ކޮންމެ ރެއަކު ﷲގެ ޙަަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިމާތް ބަރަކާތްތެރި މޫސުން ގެއްލިޔަދެވުނަ ނުދެމާ ހިނގާށެވެ. މިއީ އެކިގޮތްގޮތުން މާތް ﷲގެ ޙަޟުރަތުން ސަވާބާއި ދަރުމަ ލިބިގަތުމާއި ﷲގެ ޙަޟުރަތަށް ކުއްތަން ވުމާއި ތިމާމެންގެ ފާފަ ފުއްސެވުމާއި ދަރަޖަ މަތިވެރިކޮށް މޮޅު ކުރުމަށް ދެއްވާފައިވާ ދީލަތި ފުރުޞަތެކެވެ. ކޮންމެ ރެއަކު ފަހު ދަމުގައި ﷲގެ ޙަޟުރަތުން ރަޙްމަތާއިގެން ޚާއްޞަ މަލާއިކަތަކު އެއްވަނަ އުޑަށް ފައިބައިވަޑައިގެން ﷲގެ ޙަޟުރަތުން ފަޖުރުލުމާ ހަމައަށް އަންނަނިވި ނިދާ އިއްވަވަ އިއްވަވާ ހުންނަވާނެއެވެ. "ﷲ އެބަ ވަޙީ ކުރަށްވައެވެ. އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ތިމަން އިލާހުގެ ޙަޟުރަތުގައި ދުޢާ ދަންނަވާނީ ކާކުހެއްޔެވެ؟ އޭނާގެ ދުޢާ އިޖާބަ ކުރަށްވާހުށީމެވެ. ތިމަން އިލާހުގެ ޙަޟުރަތުން ހާޖަތަކަށް އެދޭނީ ކާކުހެއްޔެވެ؟ ތިމަން އިލާހު އެމީހެއްގެ މުހުތާދުތައް ފުއްދަވައި ދެއްވާހުށީމެވެ. ތިމަން އިލާހުގެ ޙަޟުރަތުގައި ތިމާގެ ފާފަ ފުއްސެވުމަށް އެދޭނީ ކާކުހެއްޔެވެ؟ އެމީހެއްގެ ފާފަ ފުއްސަވައި ދެއްވާހުށީމެވެ. ދެން ކީރިތި ރަސޫލާ ޙަދީޘު ކުރެއްވި މިގޮތަށް ﷲގެ އަމުރުފުޅަށް މިނިދާ އިއްވަވަން އެރެއެއްގެ ފަރުޖު ލަންދެން އެމަލާއިކަތާ ހުންނަވާނެއެވެ." (މުސްލިމު، ތިރްމިޛީ)

ނިކަން ވިސްނާލަމާ ހިނގާށެވެ. މާތް ﷲ ރޯދަ ފަރުޟު ކުރަށްވައި އެވާހަކަ އުއްމަތަށް އެންގެވި ހިނދު ރޯދައިގެ ބައެއް މުހިއްމު ޙުކުމްތައް ބަޔާން ކުރަށްވަމުން އޭގެ މެދުތެރޭގައި އެއިލާހަށް ދުޢާ ދެންނެވުމަށް މީސްތަކުންނަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއިން އެނގެނީ ރޯދައާއި ދުޢާއާއި ހުރު ގުޅުމުގެ ބޮޑުކަމެވެ. ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި މާތް ﷲ މިފަދައިން ވަޙީ ކުރެއްވިއެވެ. "އޭ ރަސޫލާއެވެ! ތިމަން ﷲ ކޮބައިތޯއޭ، ކޮންތާކުތޯ ﷲ ވޮޑިގެންވަނީ؟ ތިމަންމެންނާ ކައިރީގައިތޯ ނުވަތަ ދުރުގައިތޯއޭ، އެއިލާހުގެ ޙަޟުރަތުގައި ތިމަންމެން ދުޢާ ދަންނަވާނީ ކޮން އިރަކުތޯއޭ، މިފަދައިން މީސްތަކުން ކަލޭއާ ސުވާލު ކުރާހިނދު އެއުރެންގެ ގާތު ބުނާށެވެ! ތިމަން އިލާހު ތިޔައިން ކޮންމެ މީހެއްގެ ކަންކަން ގާތުން ދެނެވޮޑިގެން ވަމެވެ. ތިޔަބައިމީހުންނާ ކުއްތަންވެ ވޮޑިގެން ވަމެވެ. ދުޢާ ދަންނަވާ ކޮންމެ މީހަކު ހާޖަތް ޤަބޫލު ކުރަށްވައި ފުއްދަވައި ދެއްވާހުށީމެވެ. ނިކަން އަވަހަށް ތިމަން އިލާހަށް ދަންނަވައި ދުޢާކުރާށެވެ. އަދި އެކަން ފުއްދަވައި ދެއްވާނެ ކަމަށް ތިމާމެންގެ ހިތުގައި ޔަޤީންކޮށް ކަށަވަރު ކުރާށެެވެ. އޭރުން ހަމަގައިމު ތިޔަބައިމީހުންނަށް ސާދުސީދާ ތެދުމަގު ލިބޭނެއެވެ."

އަދި ދަންނަވަންތޯއެވެ؟ ދުޢާކުރުމަކީ އަޅުކަމެއް ކަމުގައި ވެސް މަތިވެރި ﷲ ވަނީ ލައްވަވާފައެވެ. އަދި ދުޢާއިން ދުރުހެލިވެ ހުރުމީ ބޮޑާކަމުގެ ހެއްކެއް ކަމާއި އޭގެ ނަތީޖާއަކަށް ނަރަކައަށް ދާންޖެހިދާނެކަމުގެ އިންޒާރުވެސް ދެއްވިއެވެ. ޣާފިރު ސޫރަތުގެ 60 ވަނަ އާޔަތުގައި އެއިލާހު ބަސްވަޙީ ކުރެއްވިއެވެ. "އޭ މުސްލިމުންނޭވެ! ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އެބަވަޙީ ކުރަށްވައެވެ. ތިމަން އިލާހުގެ ޙަޟުރަތުގައި ތިމާމެންގެ މުހުތާދުތައް ފުއްދެވުމަށް އެދި ދަންނަވާށެވެ. ޔަޤީނުންވެސް އެކަންކަން ފުއްދަވައި ދެއްވާހުށީމެވެ. އެހެނަސް ދަންނާށެވެ! (ދުޢާއަކީ އަޅުކަމަކަށް ވީހިނދު) ތިމަން އިލާހުގެ ޙަޟުރަތުގައި ދުޢާއިން ދުރުހެލިވެ ބޮޑާވެގަންނަ މީހުން ޔަޤީނުންވެސް ދާހުށީ ނަރައަށެވެ.

އަދިވެސް ދަންނަވާލާނަމެވެ. މިބަރަކާތްތެރި މައްސަރުގެ ރޭތަކުގެ ފަހު ދަމުގައި ހޭލާ ތިބެ ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމާއި ދުޢާ ކުރުމާއި ފާފަ ފުއްސަވައި ދެއްވުމަށް އެދި ގިނަގިނައިން އިސްތިޣްފާރު ކޮށްއުޅުމީ ވަރަށް މުހިއްމު ކަމެކެވެ. އެހެނީ ހާރުވަގުތު ދުޢާ ކުރުމަށާއި އިސްތަޣްފާރުކޮށް އުޅުމަށް ކީރިތި ޤުރުއާނުގައި އެއިލާހު ވަނީ ތަކުރާރުކޮށް ވަޞިއްޔަތް ކުރަށްވާފައެވެ. ހަމައެހެންމެ ލޮބުވެތި ރަސޫލާވެސް އެކަމަށް އިލްތިމާސްކޮށް ހައްދަވަތެވެ. އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވަނީ ރޭގަނޑު ދަމު ނަމާދަށް ތެދުވެއްޖެނަމަ ހާރު ފަހު ވަގުތުގައި ހަތްދިހަ ފަހަރު އިސްތިޣްފާރު ކުރުމަށް ތިމަންމެންނަށް ކީރިތި ރަސޫލާ އަމުރު ކުރަށްވާފައިވާ ކަމަށެވެ. އިމާމު ބުޚާރީއާއި އެނޫން ބޭކަލުން ރިވާކުރަށްވާފައި ވެއެވެ. ކީރިތި ރަސޫލާ ދުވާލަކު ހަތްދިހަފަހަރު ނުވަަތަ އެއަށްވުރެން ގިނައިން އިސްތިޣުފާރު ކުރަށްވައެވެ. އިމާމު އިބްނިކަޡީރު ރިވާކުރަށްވާފައި ވަނީ އިތުރު އެކަލޭގެފާނު ދުވާލަކު ސަތޭކަ ފަހަރު އިސްތިޣުފާރު ކުރަށްވާ ކަމަށެވެ.

ވިސްނާލަމާ ހިނގާށެވެ. މަތިވެރި މާތް ﷲ އެންމެ ރުހިވޮޑިގެންވާ ހިނދަކީ އަޅާ އެއިލާހުގެ ޙަޟުރަަތުގައި ދުޢާކޮށް ތައުބާވާހިނދެވެ. އޭގެ އިތުރުން އެއްވެސް ފާފައެއް ނުކުރަށްވާ، އަދި އިސްފަހުގެ ފާފަވެސް ފުއްސަވާފައި ލޮބުވެތި ނަބިއްޔާ މިމޭރުމުން ދުޢާކުރެއްވުމަށާއި އިސްތިޣްފާރު ކުރެއްވުމަށް މިދަރަޖައަށް ސަމާލުކަން ދެއްވިހިނދު އަޅުގަނޑުމެން ހަށިގަނޑުގެ ބަރުދަނަށް ވުރެން ފާފަ ބަރުވެފައިވާ މީހުން ހާދަ ވަރަކަށް މިކަމަށް ބާރުއަޅައި މަސައްކަތްކުރަން ޖެހޭނެ ނޫންތޯއެވެ؟

އަދިވެސް މުހިއްމު ނުގުތާއަކަށް އަލި އަޅުވާލާނަމެވެ. ދުޢާ ކޮށް ﷲ އަށް ދެންނެވުމުގައި ތިމާގެ ފާފަ ފުއްސެވުމަށް ދެންނެވުމަށް ފަހު ތިމާގެ ދަރިންނާއި ޢާއިލާއަށްޓަކައި ކޮންމެހެން ވެސް ދުޢާކުރަންޖެހޭނެއެވެ. ތިމާގެ މައިން ބަފައިން އެއްގޮތަކަށްވެސް ހަނދުމަ ނައްތާލައިގެން ނުވާނެއެވެ. މިއީ ކީރިތި ރަސޫލާގެ ސުއްނަތެއްގެ އިތުރުން ނަބީ ބޭކަލުންގެ ބަފައިކަލުން ސައްޔިދިނާ އިބްރާހީމުގެފާނުންގެ ވެސް ސުއްނަތެކެވެ. އެހެންކަމުން ތިމާގެ ޢާއިލާއާއި ތިމާގެ މައިންބަފައިން ތިމާގެ ދުޢާގައި ޝާމިލު ކުރެވޭތޯ ބައްލަވާށެވެ.

މާތް ﷲ އަޅަމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވައި އަޅަމެންގެ މައިންބަފައިންނަށް ރައްޔާނު ކިއުނު ދޮރުކޮޅުން ސުވަރުގެ ވަދެވި ފިރުދައުސުކީ ގަނޑުވަރުން ޖާގަ ދެއްވާށިއެވެ. އާމީން!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.