ތިމަރަފުށީ އެކްސިޑެންޓުގައި ވޭން ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައިފި

އިއްޔެ ހެނދު ތ. ތިމަރަފުށީގައި އަންހެނެއްގެ ގައިގައި ވޭނަކުން ޖެހި އަނިޔާވި މައްސަލާގައި އެ ވޭން ދުއްވަންއިން މީހާގެ ލައިސަންސް ވަނީ ހިފަހައްޓައިފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

"އެމައްސަލަ ތަޙުޤީގު ކުރަމުންދާތީ ފުލުހުން ވަނީ ވޭން ޑްރައިވަރުގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާފައި. އެއީ ތަޙުޤީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު މަޢުލޫމާތެއް ދެވެންނެތް،" ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.

ވޭނުން ޖެހިފައިވަނީ ވަންދޫ އަންހެނެއްގެ ގައިގައެވެ. އޭނާގެ ގައިގައި ޖެހުނީ ހިނގާފައި އެއާޕޯޓަށް ދަނިކޮށްނެވެ. އޭނާ އެއާޕޯޓަށް ދިޔައީ އިއްޔެ ފުލައިޓުން އައި އޭނާގެ ދަރިފުޅު ބަލައެވެ. އެ ޙާދިސާގައި ޤަވާޢިދާ ޚިލާފު ވެފައިވަނީ ދުއްވި މީހާތޯ ނުވަތަ ހިނގާފައި ދިޔަ މީހާތޯ ވެސް ފުލުހުން ވިދާޅެއް ނުވިއެވެ.

އެ އެކްސިޑެންޓުގައި އަންހެން މީހާގެ ބޮލުން ވަނީ ތިން ތަނެއް ފަޅައިގެން ގޮސްފައެވެ. ތިމަރަފުށީ ހެލްތު ސެންޓަރާއި، ވޭމަންޑޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އޭނާ އިއްޔެވަނީ ހެލިކޮޕްޓަރުގައި މާލެ ގެނެސްފައެވެ. މިހާރު އޭނާއަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. މަޢޫލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.