(22 މެއި 2022 ގެ ބަޔާ ގުޅޭ)
ޢުމަރު، އޭނާގެ ހިތްދަތިކަމުންފުރިގެންވާ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
"މަރުޙަބާގެ ބަސްތަކުން މުޅިތަން ގުގުމައިގެންދިޔައެވެ. އެއީ، މިޞްރުގެ ޔަހޫދީމީހާ އަޅުގަނޑުގެ އަނިޔާލިބިފައިވާ ގުނަވަނަށް ޓިއުބުލެއްވި ވަގުތެވެ. އެޓިއުބުލެއްވުމުގެ ބޭނުމަކީ، ކުޑަކަމުދާހޮޅި ނުބެދި އެކަންކުރަން މަގުފަހިކުރުމެވެ. ކުޑަކަމުދާ ނިޒާމަށް ގެއްލުމެއްނުލިބި، އެކަންކުރެވެންޏާ، ދިރިހުންނާނެކަން، އެމީހުންނަށް އެނގެއެވެ. ދިރިތިބި ތިންކުދިންގެ ތެރެއިން، ވޭނާއެކުވެސް ކުޑަކަމުދެވެނީ ދެކުދިންނަށެވެ. އެއީ އަޅުގަނޑާ އަދި ދެންތިބި ދެކުދިންގެ ތެރެއިން އެއްކުއްޖަކަށެވެ. ކުޑަކަމުނުދެވޭ ކުއްޖާގެ ހަށިގަނޑު ވިހަވުމުގެއިތުރަށް، އެމީހުންގެ އަނިޔާލިބިގެން ވަރަށް ވޭނުގައި އުޅުމަށްފަހު އެކުއްޖާ މަރުވީއެވެ."
"ހަތަރުވަނަޔަށްވީ ދުވަހު، އަޅުގަނޑުމެން ހުރިހާ އަޅުން އެރުވުނީ އާގުބޯޓަކަށެވެ. އެބޯޓުގެ މަންޒިލަކަށްވެފައި އޮތީ ކޮންސްޓެންޓްނޯޕޮލް ނުވަތަ އިހުގެ ޤުސްޠަންޠީނިޔާއަށެވެ. އެއީ މިހާރުގެ ގްރީކުގެ އިސްތަންބޯލެވެ. އަޅުގަނޑުމެން ގެންދަން ހަމަޖެހިފައިއޮތީ އިސްތަންބޯލްގެ އަޅުންވިއްކާ ބާޒާރަކަށެވެ. އެމީހުން އެދިން އަނިޔާއިން އަޅުގަނޑު ސަލާމަތްވެ ފަސޭހަވިއެވެ. އަދި އަޅުގަނޑަކީ ބޮޑުއަގުގައި ވިއްކާލެވިދާނެ ކުއްޖެއްކަން، އަޅުގަނޑުމެންނާ ޙަވާލުވި މިޞްރުގެ ޔަހޫދީ ކަލޭގެޔަށް އެނގެއެވެ."
އަޅުގަނޑަށް ބޯޖަހާލެވުނެވެ. އެދުވަސްވަރަކީ، އަންހެންކަނބަލުން ބަލަހައްޓައި ހަށިފާރަވެރިންގެގޮތުގައި ޚުންސާއިން ގެންގުޅުނު ދުވަސްވަރެކެވެ. އެހެންވީމާ، ޚުންސާއިން އެއީ އަގުބޮޑު ބަޔެކެވެ. އަންހެނުން ދިރިއުޅޭ ސަރަޙައްދަށް ވަދެވޭނީ، ނުކުޅެދޭ ފިރިހެނުންނަށް އެކަންޏެވެ. ޢުމަރަކީ، އުފެދުމުގައި ޚުންސާއެއްނޫނެވެ. އެހެނަސް، އޭނާއަށް އެދިން ރަޙުމެއްނެތް އަނިޔާއާގުޅިގެން އޭނާއެވަނީ ޚުންސާއަކަށް ބަދަލުވެފައެވެ.
ޢުމަރުގެ ވާހަކައިން، އަޅުގަނޑުގެ ޚިޔާލު އެހެންދިމާއަކަށް އެނބުރުނެވެ.
"އެހެންމީހުންނަށްވުރެ ކަމޭހިތައިގެން، އަޅުގަނޑުމެން ދެކުދިންނަށް، އަޅުންވިއްކާ މީހާ އަޅައިލިއެވެ. އަޅުގަނޑުމެން ބައިތިއްބާފައި ތިބީވެސް އެންމެ އުސް ތައްޓުމަތީގައެވެ. އަދި ރަނގަޅު ތަކެތި، ރަނގަޅަށް ކާންދިނެވެ. ދެންތިބި މީހުންތިބީ ތައްޓުގެ ތިރީގައި އެކަކުމައްޗަށް އަނެކަކު އަޅާލާފައެވެ. އެމީހުންނަކަށް ކާކަށްވެސް ނުދެއެވެ. އަދި ފެންފޮދެއްހާ ހިސާބުވެސް ނުދެއެވެ. ކަނޑުމަތީ ހޭދަވި ހުރިހާ ދުވަހެއްގައިވެސް އެމީހުންތިބީ އެގޮތަށެވެ. އިސްތަންބޯލުގެ ބަނދަރަށް އާދެވުނު އިރު އޭގެތެރެއިން ގިނަބަޔަކު މަރުވެސް ވިއެވެ. މަރުވާމީހުން އެއްލައިލެވެނީ މާސިންގާ ކަނޑަށެވެ."
ޢުމަރުގެ ވާހަކައިން، އަޅުގަނޑަށް އިވެން، ކަރީމުބޭނުންނުވާނެ ބައިތައް ހިނގައްޖެކަމުގައި އަޅުގަނޑު ނިންމީމެވެ. އަދި ސިޓިންގރޫމްތެރެޔަށް ވަދެ ކަރީމް ގާތު އިށީނދެ ހަމަޖެހިލީމެވެ. އަޅުގަނޑަށް އެއްވެސް ވާހަކައެއް އިވުނުކަމަށްވެސް ނުހަދަމެވެ.
"ވާހަކަ ކުރިޔަށް ގެންދާށެވެ! މިހާރު އެންމެ ރަނގަޅުވާނެއެވެ." ސުއާލުތައް ޖަމާވެފައިހުރި ޢުމަރުގެ ލޮލަށް ބަލައިލަމުން ކަރީމް ބުންޏެވެ.
އަނެއްކާވެސް ޢުމަރުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އެހިސާބުން އަޅުގަނޑު ގެނބިގެންގޮސްއިން ޚިޔާލުތައްވެސް ހިނގައްޖެއެވެ. އަޅުގަނޑާދިމާއަށް ބަލައިލާފައި ޢުމަރު ހީލިއެވެ.
"އަޅުގަނޑުގަތީ، ތުރުކީގެ މުއްސަންޖެއްކަމުގައި، މިހާރުވާނީ، ސާހިބުކަމަނާއަށް ދަންނަވާފައެވެ. އޭނާއަކީ ވަރަށް އަޅުންގިނަ މީހެކެވެ. އެކަމަކު އޭގެތެރޭގައި ހިމެނެނީ ހަމައެކަނި ދެޚުންސާއިންނެވެ. އަދި އެދެމީހުންތިބީ ދުވަސްވެ މުސްކުޅިވެފައެވެ. އަޅުގަނޑު ބޮޑުވެ ދިގުވީމަ، ސާހިބުމީހާގެ އަނބިމީހާގެ ހަށިފާރަވެރިޔެއްގެ ގޮތުން، އެކަމަނާ ބަލަހައްޓަންޖެހޭނީ އަޅުގަނޑުކަމަށް އޮތީ ނިންމާފައެވެ." ޢުމަރު، ވަރަށް ފަޚުރުވެރިކަމާއެކު އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
"ކޮންމެއަކަސް، އަޅުގަނޑުގެ ސާހިބުމީހާ އެއަހަރު މައްކާއަށް ޙައްޖުވާންދަމުން، އޭނާއާއެކީ އަޅުގަނޑު ގެންދިޔައެވެ. ގެފުޅުގެ ވަށައިގެން ޠަވާފުކުރުމުގެ ތެރޭގައި އޭނާ މަރުވެގެން ވެއްޓުނެވެ. ދެން އަޅުގަނޑު ގެންދެވުނީ، ސުޢޫދީ ސަރުކާރުގެ ބެލުމުގެ ދަށަށެވެ. އެތަނުން ދެން އަޅުގަނޑު ޙަވާލުކުރެވުނީ، ފަޟްލުގެ ބައްޕަޔާއެވެ. އެވަގުތަކީ، ފަޟްލުގެ ބައްޕަޔަށް ސުޢޫދީ ސަރުކާރުން ބަދަލެއްދޭން ޖެހިފައިއޮތް ވަގުތެކެވެ. އެހެންނަމަވެސް، އެޢާއިލާއާއެކީ އަޅުގަނޑު ހޭދަކުރިދުވަސްތައް އެހާ އުފާވެރިއެއްނޫނެވެ. ޢާއިލާއިން ކައިއުޅޭ އެއްޗެއް އަޅުގަނޑަށް ކާން ލިބެއެވެ. އަޅުގަނޑުގެ މަސްއޫލިއްޔަތަކީ، ފަޟްލުގެ ބައްޕަގެ އަނބިންނާއި އަންހެން ޚާދިމުން ބެލެހެއްޓުމެވެ. ފަޟްލުގެ ކާފައާއި ބައްޕަ ނިޔާވަންދެން، އެކަހަލަ ގޮތަކަށް ސާދާދިރިއުޅުމެއް އުޅެން، އަޅުގަނޑަށް ފުރުޞަތު ލިބިފައި އޮތެވެ. އެހިސާބުން، އަޅުގަނޑު އުޅޭނެއެއްވެސް ތަނެއްނެތެވެ. އަދި އެހެންގޮތެއް ނެތިގެން، ފަޟްލާއެކު އެގޭގައި އުޅެން ފެށީމެވެ." އެހިސާބުން، ޢުމަރު ވަރަށް ފުން ނަޒަރަކުން އަޅުގަނޑާދިމާއަށް ބަލައިލިއެވެ.
"ފަޟްލަކީ، އޭނާގެ ބައްޕަޔާ އަދި ކާފަޔާ ވަރަށް ތަފާތު މީހެކެވެ." ޢުމަރުގެ ވާހަކަ އެހިސާބުން ހުއްޓިލިއެވެ.
"އަބަދުގެ އަބަދަށް ނަރަކަޔަށްލެވި ފަޟްލަށް ސަޒާލިބުމަށް މީހެއްގެ ބަދުދުޢާ ބޭނުންވެއެވެ." އެވަގުތު އަޅުގަނޑުގެ ވިސްނުން ކުއްލިޔަކަށް ގޮސްއެ ހުއްޓުނީ، ފަޟްލުގެ އަނިޔާވެރިކަމުގައި އެއުޅުނު ކުދިންތަކުގެ މައްޗަށެވެ. އެކުދިން އެ ތަޙައްމަލުކުރަމުންދާ ވޭނާއި ކެކުޅުމަށް ނަރަކައިގެ ޢަޒާބުވެސް ނުފުދޭނެ ކަހަލައެވެ. ފަޟްލުގެ މަތިން ހަނދާންވެފައި، އޭނާގެ އަންހެނުން ޚާލިދާގެ މަތިންވެސް، އަޅުގަނޑަށް ހަނދާންކޮށްލެވުނެވެ. ޚާލިދާގެ ހިތްވަރެއްހުރިނަމަ އަދި އިންސާނިއްޔަތުގެ ކަންފުޅެއްވެސް ހުރިނަމަ، އެކުދިން އަޅުގަނޑަށް ސަލާމަތް ކުރެވުނީހެވެ.
"ފަޟްލެކޭ އެއްގޮތަށް ޚާލިދާއަކީވެސް ނުބައި ނުލަފާ މީހެކެވެ." އަޅުގަނޑަށް ކުއްލިޔަކަށް ބުނެވުނެވެ.
“ގޭގެ ވެރިމީހާ ތަބުލާޖަހަންފެށީމަ، އޭގެ މިއުޒިކާ އެއްވަރަށް ނަށަންފަށާ، އެގެޔަށް ނިސްބަތްވާ ޢާއިލާގެ މީހުން ކުށްވެރިނުކުރައްވާށެވެ!" ޢުމަރު އޭނާގެ ދެކޮނޑު އަރުވާލާފައި ބުނެލިއެވެ.
ކަރީމް އަޅުގަނޑާދިމާއަށް ބަލައިލާފައި ހީލިއެވެ. އެތައްދުވަހެއްވަންދެން އިނދެގެން އުޅެވުމާއެކު، ކަރީމް ތަބުލާޖެހީމަ އޭގެ މިއުޒިކަށް އަޅުގަނޑު ނަށަން، ކަރީމްވެސް ބޭނުންވާނެކަން އަޅުގަނޑަށް އެނގެއެވެ.
"އެކަން އެގޮތަކަށް ދުވަހަކުވެސް ނުވާނެއެވެ. އަހަރެންގެ ފިރިމީހާއެވެ!" ކަރީމްގެ ކަންފަތްދޮށުގައި ވައިއަޑުން އަޅުގަނޑު ބުނީމެވެ. ޢުމަރާދިމާއަށް ބަލައިލުމުގެ ކުރިން، އަޑުގެ ނެތްތަނަށް ކަރީމް ހީގަތެވެ.
"އަޅުގަނޑުގެ މުޅި ޢުމުރުގައިވެސް ނުވާހާ އުފާ މިއަދު އަޅުގަނޑަށް ލިބިއްޖެއެވެ. ހިތްހެޔޮ ޢާއިލާއަކާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބުމަކީ ވަރަށްބޮޑު ނަޞީބެކެވެ.”
އެވަގުތު، ނާސްތާ ހިފައިގެން، އަންހެން ޚާދިމުންތަކެއް އެތަނަށް އަތުވެއްޖެއެވެ. ޢުމަރު ދަހިވެފައި އިނދެ ދޮލަނގުގައި އަތުރާފައިހުރި ކާތަކެއްޗަށް ބަލައިލިއެވެ. އަދި ނީނދެވިގެން، ތެދުވެގެން އައިސް، އޭނާގެ ކުދި އިނގިލިތަކުން، އޭގެތެރެއިން ފޮނިކާއެއްޗެއް ނެގިއެވެ. ޢުމަރުގެ ސައިޒުގެ ދެމީހުން ކާވަރަށް ޢުމަރު ކާލިއެވެ. އެތަންބަލަން، އަޅުގަނޑާ ކަރީމާ ދެމީހުން މަޑުން ތިބީމެވެ.
އެދުވަހުގެ ހަވީރުވަގުތުގައި، އަޅުގަނޑުމެން ދެމަފިރިން އެކަނިވެލި ވަގުތެއްގައި، ޢުމަރާމެދު ވަރަށްބޮޑަށް ވިސްނާކަމުގައި އަޅުގަނޑުގާތު ބުންޏެވެ. އަޅުގަނޑު ޤަބޫލުކުރަން ކަރީމް ބޭނުންވާގޮތަކީ، ސުޢޫދީގައި ދިރިއުޅެން ޢުމަރު ނުބެހެއްޓުމެވެ. އޭނާ ބޭނުންވީ، ބޭރުގައި ހުރި އަޅުގަނޑުމެންގެ ކޮންމެވެސް ގަނޑުވަރެއް ބެލެހެއްޓުން ޖާމިނުކޮށްފައި ސުޢޫދީން ބޭރަށް ޢުމަރު ފޮނުވުމަށެވެ. ޢުމަރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ފަޟްލުގެ ގޭގައި އުޅުނު މި ޚުންސާ، އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް އައިކަން އެއްވެސްމީހަކަށް އެނގުން އެހާ ރަނގަޅެއްނޫނެވެ.
ޢުމަރަކީ، ޤާނޫނީގޮތުން މިނިވަނެކެވެ. އެ މުސްކުޅި ޚުންސާއަށް ކާންދީ ނިދާނެތަނެއް ދެއްކުމަކީ، ފަޟްލަށް ބުރަޔަކަށް ވެފައި އޮތްކަމެއްކަމަށް ފަޟްލުއޮތީ ބުނެފައެވެ. އެހެންކަމަށްވިޔަސް، އެހެން ޢާއިލާއަކާއެކީ ޢުމަރު ދިރިއުޅުމަކީ، ފަޟްލު ގަޔާވާނެ ކަމެއްނޫނެވެ. އެކަން އެނގިއްޖެނަމަ، ޢޫމަރުގެ ކިބައިން ބަދަލު ހިފުމަށްޓަކައި ކޮންމެފަދަކަމެއްވެސް ފަޟްލުކޮށްފާނެއެވެ. ޢުމަރު ދުރަށް ފޮނުވާލުން އެއީ އެންމެ ރަނގަޅުގޮތްކަމަށް ފުރަތަމަ، އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވުނެވެ. އަޅުގަނޑުމެންގެ ޢާއިލާއާމަދު އޭނާ ނުހަނު އުފާވެއެވެ. އެއީ ހިތުން ރުހުމުން ޢުމަރު ބޭނުންވާގޮތްވެސް މެއެވެ. އެހެންނޫނަސް، އެކުޑަކުޑަ މީހާއަށް އަޅުގަނޑު ވަރަށް ކަމޭހިތަމެވެ. އަޅުގަނޑުމެންގެ ޢާއިލާއަށް އޭނާ އައުމުން ހެޔޮގޮތްތައް މެދުވެރިކުރައްވާނެއެވެ. ގޭތެރެޔަށް ދިރުން ލިބިގެންދާނެއެވެ.
އެރޭ ހަތަރުދަމު އެކަމާ އަޅުގަނޑު ވިސްނީމެވެ. މިނިވަންކަމާއެކު، ސުޢޫދީ ޢަރަބިއްޔާއިން ބޭރުގައި ޢުމަރު ދިރިއުޅުމަކީ އެންމެ ރަނގަޅުގޮތްކަމަށް އަޅުގަނޑަށްވެސް ޤަބޫލުކުރެވިއްޖެއެވެ. ބޭރަށްދާ ފަހަރު ފަހަރަށް އަޅުގަނޑުމެންނަށް ޢުމަރާ ބައްދަލުވާނެތާއެވެ.
ޖެހިގެންއައި ދުވަހުގެ ހެނދުނު، ކަރީމް ވަގުތުހޯދައިގެން، ޢުމަރާއެކު ވަރަށްގިނަ ވަގުތު ހޭދަކުރިއެވެ. އަދި، މިޞްރުގައި ހުންނަ އަޅުގަނޑުމެންގެ ގަނޑުވަރުގައި ޢުމަރު ބަހައްޓާގޮތަށް ނިންމުނެވެ. އާބާދީ ބޮޑު މިޞްރުގައި، މިޞްރުމީހުންނާއި ޢަރަބީންނާ އަދި އެފްރިކާމީހުންނާއެކު، ދިރިއުޅެން ޖެހުމަކީ އެކުޑަކުޑަ ޢުމަރަށް އެހާ އުނދަގޫކަމަކަށް ނުވާނެއެވެ. ކޮންމެ މަހަކު އުޖޫރަޔަކަށް ޤުމަރަށް ހުށަހަޅާ ފައިސާއިން، މާލީ ތަނަވަސްކަމާއި މިނިވަންކަން ޢުމަރަށްލިބުމަކީ، އޭނާއަށް ހުވަފެނެއްގައިވެސް ފެނިފައިއޮންނާނެ ކަމެއްނޫނެވެ.
ޢުމަރު އުފަންވި ބައްރަށް އެނބުރި ދިއުމުގެ މަތިވެރި ނަޞީބަކީ އޭނާ އުފަލުންގޮސް މަރުވާވަރުގެ ކަމަކަށް ވާނެއެވެ. އަދި ވަގުތު ހޯދައިގެން، ސޫދާނަށް ޖައްސާލައި، އޭނާގެ ޢާއިލާގެ ދިރިހުރިމީހަކު ނުވަތަ އޭނާ ނިސްބަތްވާ ޤަބީލާގެ މީހަކާ ދިމާވޭތޯ ބެލުމުގެ ޝަޢުޤުވެރިކަންވެސް އޭނާގެ އެބައޮތެވެ. ޢުމަރުގެ މޫނުމަތިން ފެންނަ އުޖާލާކަމާއި ހިތްގައިމުކަން ފެނިފައި އަޅުގަނޑާއި ކަރީމަށް، ވަރަށް ހިތްހަމަޖެހުން ލިބުނެވެ. ފަޟްލުގެ ގެޔަށް ދެވަނަފަހަރަކަށް އަޅުގަނޑަށް ދެވުމުން، ރަނގަޅަށް ކަމެއް ހިނގައިފިކަން ކަރީމަށްވެސް މިހާރު ޤަބޫލުކުރެވިއްޖެއެވެ. އެނިކަމެތި އަންހެންކުދިންނަށް، އެކުދިންގެ ސަލާމަތާއި މިނިވަންކަމަށް މަގެއް ނުފެނުނު ނަމަވެސް، ޢުމަރަށް، އޭނާ ދުވަހަކުވެސް ޚިޔާލުކޮށްލާފައި ނުވާފަދަ މިނިވަންކަމަކާއި، ހިތްހަމަޖެހުމެއްވަނީ ލިބިފައެވެ.
މިޞްރަށްދާން ޢުމަރު ފުރިއިރު، އަޅުގަނޑުމެންނާ ޢުމަރާ ދެމެދު އޮތީ ވަރަށްގާތް ގުޅުމެއް އުފެދިފައެވެ. އެކުޑަކުޑަ އިންސާނާއަކީ، އަޅުގަނޑުގެ ޢާއިލާގެ ކޮންމެ މީހެއްވެސް އިތުބާރުކުރާ އިޚްލާޞްތެރި ޚާދިމަކަށްއޮތީ ވެފައެވެ. ޚުދު އަމާނީވެސް، ޢުމަރުދިން ނަޞޭޙަތައް ކަނުލާއަހާ އެއަށް ޢަމަލުކުރާނެކަމަށް ބުނެ، އޭނާއަށް ރޮވުނެވެ. އަދި ކުރިން އުޅުނުގޮތް ދޫކޮށްލައި، މަޢާފުކުރާ، ޞާލިޙު މުއުމިނެއްކަމުގައިވުމަށް ގަދައަޅާ މަސައްކަތްކުރާނެކަމަށްވެސް އަމާނީ ބުންޏެވެ.
އަޅުގަނޑުމެން އެންމެންވެސް، ކޮންމެވެސް އެއްދުވަހަކުން، ޢުމަރާ ބައްދަލުވުމުގެ އުފާވެރިކަން ލިބޭނެކަމަށް ކުރި ފޮނި އުއްމީދާއެކު އޭނާ މިޞްރަށް ދިޔައީއެވެ.
(ނުނިމޭ)