(13 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަނެއްކޮޅުން އެ ސުވާލު އޭނާ ކުރަން ޖެހުނުގޮތް ތެދަށް ބުނާކަށްވެސް އޭނާ ބޭނުމެއްނުވެއެވެ. އެހެންކަމުން ވިސްނާފައި އޭނާ ބުންޏެވެ.
"ޣުލާމް ރަސޫލް, އަސްލުގައި އަހަރެން ބޭނުންވަނީ އެބިދޭސީ އަންހެންކުއްޖާ ހުންނަނީ ކޮން ކޮޓަރިއެއްގައިތޯ ބަލާލަން.." ޣުލާމް ރަސޫލު ކުޑަކޮށް ލަދުގަންނަގޮތްވިއެވެ. އެހެންކަމާއެކު ހީނލާފައި ބުންޏެވެ." ޞާޙިބާ... އެއަންހެން ކުއްޖާ!" އެ އައިނު އަޅައިގެން ހުންނަ ....ވަރަށް ރީތި...ރީތިރީތި ކުއްޖާ
"އާނ އާނ... އެކުއްޖާ." އިންދަރްޖީތު ބުނެލިއެވެ.
"ޞާޙިބާ އެކުއްޖާ ހުންނަނީ ޞާޙިބާ ހުންނަ ކޮޓަރިއާ ދިމާ ކުރިމަތީގައި ހުންނަ ކޮޓަރީގައި".. ޣުލާމް ރަސޫލު އެ ދިމާލަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.
އިންދަރްޖީތު ކުޑަކޮށް ހިނިތުންވެލާފައި އަނެއްކާވެސް ސުވާލުކޮށްލިއެވެ. " އޭނާ މިތާހުންނަތާ ކިހާ ދުވަހެއްވެއްޖެތަ؟
"ގާތްގަނޑަކަށް ދެ ހަފްތާއެއްހާ ދުވަސް ވެދާނެ ޞާޙިބާ.! އޭނާއަކީ އަދީބާއެއް ރައިޓަރެއް .. ވާހަކަ ލިޔާކުއްޖެއް..."
މިއީ އިންދަރްޖީތަށް ކުރިންވެސް އެނގިފައިވާ ވާހަކައެކެވެ. އޭނާ އެ އަންހެންކުއްޖާގެ ވާހަކަ ބުނެގެންވެސް މިއުޅެނީ ދޮގެއް ފޮރުވަންވެގެންނެވެ. ނަމަވެސް ވާހަކައިން ވާހަކަ ފަޅައިގެން ގޮސް އޭނާއަށް އެ ކުއްޖާއާބެހޭ ގޮތުން ބައެއް އިތުރު ކަންތައްތައްވެސް އެނގޭގޮތް ދިމާވީއެވެ.
"އެންމެ ރަނގަޅު... ޣުލާމް ރަސޫލް... ދެން މިހާރު ކަލޭގޮސް އަހަރެންގެ ނާސްތާ ތައްޔާރުކޮށްދީ. އަހަރެން ފެންވަރާލައިގެން މިއަންނަނީ... އަދި ބުނަންތަ.. އެބިދޭސީ އަންހެންކުއްޖާ ނާސްތާ
ކުރަން އަންނަނީ ކިހާއިރަކުތަ؟" އިންދަރްޖީތު ޣުލާމު ރަސޫލާ ސުވާލުކުރިއެވެ. އޭނާ އޭނާ ސައިތަބައް ހިފައިގެން ކޮޓަރިން ނުކުންނަނީއެވެ. އިންދަރްޖީތު ސުވާލުކުރުމުން ހީނލާފައި ޣުލާމް ރަސޫލް ޖަވާބުދިނެވެ.
"ޞާޙިބާ.. އެއްދުވަހަކު ވެސް ނާސްތާގެ ވަގުތުގައި އޭނާ ޓޫރިސްޓް ބަންގްލޯގައެއް ނޫޅޭ ހެނދުނު ހަޔެއް ޖަހާއިރަށް އޭނާ ބޭރަށް ދާނެ... މިއުޅޭ އިނގިރޭސީން ތަނަކަށް ދިޔުމާއެކު އެންމެ ފުރަތަމަ ލިބޭ ފުރުޞަތެއްގައި ބޭރަށް ނުކުންނާނެ." ވެއިޓަރު ބޭރަށް ނުކުމެއްޖެއެވެ.
އިންދަރްޖީތު ފެންވަރައިގެން ހެދުން ބަދަލުކޮށްލިއެވެ. އެހާ ގަދަ ފިނީގައި ފެންވެރުމަކީ ވަރަށް ބޮޑު އަދަބެއް ކަހަލަ ކަމެކެވެ. ނަމަވެސް ފެންވަރާލުމުން އޭނާގެ ހަށިގަނޑަށް ވަރަށް ބޮޑު ތާޒާކަމެއް އިޙްސާސްވެގެން ދިޔައެވެ. ނާސްތާކޮށް ނިމިގެން ސިނގިރޭޓެއް ރޯކޮށްލައިފިއެވެ. ސިނގިރޭޓް ބޮމުން ދިޔައިރު ފިނިގަދަކަމުން އޭގެ ދުމާއެކު އާވިވެސް އަރަމުންދާހެން ހީވެއެވެ.
އިންދަރްޖީތު ހިތްހަމަޖެހިލުމާއެކު ތިރިއަށް އައިސް ބަންގްލޯ ދޮރުމަތީގައިވާ ވިނަގަނޑު މައްޗަށް ނިކުމެއްޖެއެވެ. އެތާނގައި އެވަގުތު ކުޑަކުދިންތަކެއް ކުޅެން ތިއްބެވެ. އެކުދީންގެ މަންމައާއި ބައްޕަވެސް އެކުދިން ކައިރީގައިހުރި ގޮނޑިއެއްގައި ތިއްބެވެ. އެކުދިންނަށް ބަލަން އިރުކޮޅަކު ހުރެލުމަށްފަހު އިންދަރްޖީތު ޓޫރިސްޓް ބަންގްލޯއިން މަގުމައްޗަށް ނުކުމެއްޖެއެވެ. ތަންކޮޅެއް ދުރުގައި ސީމާ އޭނާގެ ކޮޓެޖްގެ ފެންޑާމަތީގައި އިންދަރްޖީތާ ދިމާއަށް ބަލަން ހުއްޓެވެ. އިންދަރްޖީތު އޭނާއާ ދިމާއަށް ހީނލިއެވެ. ރޭގައި އެދެމީހުން ދެމެދުގައި ވަނީ ކަމަކާމެދު އެއްބަސްވެފައެވެ. އެއީ ސީމާ އެތަނުން ނުގޮސް އެތާނގައި ހުރުމަށެވެ. އަދި އިންދަރްޖީތުވެސް މިއަދުގެ މެންދުރުފަހު ފެށިގެން ސީމާގެ ގެއަށް އައުމަށެވެ. އަދި އޭގެ ފަހުން އެގޭގައި ހުރުމަށެވެ.
މަގުގެ އަނެއް ފަރާތުގައި އިންދަރްޖީތުގެ ޖީޕް ޕާކްކޮށްފައި އޮތެވެ. ރޭ ހަތަރުދަމު ވެހުނު ވާރޭގެ ސަބަބުން ޖީޕް ވަނީ ވަރަށް ބޮޑަށް ތެމިފައެވެ. އެންމެ ފުރަތަމަ އިންދަރްޖީތު ޖީޕް ކައިރިއަށް ގޮސް އޭނާ ބޮނެޓް ހިއްލާލާފައި ބަލާލީ އިންޖީނަށާއި ބެޓެރިއަށެވެ. އޭނާގެ ދުޝްމަނުންގެ ފަރާތުން ޖީޕަށް ކޮންމެވެސް ކަމެއްކޮށްފާ އޮވެދާނެކަމަށް އޭނާ ވަރަށް ބޮޑަށް ޚިޔާލު ކުރެވުނެވެ. ނަމަވެސް ޖީޕްގެ ހުރިހާ ތަންތަން ބަލާލުމަށްފަހު އެއްވެސް ކަމެއް ކޮށްފައި ނެތްކަން ޔަޤީންވުމުން އޭނާ ޖީޕަށް އަރައި ސްޓާޓްކޮށްލައިފިއެވެ. އަދި ގިޔަރު ބަދަލުކޮށްލަން ތައްޔާރުވިތަނާ އޭނާއަށް ފެނުނީ ކުރިމަތީގައި ހުރި ބިއްލޫރިގަނޑެއް ކައިރީގައި އޮތް ފަތްޖަހާލާފައިވާ ކަރުދާސްކޮޅެކެވެ. އޭނާ އެ ކަރުދާސްކޮޅު ނިއުޅާލާފައި ބަލާލިއިރު އޭގައި އިނގިރޭސިން ލިޔެފައި އޮތެވެ.
"ފިލައިގެން ދާން މަސައްކަތް ނުކުރައްޗެވެ. ކަލާގެ ހިޔަނިފަދައިން އަހަރެމެން ކަލޭގެ ފަހަތުގައި އެބަތިބީމެވެ. ކަލޭގެ އެކުވެރިޔާ ފޮނުވާލިތަނަށް ކަލޭވެސް ފޮނުވާލެވިދާނެއެވެ."
އިންދަރްޖީތުގެ ސިކުނޑި މުޅީން ހާސްވެއްޖެއެވެ. އަޞްލުގައި ވެސް އޭނާގެ ކުރިން މިތާނގައި ހުރި ޚާއްޞަ އެޖެންޓް މަރާލީބާއެވެ. އެކަން އެގޮތަށް ހިނގާފައިވާނަމަ ވީހާ އަވަހަކަށް ހެޑްކްއޯޓަރަށް ގުޅަން މަޖްބޫރެވެ. އޭނާ މަރުވެފައިވާ ކަމަށްވާނަމަ އިންދަރްޖީތުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީވެސް ވަރަށް ދަތިކަމަކަށް ވާނެއެވެ.
ހަތެއް
އިންދަރްޖީތު ޖީޕް ހުއްޓާލައިފިއެވެ. ކުރިމަތީގައިވަނީ ވަރަށްބޮޑު އަދި އެހާމެ ތަނަވަސް ރީތި ޢިމާރާތެކެވެ. އެޢިމާރާތުގެ ކުރިމަތީގައި ވަރަށް ބޮޑު ބަގީޗާއަކާއި ވިނަގަނޑެއްވެސް އޮތެވެ. މިތަނަކީ ޕެހެލްގާމް ކްލަބެވެ. އެތާނގެ ކުރިމަތީގައި ޖީޕް ޕާރކްކޮށްފައި އިންދަރްޖީތު ފަޓްލޫނު ޖީބުން، ޕެހެލްގާމްގެ ޓޫރިސްޓްގައިޑް ކާރޑް ނަގައިފިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު އެއަށް ބަލަން ފަށައިފިއެވެ. މިހާތަނަށް އަދި އޭނާއަށް ޕެހެލްގާމްގެ ތަންތަނެއް ރަނގަޅަކަށް ނޭނގެއެވެ. އިންދަރްޖީތު އެކާރޑަށް ބަލަން ހުއްޓާ، ކޮންމެވެސް ރަތްކުލައިގެ އެއްޗެއް އޭނާއަށް ފެނިގެން އެދިމާއަށް ބަލާލެވިއްޖެއެވެ. އޭނާގެ ކުރިމަތީގައި ހުއްޓާ ފެނުނީ އެއްކަލަ ބިދޭސީ އަންހެން ކުއްޖާއެވެ. ކްލެރާ ރޮބިންސްއެވެ. އޭނާގެ ކޮނޑުމަތީގައި ފޮތިން ފަހާފައިވާ ކޮތަޅެއް އޮތެވެ. މިއަދު އޭނާ ހުރީ ނޫކުލައިގެ ޖީންސްއަކާއި ރަތް ސްވިޓަރެއް ލައިގެންނެވެ. އިންދަރްޖީތަށް އޭނާ ފެނުމާއެކު ހިނިތުންވެލިއެވެ. އަދި " ހެލޯ ކްލެރާ" ކިޔާފައި ގޮވާލިއެވެ.
"ހެލޯ ޖޯޒޮފް" އެއަންހެންކުއްޖާ ވެސް ހިނިތުންވެލުމާއެކު ޖަވާބު ދިނެވެ.
"އަޅުގަނޑު ރޭގައި ބައެއް ވާހަކަ ދައްކަން ހިތަށްއެރި ނަމަވެސް ވިސްނުނީ.... ފަހަރެއްގައި މާ ރަނގަޅު ނުވެދާނެކަމަށް."
އިންދަރްޖީތު އިނގިރޭސިބަހުން ވާހަކަ ދެއްކިއެވެ.
"ކީއްވެ ތޯ؟ އެކަކު އަނެކަކާ ވާހަކަ ދައްކަން ބޭނުންވީމާ، ދެން އެވާހަކަ ނުދައްކާ ހުއްޓާލުމުގެ ބޭނުމަކީ ކޮބައިތޯ؟" ކްލެރާ ޖަވާބު ދިނެވެ.
"އަސްލުގައި އަޅުގަނޑުމެން އިންޑިއާ މީހުން މިބާވަތުގެ މައްސަލާގައި އަންހެންކުއްޖާ ނުރުހުންވެދާނެއޭ ހީކޮށް ބިރުގަންނަނީ......."
އިންދަރްޖީތު ބުނެލިއެވެ. އެހެން ބުނުމާއެކު ކްލެރާ ހީނލިއެވެ. އިންދަރްޖީތަށް އޭނާގެ ހިނިތުންވުން ވަރަށް ރީތިވިއެވެ. އޭނާއަށް އިޙްޞާސް ކުރެވެނީ އެފަދަ ހިނިތުންވުމެއް ފެންނާނީ ވަރަށް މަދު ކުދީންގެ ކިބައިންކަމެވެ.
އިންދަރްޖީތު ފަރުވާތެރިކަމާއެކު އެކުއްޖާއާ ދިމާއަށް ބަލާލިއެވެ. ޙަޤީޤަތުގައިވެސް އޭނާއަކީ ދަމައިގަންނަ ބާރު ވަރަށް ބޮޑަށް ލިބިފައިވާ ވަރަށް ރީތި ކުއްޖެކެވެ. ހެޔޮވަރު ހަށިގަނޑެކެވެ. އެހަށިގަނޑާ އެކަށީގެންވާ ވަރުގެ ރީތި މޫނެކެވެ. ލޮލުގައިވަނީ އައިނު އަޅާފައެވެ. އެއީވެސް ބައެއް އަންހެންކުދީން ވަކީން ރީތިވެގެންދާ ކަމެކެވެ. ކްލެރާއާ މެދު ބުނެވޭނީ އެހެންވާ ކުއްޖެއް ކަމުގައެވެ. އިންދަރްޖީތު އިރުކޮޅަކު ހުރުމަށްފަހު ސުވާލުކޮށްލިއެވެ.
"ކަލާގެ އަޞްލު ނަމަކީ ކޮބައިތޯ؟ ކްލެރާ؟"
ކްލެރާ ސިއްސައިގެންގޮސްފައި ބުންޏެވެ. " އަޅުގަނޑުގެ ކުރީންވެސް އަޅުގަނޑުގެ ނަން ބުނެދީފީމު ނޫންތޯ؟.. އެކަމަކު ކަލާއަށް އެ ނަމާމެދު ޝައްކު ކުރެއްވުނީ ކީއްވެތޯ؟"
(ނުނިމޭ)
Vvv.reethi