތަރު މީހުން ވެސް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެންމެ ފަހުން އަޑެއް ބޭރުކޮށްލެވުނީ އިސްޙާޤަށެވެ. "ކިހިނެއްވީ؟ ޝާޢިރާ، މަންމަމެން ދަންނަނީތަ؟"
އެންމެ ފަހުން އަހަރެންގެ އަޑު ވެސް ބޭރުވާ ގޮތްވެއްޖެއެވެ.
"ރައިޙާނާ އަހަންނަށް މާފުކުރޭ. ކުރިން އަހަންނަށް އެނގިފައި އޮތްނަމަ...."
މާޖިދު ވަރަށް ބާރަށް ހީނގަތެވެ. ރައިޙާނާ ވެސް ހަމަޖެހިލާފައި އިސްޙާޤު އަތުގައި ހިފައިލިއެވެ.
"ކިހިނެއް؟" އަހަރެންގެ މޫނަށް ބަލައިލާފައި އޭނާ ހިތްހެޔޮކަމާއެކީ އަހައިލިއެވެ. އަހަރެން އިސްޙާޤާއި އޭނާގެ މަންމައާ ދިމާއަށް ބަލައިލީމެވެ. ދެ މީހުން ވަރަށް ވައްތަރެވެ. ކުރިން އެ ކަން ފާހަގަ ނުކުރެވުނީ ކީއްވެގެން ބާވައޭ ހިތަށް އެރިއެވެ.
"ޝާޢިރާއަކީ މަންމަގެ ޅައިރުގެ ރަޙުމަތްތެރިއެއް." ރައިޙާނާ މިހެން ބުނެފައި އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ. އަނެއްކާ ވެސް ކުޅިގަނޑެއް ފަށަނީ ނޫންބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ހަމަ އެއާއެކު އޭނާއަށް ކުރެވޭނޭ ކަމެއް އެބައޮތް ބާވައޭ ވެސް ހިތަށް އެރިއެވެ.
އިރުކޮޅެއް ފަހުން އަހަރެން އުޒުރެއް ދައްކާފައި ގޮސް ފާޚާނާއަށް ވަދެއްޖައީމެވެ. މިފަހަރު ރައިޙާނާ އަހަރެންގެ ފަހަތުން ނާންނާނޭކަން އެނގެއެވެ. ހެއްވާ ވާހަކަ ދައްކާ މަޖާކުރާނޭ ފުރުޞަތު ނުލިބޭނޭކަން ވެސް އެނގެއެވެ. މިއަދު އަހަރެމެން އެންމެން މި ތިބީ "ހެއްވާ ފިލްމު ކުޅޭ" ބަޔަކަށް ވެފައެވެ.
އަހަރެން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލައިފައި ވިސްނޭތޯ މަސައްކަތް ކުރީމެވެ. ބާރަށް ހީނގަންނާނަމޭ ވެސް ހިތަށް އެރިއެވެ. ވޭތުވެދިޔަ ތާނގައި އަހަރެން ބަދަލު ހިފަން ރޭވި ރޭވުމުގައިވެސް މިހައި މޮޅު ތަދުބީރެއް ކުރެވިފައެއް ނެތެވެ.
އެކަމަކު އަހަރެން އުފަލެއް ނުވެއެވެ. ކުރިއަށް އޮތް އުނދަގޫ ދަތުރު ހިތަށް އަރާފައި ފިކުރު ބޮޑުވީއެވެ. ކޮންމެ ފަދަ ޤުރުބާނީއެއް ވެގެންވެސް މި ގުޅުން ބަދަހިކުރަން އަހަރެން ކަނޑައަޅައިފީމެވެ. އަހަރެން މި ކުރިމަތިލާ ތިން މީހުންނަކީ ވެސް އަހަރެން އިންތިހާއަށް ލޯބިވާ ތިން މީހުންނެވެ. އަހަރެންގެ ބަފާބެއަކީ އަހަރެން ކުރީގެ ލޯބިވެރިޔާއެވެ. އަހަރެންގެ މައިދަތައަކީ އަހަރެންގެ ލޯބިވެރިޔާ ޖަހައިގަތް އެކުވެރިޔާއެވެ.
އަހަރެން ވިސްނައިލީމެވެ. މީގެ އެތައް އަހަރެއް ކުރިއާ، މިހާރާ ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ އޭރު ވެސް ދެ އަންހެނުން އެކަކު ދެކެ ލޯބިވީއެވެ. މިހާރު ވެސް ދެ އަންހެނުން އެކަކު ދެކެ ލޯބިވަނީއެވެ.
އަނިޔާއެއް ނުވަތަ ހިތާމައެއް ލިބިއްޖެ ނަމަ ހިތަށް ހަމަޖެހުމެއް ލިބޭނީ ބަދަލު ހިފީމައޭ ބުނާތީ އަޑުއަހަމެވެ. އެކަމަކު އަހަރެންނަށް އެ ކަންތައް މި ފެނުނީ ދިމާ އިދިކޮޅަށެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނީ ލޯބިވީމައެވެ.
(ނިމުނީ)
Vv.reethi adhi