ރައްޔިތުންގެ މަޖިލީހުގައި މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދިނުން ހުއްޓާލަން އެމްއެންޕީން ބިލެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދިނުން ހުއްޓާލަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބިލެއް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅެއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާ އުނިކުރުމަށް އުޝާމް ހުށަހަޅުއްވާ އިސްލާހުގައި ވަނީ  ދައުލަތަށް ވިހިތިރީސް އަހަރުގެ ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތެއް އެންމެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ މީހަކަށް ދިނުން އިންސާފުވެރި ކަމަކަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަކީ މެމްބަރުންގެ އަމިއްލަ މަންފާއަށް މަސައްކަތްކުރުމަށް ނުވަތަ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ކަންކަން ނިންމަން ޖެހޭ ތަނެއް ކަމަށް ދެކޭ ކަމަށް ވެސް އުޝާމް ގެ އިސްލާހުގައި ވެއެވެ.

މަޖިލީހުގެ ދައުރެއް ފުރިހަމަކޮށްފައިވާ މެމްބަރަކަށް އުމުރުން 55 އަހަރުވުމުން މާލީ އިނާޔަތެއްގެ ގޮތުގައި މަޖިލިސް މެމްބަރެއްގެ މުސާރައިގެ 30 ޕަސެންޓު ދައުލަތުން ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާގައި މިހާރުވަނީ ބުނެފައެވެ. އަދި މަޖިލިސް މެމްބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ އާއި އޮފިޝަލް ޕާސްޕޯޓު ވެސް ހަމަޖައްސައިދޭން ޖެހެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.