ދުޝްމަން ލޯބިވެރިޔާ - 6

(6 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިދިޔަ ދެ މަހެއްހާ ދުވަހު އޭނާ އުޅެމުންދަނީ ޕެހެލްގާމްގައެވެ. އޭނާގެ ގްރޫޕްގައި ހިމެނެނީ ކޮންކޮން ބައެއްކަމެއް  ނޭގެއެވެ. އޭނާ ޕެހެލްގާލްގައި ކުރަނީ ކޮންކަމެއް ކަމެއްވެސް ނޭނގެއެވެ. އަދި އެތާނގައި އުޅޭނީ ކިހާ ދުވަހަކު ކަމެއް ވެސް ނޭނގެއެވެ. އިންޖަރްޖީތުގެ ޚިޔާލުތަކުގެ ސިލްސިލާ ކުއްލިއަކަށް މެދުކެނޑިއްޖެއެވެ. އަދި ކުއްލިއަކަށް  އޭނާގެ ޖީޕްވެސް ހުއްޓާލެވިއްޖެއެވެ. އަނެއް ފަރާތުގައި ވަރަށް ގިނަ ކޮޓެޖް ތަކެކެވެ. ފެންނަ ފެނުމުގައި ހުރިހާ ކޮޓެޖްތައް ވެސް ހަދާފައިވަނީ ދާދި އެއްގޮތަކަށެވެ. ނަމަވެސް އިންދަރްޖީތުގެ ޚިޔާލު މެދުކެނޑުމުގެ ސަބަބަކަށްވީ އަދި އޭނާގެ ޖީޕް ހުއްޓާލަން ޖެހުނު ސިއްރަކަށްވީ އެންމެ ކައިރީގައި ހުރި ކޮޓެޓްގެ ދޮރުމަތީ އޮތް ވިނަގަނޑުމަތީގައި  ހިނގަމުން އަންނަ އަންހެން ކުއްޖެކެވެ.

ނޫކުލައިގެ އުދަރަހާއި ގަނޑުފެނުން ފުރިފައިވާ ފަރުބަދަތަކުގެ ތެރެއިން ފެހިކުލައިގެ ވިނަގަނޑުގައި ހުރި އެ އަންހެން ކުއްޖާ ފިޔާތޮށި ކުލައިގެ ސާޅީއެއްގައި ފެންނަ އިރު ހީވަނީ  ރީތި މަލެއް ހެންނެވެ. އިންދަރްޖީތު ޖިޕްގައި އޭނާ އާ ދިމާއަށް ބަލަން އިނެވެ. އެކުއްޖާވެސް އެނބުރިލާފައި ޖިޕްގައި އިން މީހާއާ ދިމާއަށް ބަލާލިއެވެ. އޭނާއަށް ހީވީ އޭނާގެ ހިތުގެ ކޮންމެވެސް އެއްޗަކުން ޖެހިހެންނެވެ. ކުރިމަތީގައި އިނީ އިންދަރްޖީތެވެ. އިންދަރްޖީތަށްވެސް ހިނދުކޮޅަކަށްޓަކައި ދުނިޔެ އާއި ދުނިޔޭގައިވާ  ހުރިހާ އެއްޗެއް މަތީން ހަނދާންނެތޭ ގޮތްވިއެވެ. އެއީ ބިރަކުން ނުވަތަ ޙައިރާން ކަމަކުން ނޫނެވެ. ކޮންމެވެސް އެހެން ސަބަބަކާހުރެއެވެ. އޭނާއަށް އާދެވުނީ އޭނާ އަންނަންވީ ތަނަށް ކަމަށް ވާތީއެވެ. ކުރިމަތީގައި ހުރީ ސީމާއެވެ. އޭނާގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ހަނދާނެވެ....

ފަހެއް

ސީމާ މިހާރުވަނީ އެގޭގެ ދޮރުމަތީގައި ލަކުނޑިން ހަދާ ފައިވާ ގޭޓް ކައިރިއަށް އައިހެވެ. އޭރުވެސް އޭނާ ހުރީ އިންދަރްޖީތު ދިމާއަށް ބަލާށެވެ. އޭރު އިންދަރްޖީތު މަގުގެ އަނެއް ފަރާތުގައި އޭނާގެ ޖީޕް ޕާކްކޮށްފައި އެއިން ފައިބަނީއެވެ. އަދި ގޭޓާ ދިމާއަށް އަންނަނީއެވެ. އޭނާ ވަނީ ހިނިތުންވެފައެވެ. ސީމާ ހިމޭންކަމާއެކު އިންދަރްޖީތު ދިމާއަށް ބަލަން ހުއްޓެވެ. އޭނާ ހުރީ ހިމޭނުންނެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އޭނާގެ ހިތުގެ ލޮލަށް ފެންނަމުން ދަނީ މާޒީގެ ޢަދަދު ނުކުރެވޭހާ ގިނަ ތަޞްވީރުތަކެވެ. ބޮމްބޭގެ ޖުހޫބީޗްގައި ކުރުނބާ ބޮމުން .. ނުވަތަ މެރިންޑްރައިވްގައި ރާޅުތަކުގެ ލޮނުވައިގެ ތެރޭގައި ތެމެމުން، އަތާއަތް ގުޅާލައިގެން ، ނުވަތަ ލިބަރޓީ ސިނަމާގައި ބައިސްކޯފް ބަލަން ތިބެމުން، ނުވަތަ ގޭ ލޯރޑްގައި ކޮފީބޮމުން... ހޭދަ ކުރި ގުނާ ނުލެވޭހާ ގިނަ ލަމްޙާތައް އޭނާއަށް ފެންނަމުންދިޔައެވެ.

އިންދަރްޖީތު ހިނގަމުން އައިސް ގޭޓް ކައިރިއަށް ހުއްޓިއްޖެއެވެ. އިރުކޮޅެއް ވަންދެން ދެމީހުން ކުރެ އެކަކުވެސް އެއްޗެއް ނުބުނެ އެކަކު އަނެކަކާ ދިމާއަށް ބަލަން ހިމޭނުން ތިއްބެވެ. އެންމެފަހުން އެހިމޭންކަން ނަގާލަމުން" ހެލޯ ސީމާ"އޭ އިންދަރްޖީތު ބުނެފިއެވެ. ސީމާގެ ލޯ ކަރުނައިން ފުރިއްޖެއެވެ. އެއީ އުފަލުން ނުވަތަ  މޮޅިން އަންނަ ކަރުނައެއް ކަމުގައި ވެދާނެއެވެ. ނުވަތަ އެއް އިންސާނަކަށް އަނެއް އިންސާނެއްގެ އެހީލިބޭ ވަގުތު އުފެދޭ އިޙްސާންތެރިކަމުގެ ކަރުނައަކަށްވެސް ވެދާނެއެވެ." އަޅުގަނޑަށް އެނގޭ... ކަލާ ދުރުވާންކަން އަޅުގަނޑަށް އެނގޭ..!" ސީމާ އިންދަރްޖީތުގެ ލޮލާ ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ.

އިންދަރްޖީތު އެއްޗެއް ނުބުނެ ހިމޭނުން ހުއްޓެވެ. އެތައް ދުވަހަކަށްފަހު މިއަދު އޭނާއަށް ސީމާގެ އަޑު އިވުނީމައެވެ. އޭނާގެ އެއަޑަކީ އޭނާގެ ހަނދާންތަކުގެ ވާދީގެ ތެރޭން އަބަދުވެސް އޭނާއަށް އިވިއިވި ހުންނައަޑެކެވެ. އެއަޑުގެ ވެރިއަކީ އޭނާޔާއެކު ޙަޔާތުގެ ޒުވާން ދުވަސްވަރު އަބަދުގެ އަބަދަށްޓަކައި ލޯބީގެ ވަޢުދުތައް އޭނާކޮށްފައިވާ އަންހެންކުއްޖާއެވެ. އެއަންހެން ކުއްޖާ—ސީމާ—މިހާރު މިހިރީ އޭނާގެ ކުރިމަތީގައެވެ. މިހާރުވެސް ހަމަ އެސީމާއެވެ. އެރީތި ނަމޫނާއެވެ. ލޮލުގައި ވަނީ ފެންގަނޑެއްގެ ފުންކަމެވެ. ތުންފަތުގައިވަނީ ޗެރީއެއްގެ ވިދުވަރެވެ. މޭމަތީގައިވަނީ ދެންމެދެންމެ "އަނގައިން ބުނެފާނޭ" ހީވާ ކަހަލަ ޒުވާންކަމެވެ.

"އިންދަރް... ކަލާގެ ސާމާނުވީ ކޮންތާކުތޯ؟" އަނެއްކާވެސް ސީމާގެ ފޮނިފޮނި އަޑެވެ. އެ އަޑު އަނެއްކާވެސް އިވުމުން އިންދަރްގެ ހިތް ވަރަށް ބާރަށް ތެޅެން ފެއްޓިއެވެ. ވަރަށް އުދަނގުލުން އޭނާ އެއްޗެކޭ ބުނެވޭތޯ އުޅުނެވެ.

" ކުރި މަތީގައި އޮތް ޖީޕްގައި.... ކޮން ސާމާނެއްތަ! ހަމައެންމެ ސޫޓްކޭހެއް އެވެސް ކުޑަކުޑަ ސޫޓްކޭހެއް..."

"މާލީ" ސީމާ ތަންކޮޅެއް ދުރުގައި ހުރި މީހަކަށްގޮވާލިއެވެ. "މާލީ ޖީޕްގައި ހުރި ޞާޙަބްގެ ފޮށި ބާލައިގެން ޞާޙަބް ހުންނަވަން ހަމަޖެއްސި ކޮޓަރިއަށް ގެންދޭ!"

" އެކަމަކު އަހަރެން.. އަހަރެން ގަސްދުކޮށްގެން އައީ ހޮޓަލެއްގައި ހުންނަންކަމަށް..."ސީމާ އިންދަރްޖީތުގެ ވާހަކަ މެދުކަނޑުވާލާފައި ބުންޏެވެ." ކަލާ އެއްވެސް ގޮތަކަށް ފިކުރު ނުކުރައްވާ!" އިނިސްޕެކްޓަރް ޞާޙަބް... ކަލާ ހުންނަވަން އަޅުގަނޑު ހަމަޖައްސާފައިވަނީ ކުރިމަތީގައި އެހެރަ ޓޫރިސްޓް ބަންގްލޯގައި... ކުރިމަތީގައި އެހެރީ ކަލާގެ ޓޫރިސްޓް ބަނގްލޯ.. ކޮޓަރީގެ ނަންބަރަކީ 7.. އެކޮޓަރީގެ ކުޑަދޮރު ހުޅުވާލެވޭނީ މިދިމާއަށް.... " ސީމާ ވާހަކަ ކޮޅު ފުރިހަމަކޮށްލިއެވެ.

"އަދި ކަލޭ އުޅެނީ މިގޭގައި؟" އިންދަރްޖީތު، ކޮންމެވެސް އެއްޗެއް އަހަން އުޅުނު ކަހަލައެވެ." ލައްބަ  .. މިއީ އަޅުގަނޑުގެ ކޮޓެޖް.. އެއީ ކަލާގެ ޓޫރިސްޓް ބަންގްލޯ.. އަޅުގަނޑު ހަމަ ވިސްނައިގެން ގަސްދުގައި މިގޮތަށް ހަމަޖެއްސީ ކަލާ އެތާނގައި ހުންނަވަން ހަމަޖެއްސީ...ބޭނުންވީމާ ކުޑަދޮރު ހުޅުވައިލައިގެން ކަލާއަށް ބަލާލެވޭނެތީ.."ސީމާގެ ފިނިފެންމަލުގެ ފަތެއްހެން ހީވާ ތުންފަތުގައި ވަނީ ދިރުންހުރި ހިނިތުންވުމެކެވެ.

"ކަލެއާ ދިމާވިކަން  ވަރަށް ރަނގަޅު...އެހެން ނޫންނަމަ އަހަރެން މިދަނީ ހޮޓަލަކުން ކޮޓަރިއެއް ބުކްކުރަންވެގެން... އަހަރެމެން ދެންހަމަ މިގޮތަށް މިތާ ކޮޅަށް ތިބޭނީތަ؟ އިންދަރްޖީތު ހީނލާފައި އަހާލިއެވެ.

"އަހާނ.. އަޅުގަނޑު ހަނދާންވެސް ނެތުނީ ....

"ހިންގަވާ އަވަހަށް އެތެރެއަށް ވަންނަވާ. ގެއަށް ވަންނަވާ..."ސީމާ  އިންދަރްޖީތު އެތެރެއަށް  ވެއްދުމަށްޓަކައި ގޭޓް ހުޅުވާލިއެވެ.

"އަނެއްކާ ކަލޭ ފިރިމީހާ އަހަރެން ބޭރުކޮށެއް ނުލާނެތަ؟ އިންދަރްޖީތު ހިނިތުންވެލާފައި ސަމާސާކޮށްލިއެވެ. ސީމާ އެއްވެސް އެއްޗެއް ނުބުނެ ހިމޭންވެލުމަށްފަހު ހިސާބަކަށް މޮޅިވެފައި  ރާގެއްގައި ބުންޏެވެ. އޭނާ މިހާރު ގެއަކު ނެތް. ހަތަރު ފަސް ދުވަހެއް ކުރިން ކޮންމެވެސް މީހަކު އޭނާ ކިޑްނެޕްކޮށްފި. "ކިޑްނެޕް ކުރީއޭ؟" އިންދަރްޖީތުއަށް ބުނެވުނީ ވަރަށް ބާރަށެވެ.

"އާނ.." ސީމާ ބުންޏެވެ. ނަމަވެސް ބަދުނާމުވެދާނެ ކަމުގެ ބިރަށް ފުލުހުންނާ ވެސް އެވާހަކައެއް ނާންގަން .... ހަމަ އެކަނި ކަލާގާތުގައި އަޅުގަނޑު އެވާހަކަ  މިބުނީ...އަޅުގަނޑަށް އެނޫން އެހެން އެއްވެސް ގޮތެއް ނުވިސްނުނީ "މިހާރު ސީމާއާއި އިންދަރްޖީތު ކޮޓެޖް ތެރެއަށް ވަދެއްޖެއެވެ. އަދި ފެންޑާގައި ހުރި ދެގޮނޑިއެއްގައި އިށީނދެއްޖެއެވެ.

ރޭގަނޑު އަނދިރިކަން ދުނިޔެ މައްޗަށް ވެރިވާން ފަށައިފިއެވެ. މަގުމަތީގައާއި ބާޒާރުމަތީގައި އަދި އެހިސާބުގައިވާ ކޮޓެޖްތަކުގައިވާ ބޮކިތަކުގެ އަލިތައް ފިޔަޖަހަން ފަށައިފިއެވެ. އިންދަރްޖީތު ގޮނޑީގައި އިށީނަމުން ޕެހެލްގާމްއަށް ނަޒަރު ހިންގާލިއެވެ. ތަންކޮޅެއް ދުރުން ފެންނަނީ ލުދުރު ކޯރުގައި ފެންގަނޑު ދެމެމުން ދާތަނެވެ. އޭގެ އަޑު މުޅި ފަޒާއަށް ވަނީ ފެތުރިފައެވެ. އިންދަރްޖީތަށް ދެން ބަލާ ލެވުނީ އޭނާ ކައިރީގައި އިށީދެގެން އިން ސީމާއަށެވެ. ހަމަ އެސީމާއަށެވެ. ހަމަ އެލޮލަށެވެ ހަމަ އެ އަޑެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.