ދުޝްމަން ލޯބިވެރިޔާ - 28

(28 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ތިރީން އެމީހުންތައް ސިޑީން މައްޗަށް އަރަން ފަށައިފިއެވެ.  މުޅިއެކު ހަތްމީހުންނެވެ. އިންދަރްޖީތު އެމީހުންގެ އަދަދު ގުނާލުމަށްފަހު އަތުގައި އޮތް ފިސްތޯލައިގެ ތުން ތިރިއަށް އެމީހުންނާ ދިމާއަށް ދިއްކޮށްލައިފިއެވެ.

 އެވަގުތު އޭނާގެ ފަހަތުން ކޮންމެވެސް މީހަކު އޭނާގައިގައި ވަޅިއަކުން ޖަހަން އުޅުނުހެން ކުއްލިއަކަށް އިންދަރްޖީތަށް ހީވެއްޖެއެވެ. އިންދަރްޖީތު އޮތްތަނުން ފުރޮޅިގަތުމާއެކު އޭނާގެ ކަނާއަތުގައި އޮތް ފިސްތޯލަ ގޮއްވާލިއެވެ. އޭގެ އުންޑަ ސީދާވީ އޭނާއަށް ހަމަލާދޭން އުޅުނު މީހާގެ މެޔަށެވެ. އުންޑަ އެރުމާއެކު އެމީހާގެ އަތުގައި އޮތް ވަޅި ދޫވެގެން ވެއްޓިއްޖެއެވެ. އަދި އެމީހާވެސް އިންދަރްޖީތުގެ ގައިމައްޗަށް ކަހަލަ ގޮތަކަށް ވެއްޓިއްޖެއެވެ.

ފިސްތޯލައިގެ އަޑުއިވުމާއެކު ސިޑީން އަރައަރާ ތިބި މީހުން އަދި އިހަށްވުރެވެސް ބާރަށް މައްޗަށް އަރަން ފަށައިފިއެވެ. އަދި އެކިމީހުން އެކި އެއްޗެތި ބުނަން ފަށައިފިއެވެ. "ކާކު..؟" އަވަހަށް އަރާ.... ފިލައިގެން ދިޔަނުދޭތި... ޝޭރްސިންގްހ! ގާރޑް... އެލާރމް ކޮބާ... ނުރައްކައު މެދުވެރިވީމާ ޖަހާ ރަނގަބީލު.. އަވަސްކުރޭ!"

އިންދަރްޖީތު އޭނާގެ ގައިގައި ހުރި ހުރިހާ ބާރެއް ލައިގެން އޭނާގެ ގައިމައްޗަށް ވެއްޓިފައި އޮތް މީހާގެ ދަށުން ސަލާމަތް ވެއްޖެއެވެ. އޭނާ ރަނގަޅަށް ބަލާލިއިރު އެމީހަކީ މީގެ ކުޑައިރުކޮޅެއް ކުރިން އޭނާ ޖެހިޖެހީނުން ހޭނައްތާލާފައި، ބަނދެފައި ބޭއްވިމީހާއެވެ.

މިހާރު މިކުޑަކުޑަ އަނދިރި ކޮޓަރީގެ ތެރޭގައި ވަނީ މަރަށް ދެމިދެމިއޮތް މިހަކާއި އިންދަރްޖީތެވެ. ކޮޓަރީގެ ދޮރުވަނީ އެތެރޭން ތަންޑު އަޅާފައެވެ. އެހެންވީމާ ބޭރުން އެއްވެސް މީހަކު އަތުވެދާނެކަމުގެ ބިރެއްނެތެވެ. އެހެންނަމަވެސް ބިންގަރާހުގެ ތެރެއިން އައި ހަތްމީހުން މިހާރު ސިޑީން މައްޗަށް އަންނާނެއެވެ. އޭގެތެރެއިންއިން މީހަކު މިހާރު މައްޗަށް އަރައި ވެސްފިއެވެ.

އިންދަރްޖީތު އަވަސްއަވަހަށް އޭނާގެ ދެ އަތުގައި އޮތް ދެ ފިސްތޯލަ އެއްފަހަރާ ޖަހަން ފައްޓައިފިއެވެ. އެންމެ ކުރިއަށް ތިބި ދެ މީހުން ސިޑި ކައިރިއަށް ވެއްޓިއްޖެއެވެ. ދެންތިބި މީހުން އަވަސް އަވަހަށް ސިޑީން ތިރިއަށް ފައިބަން ފަށައިފިއެވެ. އެމީހުން ހަދާނެގޮތެއް ނެތިގެން ބިންގަރާހުގެ ތެރެއަށް އެނބުރި ފިލަން ދަނީއެވެ. އިންދަރްޖީތު ރަނގަޅަށް ބަލާލިއިރު މިމީހުންނަކީ، އެ ކޮޓަރިތެރޭގައި މައިކްރޮސްކޯޕުތަކުގެ ކައިރީގައި ތިބި މީހުންކަން އެނގުނެވެ. ފެންނަ ފެނުމުގައި އެއީ ސައިންސްވެރީންނެވެ. އެމީހުންގެ އަތުގައި ފިސްތޯލައެއް ނުހުންނާނެއެވެ. އަދި ފަހަރެއްގައި މިކަހަލަ ތަނެއްގައި މަސައްކަތް ކުރާ ބަޔަކަށްވާތީ އެމީހުން އަތުގައި ފިސްތޯލައެއް އޮތްނަމަވެސް، ހަމަގައިމު ވެސް މިވަގުތަކު އެއިން މިހެއްގެ އަތުގައި ފިސްތޯލައެއް ނެތެވެ.

އިންދަރްޖީތު އެކްސްޕްލޯޒިވްތައް ލާފައިހުރި ޕެކެޓެއް އަތަށް ނަގާފައި އެއަތުގައި އޮތް ފިސްތޯލަ ޖިބަށްލައިފިއެވެ. އަދި ވަރަށް ހުޝިޔާރު ގޮތެއްގައި ދޮރުހުލުވާލާފައި ބޭރަށް ނިކުމެއްޖެއެވެ. އޭރު ނޫހެދުންއަޅާފައިތިބި ވަރަށް ގިނަ މީހުން ކޮޅުކޮޅަށް ދުވެދުވެފައި އުޅެއެވެ. އަދި ބައެއް ވެހިކަލްތައް ވެސް ފެކްޓަރީގެ ފަހަތުގައި އޮންތަނުގައި ޙަރަކާތްތެރިވާތަން ފެނެއެވެ. އަޞްލު އިންދަރްޖީތު ބޭނުންވަނީ ފެކްޓްރީގެ ފަހަތުން ވަދެވެންހުރި ހުރިހާ ދޮރު ބަންދުކޮށްލާށެވެ. އެހެންވެގެން ބޭރުން ދޮރު ބަންދުކޮށްލާފައި އޭނާގެ ފެކްޓަރީގެ ފަހަތަށް ދުއްވައި ދުއްވައިގެންފިއެވެ. ކޮޅުކޮޅަށް ދުވާ މީހުންތަކަށް އިންދަރްޖީތާމެދު ވިސްނާލެވޭވަރެއް ނުވެއެވެ. އޭނާވެސް ލައިގެން ހުރީ އެމީހުންވެސް ލައިގެން ތިބި ކަހަލަ ހެދުމަކަށް ވާތީއެވެ. ފެކްޓަރީގެ   ފަހަތުގައި ވަރަށް ގިނަ ނަރުތައް ދަމާފައި ހުއްޓެވެ. އެއީ ޕީ.އޯ ޑަބްލިޔު، ( ޕްރިޒަނަރސް އޮފް ވޯރް) މީހުން ބައިތިއްބާ ކޭމްޕްގެ ބޭރުން ދަމާފައި ހުންނަ ކަހަލަ ނަރެވެ. އިންދަރްޖީތަށް ވިސްނުނު ގޮތުގައި އެނަރުތަކަށް ހުންނާނީ އިލެކްޓްރިކް ކަރަންޓް ދީފައެވެ. އެއްވެސް މީހަކު ފިލަންވެގެން އެދިމާއަށް ނުދުވަނީސް އެހެންވެގެންނެވެ. އެންމެންވެސް ފިލަން ދުވަނީ ފެކްޓަރީ ފަހަތުން ވަދެވެންހުރި ދޮރާ ދިމާއަށެވެ.

އިންދަރްޖީތަށް ފެކްޓަރީގެ ފަހަތުން ހުރިގެ  ދޮރުމައްޗަށް ދެވުމާއެކު އޭނާއަށް އިޙްޞާސް ކުރެވުނީ އޭނާވެސް ކޮންމެވެސް ގޮތަކުން އެތާނގެ ތެރެއަށް ވަންނަންވާނެކަމެވެ. ދިހަވަރަކަށް މީހުން ބައިގަނޑެއް އެތެރެއަށް ވަންނަން ދިޔަވަގުތު އެމީހުންގެ ތެރޭގައި އިންދަރްޖީތުވެސް ފެކްޓަރީގެ ތެރެއަށް ވަދެއްޖެއެވެ. އޭރު އެތެރޭގައި ޢަދަދު ނުކުރެވޭހާ ގިނަމީހުން އުޅެއެވެ. އޭރު އެ އެންމެންނަށްވެސް ހަތިޔާރު ދެނީއެވެ. ކޮންމެ މީހަކު ރައިފަލެއް ނުވަތަ ފިސްތޯލައެކެވެ. ބައެއް މީހުން އަތުގައި މެޝީން ބަޑިއެއްވެސް ހުއްޓެވެ. އިންދަރްޖީތަށް މިވަގުތު ވީ ވަރަށް ރަނގަޅު ވަގުތަކަށެވެ. އަވަސް އަވަހަށް އެއްކަނަކަށް ޖެހިލާފައި އޭގެ ޑައިނަމައިޓްގެ ތިން ފަލީތާ އާއި ހޭންޑް ބޮމެއް ޖީބުން ނަގާފައި އޭގެ ޕިން އުފުރާލާފައި އެމީހުންގަނޑުގެ ތެރެއަށް ވަރަށް ބާރަށް އެއްލައިފިއެވެ. އަދި އެއާއެކު ވަރަށް ބާރަށް ދުވެފައިގޮސް ފެކްޓަރީގެ ފަހަތު ދޮރުން ބޭރަށް ނުކުމެފައި އެދޮރުވެސް ބޭރުން ބަންދުކޮށްލައިފިއެވެ. އެވަގުތު ފެކްޓަރީއަށް ވަންނަން އައި ހަތަރުމީހުން އިންދަރްޖީތާ ދިމާވިއެވެ. އަދި "މިހިރީ-މިހިރީ އެމީހާ އަތުލައިގަނޭ މިހިރީ" އޭ ގޮވާ ހަޅޭއްލަވައިގަތެވެ. ނަމަވެސް އެމީހުންނަށް އޭނާ ހަމަޔަށްވެސް ނާދެވިގެން އުޅެނިކޮށް އިންދަރްޖީތުގެ ފިސްތޯލައިން އެހަތަރު މީހުންވެސް ބިން މައްޗަށް ވައްޓާލައިފިއެވެ. ފިސްތޯލައިގައި ހުރި ހުރިހާ އުންޑައެއް އެމީހުނާ ދިމާއަށް އުދުއްސާލައިގެންނެވެ. އަވަސް އަވަހަށް އިންދަރްޖީތު ފިސްތޯލަ ޖީބަށްލާ ފޮރުވިއެވެ. ފިސްތޯލަތަކަށް އަލުން ވަޒަންލުމަށް މިހާރު އޭނާއަށް ވަގުތުކޮޅެއް ބޭނުންވެއެވެ. އެހެންކަމުން އެ ހަތަރު މީހުން ކައިރިއަށް އޭނާވެސް ބިންމައްޗަށް ވެއްޓިގެންފިއެވެ. އަދި އެހެންއޮވެގެން ޖީބުން އުންޑަ ނަގައިގެން ފިސްތޯލައަށް ލައްވާ ފުރާލައިފިއެވެ. މިހާރު އޭނާގެ އެއް އަތުގައި ވަނީ ފިސްތޯލައެވެ. އަނެއް އަތުގައި ވަޅިއެވެ. ކޯޓުގެ ބޮޑު ޖީބުތަކުގައި ވަނީ ބޮމާއި ގްރެނޭޑްތަކެވެ. އޭނާ އޮތްތަނުން ތެދުވެގެން ދުއްވައިގަތީ ކުރިމަތީގައި ހުރި ކޮޓެޖާ ދިމާއަށެވެ. އެވަގުތު ވަރަށްބާރަށް އެކްސްޕްލޯޝަނެއްގެ އަޑު އިވިގެން ދިޔައެވެ. … އިރުކޮޅަކުން އިތުރު ދެ އެކްސްޕްލޯޝަންގެ އަޑާ އެކުވެގެން ދިޔައެވެ. …. މިހާރު ފެކްޓަރީގެތެރެއިން ދުންއަރަން ފަށައިފިއެވެ. އަދި އިރުކޮޅަކުން އަލިފާންވެސް ފެންނަން ފަށައިފިއެވެ.

އެތަންވަޅު ދެތިން ކާރެއް ބޭރަށް ނުކުންނަތަން އިންދަރްޖީތަށް ފެނުނެވެ. ޑާގަރްވެސް މިހާރު ކޮޓެޖުން ބޭރަށް ނުކުމެއްޖެއެވެ. ނޫކުލައިގެ ޓޮޔޯޓާކާރެއް ވަރަށް ބާރަށް އައިސް ޑާގަރްގެ ކުރިމައްޗަށް މަޑުކޮށްލުމާއެކު އޭނާ އެއަށްއަރައިފިއެވެ. އަދި ވަރަށްބާރަށް ދުއްވާލާފައި، ފެންގަނޑުގެ ތެރޭގައި އޮތް ހަދާފައިވާ ބިމުގެ މަތީންލާފައި ބޭރަށް ހިނގައްޖެއެވެ. އެ ކާރުގެ ފަހަތުގައި މުޅިން ހުދުކުލައިގެ ޖީޕެއްވެސް ދިޔައެވެ. އޭގައިއިނީ އެންމެ މީހެކެވެ. އެ ޖީޕް ދުއްވަނީ ވެސް އޭނާއެވެ. އިންދަރްޖީތު ވަރަށް ބާރަށް ދުވެފައިގޮސް ޖީޕްގެ ދޮރު ހުޅުވާލިއެވެ. އަދި ދުއްވަން އިންމީހާއަށް ވަޅީން  ހަމަލާދިނެވެ. އަދި އެމީހާ ގައިގައި ހިފައިގަނެގެން ދަމާކޮށްޕާ، ޖީޕުންބޭރަށް ވައްޓާލައިފިއެވެ. އޭނާ ވައްޓާލުމާއެކު ޖީޕަށްއަރައި ދުއްވަން ފައްޓައިފިއެވެ. އަދި ބޭރު ގޭޓާ ހަމައަށް ހިނގައްޖެއެވެ. އެހިސާބުން ގޮސްފައި އޭނާ ހުއްޓާލިއެވެ. އަދި ޖީބުގައި ބާކީ ހުރި ހޭންޑް ގްރެންޑްއާއި ބޮމާއި އެނޫންވެސް ގޮވާކަހަލަ ހުރިހާ އެއްޗެއް ނަގާފައި އެތާނގައި އޮތް ހަދާފައިވާ ބިމުގެ މައްޗަށް އުކާލައިފިއެވެ. ބަލަބަލާ ހުއްޓާ އެއެއްޗެހިތައް ގޮވަން ފެށުމުން ހަދާފައިވާ ބިން އެތިއެތިކޮޅަށް ވެގެން ފެންގަނޑުގެ ތެރެއަށް ފައިބަން ފަށައިފިއެވެ.

އެގޮތަށް އެހަދާފައިވާ ބިން ހަލާކުވުމުން ، އެގެއިން ބޭރަށް ނިކުންނަން އޮތް ބިންގަރާހުގެ މަގުވެސް މިހާރުވަނީ ބަންދުވެފައެވެ. އޭގެ ފަހަތުގައި ފެކްޓަރީއަށް ދާން އޮތް ބިންގަރާހުގެ މަގުވެސް މިހާރު ވަނީ ބަންދުވެފައެވެ. އެހެންކަމާއެކުވެސް އިންދަރްޖީތުގެ ޖީޕާދިމާއަށް ފަހަތުން ބަޑިޖަހަމުން ދިޔަ ބަޔަކު އުޅުނެވެ. ނަމަވެސް އިންދަރްޖީތު ވަރަށް ބާރަށް ޖީޕް ދުއްވާފައިގޮސް މަގުމައްޗަށް ނިކުމެއްޖެއެވެ. އޭރުވެސް އޭގެފަހަތުން ބަޑިޖަހަމުން އާދެއެވެ. ޖީޕްގެ ފަހަތު ބިއްލޫރިގަނޑު މުޅީން ހަލާކުވެއްޖެއެވެ. ނަމަވެސް މިހާރު އޭނާ ވަނީ ފަހަތުން އަންނަ މިހުން ޖަހާ ބަޑި ފޯރާވަރަށްވުރެ ދުރަށް ގޮސްފައެވެ. މިހާރު އޭނާ ކޮންމެގޮތަކުން ވެސް ކުރަން ބޭނުންކަމަކީ ނޫކުލައިގެ ޓޮޔޯޓާ ކާރު ހޯދައިގެން އޭގެ ފަހަތުން ދުއްވުމެވެ. ޑާގަރްވީ އެކާރުގައެވެ. ނަމަވެސް އެ ކާރުވަނީ އޭނާއަށް ގެއްލިފައެވެ. އިންދަރްޖީތު ވަރަށް ބާރަށް ދުއްވާފައި ދިޔައީ ޕެހެލްގާމްގެ ބާޒާރަށެވެ.  ބާޒާރަށް ދިޔުމަށްފަހު އިންދަރްޖީތަށް ޖެހުނީ އޭނާ ދިޔަ ޖީޕް ހުއްޓާލާށެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.