ރޭއަޅުކަން

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުގައި، ރަމަޟާންމަހުގައި އަޅުކަމަށް ސަމާލުކަން ދޭން ޖެހެނީ ދުވާލުގެ ވަގުތުތަކުގައި، ނުވަތަ ރޯދައަށް ތިބޭ ވަގުތުގައެވެ. އިރު އޮއްސި ރޯދަ ވީއްލުމުން ރޯދައިގެ ކަންތައް ނިމުނީއެވެ. ދެން އެ ހިސާބުން އެފެށުނީ ކުޅިވަރާއި މަޖަލުގެ ވަގުތުތަކެވެ. އަދި ވަކީން ޚާއްޞަކޮށް ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ އާދަކާދަ ހުންނަގޮތުން ރަމަޟާންމަހަކީ ރޭގަނޑުގެ ގިނަ ވަގުތު ހޭލާ ތިބޭ މައްސަރެކެވެ. އެއީ ހާރުކައިގެން ނިދުމުގެ ބޭނުމުގައެވެ. ދެން ހޭލާ ތިބޭ ވަގުތު ތަކުގައި މިއޮންނަނީ ކުޅިވަރު ކުޅުމެވެ. މަޖަލުގައި ވަގުތު ދުއްވާލުމެވެ. މިހެން ހޭލާ ތިބެފައި ދަންވީމާ ހާރުކައިގެން ނިދަނީއެވެ. އެންމެ ފަހުން މިވާގޮތަކީ ރޭއަޅުކަމެއް ނުކުރެވުނު ތާނގައި ﷲ ފަރުޟުކުރައްވާފައިވާ ފަތިސްނަމާދުވެސް ގެއްލުނީއެވެ. މިއީ ހިތާމަކުރަންޖެހޭ ފަދަ މަންޒަރެކެވެ. އަޅުގަނޑުމެން މިއާދަ ބަދަލުކުރަން އެބަ ޖެހެއެވެ. ރަމަޟާންމަހުގެ ރޭތަކަކީ ދުވާލެކޭ އެއްފަދައިން އަޅުކަމުގައި ހޭދަކުރެވޭ ވަގުތުތަކަކަށް ހަދަން އެބަޖެހެއެވެ.

ރަމަޟާންމަހުގެ ރޭތަކުގައި ކުރެވޭ އެންމެ ޚާއްޞަ އަޅުކަމަކީ އެމައްސަރުގެ ރޭތަކުގައި ކުރެވޭ ތަރާވީޙު ނަމާދެވެ. މިނަމާދަކީ ކީރިތި ރަސޫލު صلى الله عليه وسلم ގެ ސުންނަތުންނާއި އެކަލޭގެފާނުގެ މާތް ޚަލީފާއިންގެ ޢަމަލުފުޅުތަކުން ސާބިތުވެފައިވާ ވަރަށް މާތް އަޅުކަމެކެވެ. މިއީ ރަމަޟާންމަހުގެ ރޭތަކަށް ޚާއްޞަކުރެވިގެންވާ އަޅުކަމެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އަލްބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. "من قام رمضان إيماناً واحتساباً ، غفر له ما تقدم من ذنبه" (އީމާންކަމާއެކު، ކީރިތި ﷲގެ ޙަޟްރަތުން ސަވާބު އަދައިގެން ހުރެ ރަމަޟާންމަހުގެ ރޭތަކުގައި ނަމާދުކޮށްފިމީހާއަށް އޭނާގެ އިސްވެގޮސްފައިވާ ފާފަތައް ފުއްސެވޭނެއެވެ.) މި ޙަދީޘުގައި އައިސްފައިމިވާ ނަމާދަކީ ތަރާވީޙު ނަމާދެވެ. ތަރާވީޙު ނަމާދަކީ ޢިޝާނަމާދަށް ފަހު ވިތުރު ކުރުމުގެ ކުރިން ދެރަކްޢަތުން ދެރަކްޢަތުން އަދާ ކުރެވޭ ނަމާދެކެވެ. މިނަމާދު ޖަމާޢަތުގައި ކުރުން ސުންނަތްވެގެންވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާ އަރިއަހުން އަލްބުޚާރީއާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم މީސްތަކުންނާއިގެން ދެރޭ ޖަމާޢަތުގައި ތަރާވީޙު ނަމާދު ކުރެއްވިއެވެ. ތިންވަނަރޭ އަދި ހަތަރުވަނަރޭ ވެސް ނުކުމެވަޑައިނުގެން، ހަތަރުވަނަރޭ ފަތިސް ނަމާދަށް ނުކުމެވަޑައިގެން ޙަދީޘުކުރެއްވިއެވެ. "قد رأيت الذي صنعتم، ولم يمنعني من الخروج إليكم إلا أني خشيت أن تفرض عليكم" (ތިޔަބައިމީހުން ކަންތައް ކުރިގޮތް (ދެރޭވެސް ރަސޫލުﷲ صلى الله عليه وسلم ތަރާވީޙު ނަމާދަށް ނުކުމެވަޑައިގަންނަވާނެކަމަށް އިންތިޒާރުގައި ތިބުން) ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް (އެނަމާދު ޖަމާއަތުގައި ކުރުން) ފަރުޟުވެދާނެ ކަމަށް ބިރުފުޅުގެންވަޑައިގަތުން ނޫން އެހެންކަމެއް ތިމަންކަލޭގެފާނު ނުކުމެވަޑައިގަތުން ނުހުއްޓުވައެވެ.)

މިއަށްފަހު ޢުމަރު ބްނު އަލްޚައްޠާބްގެ ޚިލާފަތާ ޖެހެންދެން މުސްލިމުން ތަރާވީޙު ނަމާދުކުރަމުން އައީ ވަކިވަކިންނެވެ. އެކަލޭގެފާނު އަނެއްކާވެސް ޖަމާޢަތުގައި އެނަމާދު ކުރައްވަން އަންގަވައި މީސްތަކުންގެ މައްޗަށް އުބައްޔު ބްނު ކަޢުބު އިމާމަކަށް ލެއްވިއެވެ.

ތަރާވީޙު ނަމާދުގެ ރަކްޢަތުގެ ޢަދަދަށް ބަލާއިރު، ރަސޫލުﷲ صلى الله عليه وسلم ކުރެއްވިކަމަށް ސާބިތުވެފައިވަނީ 11 ރަކްޢަތެވެ. އެއީ ތަރާވީޙުގެ 8 ރަކްޢަތާއި ވިތުރީގެ 3 ރަކްޢަތެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާ އަރިއަހުން އަލްބުޚާރީ ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ރޯދަމަހު ރޭގަނޑުގެ ނަމާދުގައި (ތަރާވީޙުގައި) ކުރައްވަނީ ކިތައް ރަކުޢަތްތޯ ސުވާލުދެންނެވުމުން އެކަމަނާ ވިދާޅުވިއެވެ. "ما كان يزيد في رمضان ولا في غيره عن إحدى عشرة ركعة" (އެކަލޭގެފާނު ރަމަޟާންމަހުގައިވެސް އަދި އެހެން މައްސަރެއްގައިވެސް އެގާރަ ރަކްޢަތަށްވުރެ އިތުރު ނުކުރައްވައެވެ.) އެހެނަސް ޢިލްމުވެރިންގެ ގިނަ ބޭކަލުން ވަނީ ތަރާވީޙް ނަމާދުގެ ރަކްޢަތުގެ ޢަދަދު އިތުރުކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން އެނަމާދުގެ ރަކްޢަތުގެ ޢަދަދާއި މެދު 11 ރަކްޢަތާއި 49 ރަކްޢަތާއި ދެމެދު އެކި ޢަދަދަށް އިލްމުވެރިންގެ އަރިއަހުން ވާރިދުވެފައި ވެއެވެ. ތަރާވީޙު ނަމާދުގައި ރަމަޟާންމަސް ނިމޭއިރު ޤުރްއާން ޚަތިމުވާގޮތަށް ކިޔެވުމަކީ ޢިލްމުވެރިން އެދެވިގެންވާކަމަށް ވިދާޅުވެފައިވާ ގޮތެކެވެ.

ރަމަޟާންމަހުގެ ރޭތަކުގައި ތަރާވީޙް ނަމާދުގެ އިތުރުން ކުރެވޭ ނަމާދެއްވެސް ވެއެވެ. އެއީ ދަމު ނަމާދު ނުވަތަ ތަހައްޖުދު ނަމާދެވެ. ތަރާވީޙް ނަމާދުގައި ދިގުކޮށް ކިޔަވައި ހާރުކާ ވަގުތާ ޖެހެންދެން އެނަމާދު ދެމިގެންދާ ގޮތަށް ކުރާ މީހަކަށް ދަމު ނަމާދެއް ނެތެވެ. އެހެނަސް ތަރާވީޙް ނަމާދު އަވަހަށް ނިންމާލާ މީހަކު، މެންދަމު ތެދުވެ ދަމުނަމާދު ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެހެނީ ދަމު ނަމާދަކީ ރަމަޟާންމަސް ފިޔަވައި އެހެން މައްސަރުގައިވެސް ކުރުން އެދެވިގެންވާ ނަމާދެކެވެ. މިއީ ތަޤްވާވެރިންގެ ޢަމަލުތަކުގެ ތެރޭގައި މާތް ﷲ ހިމަނުއްވާފައިވާ ނަމާކެވެ. ތަޤްވާވެރިންގެ ސިފަތައް ބަޔާންކުރައްވަމުން އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. كَانُوا قَلِيلاً مِّنَ اللَّيْلِ مَا يَهْجَعُونَ ، وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ – سورة الذاريات : 17-18 (އެމީހުން ރޭގަނޑު ނިދާއުޅުނީ ވަރަށް ކުޑަކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެމީހުން ރޭގަނޑު ދަންވަރު އިސްތިޣުފާރު ކުރެތެވެ.) ދަމުނަމާދަކީވެސް ދެރަކްޢަތުން ދެރަކްޢަތުން ކުރަމުން ގޮސް ބޭނުން ވަރަކަށް ކުރެވޭ ނަމާދެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.