ތިމަރަފުށީގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ބޯ ތިންތަނުން ފެޅިއްޖެ

ތ. ތިމަރަފުށީ ހިއްކި ބިމުން އެއާޕޯޓަށް ދާން އޮންނަ މަގުން ހިނގާފައި ދިޔަ 52 އަހަރުގެ އަންހެނެއްގެ ގައިގައި ވޭނަކުންޖެހި އެމީހާގެ ބޮލުން ތިންތަން ފަޅައިގެން ހިނގައްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 7:45 އެހައިކަންހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ އަންހެން މީހާއަށް ތިމަރަފުށީ ސިއްޙީމަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރުވަނީ ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އިތުރު ފަރުވާއަށް އޭނާ މާލޭ ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ޙާދިސާގައި އަނިޔާވެފައިވަނީ ތިމަރަށްފުށްޓަށް ގޮސް އުޅުނު ވަންދޫ މީހަކަށެވެ. އޭނާ އެރަށަށް ދިޔައީ މާލެއިން މިއަދު އައި އޭނާގެ ދަރިއަކު ބަލައެވެ. "އެކްސިޑެންޓުވީ އޭނާ ހިނގާފައި އެއާޕޯޓަށް ދަނިކޮށް ވޭނުން ޖެހިފައި. އޭނާއާއެކު އޭނާގެ ފިރިމީހާވެސް ހުރި ކަމަށް މަޢުލޫމާތު ލިބިފައިވަނީ. އެ މީހުން އެއާޕޯޓަށް ދިޔައި މިއަދުގެ ފުލައިޓުން އައި އެމީހުންގެ ދަރިފުޅު ބަލާ. މިހާރު ހެލިކޮޕްޓަރުގައި އެމީހާ މާލެ ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުން،" އެރަށުން މަޢުލޫމާތު ދިން މީހަކު ބުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ މީހާ ގޮވައިގެން އަންނަ ހެލިކޮޕްޓަރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާނީ މެންދުރުފަހު 2:15 ގައި ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.