ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފި

ބޮޑުވަޒީރު އިމްރާން ޚާން ޖިއްދާ އެއާޕޯޓުގައި

ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފިއެެވެ. މިއީ، ތަފާތު މައްސަލަތަކުގައި ދެގައުމުގެ ދެމެދުގައި ޚިޔާލު ތަފާތުވުންތައް އުފެދި، ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވެފައި ވަނިކޮށް ގުޅުން ރަނގަޅުކުރުމަށް ކުރެއްވި ދަތުރުފުޅެއް ކަމުގައި ބެލެވެއެވެ.

ސައޫދީ ވަލީއަހުދު މުޙައްދު ބިން ސަލްމާންގެ ދައުވަތަކަށް މިދަނޑިވަޅުގައި ޢިމްރާން ޚާން ސައޫދީ އަރަބިއްޔާއަށް ވަޑައިގަތުމަކީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ޒަމާނުއްސުރެ އެކުވެރި، ގާތް ގުޅުމެއް އޮންނަ ދެގައުމުގެ ދެމެދުގައި ފަހަކަށް އައިސް މައްސަލަތައް ޖެހި ގުޅުން އޮތީ ދުވަހަކުވެސް ގޯސްނުވާ މިންވަރަށް ގޯސްވެފައެވެ.

ޕާކިސްތާނުގެ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި އަސްކަރިއްޔާގެ ބަހަކީ ބުރަދަން ހުރި ބަހެއް ކަމުގައި ބެލެވޭއިރު، ބޮޑުވަޒީރު ޢިމްރާން ޚާން ސައޫދީ އަރަބިއްޔާއަށް ވަޑައިގަތުމުގެ ކުރިން ޕާކިސްތާނު ސިފައިންގެ ވެރިޔާ ޖެނެރަލް ޤަމަރު ޖާވޭދް ބާޖުވާ ސައޫދީ އަރަބިއްޔާއަށް ވަޑައިގެން އެގައުމުގެ އިސް ބޭފުޅުންނާ މަޝްވަރާކުރެއްވުމީ، ސައޫދީ އަރަބިއްޔާއާ ގުޅުން ރަނގަޅުކުރަން ޕާކިސްތާނުން ބޭނުންވާ މިންވަރު ދައްކައިދޭ ކަމެކެވެ.

ބޮޑުވަޒީރު ޢިމްރާން ޚާންއަށް ޖިއްދާގެ ވައިގެ ބަނދަރުން ހޫނު މަރްޙަބާއެއް ކިއުއްވީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނެެވެ. އެއަށް ފަހު ދެބޭފުޅުން ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމުގައި ދެގައުުމު އެކުގައި އަދާކުރެވިދާނެ ދައުުރުގެ މުހިއްމުކަމުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައެވެ.

ދެގައުމުގެ ދެެމެދުގައި ދެކެވުނު ވާހަކަތަކަށް ފަހު ދެގައުމުން ވަނީ ދެ އެމްއޯޔޫ (މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް) ގައި ސޮއިކުރުމަށް އެއްބަސްވެފައެވެ. އެއީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާ ބެހޭ އެމްއޯޔޫއަަކާއި، ޕާކިސްތާނުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ސައޫދީ އަރަބިއްޔާއިން މާލީ އެހީ ދިނުމާ ބެހޭ އެމްއޯޔޫއެކެވެ.

ދެގައުމުން ވަނީ މަތީ ފެންވަރުގެ ވިލަރެސް ކޮމިޓީއެއް އުފެއްދުމަށް ވެސް އެއްބަސްވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.