ތ. ތިމަރަފުށީ ޓާފް ފުޓުބޯޅަ ދަނޑު ހަލާކުކޮށްލުމުން ޕީޕީއެމް އިން އެކަން ކުށްވެރިކޮށްފިއެވެ.
ޔޫތް މިނިސްޓްރީން އެރަށުގައި ތަރައްގީކުރި މި ދަނޑުގެ ވަށައިގެން ޖަހާފައިވާ ފެންސް ހަލާކުކޮށްގެން، ދަނޑުތެރެއަށް ވަދެ، ޓާފުން ދެ ފޫޓުގެ ބޮޑުމިނުގެ 10 ވަރަކަށް ތަން ކޮނެގެން ވަނީ ނަގާފައެވެ. އަދި އެ ދަނޑަށް ގެއްލުންދީ ހަލާކުކޮށްލާފައިމިވަނީ ހުޅުވަން ތައްޔާރުކޮށްފައިވަނިކޮށެވެ.
އެކަން ކުށްވެރިކޮށް ޕީޕީއެމް އިންނެރުނު ބަޔާނެއްގައި ބުނީ އެކަން ކުރީ ކޮންމެ ބަޔަކު ކަމުގައިވީނަމަވެސް، އެއީ ވަރަށް ދަށުދަރަޖައިގެ ފިނޑި ޢަމަލެއްކަމަށާއި އެ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ފިނޑި ނާތަހުޒީބު ޢަމަލު ހިންގާފައިވަނީ ކޮންމެ ބަޔަކު ނަމަވެސް އެކަން ކުރި ބަޔަކާއި މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދާ ޤާނޫނުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށް ވެސް ޕީޕީއެމް އިން ބުނެފައިވެއެވެ.
މީގެ އިތުރުން ރަށުގެ ތަރައްޤީއަށް ހުރަސް އެޅުމާއި ރަށުގައި ޤާއިމު ކުރެވިފައިވާ ރައްޔިތުންގެ ތަންތަނާއި މުދަލާއި ތަކެއްޗަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް ޕީޕީއެމް އިން ވަނީ އިލްތިމާސް ކޮށްފައެވެ.