އޭޝިޔާގެ ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ފުރަމަތަ މަންޒިލް ޕާކިސްތާނަށް މިހާރު ވަޑައިގެން އުޅުއްވާ ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ ދަތުރުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ އަގު 2.8 ޓްރިލިއަން ޕާކިސްތާން ރުޕީސް (20 ބިލިއަން އެމެރިކާ ޑޮލަރު) އަށް އަރައިފިއެވެ.
މި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމްއޯޔޫ) ތަކަކީ ފުރަތަމަ ފިޔަވަޅުކަމަށާއި، ކުރިއަށް އޮތް މަސްތަކާއި އަހަރުތަކުގައި އުޚުއްވަތްތެރި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް މުޙައްމަދު ބިން ސަލްމާން ވިދާޅުވިކަމުގައި ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ. އޭނާ މިހެން ވިދާޅުވީ ދެ ދެވަހުގެ ދަތުރުފުޅުގެ ރަސްމިއްޔާތުތަކުގެ ތެރެއިން އޭނާގެ ޝަރަފުގައި ބޮޑުވަޒީރު ދެއްވި ރަސްމީ ފަރިއްކޮޅެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. "ސައޫދީ އަރަބިއްޔާއާއި ޕާކިސްތާނަށް އަހަރުމެން މި ފަހިކުރަނީ މަތިވެރި މުސްތަގުބަލެއް" ވަލީހުދު ވިދާޅުވެފައި ވެއެވެ.
ދެ ގައުމުގެ ދެމުދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއްބަސްވުމަކީ ގުވަދާރު ބަނދަރުގައި 10 ބިލިއަން އެމެރިކާ ޑޮލަރުގެ ތެޔޮ ސާފުކުރާ ކާރުޚާނާއެއް ބިނާކުރުމުގެ އެއްބަސްވުމެވެ. މީގެ އިތުރުން ސައޫދީ ދެ ކުންފުންޏަކުން ޕާކިސްތާނުގައި ލިއުކިފައިޑް ނެޗުރަލް ގޭހުން ހިންގާ ދެ އިންޖީނުގެ ގަތުމާއި، ހަކަތައާއި، މައުދަނު ނެގުމުގެ ސިނާއަތުގައި 4 ބިލިއަން ޑޮލަރު އިންވެސްޓުކުރުން ހިމެނެއެވެ.
ސައޫދީ އަރަބިއްޔާއިން ވަނީ މީގެ ކުރިން ޕާކިސްތާނަށް 3 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި ޔޫއޭއިން ވަނީ 3 ބިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓް ސަޕޯޓް ޕެކޭޖުގެ ތެރެއިން 1 ބިލިއަން ޑޮލަރު ދީފައެވެ.
މުޙައްމަދު ބިން ސަލްމާނު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅު ނިންމަވާލައްވާފައި، މިއަދުގެ ވަގުތެއްގައި އިންޑިޔާއަށް ވަޑައިގަންނަވާނެއެވެ.