ރާއްޖޭގެ ޓޫރިޒަމާއިބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ގިނަ ކަންވޮޑުވުންތަކެއް އެބަހުރި: ނާޒިމް

ރާއްޖޭގެ ޓޫރިޒަމާއިބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ގިނަ ކަންވޮޑުވުންތަކެއް އެބަހުރިކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރެއްވީ ދިވެހިރާއްޖޭގެ ޓޫރިޒަމާއިބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ މި އިޞްލާޙުގެ ދަށުން، ޤާނޫނުގައި ހުރި ގިނަ ކުށްތަކެއް ރަނގަޅުކުރެވި، ގަވާއިދަށް ދޫކޮށްލަންޖެހޭ ތަފްޞީލުތައް ޤާނޫނުން އުނިކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހަދާ ހޮޓަލުގެ އިތުރުން، ރިޒޯޓް ހޮޓެލްގެ ކޮންސެޕްޓް މި އިޞްލާޙުން ތަޢާރަފުކުރާކަން ވެސް ފާހަގަކުރެވޭ ކަމަށެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ޑިސެންބަރު 2020 ގެ ކުރިން ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށްޓަކައި ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި ފަޅުތައް ތަރައްޤީކުރުމަށް ހެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ޙިއްޞާ ވިއްކާލުމާ ގުޅޭ އުސޫލުތަކަށް މި އިޞްލާޙުން ބަދަލު ގެނައުމަށް ހުށަހަޅާފައިވާއިރު، ކުރިން ޙިއްޞާ ވިއްކާލެވޭނެ އަގު ކަނޑައެޅިގެން ޤާނޫނުގައި ބަޔާންކޮށްފައިވާކަން ނާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެންނަމަވެސް މިހާރު ހުށަހަޅާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ޢައްޔަންކުރާ މުސްތަޤިއްލު ވެލުއަރއެއް މެދުވެރިކޮށް ހަދާ ވެލުއޭޝަނަކުން އެ އަގު ކަނޑައެޅުމަށް ކަމަށާއި މިފަދައިން އަގު ކަނޑައެޅުމަށް ދޫކޮށްލުމަކީ އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދައިން އަގު ކަނޑައެޅުމަށް ދޫކޮށްލާނަމަ، އަގު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނެ ކަންކަން މިހާރު ހުށަހަޅާފައިވާ ގޮތަށް ވުރެ ތަފްޞީލުކޮށް ޤާނޫނުގައި ބަޔާންކުރެވެންވާނެ ކަމަށާއި ވެލުއަރ އެކައުންޓަބަލް ކުރެވެން ޖެހޭނެކަން ވެސް ދަނގެތީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވިއެވެ.

" ސަރުކާރުގެ ޙިއްޞާ ވިއްކާލެވެނީ އެ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ ޙިއްޞާދާރަށް ނުވަތަ ޙިއްޞާދާރުންނަށް ނަމަވެސް މިހާރު ތިންވަނަ ފަރާތަކަށް ވެސް ވިއްކާލެވިދާނެ ކަމަށް ބަޔާންކޮށްފައިވާތީ މިފަދައިން ޢަމަލުކުރުމުން ޖޮއިންޓް ވެންޗަރގައި ހިމެނޭ އަނެއް ޙިއްޞާދާރު ނުވަތަ

ޙިއްޞާދާރުންނަށް ގެއްލުންވުމުގެ ފުރުޞަތު އެބައޮތް. އެއީ ޖޮއިންޓް ވެންޗަރގައި ހިމެނޭ އަނެއް ޙިއްޞާދާރު ނުވަތަ ޙިއްޞާދާރުން ބޭނުންވާ ގޮތް ނޫންކަމުގައިވާނަމަ، ރިޒޯޓު ހިންގުމުގައި މައްސަލަތަކެއް ދިމާވެދާނެ. ހަމައެއާއެކު ޤާނޫނުގައި އެ ތިންވަނަ ފަރާތެއް ޗޫޒްކުރާނެ ގޮތެއް ބަޔާންކޮށްފައިނުވާއިރު، ސަރުކާރުން ބޭނުން ތިންވަނަ ފަރާތަކަށް ޙިއްޞާ ވިއްކާލުމުގެ ފުރުޞަތު އޮންނާނެ. އެއީ އަނެއްކާ ވެސް އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ފޮލޯ ކުރަންޖެހޭ ޕްރޮސީޖަރތައް ފޮލޯ ކުރުމެއްނެތި، ޓޫރިސްޓް ރިޒޯޓެއްގެ ވެރި ކުންފުންޏެއްގެ ޙިއްޞާ ވަކި ފަރާތްތަކަކަށް މިކަމުގެ ސަބަބުން ލިބުމުގެ ފުރުޞަތު އެބައޮތް ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މި އިޞްލާޙަށް ޢަމަލުކުރަން ފެށުމަށްފަހު މީހުން ދިރިއުޅޭ ރަށްތަކުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ބިންތަކުގެ ކުލި، އެ ބިމެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލެވޭ ބީލަމެއްގެ ތެރެއިން ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނަށް ގެނެވުނު 8 ވަނަ އިޞްލާޙާއި 10 ވަނަ އިޞްލާޙުގެ ދަށުން، ބީލަމަށް ހުޅުވާނުލާ ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ދޫކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން އެ ޙާލަތުގައި ކުލި ކަނޑައަޅާނެ ގޮތް މި އިޞްލާޙުން ސާފުނުވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން 50 އަހަރަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށްދީފައިވާ މުއްދަތު އިތުރު 49 އަހަރު ދުވަހަށް އިތުރުކޮށްދެވޭނެ ޝަރުތެއްގެ ގޮތުގައި، ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި ތަރައްޤީކުރާ ރިޒޯޓް ހުޅުވާފައިވުން މީގެ ކުރިން ހިމެނޭއިރު، އެ ޝަރުޠު މިހާރު އުނިކުރާ ސަބަބަކީ ކޮބައިކަން ސާފުވާންޖެހޭ ކަމަށެވެ. އަދި އިޞްލާޙުގެ ދަށުން ފަތުރުވެރިކަމުން ދައުލަތަށް ލިބޭ ކުއްޔަށް ބަދަލުތަކެއް އަންނައިރު، އެ ބަދަލުތަކަކީ ރަނގަޅަށް ރިސަރޗްކުރެވި، ދައުލަތުގެ އާމްދަނީއަށް ބުރޫ ނާރާނޭފަދަ ބަދަލުތަކެއްކަން ކަށަވަރުކުރަންޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.