މިއީ އިންޑިއާގެ މަޝްހޫރު ވާހަކަލިޔުންތެރިއެއް ކަމުގައިވާ ވާޖިދާ ތަބައްސުމް ލިޔުއްވައިފައިވާ ވާހަކައަކަށް ބައެއް ކަހަލަ ބަދަލު ގެނެސްގެން ލިޔެފައިވާ ވާހަކައެކެވެ. އަޅުގަނޑުގެ އަމިއްލަ ޚިޔާލެއް ނޫނެވެ. އަދި މުޅިއަކުން ތަރުޖަމާއެއްވެސް ނުމެނޫންމެއެވެ.
"ބޯފަޅައިގެން ދާވަރުވޭ."
ޒާހިރާ ބަދިގެއިން ނުކުމެގެން ކާކޮޓަރިއަށް އަތުވެއްޖެއެވެ. "ކިހިނެއްވީ؟"
އަރުޝަދު މޫނު ކުނިކޮށްލިއެވެ. "ކިހިނެއްވީހޭ އަހަންވީ މިހާރުތަ؟ ބަނޑުހައިވެގެން ގޮސް ހަލާކުވާ ވަރު ވެއްޖެ. އޮފީހުގެ ގަޑިއައިސް ޖެހެނީ ކަލޭ..."
ޒާހިރާ ނުރުުހުންވެފައި ބުންޏެވެ. "އެކަމަކު އަހާމީހެއްގެ މޭގަނޑު އަގަޔަށް އަންނަ ވަރަށް ބާރަށް ހަޅޭއް ނުލެވިޔަކަސް ވެދާނެ."
އަރުޝަދުގެ ރުޅިގަނޑު ދެތިން ދަރަޖަ މައްޗަށް ޖެހިލިއެވެ. "އަހަރެން މި ހަޅޭއް ލަވަނީތަ؟ މިއީ ބޭކާރު ހަޅޭކެއްތަ؟ ނިކަން ވިސްނާލަބަލަ. އަހަރެންގެ އެއްވެސް ކަމެއް ދުވަހަކުވެސް ގަޑިއަށް ކުރެވުނުތަ؟"
ޒާހިރާގެ ލޮލުން ފެންއަތުވެއްޖެއެވެ. "ތިޔަބުނަނީ އަހަންނަކީ ކަންނެތް މީހެކޭތަ؟ އެއްވެސް ކަމެއް ނުކޮށް އަރާމު ކުރަނީއޭތަ؟"
ޒާހިރާ ރޯން ފެށީމާ އަރުޝަދަށް އުދަނގޫވާން ފަށައިފިއެވެ. "މިހާރު ތިޔަ ރޮނީ ކޮންކަމަކާ؟"
"އާނ... މިއީ އަހަރެންގެ ގޮތް. އަހަންނަކީ ގޮތްކުޑަ މީހެއް. އަރުޝަދުގެ ކަންތައްތައް ރަނގަޅަށް ކޮށްދީގެން ބަސް އަހައިގެން އުޅޭނެ މީހަކާ އިންނަން ވީއެއްނު؟"
"ކީކޭ؟ މިކާވެނިން އަހަންނަށް ލިބުނު ފިލާވަޅު ދެރައީތަ؟ އަނެއްކާ އާ މަޅިގަނޑެއް ކަރަށް މަހަންވީތަ؟"
ޒާހިރާއަކަށް ކެތެއް ނުކުރެވުނެވެ. "މަޅިގަނޑޭ؟ މިހައި ރަނގަޅު ހަމަޖެހޭ ދިރިއުޅުމަކަށް ތިޔަ ކިޔަނީ މަޅިގަނޑެކޭތަ؟ މިގެއިން އަރުޝަދަށް ނުލިބެނީ ކޮން އަރާމެއް؟ ކޮން އުފަލެއް؟ އަދި... އަދި..." އޭނާއަށް ގިސްލެވެން ފަށައިފިއެވެެ. "އަރުޝަދު ކަހަލަ ޝުކުރު ނުކުރާ މީހަކު އަހަރެން ދުވަހަކުވެސް ނުދެކެން."
މި ވާހަކަތައް ވީ އަރުޝަދަށް ވެސް ކެތް ނުކުރެވުނު ވާހަކަ ތަކަކަށެވެ. "އަހަރެން މިއީ ޝުކުރުވެރި ނުވާ މީހެއް؟ އަހަންނަށް މިގެއިން ހުރިހާ އަރާމަކާއި އުފަލެއް ލިބެން އެބަހުރި؟ ދެން ހަޅޭއް ލަވަމުން ގޭތެރޭގައި މިދުވަނީ ސިކުނޑީގައި ލޯވަޅު އެޅިގެންތަ؟ އޮފީހަށް ދާން ބަލައިލާއިރު ދުވަހަކުވެސް އެއްވެސް އެއްޗެއް ބާއްވައިފައި އޮތް ތަނަކުން ނުފެންނާނެ. ޓައީ އޮންނަނީ ބޫޓުގެ ތެރޭގައި. އިސްޓާކީނު އޮންނާނީ ގަމީސް އަޅުވާ ކޮނޑުގައި. ފައިލުތައް ހުންނާނީ ބަދިގޭގައި. މިހުރިހާ ތަނަކަށް ދުވެގެން ތަކެތި އެއްކޮށްގެން ތައްޔާރު ވެގެން ކާން އަންނައިރު..." އޭނާ ކުޑަކޮށް ޖެހިލުންވެ ހުރެ ޒާހިރާއާ ދިމާއަށް ބަލައިލާފައި ޖުމުލަ ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ.
"އާނ... އާނ. ކުރިއަށް ގެންދޭ. ހުއްޓައިލީ ކީއްވެގެން؟ ދެން ކާތަކެތީގެ ނުބައި ކަމުގެ ވާހަކަ ފަށާ." ޒާހިރާ ހިތާމަޔާއެކު ބުނެލިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި ރުޅިއައިސް ފުފިފައި ބުނެލިއެވެ. "ހަތަރު ދަރިންގެ މަޔަކަށާއި އަރުޝަދު ކަހަލަ މީހެއްގެ އަނތްބަކަށް ހުންނަ މީހަކަށް މިވަރު ވާކަންވެސް ރަނގަޅު. ދުވާލު ހަތަރުދަމު އަހަރެން އުޅޭ ހާލު އަރުޝަދަށް އެނގޭތަ؟"
އަރުޝަދު ހިތްވަރާއެކު އަތުކުރި އޮޅައިލާފައި މައިދާނަށް ފުންމައިލިއެވެ.
"އެހެންތަ؟ ކަމަނާ ދުވާލުދާ ހަތަރުދަމު ކުރައްވާ ކަމެއް ނިކަން ވިދާޅުވެ ބައްލަވާ."
ޒާހިރާ ހީނގަތް ގޮތުން އަރުޝަދުގެ ރުޅި ސައްތައަށް އެރިއެވެ.
"ކޮންމެ ކަމެއް ކުރިޔަސް ހެޔޮ. އަރުޝަދު އަހަރެން މިކުރާ މަސައްކަތް އެންމެ ދުވަހަކު ކޮށްފިއްޔާ ހުންނާނީ ހިކި މިރުހަކަށް."
"އެހެންތަ؟" އަރުޝަދު ހައިރާންވީ ކަމަށް ހެދިލިއެވެ. "ތިޔަހައި ބޮޑު ޔަގީންކަމެއް އެބައޮތްތަ؟ ކުރެވޭ އެއްވެސް ކަމެއް އޮންނަނީއެއް ނޫން. ހުރިހާ ޒިންމާއެއް އަޅުވަނީ ކުދިންގެ ބޮލުގައި. ގޭތެރޭގެ މަސައްކަތްތައް ކުރުމަކީ އަހަންނަކަށް އެއްވެސް ކަމެއްނޫން. ކައިފައި ވައެއް ލުންހައި އާދައިގެ ކަމެއް."
"އަރުޝަދު ސާހިބާ." ޒާހިރާ މަލާމާތް ކޮށްލިއެވެ. "ތޫފާނުގައި ހުރި ފަންވަރެއް ގޮނޑުދޮށުގައި ހުންނަ މީހަކަށް ނޭނގޭނެ. އެއެއް އެނގޭނީ ކަނޑުމައްޗަށް ނުކުމެލީމާ."
"އެހެންތަ؟" އަރުޝަދުވެސް މަލާމާތުގެ ރާގަކަށް ބުނެލިއެވެ. "ގޭތެރޭގެ މަސައްކަތްތައް ހަމަ އެހައި އުނދަގުލީތަ؟"
"އާނ. އޮފީހުގައި އިނދެގެން ގަލަން ކޭއްތުމާއި، ގޭތެރޭގެ މަސައްކަތާ ވަރަށް ތަފާތު ވާނެ. ކެއްކުމާއި، ކުދިންބެލުމާއި، ނޯކަރުންގެ ކަންތައް ބެލެހެއްޓުމާއި، ފިރިމީހާގެ ކަންތައްތައް ބަރާބަރަށް ކޮށްދިނުމާ، މިހެންގޮސް ކިތަންމެ ކަމެއް. އަރުޝަދަށް މިއިން ކަމެއް ހިތަށް ގެންނަންވެސް ނޭނގޭއިރު ކުރާނީ ކިހިނެއް؟"
"އެހެންތަ؟" އަރުޝަދުގެ ރުޅި އަނެއްކާވެސް ގަދަވާން ފަށައިފިއެވެ. މިއީ އޭނާގެ ފިރިހެންވަންތަކަމަށް ޖެހުނު ގޮމެކެވެ. "އަހަންނަކަށް ހަމަ ހިތަކަށްވެސް ނުގެނެވޭނެތަ؟"
"އާނ." ޒާހިރާ އަޑަށް ބާރު ލައިފައި ބުނެލިއެވެ. "މިއީ ވަރަށް ބުރަކަމެއް. އަދި އަމުދުން އަހަރެންގެ މިއޮތް ބޮޑު ބަނޑާއިގެން މިހުރިހާ މަސައްކަތްތައް ކުރުމަކީ ވަރަށް ބުރަކަމެއް."
"އެންމެ ރަނގަޅު. ކަލޭ ކުރާ މަސައްކަތްތަކުގެ ފިހުރިސްތު ނިކަން ކިޔައިދީބަލަ. ހުރި ފެންވަރެެއް އެނގިދާނެތާ."
ޒާހިރާ ބުންޏެވެ. "އަހަރެން ދުވާލު ހަތަރުދަމު ތެޅޭ ތެޅުން އަރުޝަދަށް ހަމަ ނުފެންނަނީތަ؟ އަހަރެން ކިޔައިދީގެން ނޫނީ ނޭނގޭނެތަ؟ ނޭނގެންޏާ އަޑުއަހާ. ފަތިހު ތެދުވެ ހަތަރު ކުދިންނަށް ގޮވައި ނަގައި ފެންވެރުވުން. ދޮށީ ދެބެއިން ތައްޔާރުކޮށް އިސްކޫލަށް ފޮނުވުން. ކުދިން ތައްޔާރު ކުރަމުން ދާއިރު ސައިވެސް ތައްޔާރު ކުރުން. އިސްކޫލު ދަބަސް ތައްޔާރުކުރުން. ކުދިން ފޮނުވައިލާފައި ގޭތެރެ ކުނި ކަހައި ފޮޅައި ސާފު ކުރުމާއި ތަންމަތި އެޅުން. އޭގެ ފަހުން އަރުޝަދު މެންދުރު އަންނާން ވާއިރަށް ކެއްކުން. ތިނެއް ޖަހާއިރު ބާޒާރު ކުރަން ދިއުން. އެނބުރި އައިސް އަނެއްކާވެސް ސައި ތައްޔާރުކުރުން. ކުދިން އިސްކޫލުން އަންނަން ވާއިރަށް ކޮންމެވެސް ލުއި ކާއެއްޗެއް ތައްޔާރުކުރުން..." މިހިސާބުން އަރުޝަދު ކުޑަކޮށް އެނބުރުން އަރާގޮތް ވާން ފަށައިފިއެވެ. "ދެން އޮތީ ރޭގަނޑަށް ކާން ތައްޔާރު ކުރުން. މިިކިޔައިދިނީ ބައެއް މަަސައްކަތް. ހުރިހައި ކަމެއް ނޫން."
އަަރުޝަދު މޭފުއްޕައިލިއެވެ. "ކަލޭ ހީކުރީ ގޭތެރޭގެ މަސައްކަތް ކުރާކަށް އަަހަންނަކަށް ނޭނގޭނެ ކަމަށްތަ؟ އެންމެ ރަނގަޅު. އެއް ހަފުތާ ވާންދެން ގޭގެ ހުރިހާ މަސައްކަތެއް ކުރާނީ އަހަރެން. ކަލޭ އެއްވެސް ކަމެއް ކޮށްގެން ނުވާނެ."
"ދެން އޮފީހޯ؟" ޒާހިރާ އަހައިލިއެވެ.
"އަހަރެންގެ ޗުއްޓީން އެއް ހަފުތާ ބާކީ އޮންނާނެ. މިއަދު އެ ހަފުތާ ނަގާނީ." އަރުޝަދު ޔަގީންކަމާއެކު ބުނެލިއެވެ.
"އަހަންނަށް ޝައްކު." ޒާހިރާ ބުނެލިއެވެ.
ކޮން ކަމަކަށް ޝައްކު ވަނީ؟"
"އެއް ހަފުތާ ކީއްކުރަން... އެންމެ ދުވަހަކުވެސް އަރުޝަދަކަށް ކެތެއް ނުކުރެވޭނެ. އޮފީހުން އެއް ހަފުތާގެ ޗުއްޓީއެއް ލިބިދާނެ. އެއް ދުވަހު މަސައްކަތް ކޮށްފައި ވަރުބަލިވެގެން އަނެއް ހަދުވަހު އަރާމު ކުރާނީ. މިއީ އަރުޝަދު ކަންތައް ކުރާނެގޮތް."
"އޭތް... އެކުން އަހަރެން ރުޅިއަރުވާން ނޫޅޭތި. މާ މުހިއްމު މީހަކަށް ހެދެންވެސް މަސައްކަތް ކުރާނެ ކަމެއްނެތް. މާދަމާ ބަލަން ހުންނާތި. ކަލޭގެ މުހިއްމުކަން އޮތީ ކިހައި ވަރަކަށްކަން އެނގިދާނެ."
ޒާހިރާ ހީނގަތްލެއް ބާރުކަމުން އަރުޝަދު ބިރުގަތެވެ. އެހެންނަމަވެސް އެކަން ނާންގައި ރުޅިއައިސްފައި ބުންޏެވެ. "މާދަމައިން ފެށިގެން ކަލޭ އަރާމު ކުރޭ. މިހާރު ބަނޑަށްވެސް މިއޮތީ ނުވަމަހަށް. އަރާމު ބޭނުންވާނެ. ހުރިހާ މަސައްކަތެއް އަހަރެން ކުރާނަން."
ޒާހިރާ ކިޔަމަންތެރިކަމާއެކު ބޯލަނބައިލިއެވެ. "ހަމަވިދާޅުވި ގޮތެއް."
* * *
އާއްމު ގޮތެައްގައި އަރުޝަދު ހޭލަނީ އެތައް ހިސާބަކަށް އިރުއަރާ ފަހުންނެވެ. ވުމާއެކު މާދަމާ އަނެއްކާ ފަތިހު ހޭލެވޭނެ ބާވައޭ ހިތަށް އެރިއެވެ. އޭނާ ނިދަން އޮށޯތީ ސޯނާގަޑި ޖައްސައިގެންނެވެ. އިރު ނާރަނީސް ގަޑީގެ އަޑަށް ހޭލެވިއްޖެއެވެ. ރުޅި ވެސް އައެވެ. ވަރަށް ބާރަށް ޒާހިރާއަށް ގޮވަން އަނގަހުޅުވާފައިމެ މިއަދުގެ ޝަރުތުގެ މަތިން ހަނދާންވެފައި އަނގަމަތީގައި ދެއަތް އަޅައިފިއެވެ.
މިއަދަކީ ޝަރުތުގެ ފުރަތަމަ ދުވަހެވެ. ފޮނިފޮނި ނިދިކޮޅު ގެއްލުނީއެވެ. އަނބިމީހާ އަށާއި، ދަރިންނަށް ސަައި ތައްޔާރު ކުރަން ޖެހޭނެއެވެ. ހޭވައްލާ ތައްޔާރޭ ގޮވާލާފައި ތެދުވެއްޖެއެވެ.
"މަން... މަން... މަން..."
ފަތިސް ދަޅައިގައި މަންމަން ވެގެން މިއުޅެނީ ކާކުބާވައެވެ؟ އެނބުރި ބަލައިލީއިރު އެންމެ ކުޑަކުއްޖާފުޅު ހޭލައިގެން މަންމައަށް ގޮވަނީއެވެ. ކިރުބޯގަޑި ޖެހުނީއެވެ. އަރުޝަދު ރޯލު އަވަސް ކޮށްލާފައި ދުއްވައިގަތީ ބަދިގެޔާ ދިމާއަށެވެ. ބަދިގެއަށް ވަދެ ބެލިއިރު ކިރު ހުރީ ހުސްވެފައެވެ. ގޭގައި ގެންގުޅޭ ނިޒާރު ތަޅަންމަތީގައި ބޮޑު ގުގުރީގައި ނިދާފައި އޮތެވެ. ހޭލައްވާފައި ކިރުގެ ވާހަކަ އަހާލީމާ ބުންޏެވެ. "ހެނދުނު ތެދުވެގެން ގޮސް ކިރުގަންނަނީ ޒާހިރާ. ކޮންމެ ދުވަހަކުވެސް ގަންނަނީ އެދުވަހަކަށް ވާވަރަށް ރޯކިރު."
މިއަދަކީ ޒާހިރާ މަސައްކަތް ކުރުން މަނާ ދުވަހެކެވެ. ހެނދުނު ކިރު ނުގަނެ ހުރީ އެހެންވެގެންނެވެ. ކުރާނޭ ކަމެއްނެތެވެ. މިއޮތީ މަސައްކަތްގަނޑުގެ ތެރެއަށް އެރިގަނެވިފައެވެ. ކޮންމެވެސް ގޮތަކުން މައްސަލަ ހަމަޖައްސައިލުން ނޫން ގޮތެއް ނެެތެވެ. އަވަހަށް ފައިސާ ދީފައި ނިޒާރު ކިރުގަންނަން ފޮނުވާލައިފިއެވެ. ކުޑަ ކުއްޖާފުޅުގެ އަޑުވެސް ގަދަވާން ފަށައިފިއެވެ. ނުރައްކާ ވަނީއެވެ.
ކިރު އަތުވެއްޖެއެވެ. ޒާހިރާ ބޭނުންކުރަނީ ގޭސް އުނދުނެވެ. އެއީ ވަރަށް ބޮޑު ނަސީބެކެވެ. ކައްކާކަށް އުނދަގުލެއް ނުވިއެވެ. ކިރު ހޫނުކޮށްފައި ހުރި ގޮތަށް ފުޅިއަށް އަޅައިލިއެވެ.
ޕަޓާސް... ފުޅި އެދިޔައީ ކުދިކުދި ވެގެންނެވެ.
ނިޒާރު ހީނގަތެވެ. "ފުޅިއަށް އަޅުއްވަން ވާނީ ހިހޫ ކުރައްވާފައި. ތިޔަހައި ހޫނު އެއްޗެއް ބިއްލޫރި ފުޅިއަކަށް އެޅުއްވީމާ ވާނީ އެހެންނޫންތޯ؟"
ފައިސާ ދީފައި ފުޅިއެއް ގަންނަން ނިޒާރު ފޮނުވައިފިއެވެ. އޭނާ އެތަން މިތަނަށް ދުވެގެން ފުޅިއެއް ގަނެގެން އަތުވެއްޖެއެވެ. ކިރު ހިހޫކޮށްގެން ފުޅިއަށް އަޅައިގެން ގޮސް ޖެއްސީމާ ދެފަހަރަކު ދަމައިލާފައި ހުއްޓާލައިފިއެވެ. ދެފައި ތަޅުވަ ތަޅުވައިފައި ރޯން ފަށައިފިއެވެ. އަރުޝަދު ހާސްވެއްޖެއެވެ. ހަދާނޭ ގޮތެއް ނޭނގުނެވެ.
"ތިޔަށް ހަކުރު އެޅުއްވިންތޯ؟" ބަދިގެ ތެރެއިން ނިޒާރު ގޮވައިލި އަޑު އިވުނެވެ.
އަރުޝަދު އަވަސް އަވަހަށް ދުވެފައިގޮސް ހަކުރު އަޅައިގެން އަތުވެއްޖެއެވެ. މިފަހަރު ފުޅި ޖެއްސުމާއެކު ކުޑަދަރިފުޅު މައިތިރި ވެއްޖެއެވެ.
އެހިސާބުން އަނެއް ތިންކުދިން ހޭލައިފިއެވެ. އެހެން ނަމަވެސް މަންމަ އައިސް ނަގަންދެން އެނދުން ނުތެދުވެ ތިބީއެވެ. މަންމަގެ ހިލަމެއް ނުވިއެވެ. އެކުދިންނަށް ފެނުނީ ބައްޕަ އައިސް ވަންތަނެވެ.
އަރުޝަދު ކޮޓަރިއަށް ވަދެފައި އަމުރުވެރި ރާގަކަށް އަހައިލިއެވެ. "މިއަދު މޫނުވެސް ނުދޮންނަ ދުވަހަކީތަ؟"
ތިން ކުދިންގެ ތެރެއިން ކުޑަކުއްޖާ ބުނެލިއެވެ. "ކޮއްކޮމެންގެ މޫނު ދޮއްވަނީ މަންމަ. ކޮއްކޮ އަމިއްލައަށް ދަތް އުނގުޅީމާ އަނގައިން ލޭ އާދޭ."
މިޖެހުނީ ބޮޑު ކަމެއްތާއެވެ! ދެން އޮތީ ތިން ކުދިންގެ މޫނު ދޮއްވުމެވެ. އަރުޝަދު ވަރަށް ހިތްވަރު ކޮށްފައި ބުނެލިއެެވެ. "ހިނގާ... މިއަދު މޫނު ދޮއްވާނީ ބައްޕަ. މަންމަ އުޅެނީ ކުޑަކޮށް ބަލިވެ."
ތިން ކުދިންގެ މޫނު ދޮއްވައި ނިމުނުއިރު އަރުޝަދަށް ހުރީ މާނޭވާ ލެވިފައެވެ. ފާޚާނާއިން ނެރެގެން އައިސް ކިރު ތަށްޓެއް ދީގެން ދެން ގެންދިޔައީ ފެންވަރުވާށެވެ. ފެންވެރުވުމަކީ މާ އުނދަގޫ ކަމަކަށް ނުވިއެވެ. މާގަނޑުން ފެން ދޫކޮށްލައިފައި ދަށަށް ތިންބެއިން ވައްދާފައި ބަލަން ހުރީއެވެ. މިއީ ފިނިމޫސުންކަމާއި ފެންވަރުވަން ޖެހޭނީ ހޫނު ފެނުންކަން ހަނދާންވީ ކުދިން ހީކަރުވައިގަނެގެން ތުރުތުރު އަޅަން ފެށީމައެވެ. އަވަސް އަވަހަށް ގައިގައި ތުވާލި އޮޅައިގެން ފާޚާނާއިން ނެރެފިއެވެ.
ކަންތަކާ ލައިގަތީ ދެނެެވެ. އެކަކުގެ ސޯޓު ލައްވައި ނިމުނުއިރު އަނެއް ދެކުދިން ފެންނާކަށް ނެތެވެ. ބޭރަށް ނުކުމެ އެ ދެބެއިން ގޮވައިގެން އައިސް އެކަކުގެ ގަމީސް ލައްވާ ނިމުނުއިރު ކުޑަކުއްޖާ ލެއްވި ސޯޓު ބާލައިފިއެވެ. ބިން މައްްްޗަށް ފުށްދަޅު ބަންޑުން ޖަހާލައިފިއެވެ. މުޅި މޫނުގައި ލޯޝަން އުނގުޅައިފިއެވެ. އޭރު އެކަކު ހުއްޓައިނުލާ އެކި ރާގުރާގަށް ރޮމުން ދަނީއެވެ. އަރުޝަދު އިރުއިރުކޮޅާ ޒާހިރާ އާދޭތޯ ބަލައެވެ. އޭނާ މަލާމާތް ކުރާނެކަން އެނގޭތީއެވެ.
ވަަރަށް ހާލުގައި އުޅެގެން ތިން ކުދިން ތައްޔާރުކޮށް ނިމުނުތަނާ ބަހުގެ ބަރުގޮނުގެ އަޑު އިވިއްޖެއެވެ. އަރުޝަދު ސިހިފައި ނިޒާރަށް ގޮވައިލިއެވެ. "ނިޒާރު. އަވަހަށް ސޭންޑްވިޗާއި ޖޫސްޕެޓީ ގެނޭ. ކާނީ އިސްކޫލަށް ގޮސް."
ނިޒާރު ވަރު އަރުވައިފައި ބިޑި ބޮނީއެވެ. "ސޭންޑްވިޗާއި، ޖޫސްޕެޓީ ނެރެނީ ކޮންތާކުންތޯ؟ އެއްވެސް އެއްޗެއް ތައްޔާރު ކުރާށޭ ނުބުނުއްވަމެއް ނޫންތޯ؟ އަޅުގަނޑު ކޮންމެ ދުވަހަކުވެސް ތައްޔާރު ކުރަނީ ޒާހިރާ ބުނާ އެއްޗެއް؟ އަޅުގަނޑުގެ ހިތަށް އެރިހައި އެއްޗެއް ނޫން."
ނިޒާރުގެ ދިގު ތަގުރީރު އިވިފައި އަރުޝަދުގެ ހިތް ބޭރަށް ނުކުމެ ފުމެން ފަށައިފިއެވެ. ކޮންމެ ކުއްޖަކަށް ދެރުފިޔާ ދީފިއެވެ. ރުފިޔާ އަތުގައި ޖެހުމާއެކު ނާސްތާގެ މަތިން އެކުދިން ހަނދާން ނެތިއްޖެއެވެ. ތިން ކުދިން ނެރެގެން ގޮސް ބަހަށް އަރުވައިފައި އޭނާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ގޭތެރެއަށް ވަދެ ގޮނޑިއެއްގެ މައްޗަށް ވެއްޓިގެންފިއެވެ. އެގޮތުގައި މާގިނަ އިރަކު ނޯވެވުނެވެ. ކުޑަކުއްޖާފުޅު ރޮއިގަތް އަޑު އިވިއްޖެއެވެ. ތެދުވެގެންގޮސް ބަލައިލީއިރު އޮތީ ދެކަމު ހާއްޖަތަށް ދެވިފައެވެ. ސިޔާ ހީހާ ތަތްތެޅިގެންނެވެ. މޫނު ކުނި ކޮށްލައިފައި ނިޒާރަށް ގޮވައި ގެނެސް ސާފުކުރާށޭ ބުނެފިއެވެ. އޭނާ ކަނޑައެޅިގެން ކުރީ އިންކާރެވެ. "އަޅުގަނޑަކީ ކުދިން ބަލަން އަންނަ މީހެއް ނޫން. ކައްކަން އަންނަ މީހެއް. ނަޖިސް ފޮތި ދޮންނާނީ ޒާހިރާ."
ނިޒާރު ގާތު ބަދިގެއަށް ދާށޭ ބުނެފައި އަރުޝަދު ނަޖިސް ފޮތިތައް ދޮވެ، ދަރިފުޅު ތާހިރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ހުރިހާ ކަމެއް ނިމިގެން ފާޚާނާއިން ނިކުމެވުނުއިރު އަށްގަޑި ބައިވެއްޖެއެވެ. ހިތަށް އެރިއެވެ. ކިހައި ވަރުގަދަ ކަަމެއްހެއްޔެވެ؟ އަދި މިއުޅެނީ ކުނި މޫނާާއެވެ. ޒާހިރާއަށް ސައިވެސް ނުހަދައެވެ. އަހަރެންގެ ދުވަސް ނޫންނަމަ ޒާހިރާ ސައިބޮއި ނިމުނުތާ މިހާރު އެތައް އިރެއް ވެދާނެއެވެ.
* * *
ބޮޑެތި ކުދިންނަށް ރިޝްވަތުދީގެން ހަމަޖައްސާ ލެވިއްޖެތާއެވެ. އެހެންނަމަވެސް އަދި ހަގު ކުއްޖާއަށް ކާންދިނުން އޮތީއެވެ. އެކުއްޖާފުޅަށްވެސް މިއަދު މަސައްކަތް ކުރަން ޖެހެނީ އަރުޝަދުކަން އެނގުނީކަން ނޭނގެއެވެ. ހަތަރެސްފައިން ވައްތަރު ޖައްސަޖައްސާފައި ރޯން ފަށައިފިއެވެ. އަރުޝަދު ބަދިގެއަށް ވަދެ ކާ އެއްޗެއް ފެނޭތޯ ހޯދަން ފަށައިފިއެވެ. އަމިއްލައަށްވެސް ކާން އެބަ ޖެހެއެއް ނޫންހެއްޔެވެ؟ ކާއެއްޗެއް ގަންނަން ނިޒާރު އަތަށް ފައިސާ ނުދެވި އޮތް ހަނދާންވީ ދެނެވެ. ޕާނާއި، ބިހާ އެއްޗެތި ނުގަނެ ކާނީ ކިހިނެއްހެއްޔެވެ؟
ނިޒާރު އަތަށް ފައިސާ ދީފައި އަރުޝަދު ވަނީ ފާޚާނާއަށް މޫނު ދޮންނާށެވެ.
ބައިގަޑި އިރުވެއްޖެއެވެ. ނިޒާރު ބަދިގޭގައި ހަމަޖެހިލައިގެން އިށީނދެގެން އިނީއެވެ. އަރުޝަދު ރުޅި އައިސްފައި ގޮވައިލިއެވެ. "އަދިވެސް ތައްޔާރު ނުވަނީތަ؟"
ނިޒާރު ހަމަޖެހިލައިފައި ބުންޏެވެ. "ބިހަށް ހަދާނޭ ގޮތެއް ނުބުނުއްވަމެއް ނޫންތޯ؟ ބިސްގަނޑު އަޅާނީތޯ... ފެނު ކައްކާނީތޯ... ނޫނީ..."
"ވަރަށް އަަވަހަށް ހުރިހާ ބިހެއް ދެ ބައިކުޅަ އެއްބަޔަށް ފެނުކައްކަވައިގެން ގެނެސް ދެއްވާ... ސާހިބާ." އަރުޝަދު ރުޅިއައިސްފައި ބުންޏެވެ.
ނާސްތާ ތައްޔާރު ވެއްޖެއެވެ. ނިޒާރު ގޮސް ގޮވީމާ ޒާހިރާ ސައިބޯން އަތުވެއްޖެއެވެ. ހީވަނީ ބީރައްޓެއްސެއް ހެންނެވެ. ޒާހިރާ ފުރަތަމަ ނަޒަރު ހިންގައިލީ މޭޒުމައްޗަށެވެ. ދެން ބަލައިލީ ފިރިމީހާޔާ ދިމާއަށެވެ. އަނގައިން ނުބުނި ނަމަވެސް އޭނާގެ ހިތުގައި ލިޔެވިފައި ހުރި ހުރިހާ ވާހަކައެއް އަރުޝަދަށް ވަަރަށް ރަނގަޅަށް އެނގިއްޖެއެވެ. އެހެން ނަމަވެސް އަނގައިން ބުނެވޭކަށް ނެތެވެ. އަދި ކިރިޔާ ދިހައެއް ޖެހީއެވެ. ދުވަސް އޮތް ގޮތަށް އޮތީއެވެ.
ހެނދުނުގެ ނޫސް ބަލައިލާނޭ ވަގުތެއްވެސް އަދި ނުލިބެއެވެ. އެހެން ދުވަސް ދުވަހު މިހާއިރު ހުންނަނީ ހުރިހައި ކަމެއް ނިމިގެންގޮސް އޮފީހުގައެވެ. ނޫސް ހިފައިގެން އިށީނދެ ދެފޮޅުވަތްވެސް ނުކިޔެނީސް ދަރިފުޅު ރޮއިގަތް އަޑު އިވިއްޖެއެވެ. ދުވެފައިގޮސް ކޮޓަރިއަށް ވަންއިރު ކަމަކު ދާކަށްނެތެވެ. އޭނާގެ އޮފީސް ފައިލުގެ ދުވަސް އޮތީ ގޮސް ނިމިފައެވެ. ކުޑަކުއްޖާގެ އަތުގައި ބޮނޑިވެފައި އެއޮތީ ވަރަށް މުހިންމު ލިޔުމެކެވެ. އަތުޖެހޭ ހިސާބުގައި ބޭއްވުނީތީ ހިތާމަކުރުން ނޫންގޮތެއް ނެތެވެ. އެތައް މަސައްކަތަކުން ކަރުދާސްތައް އެއްކޮށް ރައްކާކޮށްފައި ޒާހިރާ ބަލަން ހުރިތޯ ބަލަމުން ކޮޓަރިން ނުކުމެއްޖެއެވެ.
ނޫސް ކިޔަން އިނދެފައި އެއްލި ކަޅިއަކުން ފެނުނީ ގޭތެރޭގައި ހުރި ކުންޏެވެ. އެންމެ ބޮޑު ކަންތައް މިއޮތީ ނުކުރެވިއެވެ. އިލޮށިފަތި ހިފައިގެން ނުކުމެ ކުނިކަހަން ހިތަށް އެރުމާއެކު ޒާހިރާ ދެކެ ރުޅިއަތުވެއްޖެއެވެ. ހިތަށް އެރިއެވެ. ހުންނަ ދަހިކަން ދެކިބަލާށެވެ. ގޭގެ މަސައްކަތް ކުރާނޭ ނޯކަރަކު ގެންގުޅޭކަށްވެސް ނުކެރެއެވެ. އިރުއެރީއްސުރެ އިރުއޮއްސެންދެން ކެނޑިނޭޅި އެކަކަށް މަސައްކަތް ކުރެވޭޭނެ ހެއްޔެވެ؟
ޚިޔާލަކުން ކުރެވޭނެ ކަމެއްނެތެވެ. އެހެންވީމާ އަވަހަށް ތެދުވެ އިލޮށިފަތި ހިފައިގެން ނިކުމެ ކުނިކަހަން ފަށައިފިއެވެ. ކުނިކަހައި، ތަންތަން ފޮޅައި ސާފުކުރުމުގެ ތެރޭގައި މާޖަހާ މުށި ގަނޑަކާއި، އަޅިކެނޑި އަކާއި، ބިއްލޫރިތަށްޓެއް ޝަހީދުވެގެން ހިނގައްޖެއެވެ. ފިނި މޫސުމަށްވުމާއެކުވެސް މުޅިމީހާ ދާހިއްލާ ފޯވެއްޖެއެވެ. ކުނިކަހައި ނިމިގެން ދުވެފައިގޮސް ވަނީ ފާޚާނާއަށެވެ. ރަނގަޅަށް ފެންވަރައިލެވުމުން ވަރަށް ބޮޑަށް ހަމަޖެހިއްޖެއެވެ. ނުކުމެ ސަރަންފީގައި އޮށޯތުމާއެކު ނިދިއްޖެއެވެ. ހޭލެވުނީ ދޮޅުގަޑިއެއްހާއިރު ފަހުންނެވެ. އެއްވެސް އުނދަގުލެއް ނުވެ އެހައި ކުޑައިރުކޮޅަކު ނަމަވެސް އަރާމުކޮށް ލެވުނީތީ ޝުކުރު ކުރިއެވެ. ނިޒާރަށް ގޮވައިފައި މެންދުރު ކާންހަދާށޭ ބުނުމާއެކު އޭނާގެ އަނގަ ސަރަކަ އެނބުރިގެންފިއެވެ.
"އަރުޝަދު މިއަދު ކިހިނެއްވީތޯ؟ އަޅުގަނޑުގެ އަތަށް ފައިސާ ނުދެއްވަނީސް ކާ އެއްޗެއް ތައްޔާރު ކުރާނީ ކިހިނެއްތޯ؟ މިއަދު ތެލި ދޮންނަން އަންނަ އައިމިނާފުޅެއްވެސް ނާދޭ. މިކަހަލަ ދުވަސް ދުވަހު އަޅުގަނޑާ އެހީވާނީ ޒާހިރާ."
އެ ދިގު ޚުތުބާގެ މާނަ އަރުޝަދަށް ވިސްނިއްޖެއެވެ. ބަދިގެއަށް ވަދެ ކައްކަންވީއެވެ. ތެލި ދޮންނަން ވީއެވެ. އަޖާއިބެއް ފަހެ ނުވާނެހެއްޔެވެ؟ އަރައިގަތް ރުޅީގައި ނިޒާރުގެ އެއްކަންފަތުގައި ހިފައި ދަމައި ބޭރު ކޮށްލަފާނަމޭ ހިތަށް އެރިއެވެ. އެހެންނަމަވެސް އެކަކަށްވުރެ ދެމީހުން ރަނގަޅުވާނެއޭ ހިތަށް އަރައިފައި ރުޅިގަނޑު ހިންދައިލީއެވެ. ގޭތެރޭގެ މަސައްކަތް އަމިއްލައަށް ކުރަން ޖެހުނަސް ބާޒާރު ކުރަން ނިޒާރު ފޮނުވޭނެއެއް ނޫންހެއްޔެވެ؟
ހަނޑުލާއި، ބޭނުންވާ އެހެނިހެން ތަކެތި ގަންނަން ނިޒާރުގެ އަތަށް ފައިސާ ދީފިއެވެ. އެއްޗެހި ގަނެގެން އައިސް ވަނުމާއެކު ވާހަކަ ފެށިއްޖެއެވެ. ގިނައީ ޒާހިރާގެ ވާހަކައެެވެ. ބަދިގޭގެ މަސައްކަތުގައި ޒާހިރާ އެހީވާ ވާހަކަ ދައްކަމުން ދެއެވެ. މިއަދު ކައްކަން ގަސްތުކުރާ ރިހައިގެ ވާހަކައެވެ. އެއީ ޒާހިރާ ވަރަށް މީރުކޮށް ކައްކާ ރިހައެކޭ ބުންޏެވެ. ބައެއް ފަހަރަށް ލަވަކިޔާ އަޑުވެސް އިވެއެވެ.
ކާން ހެދިއްޖެއެވެ. ޒާހިރާވެސް ކާން އަތުވެއްޖެއެވެ. ފުރަތަމަ ބަތްސުވާ އަނގައަށް ލައިފައި ޒާހިރާގޮސް ވަނީ ފާޚާނާއަށެވެ. ހޮޑު ލާށެވެ. މާބަނޑު މީހުން ހޮޑު ލުމަކީ އާދައިގެ ކަމެކެވެ. އެހެންނަމަވެސް އަރުޝަދަށްވެސް ހޮޑު ނުލައެއް ނުހުރެވުނެވެ. ރިހަ ބޯތަށްޓަށް ބަލައިލި އިރު އެއަށް އެޅިއްޔާ އެޅިއެއްޗެއް ހުރީ އަޑީގައެވެ. މަތިން ފެންނަނީ ފެނެވެ. ދެން ފަތަފަތާހުރި ފިޔައާއި މިރުހެވެ. ހޮޑުލަވައިގަތުމުން އަރުޝަދު ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ. މުހިންމު ކަމެއް ހަނދާންވީއޭ ބުނެފައެވެ.
މޭޒުމަތިން ތަށިނަގައި ސާފުކޮށް ނިމިއްޖެއެވެ. ގަޑި ބަލަލީއިރު ދޭއް ޖެހީއެވެ. މީގެ ކުރިން ދުވަހަކުވެސް މިހައި އަވަހަށް މޭޒުމަތި ސާފުކުރެވިފައެއް ނެތެވެ. އަރުޝަދު ފަޚުރުވެރިކަމާއެކު ހިނިތުންވެލިއެވެ.
ކުދިން އިސްކޫލުން އައީ ތިންގަޑި ބައިގައެވެ. ގެއަށް ވަނުމާއެކު މަންމަ ގާތު ޝަކުވާ ކުރަން ފަށައިފިއެވެ.
"މަންމަ މިއަދު ކޮއްކޮމެންނަށް ކާއެއްޗެއްވެސް ނުފޮނުވާ."
ޒާހިރާ ލޯތްބާއެކު ބުނެލިއެވެ. "ހެނދުނުވެސް މަންމަ ބުނީމެއްނު... މަންމަ މިއުޅެނީ ބަލިވެއޭ މިއަދު ހުރިހާ މަސައްކަތެއް ކުރައްވާނީ ބައްޕައޭ." އޭނާ ކުދިން ކޮޓަރިއާ ދިމާއަށް ފޮނުވައިލިއެވެ. "އަވަހަށް ގޮސް ހެދުން ބަދަލުކޮށްދޭށޭ ބައްޕައަށް ނަންގަނޭ. ކުޅެންވާނީ ނާސްތާކޮށްގެން. ބައްޕައަށް ނަންގަތީމާ ކާން ދެއްވާނެ. ހުރިހާ ކުދިންވެސް ކިރުތަށިބޯން ހަނދާންކުރާތި."
އަރުޝަދު ރޭގަނޑަށް ކެއްކުމުގެ ތައްޔާރުތައް ކުރަނީއެވެ. މެންދުރު ފިޔާ ކޮށުމުގެ ތެރޭގައި ނިޒާރުގެ އިނގިލި ކަނޑައިގެން ހިނގައްޖެއެވެ. އޭނާއަށް އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ. އަރުޝަދުގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ. މަހަކު ފަސްހާސް ރުފިޔާ ލިބިގެން އޮފީހުގައި މަސައްކަތް ކުރާމީހަކަށް ފިޔާ ކޮށަން އެނގޭނެ ބާވައެވެ؟ ނިޒާރުގެ އަގަޔަށް ހުއްޓުމެއް ނާދެއެވެ.
"ޒާހިރާ ހުރިނަމަ ހުރިހާ ކަމެއްވެސް..."
ވަރަށް ހާލުގައި އުޅެގެން ފިޔާ ކޮށައިފިއެވެ. ނޫނެކެވެ. ރަނގަޅުވާނީ ފިޔާކޮށިއިރު އިނގިލިވެސް ކޮށައިފިއޭ ބުނުމެވެ. އިނގިލިތަކުން ލޭމަނާ ނުވެގެން އަރުޝަދު ޗޫސް ލައްވަމުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ކޮޓަރި ތެރެ އޮތީ ހަސްފަތާލަކަށް ވެފައެވެ. ބޭސް ފޮށި ހުރީ ހުޅުވައިފައެވެ. އޭގައި ހުރިއްޔާ ހުރި އެއްޗެއް ހުރީ ތަޅަންމަތީގައެވެ. ކުދިންގެ ތެރެއިން ދޮށީ ކުއްޖާ ހުރީ ޑަކްޓަރަކަށް ވެގެންނެވެ. ދެން ތިބި ކުދިންނަކީ ބަލިމީހުންނެވެ. ޑަކްޓަރު ބަލިމީހަކަށް ގަދަކަމުން ކެއްސާތި ބޯ ބޭސް ދެނީއެވެ. އަރުޝަދުގެ ގައިގައި ހުރި ހުރިހާ އިސްތަށްޓެއް ކޮޅަށްޖެހި ދަގަނޑު އޫތަކެއްހެން ވެއްޖެއެވެ. ހިތަށް އެރިއެވެ. ބޭހުގެ ބަދަލުގައި ވިހައެއް ދޭން ނޫޅުނުކަން ކިހައި ރަނގަޅު ހެއްޔެވެ؟ މިއީ ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ؟ ކުދިން ބެލުމާއި، ގެ ބެލެހެއްޓުމަކީ... ބާރަށް ހަޅޭއްލަވައި ގަންނާނަމޭ އަރުޝަދުގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އަބުރުވެރިކަން ހުރަހަކަށްވީއެވެ.
ބައްޕަ ފެނިފައި ބިރުން ހުއްޓަިލުމުގެ ބަދަލުގައި ކުދިން ފެށީ ޝަކުވާ ކުރާށެވެ. "ބައްޕާ. ބައްޕަ ކޮއްކޮމެންނަކަށް ކާކަށްވެސް ނުދެއްވާ. ގޭގެ މަސައްކަތް ކޮންމެ ދުވަހަކު ބައްޕަ ކުރައްވަންޏާ އަޅުގަނޑުމެން ބަނޑަށް މަރުވެދާނެ."
އެއީ ކިތަންމެ ހިތި ވާހަކައަކަށް ވިޔަސް ހަގީގަތެކެވެ. އަރުޝަދަކަށް ބުނާނޭ އެކައްޗެއްވެސް ނޭނގުނެވެ. ވިސްނައިލާފައި އެންމެ ފަހުން ބުންޏެވެ. "ދަރިފުޅާ. ކޮންމެ ދުވަހަކު މިހެންނެއް ނުވާނެ. މާދަމާ މުޅިން ރަނގަޅުވާނެ. މާދަމާ އިސްކޫލަށް ބަލައި ދާނީވެސް ބައްޕަ. އިސްކޫލުން ނިމިގެން އަންނަމުން މެޓާވެސް ގަނެދޭނަން. ފުއްޕާ ހަމާއި، ޗޮކްލެޓާއި، ކުޅޭ އެއްޗެހިވެސް ގަނެދޭނަން." ކުދިން ދެލޯ ބޮޑުވެފައިބަލަން ތިބީއެވެ. ވަގުތުގެ ބޭނުން ހިފުމުގެ ގޮތުން އަރުޝަދު އަވަސް އަވަހަށް ބުނެލިއެވެ. "ހުރިހާ ކުދިން ނިކަން އަވަހަށް ހެދުން ބަދަލުކޮށްލާ."
ބޮޑުކުއްޖާ ލަދުން ހުރެ ބުނެލިއެވެ. "ބައްޕާ. އަޅުގަނޑަކަށް ގަމީހުގެ ގޮށް އަޅުވާކަށް ނޭނގޭ. އަޅުގަނޑުގެ ގަމީހުގެ ގޮށް އަޅުވައި ދެނީ މަންމަ."
އެންމެ ފަހުން އެންމެންގެ ހެދުން ބަދަލުކޮށްދޭން ޖެހުނީ އަރުޝަދަށެވެ. ކެއުމުގެ ކަންތައްވެސް ވަރަށް ފަސޭހަގޮތަކަށް ހަމަޖައްސައިލެވިއްޖެއެވެ. ކާކޮޓަރީގެ ހަރުގަނޑެއްގެ މަތީގައި ހުރި ބިސްކޯދު ޑަބިޔަލެއް ފެނުނީއެވެ. އެ ބިސްކޯދު ޑަބިޔާ ކުދިންނާ ޙަވާލު ކޮށްލީއެވެ. ނިޒާރު ހެނދުނު ގެނައި ކިރުފޮދުން ބާކީހުރި ބައިކުދިންނަށް ދިނީއެވެ.
ކައިގެން ބަނޑު ހަމަޖެހުމުން ކުދިންގެ ސަކަރާތްވެސް ހުއްޓިއްޖެއެވެ. އެކަމަކު އަދި ނިމުނީއެއް ނޫނެވެ.
ހަވީރުގެ ސައި ފޮނުވީ ޒާހިރާގެ ކޮޓަރިއަށެވެ.
އެންމެ ދޮށީ ދަރިފުޅު ބެލެނިވެރިއަކަށް ހަދާފައި ކުދިން ހަވީރު ފިންޏަށް ގޭދޮށު ޕާކަށް ފޮނުވައިލީއެވެ. މުޅި ގޭތެރެ ހިމޭން ވެއްޖެއެވެ. ލިބުނު ވަގުތު ކޮޅުގެ ބޭނުން ހިފައިގެން ކުޑަކޮށް އަރާމު ކޮށްލާނީއޭ ހިތައި ސަރަންފީގައި އޮށޯވެލިތަނާ ނިޒާރު އައިސް ގޮވައިފިއެވެ.
"އަރުޝަދުކަންތައް ކުރެއްވި ގޮތުން މިއަދު ހެނދުނާއި، މެންދުރުގެ މަސައްކަތް މުޅިން ސަކަރާތްވީ. އެހެންވީމާ މިރެއަށް ބޭނުންވާ އެއްޗެހި ގަންނަން މިހާރު ފައިސާ ދެއްވާ. އެހެންނޫނީ ރޭގަނޑުވެސް ކާނެ އެއްޗެއް ނުހުންނާނެ. ކުދިންގެ ކަންތައް ވަރަށް ބޮޑުވެދާނެ."
ނިޒާރު ފާޅުކުރި ހަމްދަރުދީގެ ސަބަބުން އަރުޝަދު ވަރަށް ބޮޑަށް އުފާވިއެވެ. އޭނާ ކުދިންނާ ދޭތެރޭ ޚިޔާލުކުރާ މިންވަރު ހިތަށް އަރައިފައި ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. އަވަހަށް ފަންސާސް ރުފިހާ ދީފައި ބޭނުންވާ އެއްޗެތި ގަނެގެން އަންނާށޭ ބުނެފިއެވެ.
"އެންމެ ފަންސާސް ރުފިޔާއިން ގަނެވޭތީ ކޯޗެއްތޯ؟ މިކަހަލަ ދުވަސް ދުވަހު ޒާހިރާ ވަރަށް ރަނގަޅަށް ކާން ހަދާނެ. އަޅުގަނޑު ހުރީ މިރެޔަށް ކުކުޅުރިހަ ކައްކަން ހިތުލައިގެން."
އަރުޝަދު ވިސްނައިލިއެވެ. އެއީވެސް ތެދެކެވެ. ދުވާލުދާ ހަތަރުދަމު މަސައްކަތް ކޮށްފައި ވަރުބަލިވެގެން ހުރެ އާދައިގެ އެއްޗެއް ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. ވަރަށް ރަނގަޅަށް ކާން ވާނެއެވެ. އޭނާ އިތުރަށް ފަންސާސް ރުފިޔާ ދިނީމާ ނިޒާރު ވަރަށް އަވަހަށް އެބައަންނަމޭ ބުނެފައި ނިކުމެގެން ހިނގައްޖެއެވެ.
މަޣުރިބް ނަމާދު ވަގުތު ވެއްޖެއެވެ. ކުދިން އެނބުރި ގެއަށް އައިސް ބަނޑުހައިވެގެން ޝަކުވާކުރަން ފަށައިފިއެވެ. ކަންތައްތައް ބިރުވެރި ޙާލަތަކަށް ބަދަލުވެގެން ހިނގައްޖެއެވެ. އެކުދިންނަށް މިއަދު އަދި އެއްފަހަރުވެސް ރަނގަޅަށް ކާކަށް ނުލިބެއެވެ.
އަރުޝަދު ވާހަކައެއް ކިޔައިދޭން އުޅުނެވެ. އެކަމަކު ކުދިން އެގޮތެއް ގަބޫލެއް ނުކުރިއެވެ. މަންމަ ވާހަކަ ކިޔައިދެނީ ނިދަންވީމައޭ ކިޔާފައެވެ. ބައްޕަ ވާހަކަ ކިޔައިދޭން އުޅެނީ ކާންވެސް ނުދީ ބައިތިއްބައިގެންނޭ ކިޔައި ބޮޑާހާކަން ފަށައިފިއެވެ.
އަރުޝަދު ވަރަށް ބޮޑަށް ހާސްވެއްޖެއެވެ. ކުރާނޭ ކަމެއް ނޭނގިގެން ދެކޮޅަށް ހިނގަން ފަށައިފިއެވެ. އިރުކޮޅަކުން ބޭރަށް ނުކުމެ ނިޒާރުގެ ހިލަމެއްވޭތޯ ބަލައެވެ. މިހާގިނަ އިރުވަނީ ކީއްވެގެން ބާވައެވެ؟
އެއްފަހަރު ބޭރަށް ނުކުތް އިރު ޖެހިގެން ހުރި ގޭގައި އުޅޭ މޫސަ މަގު ހުރަސް ކުރަނީއެވެ.
"އޭތް... މޫސާ. މިގޭގައި އުޅޭ ނިޒާރު ނުދެކެންތަ؟" އަރުޝަދު އަހައިލިއެވެ.
"އޭނާ އޮލިމްޕަސް ދޮށުގައި ބައިސްކޯފަށް ވަންނަން ޓިކެޓް ގަންނަން ހުއްޓާ ދުށިން..." މޫސަ ވާހަކަ ދައްކަމުންގޮސް އޭނާ އުޅޭ ގެއަށް ވަދެއްޖެއެވެ.
ކުއްލިއަކަށް އަރުޝަދުގެ ހަނދާނަށް އައީ ޒާހިރާ އެއްދުވަހަކު ބުނި ވާހަކައެކެވެ. "މިި ނިޒާރުގެ އަތަށް ތަންކޮޅެއް ގިނައިން ފައިސާ ދީފިއްޔާ ދުވެފައި ދާނީ ބައިސްކޯފު ގެޔަކާ ދިމާއަށް. މީނާ ކުމާރީ، ވަހީދާ ރަޙްމާންމެންގެ ފިލްމު ބަލާހިތުން ހުންނާނީ މޮޔަ ވެފައި. ބައިސްކޯފަށް ގޮސްފައި އަައިސް މުސާރައިން ކަނޑާށޭ ބުނާނެ. އެކަމަކު އެތަނަށް ނުގޮހެއް ނުހުރެވޭނެ."
ކުރެވުނު މޮޔަ ކަންތަކުގެ މައްޗަށް ހިތާމަ ކުރަމުން އައިސް ގޭތެރެއަށް ވަންއިރު މުޅި ގޭގެ ޗާޓުވަނީ ބަދަލުވެފައެވެ. ބަދިގޭގައި ހުރިތެލިތަށިތައް ހުރީ މެދުގެ ތެރޭގައެވެ. ހުރިއްޔާ ހުރި ފުޅިއަކާއި ދަޅެއްވެސް ވަނީ ނެރެފައެވެ. ކުދިންކޮޅު އެހުރިހާ އެއްޗެއްގެ މަތި ނަގައިގެން ކާއެއްޗެއް ފެނޭތޯ ހޯދަނީއެވެ. އެއްވެސް އެއްޗެއް ނުފެނުނީމާ ހުރިހާ ކުދިން އެކީގައި ރޯން ފަށައިފިއެވެ. މިމަންޒަރު ފެނިފައި އަރުޝަދުގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.
އަރުޝަދު ބޮލުގައި ދެއަތުން ހިފަހައްޓައިގެން ބިންމަތީގައި އުޑަފައިން އިށީނދެއްޖެއެވެ. އަދި ވައްކަޅިން ޒާހިރާގެ ކޮޓަރިއާ ދިމާއަށް ބަލަން ފަަށައިފިއެވެ. ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ޒާހިރާ ނުކުމެއްޖެއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލު ވެއްޖެއެވެ. ޒާހިރާގެ މޫނުމައްޗަކުން ރުޅީގެ އެއްވެސް އަސަރެއް ނުފެނެއެވެ. އަދި ޝަކުވާގެ ކުލަވަރެއްވެސް ނުފެނެއެވެ. އޭނާގެ ލޮލުން ފާޅުވަނީ ރަހުމާއި، ހަމްދަރުދީގެ އަސަރެވެ. އޭނާ ބުނާ ކަހަލައެވެ.
"އަހަރެންގެ ލޯބިވާ ފިރިޔާއެވެ. އަހަރެންގެ އެއްވެސް ޝަކުވާއެއްނެތެވެ. މިއީ އަރުޝަދުގެ މައިދާނެއް ނޫންކަން އަހަންނަށް އެނގެއެވެ. ގޭތެރެއަކީ އަންހެނުންގެ ތަނެކެވެ. ފިރިހެނުންގެ މައިދާނަކީ މިއެއް ނޫނެވެ. މި ހަގީގަތް ދެމީހުންނަށްވެސް ވިސްނޭނެނަމައެވެ."
ތިމާގެ ކުށަށް އިއުތިރާފު ވެ މައާފަށް އެދިފާނަމޭ އަރުޝަދުގެ ހިތަށް އެރިއެވެ. އެެހެންނަމަވެސް ދެވަނަ ސިކުންތުގައި ފިރިހެންވަންތަކަން ދެމެދަށް ވަދެ ހުރަސް އަޅައިފިއެވެ. އޭނާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ލެވުނުހައި ބާރެއް ލައިފައި ދޮރު ލައްޕައިފިއެވެ.
(ނިމުނީ)
https://liyuntherin.org/archives/12579
ދެވާހަކައިން ފެންނަނީ މުޅިން ދެ މިޒާޖެއްގެ ދެ މީހުން. ނަޢީމުގެ ވާހަކައިން ފެންނަނީ މާ ވަރުގަދަ ފިރިހެންވަންތަ ކަމަކާއި ހުރެ ތެދާއި އެއްގަލަކަށް އަރަން ބޭނުންނުވި މީހެއް.އަނެއް ވާހަކައިގައި ފިރިހެންވަންތަކަން ފަހަތަށް ޖައްސާލާ، ހަގީގަތާއި ކަރާއިކަރު ޖައްސައި ހަތިޔާރު ބެހެއްޓިމީހެއް..ދުނިޔޭގެ އާދަ