ޕާކިސްތާނުގެ އިގުތިސާދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ވެދޭ އެހީއެެއްގެ ގޮތުގައި 8 ބިލިއަން އެމެރިކާ ޑޮަލަރުގެ ފައިނޭންޝަލް ޕެކޭޖެއް އެގައުމަށް ދިނުމަށް ސައޫދީ އަރަބިއްޔާއިން ނިންމައިފިއެެވެ. މި ނިންމުން އައިސްފައި ވަނީ މިހާރު ސައޫދީ އަރަބިއްޔާއަށް ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފު ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒު އާލްސުޢޫދުއާއި ބައްދަލުކުރެއްވުމަށް ފަހުއެވެ.
ޕާކިސްތާނުގެ ބައެެއް ނޫސްތަކުން ޚަބަރުދީފައިވާ ގޮތުގައި މި ޕެކޭޖުގެ ތެރޭގައި، ތެޔޮ ގަންނަން ދޭ ފައިސާ ދެގުނައަށް އިތުރުކުރުމާއި، ޕާކިސްތާނުގެ ބޭންކުގައި ފައިސާ ޑިޕޮޒިޓްކުރުމާއި ސުކޫކް ގަތުން ހިމެނެއެެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަތުރުފުޅަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި 8 ބިލިއަން ޑޮލަރުގެ ވާހަކަ ނެތްނަަމަވެސް، މި ޕެކޭޖްގައި ހިމެނޭ އެއް ކަމެެއްގެ ވާހަކަ ބަޔާންކޮށްފައި ވެއެވެ. އެއީ ސައޫދީ އަރަބިއްޔާއިން ޕާކިސްތާނުގެ ސެންޓްރަލް ބޭންކް، ސްޓޭޓް ބޭންކް އޮފް ޕާކިސްތާން، ގައި 3 ބިލިއަން ޑޮލަރު ޑިޕޮޒިޓްކުރުމަށް ނިންމުމެއެވެ. މީގެ މަގުސަދަކީ ޕާކިސްތާނަށް ދިމާވެފައިވާ ބޭރުފައިސާގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމެވެ.
ޕާކިސްތާނަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް ދަށްވުމުގެ އިތުރަށް، އިންފްލޭޝަން މަތިވުމާއި، ކަރަންޓް އެކައުންޓުގެ ޑެފިސިޓް ބޮޑުުވުމާއި، ރުޕީގެ އަގު ދަށްވުން ހިމެނެއެވެ.
"އަދި ޓެކްނިކަލް ތަފްސީލުތައް ދަނީ އެކުލަވާލަމުން. ހުރިހާ ލިޔެކިއުންތަކެއް ތައްޔާރުކޮށް ނިންމަން ދެ ހަފުތާވަރު ނަގާނެ." ސައޫދީ އެހީގެ ޕެކޭޖާ ބެހޭ މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ ޕާކިސްތާނުގެ ނޫސްތަކުން ބުނެފައި ވެއެވެ.
ބޮޑުވަޒީރު ޝެެހެބާޒް ޝަރީފުއާއި އޭނާގެ ވަފުދު ވަނީ ސައޫދީ އަރަބިއްޔާއަށް ކުރެއްވި އެއް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފައެވެެ. އެހެންނަަމަވެސް، އެހީގެ ޕެކޭޖާ ބެހޭ ތަފްސީލުތައް ނިންމުމަށް ފިނޭންސް މިނިސްޓަރު މިފްތާހް އިސްމާއީލް ވަނީ ސައޫދީ އަރަބިއްޔާގައި މަޑުކުރައްވާފައެވެ.
މިހާރު މަގާމުން ދުރުކުރެވިފައިވާ ބޮޑުވަޒީރު އިމްރާން ޚާންގެ ދައުުރުގައި ވެސް ސައޫދީ އަރަބިއްޔާއިން ވަނީ ޕާކިސްތާނަށް 4.2 ބިލިއަން އެމެރިކާ ޑޮަލަރުގެ އިގްތިސާދީ ޕެކޭޖެއް ދީފައެވެ. އޭގައި ހިމެނުނީ ޕާކިސްތާނުގެ ސެންޓްރަލް ބޭންކުގައި 3 ބިލިއަން އެމެރިކާ ޑޮލަރު ޑިޕޮޒިޓްކުރުމާއި، އެއް އަހަރު ދުވަހަށް ބޭނުންވާ ތެޔޮ ގަތުމަށް 1.2 ބިލިއަން ޑޮލަރުގެ އެހީ ދިނުމެވެ.
އަދި 2013 އިން 2108 އަށް ޕީއެމްއެލް-އެން (ޕާކިސްތާން މުސްލިމް ލީގް- ނަވާޒް) އިން ޕާކިސްތާނުގައި ވެރިކަން ކުރިއިރު އެ ގައުމަށް ޖުމްލަ 7.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ސައޫދީ އަރަބިއްޔާއިން ދީފައި ވެއެވެ.