ޢީދު ހަދިޔާ: ކުރިމަގު

"އަހަރެންގެ އައިނެއް ނުފެނުނު." ބައްޕަގެ ރުޅިވެރި އަޑު އިވުމާއެކު މަންމަ ކުރާން ހުރި މަސައްކަތް ހުއްޓާލާފައި ގޮސް އައިނު އޮތް ތަނަކުން ނަގައިގެން ގެނެސް ދީފިއެވެ.

"ހޫނ.... އައިނު މި އޮތީ ފެނިފައި. އަހަރެން އިއްޔެ ގެނައި އަތަރުފުޅި ވީ ތަނެއް މިހާރަކު ނޭނގޭ." އަނެއްކާވެސް ބައްޕަގެ ރުޅިވެރި އަޑު އިވުނެވެ.

ސައިހަދަން ހުރެފައި މަންމަ ދުއްވައިގަތީ ބައްޕަގެ އަތަރުފުޅި ހޯދައިދޭށެވެ. އަތަރުފުޅި ހޯދައިދީފައި އައިސް ބަދިގެއަށް ވަނުމާއެކު އަނެއްކާވެސް އިވުނީ ބައްޕަގެ އަޑެވެ. "އަހަރެންގެ ސައިކަލު އެހެރީ ނުފޮހެ. އެ މީހުންނަށް ގޮވާބަލަ. ނިދުން ނޫން އެހެން ކަމެއް އެ މީހުންނަށް ނޯންނަނީތަ؟" ބައްޕަ އެ ބުނާ މީހުންނަކީ ދަރިންނެވެ. މަންމަ އަނެއްކާވެސް ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ދުއްވައިގެންފިއެވެ. ސައިބޯން އިން ލިއުޝާ ގާތު އުނދުންމައްޗަށް އުދާފައި ހުރި ރިހަތެލި ބަލައިލާށޭ ބުނެފައެވެ.

ބައްޕައަކީ ސަރުކާރުގެ ވަޒީފާއެއް އަދާކުރާ މީހެކެވެ. އެކަމަކު ލިއުޝާއަށް ބައެއް ފަހަރަށް ފެންނަ ގޮތުގައި ބައްޕަގެ އުޅުން ހުންނަނީ ރަސްކަލުންނާ އެއްފެންވަރެއްގައެވެ. ފޮތްފޮތުންނާއި ފިލްމުތަކުން ފެންނަ ގޮތުގައި ރަސްކަލުންނަކީ ހަތަރެސްފަޔަށް ނޯކަރުން ލައިގެން މަސައްކަތް ކުރުވާ ބައެކެވެ. މި ގޭގައި ނޯކަރުންނެއް ނޫޅެއެވެ. ހުރިހާ އަމުރަކަށް ބޯލަނބާން ހުންނަނީ މަންމަ ފަކީރު އެކަންޏެވެ. ލިއުޝާގެ ހިތަށް އެރިއެވެ. "މަންމައަކީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟ މަންމަ ނުލާހިކު ރީއްޗެވެ. ކިޔަވައިގެން ހުރި ރަނގަޅު އަންހެނެކެވެ. އެކަމަކު ބައްޕަ ދެކެ ވަރަށް ބޮޑަށް ބިރުގަނެއެވެ. އެއީ ކީއްވެގެން ބާވައެވެ؟ ފިރިހެންމީހާއަކީ ވަރަށް މުއްސަނދި، ބާރުގަދަ މީހަކަށް ވާނަމަ އަންހެންމީހާ ބިރުގަތުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެއީ ބިރުގަންނަން ޖެހޭ ސަބަބުތަކެއް ހުރީމައެވެ. އެކަމަކު މަންމަ ބިރުގަންނަން ޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނޭނގެއެވެ. މަންމައަކީ ވަޒީފާއެއް އަދާކުރާ މީހެކެވެ. އަމިއްލައަށް އާމްދަނީ ލިބޭނޭ މަގު ތަނަވަސްވެފައިވާ މީހެކެވެ. އެކަމަކު ބައްޕަ ދެކެ އެހާ ބިރުގަނެއެވެ. އަހަރެން މިއީ މަންމަ ނަމަ ބައްޕަ ބުނާ އެއްޗަކަށް ހަތަރެތި ބުނާނަމެވެ. އެއްވެސް ކަމަކަށް ދުލެއް ނުކުރާނަމެވެ. ހަމައެކަނި މިއެއް ނޫނެވެ. އެކަހަލަ ފިރިއަކާ އެކީ އަހަރެން ނުވެސް އުޅޭނަމެވެ. އަހަރެންގެ ފިރިމީހާ ވާންޖެހޭނީ ހިތްހެޔޮ، މަޑުމައިތިރި ރުޅިމަޑު މީހަކަށެވެ."

ލިއުޝާ އިނީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. އުނދުނަށް އުދާފައި ހުރި ރިހަތެލި އަނދަނީއެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ މަންމަ ބަދިގެއަށް ވަދެ ގޮވައިލި އަޑަށެވެ. "ލިއުޝާ. ކަލޭގެ ކަންތައް ވަކި ދެރައެއް ނޫނެއްނު. ރިހައެތި އެހެރީ އަނދާފައި."

ލިއުޝާ ޚިޔާލީ ދުނިޔެއިން އެނބުރި އަތުވެއްޖެއެވެ. އެ ވަގުތު އޭނާގެ ފިރިހެން ކޮއްކޮ އައިސް ބަދިގެއަށް ވަދެއްޖެއެވެ. "މަންމާ. އަހަރެންގެ ކިރުތަށްޓާއި ބިހާ ކޮބާ؟"

މަންމަ މަޑުމަޑުން ބުނެލިއެވެ. "ދަރިފުޅާ. މިއަދު ދަރިފުޅުގެ ކިރުތަށި ބައްޕައަށް ދެވިއްޖެ. އެއީ ބައްޕަ ބޭސް ބައްލަވަން ޖެހިގެން."

ލިއުޝާ ބުނެލިއެވެ. "ވަރަށް ރަނގަޅު. ދަރިންގެ ހައްގުތަކަށް އަރައިގަތުމަކީ ބައްޕަގެ އާދައެއް. ފެނާ އެކީ ބައްޕައަކަށް ބޭހެއް ނުކެވޭނެތަ؟"

މަންމަ އެއްވެސް އެއްޗެކޭ ނުބުނެ ލިއުޝާއާ ދިމާއަށް ކަޅިއަޅައިލިއެވެ. "އަނގަގަދަ ނުކޮށް އިސްކޫލަށް ދާން ތައްޔާރުވާން ދޭ. އަޙްމަދާއި އިބްރާހީމް ވެސް ތައްޔާރުކުރުވާތި. އަހަރެން މި ދަނީ ބައްޕަގެ އަންނައުނު ދޮންނަން."

ލިއުޝާ ތުންއަނބުރައިލިއެވެ. "ފިނިކަމުން މީހުން އެ ތިބީ ރަޖާލައިގެން ނިދަން. މަންމަ ތިޔަ އުޅެނީ އަންނައުނު ދޮންނަން. ފިނިފެނުގައި އަތްލީމާ ވާނެ ގޮތްވެސް މަންމައަށް އެނގެއެއްނު؟ މާދަމާ އަންނައުނު ދޮވެލިޔަސް ލަހެއް ނުވާނެ."

މަންމަ ބުންޏެވެ. "ނޫނޭ ދަރިފުޅާ. ބައްޕަ ދުރުވީ އެއްކަލަ ނޫ ގަމީސް ބައްޕަ އޮފީހުން ދުރުވާން ވާއިރަށް ތައްޔާރަށް ބާއްވާށޭ ބުނުއްވާފައި. އެހެންވީމަ ނުދޮވެއެއް ނުވާނެއެއްނު؟"

ލިއުޝާ ރުޅިއައިސްގެން އަމުނައިގަތެވެ. "ސާބަސް މަންމާ. ބައްޕަ ހުންނަންވީ ސިފައިންގެ ކޮމާންޑަރަކަށް. ބައްޕަގެ ހިތުގައި އޮންނަނީ ކީކޭ ބާވައޭ އަހަރެންގެ ހިތަށް އަރާ. ބައްޕަ އުޅެނީ މަންމަ ނޯކަރަކަށް ހަދައިގެން. މަންމައަށް ވެސް އާމްދަނީ ލިބޭ. މަންމައަށް އެހީތެރިވާނެ މީހަކު ގެއަށް ގެނެސްދޭށޭ ބައްޕަ ގާތު ނުބުނަނީ ކީއްވެގެން؟ މަންމައަކީ ވެސް ޖާހިލެއް ނޫން. ކިޔަވައިގެން އިން ރީތި މީހެއް. އެކަމަކު ބައްޕަ ދެކެ ތިޔަ ގަންނަ ބިރެއް އަހަރެންނަކަށް ނޭނގޭ. މަންމަ ބައްޕަޔާ އިންނަން އެއްބަސްވީ ކީއްވެގެން ކަމެއް ވެސް އަހަރެންނަކަށް ނޭނގޭ. އަހަރެން ނަމަ ނީނީމުސް." ލިއުޝާގެ އަނގަ ހުއްޓުނީ މަންމަ ހުއްޓުވީމައެވެ.

"ދަރިފުޅާ. ތިޔައީ އެއްވެސް މީހެއްގެ ބާރެއް ހިނގާ ކަމެއް ނޫން. ކޮންމެ މީހަކަށް ވެސް ޖެހޭނީ އެ މީހަކަށް ކަނޑައެޅިފައި އޮތް ގޮތަކަށް ދިރިއުޅުން ވޭތުކުރަން. ގިނަ ފަހަރަށް އެ މީހަކު ބޭނުންހައި ގޮތެއް ނުވާނެ. މި ދުނިޔެއާއި އަންނާން އޮތް ދުނިޔޭގެ ތަފާތަކީ އެއީ. މިހާރު އެ މީހަކު ބޭނުންހައި ގޮތަކަށް ބޭނުން ކަމެއް ކުރެވޭ ނަމަ އެހެން ދުނިޔެއެއްގެ ބޭނުމެއް ނޯންނާނެ. އަންހެނަކު ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް... ކިތަންމެ ރީތި މީހަކަށް ވިޔަސް ފިރިމީހާއަށް ކުރަންޖެހޭ ގަދަރަށް އުނިކަން ގެނެސްގެން ނުވާނެ. ކިތަންމެ ބޮޑު އާމްދަނީއެއް ލިބުނަސް ފިރިމީހާއަށް ޚިދުމަތްކުރުން ހުއްޓާލައިގެން ނުވާނެ. ފިރިމީހާއަށް ކުރާ ޚިދުމަތަކީ އަމިއްލަ ނަފުސަށް ކުރާ ޚިދުމަތެއް. ފިރިމީހާގެ އަމުރަށް ނުކިޔަމަންތެރިވާ މީހެއްގެ އެއްވެސް އަގެއް ނޯންނާނެ. އެފަދަ މީހަކު ވެގެންދާނީ އަމިއްލަ އަތުން ދެ ދުނިޔެ ނަގައިލީ މީހަކަށް-" މަންމަ ބޮޑު ދިގު ތަގުރީރެއް ކޮށް ނިންމައިލިއެވެ.

މަންމަގެ ވާހަކަ އިވުނީމާ ލިއުޝާގެ ބޮލުގެ ރިހުން ބޮޑުވެގެން ދިޔައެވެ. "މަންމާ. އަހަރެން ހަމަ ހައިރާންވޭ. މަންމައަކަށް ނޭނގޭތަ؟ ދުނިޔެ މިހާރު ބަދަލުވެއްޖެ. މިއީ ހަމަހަމަކަމުގެ ޒަމާން. މިހާރު އޮންނަ ގޮތަކީ މިޒާޖު ތަފާތުވީމާ އަވަހަށް ވަކިވުން. ޚިޔާލާ ނުގުޅޭ ނަމަ އެވީ ދުރަށް ދާން. ހަމައެކަނި އެކީގައި އުޅޭނަމޭ ހިތައި އުޅުމަކީ ބޭނުން ކަމެއް ނޫން. މަންމަ ތިޔަ ދެއްކި ވާހަކައަކީ މާމަ ދަސްކޮށްދީފައި ހުރި ވާހަކަ. އެ ދުވަސް ހިނގައްޖެ. މިހާރަކު މާމަމެންގެ ޚިޔާލެއް ކަމަކު ނުދާނެ."

"ދަރިފުޅާ. ތިޔައީ ރަނގަޅު ޚިޔާލެއް ނޫން. ދަރިފުޅަކަށް މިހިރަ ކަންތައްތަކެއް އަދިއެއް ނޭނގޭނެ. އަދި މާ ޅައީ. ފަހުން އެނގޭނެ." މިހެން ބުނެފައި މަންމަ ބަދިގެއިން ނުކުމެގެން ހިނގައްޖެއެވެ.

ލިއުޝާއަކީ އެ އާއިލާގެ އެންމެ ދޮށީ ކުއްޖާއެވެ. އޭނާގެ ހަގަށް ތިން ކުދިން ތިބެއެވެ. މަންމައަކީ އިސްކޫލެއްގެ މުދައްރިސެކެވެ. ބައްޕަ އުޅެނީ ސަރުކާރުގެ އޮފީހެއްގެ ޑިރެކްޓަރެއްގެ ވަޒީފާގައެވެ. ބައްޕައަކީ ރަނގަޅު މީހެކެވެ. އެކަމަކު މިޒާޖުގައި ހަރުކަށި ގޮތެއް ހުރުމުގެ ސަބަބުން ދަރިން ބޮޑަށް ދޯޅީ މަންމަޔާއެވެ.

މަންމަ ލިއުޝާ ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ޢާއިލާގެ އެންމެ ދޮށީ ކުއްޖާއަށް ވުމުގެ އިތުރަށް އާއިލާގައި ހުރި ހަމައެކަނި އަންހެން ދަރިއަކީ އެއީ ކަމުގައި ވާތީއެވެ. އޭނާ ލައްވައި ގޭތެރޭގެ އެއްވެސް މަސައްކަތެއް ނުކުރުވައެވެ.

ބައްޕައަކީ ތައުލީމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ މީހެކެވެ. ވުމާއެކު ލިބޭ އާމްދަނީ ކިތަންމެ ކުޑަ ނަމަވެސް ދަރިންނަށް ރަނގަޅަށް ކިޔަވައިދިނުމަކީ ވަރަށް ބޮޑު އަހުމިއްޔަތުކަމެއްދޭ ކަމެކެވެ.

ލިއުޝާއާ އިންނާން ވަރަށް ގިނަ މީހުން އާދެއެވެ. މަންމަ ބިރުން ހުރެ ބައްޕަ ގާތު އެ ވާހަކަ ދައްކައިވެސް ހަދައެވެ. އެކަމަކު ބައްޕަ ދެކޭ ގޮތުގައި ލިއުޝާ އަދި މީހަކާ އިންނަ ވަރެއް ނުވެއެވެ. ފުރަތަމަ ޖެހޭނީ މޮޅަށް ކިޔަވާށެވެ. މީހަކާ އިންނާނީ އޭގެ ފަހުންނެވެ. ލިއުޝާ އޭ ލެވެލް ހަދައިފިއެވެ. އޭރުވެސް އިންނާން އެދޭ މީހުން އައުމެއް ނުހުއްޓެއެވެ. އެހެންވީމާ މަންމަ ބައްޕަޔާ ވާހަކަދެއްކިއެވެ.

"މިހާރު ލިއުޝާއަކީ ކުޑަކުއްޖެއް ނޫން. އެހެންވީމާ މީހަކާ ނީނދެއެއްވެސް ނުހުރެވޭނެ. މީހަކާ އިނުމަކީ މިހާރަކު ކިޔެވުމަކަށް ހުރަސްއެޅޭ ކަމެއް ނޫން."

ބައްޕަ ރުޅިއައިސްގެން ބުނެލިއެވެ. "ޒުހުރާ ބޭނުންވަނީ ލިއުޝާ އަވަހަށް މި ގެއިން ބޭރުކޮށްލަންތަ؟ ތަނަކުން އަންނަހައި މީހަކާ ލިއުޝާ ދެވުމަކީ އަހަރެން ކުރާނެ ކަމެއް ނޫން. އޭނާގެ ކައިވެންޏާ މެދަކު އަދި އަހަންނެއް ނުވިސްނަން."

ލިއުޝާ ދެން ކިޔަވާން ފެށީ ޑިގްރީއަށެވެ. ކިޔަވަމުން ދިޔައިރުވެސް ބައްޕަ ދެކެ ގަންނަ ބިރެއްގެ ބޮޑުކަމުން ލޯބީގެ ކުޅިގަނޑެއް ހިންގާކަށް ނުކެރެއެވެ.

ބީއޭ ފާސް ނެގުމަށްފަހު އޭނާ މުދައްރިސެއްގެ ވަޒީފާ އަދާކުރާން ފަށައިފިއެވެ. ލިއުޝާ މީހަކާ އިންނަ ވަރުވީ ކަމަށް ބައްޕައަށް ފެނުނީ އެހިސާބުންނެވެ.

ލިއުޝާގެ ކާވެނިކުރެވުނީ ކިޔަވައިގެން ހުރި ރަނގަޅު މީހަކާއެވެ. ލިއުޝާ އެންމެ ހިތްހަމަ ޖެހުނީ އޭނާގެ ހަރުކަށި ބައްޕަ އޭނާގެ ރުހުމަށް ބެލީމައެވެ. އޭނާ އިންނާން ޖެހުނީ ބައްޕަ ދެއްކި މީހަކާއެއް ނޫނެވެ. އޭނާވެސް ލޯބިވާ މީހަކާއެވެ. އާއިލާގައި ކަންތައްތައް އޮންނަ ގޮތުގެ އަސަރު ދަރީންނަށް ފޯރައެވެ. ވުމާއެކު ލިއުޝާވެސް ވެގެން ދިޔައީ ހަރުކަށި ކުއްޖަކަށެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އެތައް އަހަރެއް ވޭތުވެގެން ހިނގައްޖެއެވެ. ލިއުޝާއަކީ މިހާރު ދެ ދަރިންގެ މައެކެވެ.

"އަހަރެންގެ ނޫކުލައިގެ ފައިލު ކޮބާ؟" ލިއުޝާގެ ފިރިމީހާގެ ބަރުއަޑު އިވުނެވެ.

ލިއުޝާ ސައިބޯން އިނދެފައި ދުވެފައި ގޮސް ކޮޓަރީގައި އޮތް ނޫކުލައިގެ ފައިލު ގެނެސް ދީފިއެވެ. އަދި މަޑުމަޑުން ބުނެލިއެވެ. "މި ފައިލު އޮތީ އެނދުމަތީގައި ދިމާއަށް ފެންނަން."

"އެހެންތަ؟ ތިޔަ ބުނަނީ އަހަރެން މިއީ ކަނު މީހެކޭތަ؟" ފިރިމީހާގެ ރުޅި ގަދަވެގެން ދިޔައެވެ. "އަހަރެންގެ ބޫޓު ހުރީ ޕޮލިސްވެސް ނުކޮށް. އިމްރާންވެސް ދުވަހެއް ދުވަހަކަށް ދަނީ ކަންނެތް ވަމުން. ބަލަން ނުހުރެ އަވަހަށް ފެންތަށްޓެއް ގެނެސްދީބަލަ." އަނެއްކާވެސް ފިރިމީހާގެ އަމުރުވެރި އަޑު އިވިގެން ދިޔައެވެ.

ސައިބޯން އިނދެފައި ފެންތަށި ގެނެސްދިނީ އެ ދެމަފިރިންގެ ދޮށީ ދަރިފުޅު މުނާއެވެ.

ފިރިމީހާ އޮފީހަށް ހިނގައްޖެއެވެ. މުނާ އޭނާގެ މަންމަގެ މޫނަށް ބަލައިލިއެވެ. އެ މޫނުން ފެންނަނީ ހިތްހަމަޖެހުމުގެ އަސަރެވެ.

"މަންމާ. ވާހަކައެއް އަހައިލަންތަ؟" މުނާ ސައި ކޯވަރެއް ބޮއިލަމުން އަހައިލިއެވެ.

"އާނ."

"މަންމަ މިހާރުވެސް ނުލާހިކު ރީތި. ތިޔަ އުޅެނީވެސް ނުލާހިކު ރަނގަޅު ވަޒީފާއެއްގައި. މަހަކު ބާރަ ހާސް ރުފިޔާ އެބަ ލިބޭ. އެކަމަކުވެސް ބައްޕަ ދެކެ އެހައި ބޮޑަށް ބިރުގަނޭ. އެއީ ކީއްވެގެން؟" މުނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ބައްޕަޔާ އިންނަން މަންމަ އެއްބަސްވީ ކީއްވެގެންބާވައޭވެސް ބައެއް ފަހަރު ހިތަށް އަރާ. އަހަރެން ނަމަ..."

މުނާ އިތުރު އެއްޗެކޭ ބުނުމުގެ ކުރީން ލިއުޝާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ.

"ދަރިފުޅާ. ދަރިފުޅުގެ ތިޔަ ސުވާލަކަށް ދުނިޔޭގެ އެއްވެސް މަޔަކަށް ޖަވާބެއް ނުދެވޭނެ."

(ނިމުނީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.