ޝުކުރުގެ ސަޖިދަ

ޝުކުރުގެ ސަޖިދައަކީ އެންމެހައި މުސްލިމުތަކުންނަށް ނިޢުމަތެއް ލިބޭހިނދު، ނުވަތަ އުނދަގުލެއް، މުސީބާތެއް ފިއްލަވައިފި ހިނދު، ނުވަތަ ވަކި މީހަކަށް މިފަދަ ނިޢުމަތެއް ލިބިދެއްވުމުން ކުރުން މުސްތަޙައްބު ވެގެންވާ ސަޖިދައެކެވެ.

އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އަބޫބަކުރަތު (ނުފައިޢު ބުނު އަލްޙާރިޘު) ގެ އަރިހުން ރަނގަޅު ސަނަދަކުން އަލްއިމާމު އަބޫދާވުދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ أَبِي بَكْرَةَ (نُفَيعُ بْنُ الحَارِثِ)  رَضِىَ اللهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيهِ وَسَلَّمَ: “أَنَّهُ كَانَ إِذَا جَاءَهُ أَمْرُ سُرُورٍ أَو يُسَرُّ بِهِ، خَرَّ سَاجِدًا شَاكِرًا لِلَّهِ تَعَالَى.” (رَوَاهُ أَبُودَاوُدُ) (1)  މާނައީ:  [އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އަބޫބަކުރަތު (ނުފައިޢު ބުނު އަލްޙާރިޘު) ގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. މާތްނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ އުފާފުޅުވާފަދަ ޚަބަރެއް އެކަލޭގެފާނަށް ލިބިވަޑައިގެންފިނަމަ، ނުވަތަ އެ ކަމަކާމެދުގައި އެކަލޭގެފާނު އުފާފުޅުވާފަދަ ކަމެއް މެދުވެރިވެއްޖެނަމަ، اللَّهُއަށް ޝުކުރުއަދާކުރެއްވުމުގެގޮތުން އެކަލޭގެފާނު ސަޖިދައަށް ވަޑައިގަންނަވައެވެ.]

ޝުކުރުގެ ސަޖިދަ ޞައްޙަވުމަށްޓަކައި، ޢާއްމު ނަމާދު ޞައްޙަވުމުގެ ޝަރުޠުތައް ފުރިހަމަވާން ޖެހޭނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.

ގިނަޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި، ޝުކުރުގެ ސަޖިދައާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކުގައި، އެ ސަޖިދަ ކުރުމަށްޓަކައި ވުޟޫކުރުމާއި، ފޭރާމާއި ސަޖިދަކުރާތަން ޠާހިރުވުމާއި، ޤިބުލައަށް ކުރިމަތިލުމާއި، ތަކުބީރުކިޔުމާއި، މިއިންކަމަކަށް ދަލީލުކުރާ އެއްވެސް ޙަދީޘެއް އައިސްފައި ނުވުމާއެކު، ޝުކުރުގެ ސަޖިދަ ކުރުމަށްޓަކައި މިކަންކަން ކުރާކަށް ނުޖެހޭނެއެވެ. އެހެނީ އެއީ ނަމާދެއްނޫނެވެ.

ޝުކުރުގެ ސަޖިދާގައި ކިޔާނީ، ނަމާދުގެ ސަޖިދާގައިވެސް ކިޔުމަށް އައިސްފައިވާ ތަސްބީޙައެވެ. އެ ހުރިހާ ތަސްބީޙައެއް، ނުވަތަ އޭގެތެރެއިން ބައެއް ތަސްބީޙަ ކިޔުންވެސް ހުއްދަވާނެއެވެ. އަދި އެ މީހަކު ބޭނުން ވަރަކަށް ހެވަށް އެދިގެން ސަޖިދާގައި އޮވެ، ދުޢާކުރެވިދާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ސަޖިދާގައިއޮވެ ކިޔުމަށް އައިސްފައިވާ ބައެއް ތަސްބީޙަ

ސަޖިދާގައިއޮވެ ކިޔުމަށް އެތަކެއް ތަސްބީޙަ ޞައްޙަމަގުން ވާރިދުވެފައިވެއެވެ. ތިރީގައިވަނީ މާތްނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ސަޖިދާގައި އޮންނަވައި ވިދާޅުވާކަމަށް ސާބިތުވާ ބައެއް ތަސްބީޙައެވެ.

ފުރަތަމައީ: {سُبْحَانَ رَبِّيَ الأَعْلَى.} (رَوَاهُ مُسْلِمٌ) (2) މާނައީ: {މިއަޅާގެ މަތިވެރިވެގެންވާ ރައްބުގެ ހުސްޠާހިރު ވަންތަކަމާއެވެ.}

މި ތަސްބީޙަ ރިވާކުރެއްވި ބޭކަލުންކުރެ އަލްއިމާމު އަބޫދާވުދުގެ ރިވާޔަތުގައި އައިސްފައިވާ އިތުރު ކަލިމައެއްކަމުގައިވާ (وَبِحَمْدِهِ) މި ކަލިމަ އެއީ، ޞައްޙަމަގުން ސާބިތުވާ ކަލިމައެއް ނޫންކަމަށް އަލްއިމާމު އަބޫދާވުދާއި، އެހެނިހެން ޢިލްމުވެރިން ވިދާޅުވެއެވެ.

ދެވަނައީ: {سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي.} (رَوَاهُ مُسْلِمٌ) (3) މާނައީ: {ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހުރިހާ ޙަމްދެއް މިލްކުވެވޮޑިގެންވަނީ އިބައިލާހަށެވެ. އިބައިލާހު ހުސްޠާހިރުވަންތަކަމާއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅާގެ ފާފަ ފުއްސަވާނދޭވެ!}

ތިންވަނައީ: {سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ.} (رَوَاهُ مُسْلِمٌ) (4) މާނައީ: {އިބަރަސްކަލާނގެއީ އެންމެހައި އުނިސިފަތަކުން ހުސްދުރުވެ ވޮޑިގެންވާ މަތިވެރިވަންތަ ރަސްކަލާނގެއީމުއެވެ. މަލާއިކަތުންނާއި ޖިބުރީލުގެފާނުގެ ވެރިރަސްކަލާނގެ އީމުއެވެ.}

ހަތަރުވަނައީ: {اللَّهُمَّ لَكَ سَجَدْتُ، وَبِكَ آمَنْتُ، وَلَكَ أَسْلَمْتُ، سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ، وَشَقَّ سَمْعَهُ وَبَصَرَهُ، تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ.} (رَوَاهُ مُسْلِمٌ) (5)   މާނައީ: {ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެއަށްޓަކައި މިއަޅާ ސަޖިދަކުރީމެވެ. އަދި އިބަރަސްކަލާނގެއަށް މިއަޅާ އީމާންވަމުއެވެ. އަދި އިބަރަސްކަލާނގެއަށް މިއަޅާ އިސްލާމް ވެއްޖައީމެވެ. މިއަޅާގެ މޫނު، އެ މޫނު އުފައްދަވައި ޞޫރަކުރެއްވި ކުޅަދުންވަންތަ ރަސްކަލާނގެއަށްޓަކައި ސަޖިދަ ކޮށްފިއެވެ. ފަހެ، އެކަލާނގެ ޞޫރަކުރެއްވުމުގެ ފުރިހަމަކަމާއެވެ. ފަހެ، އެކަލާނގެ އެ މޫނުގައި އޭގެ އަޑުއިވުމާއި ފެނުން ލެއްވިއެވެ. އެންމެ ފުރިހަމަގޮތުގައި ޚަލްޤުކުރައްވާ اللَّهُގެ މަތިވެރިވަންތަކަމާއެވެ.}

ފަސްވަނައީ: {اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ، دِقَّهُ وَجِلَّهُ، وَأَوَّلَهُ وَآخِرَهُ، وَعَلاَنِيَتَهُ وَسِرَّهُ.} (رَوَاهُ مُسْلِمٌ) (6)  މާނައީ: {ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ އެންމެހައި ފާފަތައް ޢަފޫކުރައްވާނދޭވެ! ކުދި ފާފަތަކާއި ބޮޑެތި ފާފަތަކެވެ. އަދި އިސްވެދިޔަ ފާފަތަކާއި، ފަސްވެފައިވާ ފާފަތަކެވެ. އަދި ފާޅުގައި ކުރެވިފައިވާ ފާފަތަކާއި ސިއްރުގައި ކުރެވިފައިވާ ފާފަތަކެވެ.}

ހަވަނައީ: {اللهُمَّ اجْعَلْ لِي فِي قَلْبِي نُورًا، وَفِي لِسَانِي نُورًا، وَفِي سَمْعِي نُورًا، وَفِي بَصَرِي نُورًا، وَمِنْ فَوْقِي نُورًا، وَمِنْ تَحْتِي نُورًا، وَعَنْ يَمِينِي نُورًا، وَعَنْ شِمَالِي نُورًا، وَمِنْ بَيْنِ يَدَيَّ نُورًا، وَمِنْ خَلْفِي نُورًا، وَاجْعَلْ فِي نَفْسِي نُورًا، وَأَعْظِمْ لِي نُورًا.} (رَوَاهُ مُسْلِمٌ) (7)  މާނައީ: {ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ހިތުގައި ނޫރެއް ލައްވާނދޭވެ! އަދި މިއަޅާގެ ކަންފަތުގައި ނޫރެއް ލައްވާނދޭވެ! އަދި މިއަޅާގެ ލޮލުގައި ނޫރެއް ލައްވާނދޭވެ! އަދި މިއަޅާގެ ކަނާތްފަރާތުގައި ނޫރެއް ލައްވާނދޭވެ! އަދި މިއަޅާގެ ވާތްފަރާތުގައި ނޫރެއް ލައްވާނދޭވެ! އަދި މިއަޅާގެ ކުރިމަތީގައި ނޫރެއް ލައްވާނދޭވެ! އަދި މިއަޅާގެ ފުރަގަހުގައި ނޫރެއް ލައްވާނދޭވެ! އަދި މިއަޅާގެ (ބޯ) މަތިން ނޫރެއް ލައްވާނދޭވެ! އަދި މިއަޅާގެ (ފައި) ދަށުން ނޫރެއް ލައްވާނދޭވެ! އަދި މިއަޅާގައި ނޫރެއް ލައްވާންދޭވެ!}

ނޫރެއް ލިބިދެއްވުމޭ އޮތް ބަސްފުޅުގެ މާނައަކީ، އިސްލާމްދީނުގެ ހިދާޔަތާއި ތެދުމަގުގައި ލަހައްޓަވައިދެއްވުން ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ޔާ اللهُ، އަޅަމެންނަށް ކުރިމަތިވެފައިމިވާ މި ނުރައްކާތެރި ކޮރޯނާ ވަބާއާއި، އެ ކަމާ ގުޅިގެން މެދުވެރިވަމުންދާ އެންމެހައި ގެއްލުންތަކުން މުސްލިމުންނާއި، އެންމެހައި މީސްތަކުން ސަލާމަތް ކުރައްވައި ރައްކާތެރި ކުރައްވާނދޭވެ! ދެބަސްވުންތަކާއި ފިތުނަވެރިކަމުގެ ގެއްލުންތަކުން މުސްލިމުން ސަލާމަތްކުރައްވާނދޭވެ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ މާތްވެގެންވާ އިސްލާމްދީނަށް ގަދަކަންދެއްވައި، ދީނުގެ ޢަދުއްވުންގެ މަކަރުވެރި ރޭވުންތަކުން އިސްލާމްދީނާއި މުސްލިމުން ސަލާމަތްކުރައްވައި، އިސްލާމްދީން ނަޞްރުވެރި ކުރައްވައި މަތިވެރިކުރައްވާނދޭވެ! އިސްލާމީ ޤައުމުތަކުގެ ވެރިންނަށް އިބަރަސްކަލާނގެ ރުހިވޮޑިގެންވާމަގަށް ތައުފީޤުދެއްވައި އެއުރެންގެ ޢަމަލުތައް އިޞްލާޙުކުރައްވާނދޭވެ! އާމީން!!

__________________________

ޙަވާލާތައް

(1) أبو داود، سنن أبي داود، مرجع سابق. برقم: (2774). ج 4. ص 404.

(2) مسلم بن الحجاج.  المسند الصحيح المختصر لمسلم. مرجع سابق. كِتَابُ صَلَاةِ الْمُسَافِرِينَ وَقَصْرِهَا، بَابُ اسْتِحْبَابِ تَطْوِيلِ الْقِرَاءَةِ فِي صَلَاةِ اللَّيْلِ.  برقم: 203 – (772). ج 1. ص 536.

(3) مسلم بن الحجاج.  المسند الصحيح المختصر لمسلم. مرجع سابق. كِتَابُ الصَّلَاةِ،  بَابُ مَا يُقَالُ فِي الرُّكُوعِ وَالسُّجُودِ.  برقم: 217 – (484). ج 1. ص 350.

(4) مسلم بن الحجاج.  المسند الصحيح المختصر لمسلم. مرجع سابق. كِتَابُ الصَّلَاةِ،  بَابُ مَا يُقَالُ فِي الرُّكُوعِ وَالسُّجُودِ.  برقم: 223 – (487). ج 1. ص 353.

(5) مسلم بن الحجاج.  المسند الصحيح المختصر لمسلم. مرجع سابق. كِتَابُ صَلَاةِ الْمُسَافِرِينَ وَقَصْرِهَا،  بَابُ الدُّعَاءِ فِي صَلَاةِ اللَّيْلِ وَقِيَامِهِ. برقم: 201 – (771). ج 1. ص 354.

(6)  مسلم بن الحجاج.  المسند الصحيح المختصر لمسلم. مرجع سابق. كِتَابُ الصَّلاَةِ، باب مَا يُقَالُ فِي الرُّكُوعِ وَالسُّجُودِ، برقم: 216-(483).  ج 1. ص  350.

(7) مسلم بن الحجاج.  المسند الصحيح المختصر لمسلم. مرجع سابق. كِتَابُ صَلَاةِ الْمُسَافِرِينَ وَقَصْرِهَا،  بَابُ الدُّعَاءِ فِي صَلَاةِ اللَّيْلِ وَقِيَامِهِ. برقم: 189 – (763). ج 1. ص 529.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.